2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާ އިރު, އެ ވައިރަސް ވެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި އިމްތިހާނަކަށެވެ. ބާރުގަދަ ޤައުމުތަކާއި މުޅި ދުނިޔެއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައިވާ، ބަލިކުރަން އުނދަގޫ ލަޝްކަރަކަށެވެ. އެ ލަޝްކަރާ ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައިވާ އިރު ހަނގުރާމައިގެ އެ މައިދާނުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ބަޔަކީ ޤައުމުތަކުގެ އަސްކަރިއްޔާތަކެވެ. ދިފާޢީ ލަޝްކަރުތަކެވެ.

ޤައުމުތަކުގެ އަސްކަރީ ލަޝްކަރުތަކުގެ މައިގަނޑު މަސައްކަތަކީ ޤައުމުތަކުގެ ސަލާމަތާއި ދިފާޢީ ކަންކަން ބެލެހެއްޓުން ކަމުގައި ވީ ނަމަވެސް ދިމާވި ޞިއްޙީ ކުއްލި ކާރިސާގައި އަސްކަރިއްޔާގެ އަތުގައި ހިފުމަށް ޤައުމުތަކަށް މަޖުބޫރުވިއެވެ. ކޮވިޑް-19 ފެތުރެން ފެށުމުން ކުރަން ޖެހުނު މަސައްކަތްތަކަށް ސިފައިން ނެރެން ޖެހުނު މައިގަނޑު އެއް ސަބަބަކީ މަދަނީ ޞިއްޙީ އެޖެންސީތަކުގައި ނެތް ޚާއްޞަ ޤާބިލިއްޔަތެއް އަސްކަރީ އިދާރާތަކަށް ލިބިފައިވުމެވެ (ޔޯރީ ޕަސްކަލް ކަލްމެން، 2020). އަދި އެ ޤާބިލުކަން އެހެން މުއައްސަސާތަކަށް ވުރެ ފުރިހަމައަށް، މޮޅަށް ލިބިފައިވުމެވެ. އާއްމު ހާލަތާއި ޚާއްޞަ ހާލަތްތަކުގައި ވެސް ބަލިމަޑުކަމެއް ބާރަށް ފެތުރިގަންނަ ހިނދު ޞިއްޙީ ޚިދުމަތްދޭ ވަސީލަތްތަކާއި ޚިދުމަތްތަކަށް ބާރު ބޮޑުވެއެވެ. ބައެއް ކަންކަން ބޮއްސުންލައި ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދޭން މުއައްސަސާތަކާއި މަރުކަޒުތަކާއި އިދާރާތައް ނުކުޅެދެއެވެ. މިފަދަ ހާލަތްތަކުގައި ޞިއްޙީ ވަސީލަތްތައް ހަރަކާތްތެރިކުރުވައި، ކަންކަން ހަމަމަގަށް އަޅުވައި ކުރިމަތިވާ ހާސްކަމުގެ ތެރޭގައި ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ޤާބިލުކަން އަސްކަރީ ލަޝްކަރުތަކަށް ލިބިގެންވެއެވެ (ޔޯރީ ޕަސްކަލް ކަލްމެން، 2020). މީގެ އިތުރުން ޞިއްޙީ ފަރުވާ ދޭ ތަންތަނުގެ މަސައްކަތުގެ ތެރޭގައި ނުހިމެނޭ، އެހެން ނަމަވެސް ޞިއްޙީ މަސައްކަތްތަކަށް ފައިދާ ކުރަނިވި ހަރަކާތްތައް ހިންގުމުގެ ޤާބިލުކަން އަސްކަރިއްޔާތަކަށް ލިބިފައިވުމީ ވެސް ސަބަބެކެވެ. އޭގެ އެއް މިސާލަކީ ފުރަބަންދު ފުރިހަމައަށް ބަންދުކުރުމެވެ (ކްރިސްޓޮފަރ ވަޓްސަން، އެޑަމް ކަމްރަޓްސްކާޓް، 2016). ފުރަބަންދުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެހީތެރިވުމުގެ ޤާބިލުކަން ލިބިފައިވުމެވެ. އެހެންކަމުން ކޮވިޑް-19ގެ ހާލުގައި ވެސް އަސްކަރީ ލަޝްކަރު ހަރަކާތްތެރިވެފައިވަނީ ހަމަ ހަނގުރާމައިގެ މައިދާނެއްގައެވެ.

ކޮވިޑް-19ގެ ކަންކަމުގައި އަސްކަރީ ލަޝްކަރުތައް ބައިވެރިވާން ޖެހުނީ އެ ނޫން ގޮތެއް ނެތުމުންނެވެ. އެ ލަޝްކަރުތަކުގެ އެހީ، އިންތިހާއަށް ބޭނުންވީތީއެވެ. ކާރިސާގެ ހާލަތު އަސްކަރީ ކުރެއްވީތީއެވެ. އެ ޚިދުމަތްތެރީންނާ ނުލައި މި ހާލަތުން އަރައި ނުގަނެވޭނެކަން ޤައުމުތަކުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުން ގަބޫލުކުރެއްވީތީއެވެ. އޭގެ ނަތީޖާއަކަށްވީ ކޮވިޑް-19 އަކީ ބޮޑު ހަނގުރާމައެއްގެ ގޮތުގައި ސިފަކުރައްވައި ސިޔާސީ ލީޑަރުންގެ ދޫފުޅުން ހަނގުރާމަމަތީ ބަހުރުވަ އާއްމުކުރެއްވުމެވެ. މައިގަނޑު ބޭނުންފުޅަކީ އަޅުއްވަން އެދިވަޑައިގަންނަވާ ބޮޑެތި ފިޔަވަޅުތައް އެޅުއްވުމުގެ ހުއްދަ ހޯއްދެވުމަށެވެ. ނިއުޔޯކްގެ ގަވަރުނަރު ކޫމޯ ވިދާޅުވެފައި ވަނީ  ”މިއީ ހަނގުރާމައެއް އަދި އަހަރެމެން މިކަމާ މެދު އަމަލުކުރާނީ ހަނގުރާމައެއްގެ ގޮތުގައި“ ކަމަށެވެ (ޖޮއިނާ ވޯލްޓާޒް، 2020). ފްރާންސްގެ ރައީސް މެކްރޯން އިޢުލާނުކުރައްވާފައިވަނީ ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ (މެކްރޯން ލޯންޗަށް އާމީ އޮޕަރޭޝަން، 2020). ޤައުމުތަކުގެ ބައެއް ވެރީންގެ ބަސްމަގު އަސްކަރީ ކުރައްވާފައިވާއިރު މިއީ އައު ކަމެއް ނޫނެވެ. ބަލިމަޑުކަމުގެ ތަދާއެކު ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރުމަކީ ވެސް އާއްމުކަމެކެވެ. އެބޯލާ ފެތުރުނުއިރު ކަންހިނގީ މިގޮތަށެވެ. (އޭން ރޯމަރ މާލާ، ސްޓެފަން އެލްބޭ، 2016). ޒިކާ ވައިރަހާ ދެކޮޅަށް ކަންކަން ހިނގީ ވެސް ހަމަ މި މޭރުމުންނެވެ (ކްލޯޑީ ވެނަމް، ޑެބްރާ ފްރެއާސް، 2019). އަދި އެޗްއައިވީ އެއިޑްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުން ވެސް ފެންނަން އޮތީ މި ޙަޤީޤަތެވެ (ރޮގްޒަނާ ހޭޕްސްޑެންޓް، 2008). މި ކަންކަމުން އެނގެނީ ޞިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށް އަސްކަރީ ލަޝްކަރުތައް ބޭނުންކުރާކަމެވެ.

ކޮވިޑް19-ގެ މައިދާނުގައި އަސްކަރިއްޔާތައް ރުކުރުވާލުމުގައި ސިޔާސީ މަސްލަހަތުތަކެއް ވެސް އެބަ ހުއްޓެވެ. އެއީ އަސްކަރިއްޔާތަކަކީ ކިހައި ޤާބިލު އަދި ކިހައި މުހިއްމު ބައެއްކަން، އަސްކަރިއްޔާތަކާ ދެކޮޅަށް ވާހަކަދައްކާ އަދި އަޑުއުފުލާ މީހުންނާއި އާއްމުންނަށް ވިސްނައިދިނުމެވެ. އަސްކަރިއްޔާތަކަށް ކުރާ ޚަރަދާއި ހޭދަ ކުޑަކުރުމުގެ ބަހުސަކީ މި ފަހަކަށް އައިސް ކުރެވެމުން އަންނަ ހޫނު ބަހުސެކެވެ. މި ބަހުސްގެ ހޫނުކަން ކޮންމެވެސް ވަރަކަށް ކަނޑުވާލައި ޙަޤީޤީ ފިނިކަން ލިއްބައިދޭ ފެންތަށްޓެއް އަސްކަރިއްޔާތަކުން ވަނީ ރައްޔިތުންގެ ތުނބުގައި ޖައްސައިދީފައެވެ. އޭގެ ނަތީޖާއަކަށްވީ އަސްކަރިއްޔާއަށް ކުރާ ޚަރަދު ކުޑަކުރަން ނިންމި ނިންމުންތަކަށް ފާޑުކިއުންތައް އަމާޒުވުމެވެ (އަނާ ލަޒަރޯ، 2020). އެ ފާޑުކިޔުންތައް އަމާޒުވި މައިގަނޑު އެއް ސަބަބަކީ ކޮވިޑް ފެތުރެން ފެށުމުން ސިފައިން އަދާކުރި ދައުރުގެ ފުރިހަމަކަމާއި ކޮށްދިން ޚިދުމަތް މާ އަވަހަށް ހަނދާން ނެތުމެވެ. މީގެ އިތުރުން އިތުބާރު ގެއްލި، ނަން ކިލަނބުވެފައިވާ ލަޝްކަރުތަކުން އަލުން އިތުބާރު ހޯދިކަން ވެސް ކޮވިޑް-19ގެ މައިދާނުން ފާހަގަކުރެވެއެވެ. މީގެ އެންމެ ފުރިހަމަ މިސާލަކީ އިރާޤާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގެ ސަބަބުން ނަން ކިލަނބުވެފައިވާ ޔޫކޭގެ ސިފައިންނެވެ. ކޮވިޑް-19 ގެ މައިދާނުގައި އެ ސިފައިން ދެއްކި ހިތްވަރާއި ނަމޫނާއިން އެ މީހުންނާ މެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުކޮށްލުވައި އައު ތަޞައްވުރެއް އެ މީހުންވަނީ އުފައްދާފައެވެ. ގެއްލުނު އިތުބާރު އަލުން ހޯދައި ލަޝްކަރަށް އަލަށް ވައްދާނެ ދިފާޢީން ހޯދުމުގެ ދަތިކަމަށް ވެސް ހައްލު ހޯދާފައިވާކަމަށް މެޓް ކެނޯޑް، ޖޯއި ކްލިންޓަން (2020) ހާމަކުރައްވައެވެ. މިފަދަ ކަންކަމުން ވެސް ކޮވިޑް-19 ގައި އަސްކަރިއްޔާތައް ބައިވެރިވި ގޮތާއި މިންވަރު ހާމަވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ޞިއްޙީ ކާރިސާގައި ޤައުމުތަކުގެ އަސްކަރީ ޤާބިލުކަން އެ ޤައުމުތަކުން ވަނީ ބޭނުންކޮށްފައެވެ. ނުކުޅަދާނަވާ ވަރަށް ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކަށާއި މަދަނީ ޞިއްޙީ ޚިދުމަތްތެރިންނަށް އެހީތެރިވުމަށް ޓަކައި އަސްކަރީ ވަސީލަތްތައް ވަނީ ހަރަކާތްތެރި ކުރުވާފައެވެ. އިތުރު ހޮސްޕިޓަލްތައް ބިނާކުރުމަށާއި ހުރި ހޮސްޕިޓަލްތަކަށް އަސްކަރީ ޑޮކްޓަރުންނާއި ނަރުހުން ފޮނުވުން ފަދަ ގޮތް ގޮތުންނެވެ (ކްރިސް މެގަރިއަން، ޑޭވިޑް ކްލައިޑް، 2020). މިގޮތުން ޗައިނާއިން އެ ޤައުމުގެ 10،000 ސިފައިން އެކި ކަންކަމަށް އަމަލީގޮތުން ނެރުނެވެ. އަދި ބަލިމަޑުކަމާ ކުރިމަތިލުމަށް ޓަކައި ”އޮޕަރޭޝަން ރެސިލިއެންސް“ ގެ ނަމުގައި ފްރާންސުން ޚާއްޞަ އޮޕަރޭޝަނެއް ހިންގިއެވެ (މެކްރޯން ލޯންޗަސް އާމީ އޮޕަރޭޝަން، 2020).  ބަލިމީހުންނާއި ޞިއްޙީ އާލާތްތައް އުފުލުމުގައި ވެސް އަސްކަރިއްޔާތައް ހަރަކާތްތެރިވިއެވެ. އެގޮތުން އަސްކަރިއްޔާތަކުގައި ބޭނުންކުރާ ޞިއްޙީ ސާމާނު، ޚިދުމަތަށް ނެރުމާއި ޞިއްޙީ ޚިދުމަތްތެރީން އުފުލައިދިނުމާއި ހޮސްޕިޓަލްތަކާއި އާއްމުތަންތަން ޑިސްއިންފެކްޓްކުރުން ފަދަ ކަންކަމުގައި ވެސް އަސްކަރީ އެހީތެރިކަން އެކި ފެންވަރުގައި ފޯރުކޮށްދީފައިވެއެވެ (ކްރިސް މެގަރިއަން، ޑޭވިޑް ކްލައިޑް، 2020). މީގެ އިތުރުން ބޭނުންކުރެވޭ ގޮތެއް ވެދާނެ ކަމަށް ލަފާކުރެވޭ ވެކްސިންތައް އުފައްދައި ޓެސްޓްކުރުމާއި ފޭސްމާސްކާއި ޑިސްއިންފެކްޓެކްޓް ހިމެނޭ ގޮތުން މެޑިކަލް ސަޕްލައިސް އުފެއްދުމަކީ ވެސް އަސްކަރީ ލަޝްކަރުތަކުން ކުރި ކަންކަމެވެ (ގައި ޗޭޒަން، 2020).

ދިވެހިރާއްޖެއަށް ވިސްނާލާއިރު ވެސް ކަން އޮތީ މިގޮތަށެވެ. ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް މުއައްސަސާއަކީ ޤައުމީ ދިފާޢީ ބާރެވެ (އާމިނަތު ޝިފްލީން، 2020). ދިފާޢީ ލަޝްކަރުގެ މަސައްކަތް އަގުވަޒަންކުރައްވަމުން އިބްރާހީމް މުޙައްމަދު ޞާލިޙު (2020) ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން އުފެއްދި ނޭޝަނަލް އިމަރޖެންސީ ސެންޓަރުގައި ވެސް، އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ، އެމްއެންޑީއެފް ކަމަށާއި އޭގެ އިތުރުން، ކަރަންޓީން ފެސިލިޓީޒްތަކުގެ އެކި ކަންކަން ބެލެހެއްޓުމުގަޔާއި، ކަރަންޓީން ފެސިލިޓީތައް ޢިމާރާތް ކުރުމުގަޔާއި އެ ފެސިލިޓީތަކަށް މީހުން އުފުލުމުގައި ސިފައިން އަދާކުރީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. ޤައުމުތަކުގެ ވެރީންގެ ތަޢުރީފު އެ ޤައުމުތަކުގެ އަސްކަރިއްޔާއަށް އޮހިފައިވާއިރު ކޮވިޑް-19 ކޮންޓްރޯލުކުރުމުގައި އަސްކަރިއްޔާގެ ދައުރު ވެސް އެ ބޭފުޅުން ފާހަގަކުރައްވައެވެ. އިޒްރޭލުގެ ޑިފެންސް އޮފިޝަލުން ވިދާޅުވީ އެ ޤައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ހަމަ އެކަނި ބަޔަކީ ސިފައިން ކަމަށާއި އިތުރު ބަޔަކު މަރު ނުވަނީސް އެ މަސައްކަތް އެ މީހުންނާ ހަވާލުކުރަން އެދޭ ކަމަށެވެ (ޔޮވާ ލިމޯ، މައިޓަލް ޔަސޫރު ބެއިތު އޯރު، 2020).

ޙަޤީޤަތުގައި ވެސް ކޮވިޑްގެ މައިދާނުގައި އަސްކަރީ ލަޝްކަރުތައް ހަރަކާތްތެރިވީ ނަމޫނާ ދައްކަމުންނެވެ. އެފަދަ ޚިދުމަތެއް އެހައި ފުރިހަމައަށް ފޯރުކޮށްދެވޭނެ އެހެން ބަޔަކު ނެތްކަން ބުނެދެމުންނެވެ. އެމީހުންނާ ނުލައި ފުރަބަންދުގެ ހާލަތު އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭނެކަން ހާމަކޮށްދެމުންނެވެ. އެ މީހުންގެ ޚިދުމަތަކީ ކޮންމެ ވަގުތަކު، ކޮންމެ ކަމެއް ކުރަންޖެހުނަސް އެންމެ ފުރިހަމައަށް ދޭނެ ޚިދުމަތްކަން ސާބިތުކޮށްދެމުންނެވެ.

ހަވާލާ ލިސްޓު

  • ރޮގްޒަނާ ހޭޕްސްޑެންޓް. (2008). އެކްސްޕްލޯރިންގ ދަ ކޮންސްޓްރަކްޝަން އޮފް ތްރެޓްސް: ދަ ސެކިއުރިޓައިޒޭޝަން އޮފް އެޗްއައިވީ/އެއިޑްސް އިން. ރަޝިއާ. ސެކިއުރިޓީ ޑައިލޮގް، 39(1)، 7-29. https://doi. org/10.1177/09670 10607 086821
  • ކްރިސް މެގަރިއަން، ޑޭވިޑް ކްލައިޑް. (2020، މާރިޗް 17). ޕެންޓަގަން މޮބިލައިޒަސް 1500 ނެޝަނަލް ގަރޑް ޓްރޫޕްސް ޓު ހެލްޕް ޓު ބެޓްލް ކޮރާނޯވައިރަސް. އެލްއޭ ޓައިމްސް. Retrieved from: https://www.latim es.com/polit ics/story/ 2020-03-17/penta gon-mobil izes-1-500-natio nal-guard-troops-to-help-battle-coron avirus
  • ކްރިސްޓޮފަރ ވަޓްސަން، އެޑަމް ކަމްރަޓްސްކާޓް. (2016). ފައިޓިންގ ފުލޫ: ސެކިއުރިޓައިޒޭޝަން އެންޑް މިލިޓަރީ ރޯލް އިން ކޮންބެޓިންގ އިންފުލުއެންޒާ. އާމްޑްފޯސަސް އެންޑް ސޮސައިޓީ، 42(1)، 145-168. https://doi.org/10.1177/00953 27X14567364
  • ކްލޯޑީ ވެނަމް، ޑެބްރާ ފްރެއާސް. (2019). ސެކިއުރިޓައިޒިންގ ޒިކާ: ދަ ކޭސް އޮފް ބްރެޒިލް. ސެކިއުރިޓީ ޑައިލޮގް، 50(5)، 398-415. https://doi.org/10.1177/0967010619 856458
  • އަނާ ލަޒަރޯ. (2020، މެއި 14). އީޔޫ ވޯންޓްސް ފަންޑްސް ފޮރ ‘ ސްޓްރޯންގަރ ޑިފެންސް ޕޮލިސީ’ އެމިޑް ކޮރޯނާ ވައިރަސް ތްރެޓް. ޔޫރޯނިއުސް. ނެގީ Retrieved from https://www. euron ews.com/2020/05/14/eu-wants-funds-for-stron ger-defen cepolicy-amid-coron avirus-threat
  • އާމިނަތު ޝިފްލީން. (2020 މެއި 24). ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކޮށްފި. ނެގީ https://mihaaru.com/news/74686
  • އިބްރާހީމް މުޙައްމަދު ޞާލީހް. (2020). ދިވެހި ސިފައިންނާ ބައްދަލުކުރައްވާ ރައީސުލް ޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު. ނެގީ https://www.presidencymaldives.gov.mv/Press/Article/23460
  • އޭން ރޯމަރ މާލާ، ސްޓެފަން އެލްބޭ. (2016). ދަ ރޭސް ފޮރ އެބޯލާ ޑްރަގްސް: ފަރމަސިއުޓިކަލްސް، ސެކިއުރިޓީ އެންޑް ގްލޯބަލް ހެލްތު ގަވަރނަންސް. ތަރޑް ވޯލްޑް ކްއާރޓަލީ، 37(3)، 487-506. https://doi.org/10.1080/01436 597.2015.1111136
  • މެކްރޯން ލޯންޗްސް އާމީ އޮޕްރޭޝަން ރިސައިލަންސް ޓު ސަޕޯތް ފައިޓް އެގެއިންސްޓް ކޮރޯނާ ވައިރަސް (2020، މާރިޗް 25). ފްރާންސް24. ނެގީ France24. Retrieved from https:// www.franc e24.com/en/20200 325-macron-launc hes-army-operation-resil ience-to-suppo rt-fight-again st-coron avirus
  • މެޓް ކެނޯޑް، ޖޯއި ކްލިންޓަން. (2020، މެއި 13). ދަ ބްރިޓިޝް އާރމްޑް ފޯސަސް އަރ ޔޫޒިންގ ކޮވިޑް-19 ޓު ސޯލްވް އަ ރެކްރޫޓްމަންޓް ކްރައިސިސް އެންޑް ހީލް ދެއަރ ޑެމޭޖް ރެޕިއުޓޭޝަން. ޑެއިލީ މެވިރިކް. ނެގީ Retrieved from https://www.daily maver ick.co.za/artic le/2020-05-13-the-briti sh-armed-forcesare-using-covid-19-to-solve-a-recru itment-crisis-and-to-heal-theirdamaged-reput ation/
  • ގައި ޒޭޒަން. (2020، މާރިޗް 18). ޖަރމަނީ އެންލިސްޓްސް އަރމީ ޓު ހެލްޕް ފައިޓް އެގެއިންސްޓް ކްރޯނާ ވައިރަސް. ފައިނޭންޝިއަލް ޓައިމްސް. Retrieved from https://www.ft.com/conte nt/c5fb1 f72-6920-11ea-800d-da70c ff6e4d3
  • ޔޯރީ ޕަސްކަލް ކަލްމެން. (2020). މިލިޓަރީ ކްރައިސިސް ރެސްޕޮންސެސް ޓު ކޮވިޑް19. ޖޭ ކޮންޓިޖެންސީސް އެންޑް ކްރައިސިސް މެނޭޖްމަންޓް 2020: 00:1-5. ނެގީ https://doi.org/10.1111/1468-5973.12328
  • ޖޮއިނާ ވޯލްޓާޒް. (2020، މާރިޗް 29). ‘ދިސް އިސް ވަރ’: ކޫމޯ ވާރންސް ކޮރޯނާ ވައިރަސް ކުޑް އޯވާހެލްމް ނިއުޔޯކް ހެލްތްކެއަރ. ދަގާޑިއަން. ނެގީ https://www.thegu ardian.com/world/ 2020/mar/19/coron avirus-new-york-cuomo-healt hcare-overw helmed-please
ޝެއަރކުރެއްވުމަށް