ސަކްސެޝަން ޕްލޭނިންގއަކީ މާދަމާގެ ލީޑަރުންނަކީ ކޮބައިކަން ފާހަގަކޮށް، އެ މީހުން މާދަމާގެ ލީޑަރުންނަށް ހެދުމަށް ޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނުދީ، ލީޑުކުރަންޖެހޭ ވަގުތަށް ތައްޔާރަށް ބޭތިއްބުމަށް މުއައްސަސާއިން ކުރާ ދެމެހެއްޓެނިވި މަސައްކަތެކެވެ. މާދަމާގެ ލީޑަރުން މިއަދު ދެނެގަތުމަކީ އެއްވެސް ހާލެއްގައި ވަކި ބަޔަކަށް އިސްކަންދިނުމެއް ނޫނެވެ. އެކަމަކު އެއީ މުއައްސަސާގައި ތިބި އެންމެ ޤާބިލު މީހުން ދެނެގަނެ، އެ މީހުން އިތުރަށް ބިނާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ސަކްސެޝަން ޕްލޭނެއް އޮންނަ ނަމަ މުއައްސަސާއިން ލީޑަރޝިޕް ޕޮޒިޝަނެއްގައި ހުންނަ މީހަކު ރިޓަޔަރކުރާ ނުވަތަ ވަކިވާ ހާލަތްތަކުގައި އެ މީހެއްގެ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރާނެ މީހަކު ނެތިގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ތަމްރީނުތަކާއި ކޯސްތަކާއި ޑިއުޓީތަކުގައި ރަށުން ބޭރަށް ދާންޖެހޭ ހާލަތެއްގައި ވެސް މަސައްކަތްތައް ފުނިޖެހިފައި، ކުރިއަށް ނުގޮސް ހުންނާކަށް ނުޖެހޭނެއެވެ. މުސްތަގުބަލަށް ބޭނުންވާ ހުނަރުވެރިކަމާއި، ކުރިއެރުން ގެނައުމަށާއި، ހުސްވަމުންދާ މުހިންމު މަޤާމުތަކަށް ޤާބިލު މީހުން ބިނާކުރުމަށާއި، މުއައްސަސާގެ މިޝަން ހާސިލުކުރުމުގައި ދެމިތިބުމަށް ބޭނުންނަމަ ސަކްސެޝަން ޕްލޭނެއް ކޮންމެ މުއައްސަސާއެއްގެ ކުރިމަގަށް ވެސް ވަރަށް މުހިންމެވެ.

ސަކްސެޝަން ޕްލޭނިންގއެއްގައި މައިގަނޑު ފަސް ހަރުފަތެއް ހިމެނެއެވެ. އެއީ މުހިންމު ލީޑަރޝިޕް ޕޮޒިޝަންތައް ދެނެގަތުމާއި، ބޭނުންވާ ހުނަރާއި ޤާބިލުކަން ދެނެގަތުމާއި، ޝައުޤުވެރިކަން ހުންނަ ފަރާތްތައް ދެނެގަނެ ބޭނުންވާ ޤާބިލުކަން އަޅާކިޔުމާއި، ކެރިއަރ ޑިވެލޮޕްމަންޓް ސްޓްރެޓެޖީތައް ޑިޒައިންކޮށް ޢަމަލުކުރުމާއި، އިފެކްޓިވްނަސް އިވެލުއޭޓް ކުރުމެވެ.

ސަކްސެޝަން ޕްލޭނިންގ އަކީ މުއައްސަސާގެ ފެންވަރު މިއަދަށްވުރެ މާދަމާ ރަނގަޅުކުރަން ބޭނުންވާނަމަ ހުރިހާ ގިންތިއެއް ހިމެނޭގޮތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުއައްސަސާގެ މުސްތަޤްބަލް އުޖާލާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ތަސައްވުރު އިތުރަށް ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ތަފާތު މުއައްސަސާތަކުގައި ތަފާތު ގޮތްގޮތަށް ސަކްސެޝަން ޕްލޭނިންގ ފަރުމާ ކުރިއަސް މައިގަނޑު ގޮތެއްގައި ސަކްސެޝަން ޕްލޭނިންގ ކުރިއަށް ގެންދަނީ ހަތަރު ގޮތްތަކަށެވެ. ފުރަތަމަ ގޮތަކީ ބޭނުން ޖެހުމުން މީހަކު ހޯދުމެވެ. ދެވަނަ ގޮތަކީ އެއް ހަރުފަތް ތިރިން މީހަކު މައްޗަށް ޖައްސާލުމެވެ. ތިންވަނަ ގޮތަކީ ދުރާލައި ރާވައިގެން މީހަކު ނުވަތަ ބަޔަކު ތަރައްޤީ ކުރުމެވެ. ހަތަރުވަނަ ގޮތަކީ މުޅި މުއައްސަސާގެ ޤާބިލިއްޔަތު ތަރައްޤީ ކުރުމެވެ.

މަޤާމެއް ހުސްވުމުން އެ މަޤާމަކަށް މީހަކު ޕްރޮމޯޓް ކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށް ދިއުމަކީ ސަކްސެޝަން ޕްލޭނިންގގެ އެންމެ ދަށް ލެވެލެވެ. މިއީ އޯގަނައިޒޭޝަނަށް ރަނގަޅު ގޮތެއް ނޫނެވެ. ގިނަ ފަހަރަށް އެ މަޤާމަށް އެކަށީގެންވާ ރަނގަޅު މީހަކު ހޯދުމާއި އަދި އެފަދަ މީހަކު ތަމްރީނުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ލީޑަރޝިޕް ޕޮޒިޝަނެއްގައި ހުންނަ މީހެއްގެ މަޤާމު ހުސްވުމުން އެ މަޤާމަކަށް އޭގެ އެއް ދަރަޖަ ދަށް ލެވެލުން މީހަކު ނެގުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް މީހަކު ނަގާއިރު ވެސް ދަށުން ނަގަން ތިބި މީހުންނަކީ މަތީގައި އަދާކުރަންޖެހޭ މަޤާމުގެ ޒިންމާއާއި މަސްޢޫލިއްޔަތު އުފުލޭ މީހުން ކަމުގައި ނުވާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި މިގޮތަށް ޢަމަލުކުރާއިރު ތަނަށް އެންމެ ގިނަ ދުވަސްވީ މީހާއަކީ އެންމެ ޤާބިލު މީހާއަށް ނުވެދާނެކަން ވިސްނަންޖެހެއެވެ. އެހެންނަމަވެސް މިގޮތަށް ސަކްސެޝަން ޕްލޭނިންގ އޮންނަ މުއައްސަސާތަކުގައި ޚިދުމަތަށް މާބޮޑު ބުރުލެއް ނާރައި ކުރިއަށް ގެންދެވޭނެއެވެ.

މުއައްސަސާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ލީޑަރޝިޕް ޕޮޒިޝަންތައް ފުރޭނެ ޤާބިލު މީހުން ދުރާލައި ދެނެގަނެ އެ މީހުން އިތުރަށް ތަރައްޤީކުރެވިއްޖެނަމަ މުއައްސަސާގެ ކުރިމަގު އުޖާލާވާނެއެވެ. ލީޑަރޝިޕް މަޤާމުތައް ފުރާނެ ޤާބިލު މީހުންގެ ޕޫލެއް އެތަނެއްގައި އޮންނާނެއެވެ. އަދި އެ ޤާބިލު މީހުންގެ ތެރެއިން އެންމެ ޤާބިލު މީހާ ހުސްވާ މަޤާމަށް ގެނައުމުން މުއައްސަސާއަށް ކުރާ ފައިދާ ބޮޑުވާނެއެވެ. މިއާޚިލާފަށް ވަކިވަކި މީހުންނަށް ފޯކަސްކުރުމުގެ ބަދަލުގައި މުޅި މުއައްސަސާގައި އިންސާނީ ވަސީލަތް ތަރައްޤީކޮށް ލީޑަރުންނަށް ވުމުގެ ޕޮޓެންޝިއަލް އުފެއްދިއްޖެނަމަ މިގޮތް ވާނީ ދުރުރާސްތާއަށް އެންމެ ފައިދާބޮޑު ގޮތަށެވެ.

މަޢުލޫމާތު:

  • https://www.investopedia.com/terms/s/succession-planning.asp
  • https://www.roberthalf.com/blog/management-tips/7-steps-to-building-a-succession-plan-for-success
ޝެއަރކުރެއްވުމަށް