އައްޔަކީ ހަކަތައިގެ ބާވަތެކެވެ. މި ހަކަތައިގެ ބާވަތަކީ އެޓޮމަށް ކުރާ އަސަރުތަކެއްގެ ސަބަބުން ބޭރުވާ އެއްޗެކެވެ. ހަމައެއާއެކު އައްޔަކީ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގެ ބާވަތްތަކުގެ ތެރެއިން ވެސް ބާވަތެކެވެ. އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގައި ތަފާތު ބާވަތްތައް ހިމެނޭއިރު އައްޔަކީ އިންސާނުންގެ ހަމަ ލޮލަށް ފެންނަން ހުންނަ ހަމައެކަނި ބާވަތެވެ.

ދުވާލުގެ ވަގުތު އަހަރުމެން ވަށައިގެން ހުރިހާ ތަނެއްގައި އަލިކަން ވިއެއް ކަމަކު އަލިކަން ބޭރުކޮށްދެނީ ނުވަތަ އަލިކަން ފޯރުކޮށްދެނީ ވަރަށް ވެސް މަދު އެއްޗަކުންނެވެ. އަލިކަން ފޯރުކޮށްދޭ އެއްޗެހީގެ ތެރޭގައި އިރާއި ތަރިތަކުގެ އިތުރުން ކަރަންޓު ބޮކި ފަދަ އެނޫންވެސް ކަރަންޓުގެ ބާވަތްތައް ހިމެނެއެވެ. އަލިކަން އެއިން ފޯރުކޮށްނުދޭ އެއްޗެހި އިންސާނާގެ ލޮލަށް ފެންނަނީ އެ އެއްޗެހިން އަލި ރިފްލެކްޓް ކުރާތީއެވެ. ގިނަ އެއްޗެހިން މި ރިފްލެކްޓިވް ލައިޓް ފޯރުކޮށްދޭ އިރު، މި ރިފްލެކްޓިވް ލައިޓް ނުވާ އެއްޗެހި އަހަރުމެންނަކަށް ނުފެންނާނެއެވެ.

އަލީގެ ދޯދިތައް އެކުލެވިގެންވަނީ ”ފޯޓޯން“ އޭ ކިޔޭ ބިލިއަނަކަށް ވުރެ ގިނަ ކުދިކުދި ޕެކެޓުތަކަކުންނެވެ. މި ވަކިވަކި ފޯޓޯންސް އެކުވުމުން ކޯރެއް ތެރޭގައި އުފެދޭ ރާޅެއް ފަދައިން ވެގެންދެއެވެ. ނަމަވެސް މިއީ ކުދިކުދި ރާޅުތަކެކެވެ. އައްޔަކީ އަބަދުވެސް ސީދަލަށް ދަތުރުކުރާ އެއްޗެކެވެ. ނަމަވެސް އަލި ދަތުރުކުރާ މި މިސްރާބު އެއްޗެއްގައި ޖެހުމުން ނުވަތަ އެއްޗެއް ތެރެއިން ދަތުރުކުރާ އިރު ބަދަލުވެގެން ދެއެވެ. މިސްރާބަށް ބަދަލު އަޔަސް ވެސް އަބަދުވެސް ދަތުރު ކުރަނީ ސީދާ ރޮނގެއްގައެވެ. އަލި ދަތުރުކުރާ މި ސީދާ މިސްރާބަށް ކިޔޭ ނަމަކީ ”ރޭ“ އެވެ.

އަލި ދަތުރުކުރާ މިސްރާބު އެކީއެކައްޗަކަށް ބަންދުވެއްޖެނަމަ އެކަމުން ހިޔަންޏެއް އުފެދެއެވެ. ހިޔަންޏަކީ އޭގައި ދެ ރީޖަނެއް ހިމެނޭ އެއްޗެކެވެ. މި ދެ ރީޖަނަކީ ”އަމްބްރާ“ އަދި ”ޕެނަންބްރާ“އެވެ. ”އަމްބްރާ“ އަކީ ހިޔަންޏެއްގެ އެންމެ އަނދިރި ބައެވެ. މިއީ އަލީގެ ދޯދިތަކަށް އެއްކޮށް ހުރަސް އެޅިފައިވާ ހިޔަނީގެ ބައެވެ. ”ޕެނަންބްރާ“ އަކީ ހިޔަނީގެ ކައިރި ފަށުގައިވާ ބައެވެ. ހިޔަނީގެ ކައިރި ފަށުގައި ހުންނަ ބަޔަށް ކޮންމެވެސް މިންވަރަކަށް އަލީގެ ދޯދި ވާސިލުވެފައި ހުރެއެވެ.

އަލީގެ ދޯދިތައް އެއްޗެއްގައި ޖެހުމުން ތިން ގޮތުން ތެރެއިން އެއްގޮތް ވެގެން ދެއެވެ. މި ތިން ގޮތަކީ އެއްޗެއްގައި ޖެހި ބައުންސް ވެގެން ދިޔުމާއި، އެ އެއްޗެއް ތެރެއަށް ސޯކް ވެގެން ދިއުން، ނުވަތަ އެ އެއްޗެއްގެ އެތެރެއިން ލާފައި ދަތުރުކުރުމެވެ. އަލީގެ ދޯދިތައް އެ އެއްޗެއްގެ އެތެރެއިން ދަތުރުކުރާ ކޮންމެ އެއްޗަކީ ޓްރާންސްޕޭރެންޓް އެއްޗެކެވެ. މީގެ އެއް މިސާލަކީ ބިއްލޫރިއެވެ. އެ އެއްޗަކުން އަލި އެކީއެކައްޗަކަށް ހުއްޓުވާލާނަމަ އެ އެއްޗަކީ ”އޮޕޭގް“ އެއްޗެކެވެ.

ތަނެއްގައި އަލި ޖެހުމުން އެ އަލީގެ ބައެއް ނުވަތަ އެ ހުރިހާ އަލީގެ ދޯދިތަކެއް ރިފްލެކްޓް ވެގެން އާދެއެވެ. ގިނަ ސާފެސްތަކަކީ އަލި ޖެހުމުން އެކި ދިމަދިމާއަށް ފޮނުވާލާ ސާފެސްތަކެކެވެ. މިހެން ކަންވުމާއެކު އިންސާނާގެ ލޮލަށް ހަމައެކަނި ފެންނަނީ އެ އަލި ޖެހޭ ސާފެސްއެވެ. ނަމަވެސް ލޯގަނޑު އަދި ވިދާ އެހެނިހެން އެއްޗެހިން އަލި ރިފްލެކްޓް ކުރަނީ އެ އަލީގެ ދޯދިތައް ހުރި ގޮތަށެވެ. އެހެންކަމުން މިފަދަ އެއްޗެހިން މިރަރ އިމޭޖެއް ފެނިގެން ދެއެވެ.

އަލީގެ ދޯދިތައް ފެން ފަދަ ޓްރާންސްޕޭރަންޓް އެއްޗެހި ތެރެއިން ދަތުރު ކުރާއިރު މި ދޯދިތައް ގުދުވެގެން ނުވަތަ ރިފްރެކްޓް ވެގެންދެއެވެ. މިހެން މިކަންވަނީ ބިއްލޫރި ނުވަތަ ފެނުގައި އަލި ދަތުރުކުރާ މިންވަރު ލަސް ވެގެން ދާތީއެވެ. 

ޝެއަރކުރެއްވުމަށް