ބޮޑީބިލްޑިންގއަކީ އެ ދާއިރާއަކުން ސިފައިންނަށް ރީތި ނަން ހޯދައި ދެމުންދާ އެއް ދާއިރާއެވެ. ރާއްޖޭގައި ބާއްވާ މުބާރާތްތަކުންނާއި ޞަރަޙައްދީ މުބާރާތްތަކުން ރަންވަނަތަކެއް ހޯދައި ދިވެހިރާއްޖެއަށާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ރީތިނަން ހޯދައިދެމުންދާ ފަރާތްތަކަކީ މި ވަގުތު މި މުއައްސަސާގައި ވަޒީފާ އަދާކުރަމުންދާ ހީވާގި ބޮޑީބިލްޑަރުންނެވެ. ބޮޑީބިލްޑް ކުރުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެކަމުގެ އަޚްލާޤް ރަނގަޅަށް ބަހައްޓައިފި ނަމައެވެ. ކެއުމުގެ އާދަތަކާއި ކަސްރަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތައް ބޮޑީބިލްޑްކުރުމުގެ މަސައްކަތަށް ބޭނުންވެއެވެ. 2006 ސެޕްޓެންބަރު މަހު ތެރޭ ބޭއްވި މިސްޓަރ މޯލްޑިވްސް ހޮވުމުގެ މުބާރާތުގައި ވާދަކުރި 15 ބޮޑީބިލްޑަރުންގެ ތެރޭގައި އެމްއެންޑީއެފްގެ ހަ ބޮޑީބިލްޑަރުން ވާދަކޮށްފައި ވެއެވެ. މީގެ އިތުރުން ދެން ވާދަކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހަ ބޮޑީބިލްޑަރުންނާއި ޢާއްމު ތިން ބޮޑީބިލްޑަރުންނެވެ. މި މުބާރާތުން ސިފައިންގެ ބޮޑީބިލްޑަރުން ހޯދި ފުރިހަމަ ކާމިޔާބީއަކީ ދިވެހި ހުރިހާ ސިފައިން އެ ފަރާތްތަކަށް ޝުކުރުވެރިވުން ޙައްޤު ފުރިހަމަ ކާމިޔާބީއެކެވެ.

ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލްގެ ސްޓޭޖްގައި އޮތް 8 ވަނަ މިސްޓަރ މޯލްޑިވްސް ހޮވުމުގެ މުބާރާތުގައި އުމުރުން 26 އަހަރުގެ ޕްރައިވެޓް މުޙައްމަދު އިބްރާހީމް ރާއްޖޭގެ އެންމެ ރީތި، އެންމެ ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ފިރިހެނެއްގެ މަޤާމް ”މިސްޓަރ މޯލްޑިވްސް 2006“ ހޯދީ މި މުބާރާތް ބަހާލެވިފައިވާ ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކުން ހޮވުނު އެއްވަނަ ބޮޑީބިލްޑަރާ ވާދަކޮށްގެންނެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމަށް އެންމެ ފަހު ބުރުގައި މުޙައްމަދު އިބްރާހީމްއާ ވާދަކުރީ ބެންޓަމް ވެއިޓް ކެޓަގެރީން އެއްވަނަ ހޯދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޙަސަން ޢިޔާދު އަދި މުބާރާތުގެ އެންމެ ބިޔަ ހަށިތައް ދެއްކި ވެލްޓާ ކެޓަގެރީން އެއްވަނަ ހޯދީ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް އަޙުމަދު ޝާތިރުއެވެ. ޝާތިރަކީ 2005 ވަނަ އަހަރު މިސްޓަރ މޯލްޑިވްސްގެ މަޤާމް ހޯދާފައިވާ ފަރާތެވެ. ފައިނަލް ބުރަށް މުޙައްމަދު އިބްރާހީމް ދިޔައީ ފްލައިވެޓް ކެޓަގެރީން އެއްވަނަ ހޯދައިގެންނެވެ.

”މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މި ފަހަރު އަޅުގަނޑު މި މުބާރާތުގައި ވާދަކުރީ ވެސް މިސްޓަރ މޯލްޑިވްސްގެ ޝަރަފުވެރި މަޤާމް ހޯދުމުގެ އަޒުމް ކަނޑައަޅައިގެން. މި ގޮތުން މުބާރާތަށް ތައްޔާރުވަމުން އައީވެސް ކުރީ ފަހަރުތަކާ ޚިލާފަށް މާ ބޮޑަށް ފަރުވާ ބަހައްޓައިގެން. ވަރަށް ބުރަ މަސައްކަތް ކުރިން، އޭގެ ނަތީޖާ ކަންނޭނގެ އިރާދަކުރެއްވީތީ މި ލިބުނީ.“ މިސްޓަރ މޯލްޑިވްސްގެ މަޤާމް ލިބުނުތާ އެއްދުވަސް ފަހުން އައްޑަނަ މަޖައްލާއަށް ދިން ބަސްދީ ގަތުމެއްގައި މުޙައްމަދު އިބްރާހީމް ބުނުއްވިއެވެ.

މުޙައްމަދު އިބްރާހީމް ވަނީ މިހާތަނަށް ބައިވެރިވި ހުރިހާ މުބާރާތެއްގައި ވެސް ރަންވަނަތަކެއް ހާސިލްކޮށްފައެވެ. މި ގޮތުން 2000 ވަނަ އަހަރު މިސްޓަރ މޯލްޑިވްސް ހޮވުމުގެ މުބާރާތުގައި ލައިޓް ފްލައި ވެއިޓް ކެޓަގެރީން ދެވަނަ ހޯދާފައިވެއެވެ. 2001 ވަނަ އަހަރު ހަމަ އެ ބައިން 1 ވަނަ ހޯދިއެވެ. 2002 ވަނަ އަހަރު ވެސް ލައިޓް ފްލައި ވެއިޓް ކެޓަގެރީގައި ވާދަކޮށް ދެވަނަ ހޯދިއެވެ. 2003 ވަނަ އަހަރު ފްލައި ވެއިޓް ބައިގައި ވާދަކޮށް ދެވަނަ ހޯދާފައިވެއެވެ. އަދި 2004، 2005، 2006 ގެ ފްލައި ވެއިޓް ކެޓަގެރީގެ 1 ވަނައަކީ މުޙައްމަދު އިބްރާހީމްއެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އިންޑިޔާގެ ގޯއާގައި 2003 ވަނަ އަހަރު ބޭއްވި 4 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕުން ރާއްޖެއަށް ލޯ މެޑެލި ހޯދައިދީފައެވެ. އަދި 2004 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި 5 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕުން ރާއްޖެއަށް ރިހި މެޑެލި ހޯދައިދީފައެވެ.

މިސްޓަރ މޯލްޑިވްސް ހޮވުމުގެ މުބާރާތުގައި ޕްރައިވެޓް މުޙައްމަދު އިބްރާހީމްގެ އިތުރުން ކޯޕްރަލް ޢަބްދުލް ޢަޒީޒު (ކިޔުއާރްއެފް 3)، ލާންސް ކޯޕްރަލް އަޙުމަދު ޝާތިރު (ކިޔުއާރްއެފް 3) އަދި ލާންސް ކޯޕްރަލް ނިޙާދު ރަޝީދު (އެސްއާރްސީ) ވަނީ އެކިއެކި ވަނަވަނަ ހާސިލްކޮށްފައެވެ. މުބާރާތް ބޭއްވި ތިން ބައިގެ ތެރެއިން ބެންޓަމް ބައިން ދެވަނަ ހޯދީ ލާންސް ކޯޕްރަލް ނިޙާދު ރަޝީދެވެ. ވެލްޓަރ ވެއިޓް ބައިން އެއްވަނަ ލާންސް ކޯޕްރަލް އަޙުމަދު ޝާތިރު ހޯދިއިރު ހަމަ މި ބައިން ދެވަނަ ހޯދާފައިވަނީ ކޯޕްރަލް ޢަބްދުލް ޢަޒީޒުއެވެ. ޝާތިރަކީ، 2003 އަދި 2005 ގެ މިސްޓަރ މޯލްޑިވްސްއަށް ހޮވިފައިވާ ފަރާތެކެވެ.

ޝެއަރކުރެއްވުމަށް