ދިވެހިރާއްޖެއަކީ ވަރަށް ދުވަސްވީ ޤަދީމީ ރާއްޖެއެކެވެ. ރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެންފެށި ވަކި ދުވަސްވަރެއް ކަނޑައަޅައި ނޭގުނު ނަމަވެސް ރާއްޖޭގައި ބަޔަކު ވަޒަންވެރިވެގެން އުޅޭތާ އެތަކެއް ހާސް އަހަރު ވެއްޖެއެވެ. “ދިވެހިރާއްޖޭގެ ވާހަކަ” ގައި ކިޔާ ފަދައިން ދިވެހިރާއްޖެއަކީ ބަހުރު ހިންދުގެ ތެރޭގައި އުތުރުން ދެކުނަށް އޮންނަ ރާއްޖެއެކެވެ. އިންޑިއާ ކަނޑުގައި ފަތުރާލެވިފައިވާ ސާލެއްގެ ގޮތުގައި އަމާންކަމާއެކު ރާއްޖެ އޮންނަ އޮތުމުގައި އަރަބި ކަނޑުގައި އުފެދޭ ބައެއް ތޫފާނުގެ އަސަރު ދޭތެރެ ދޭތެރެއިން ކުރެއެވެ. އެހެންމެ ރާއްޖޭގެ ތާރީޚްގެ އެކި ދުވަސްވަރުގައި އިންޑިއާ ކަނޑުގެ ތެރޭގައި އުފެދިފައިވާ ބިންހެލުމުގެ އަސަރުތަކާއި އިންޑިއާ ކަނޑުގެ އައްސޭރީގައި ހިނގާ އެކި ބާވަތްތަކުގެ ޤުދުރަތީ ހާދިސާތަކުގެ އަސަރު ރާއްޖެއަށް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.
ބިންގުޑުމުގެ އަސަރުގެ އިތުރުން ރާއްޖެއަށް ކޮންމެވެސް ވަރަކަށް ތޫފާނުގެ އަސަރު ވެސް ފޯރައެވެ. މިގޮތުން ރާއްޖެއަށް އައިސްފައިވާ އެންމެ ނަންހިނގާ ތޫފާނަކީ “ކޭލަކުނު ތަޅާލި ވިއްސާރަ” ގެ ގޮތުގައި ދިވެހި ތާރީޚްގައި ފާހަގަ ކުރެވިފައިވާ ވިއްސާރައެވެ. މި ވިއްސާރައަކީ ދިވެހި ތާރީޚްގައިވާ ގޮތުން ޤުދުރަތީ ހާދިސާއެއްގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރަންޖެހުނު ފުރަތަމަ ހާދިސާއެވެ. މީގެ އިތުރުން ވެސް ރާއްޖޭގައި ހިނގާފައިހުރި މުހިންމު ހާދިސާތަކަށް ބަލާއިރު ބޮޑު ރޯގާއާއި ބޮޑު ވިއްސާރައާއި ރާއްޖޭގެ ހުރިހާ ރަށްތަކަށް އުދައެރުން ފަދަ ހާދިސާތަކަކީ ފާހަގަކޮށްލަންޖެހޭ ހާދިސާތަކެކެވެ. މިއިން ކޮންމެ ހާދިސާއެއްގައި ވެސް ރާއްޖެއަށް ކުރިމަތިވި މުސީބާތްތަކުން ރައްޔިތުން ސަލާމަތްކޮށްދީ އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުންނާ ގުޅިގެން އެ ޒަމާނަކާ ގުޅޭގޮތުން ދިވެހި ސިފައިން ކޮށްފައިވާ ޤައުމީ ޚިދުމަތަކީ ތާރީޚްގައި ރަން އަކުރުން ލިޔެފައިވާ އަގުހުރި ޚިދުމަތްތަކެވެ.

މިގޮތުން 2004 ވަނަ އަހަރަކީ ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި އުނދަގޫ ހަރުފަތްތަކެއް ގިރާކުރި އަހަރެކެވެ. 2004 ފެށިގެން ކުޑަ ދުވަސްކޮޅެއް ނުވަނީސް ދިމާވީ ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި އެނަމާބޯޓް ބަންޑުން ޖަހާލި ހިތާމަވެރި ކާރިސާއެވެ. މި ކާރިސާގެ ޚަބަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު ކޯސްޓްގާޑުގެ ހުރިހާ އުޅަނދު ފަހަރަށް މި ޚަބަރު އެންގުނެވެ. މި ކާރިސާ ހިނގި ސަރަޙައްދަށް އެންމެ ފުރަތަމަ ދިޔަ އެއް ބަޔަކީ ކޯސްޓްގާޑްގެ ލޭންޑިންގ ކްރާފްޓާއި އެ އުޅަނދުން ދަތުރުކުރި 16 ވަނަ އެސްޓީއެފްގެ ބައިވެރިންނެވެ. މި ޤައުމީ ހިތާމަ ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދަނީސް 2004 ޑިސެންބަރު 26 ވީ އާދީއްތަ ދުވަސް ވެގެން ދިޔައީ ފާއިތުވި ދެތިން ޤަރުނަށް ބަލާއިރު ވެސް، މުޅި ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އަސަރުކުރި ބޮޑުރާޅު އެރުމުގެ ކާރިސާ ހިނގި ދުވަހެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް 4 ފޫޓާއި 12 ފޫޓާ ދެމެދު އުސްމިނުގައި ބިޔަ ރާޅުއެރި އެ ކާރިސާގައި 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފައެވެ. މި ކާރިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މުލަކު އަތޮޅާއި ކޮޅުމަޑުލާއި ހައްދުންމަތިންނެވެ. މިތިން އަތޮޅުން ޖުމްލަ 59 މީހުން މަރުވިއެވެ. އެއީ ރާއްޖެއިން މަރުވި މީހުންގެ 71 އިންސައްތައަށް ވުރެ މަތީ ނިސްބަތެކެވެ. މިއީ 1978 ވަނަ އަހަރު ދިމާވި ކޮލެރާ ވަބާއަށްފަހު ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ. ކޮލެރާ ވަބާގައި ރާއްޖެއިން 200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި ޢުމްރާނީގޮތުން ގެއްލުން ލިބިފައިވާ ތަންތަން އާރާސްތުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދަނީ، މިއަދު އެ ބަޔަކަށް ޓަކައި މުޅި ޤައުމު ފަޚުރުވެރިވާ ދިވެހި ސިފައިންނެވެ. މިގޮތުން މި ހާދިސާގައި ލޮޖިސްޓިކާއި ސަރވިސް ސަޕޯޓްގެ ހުރިހާ ކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސިފައިންނެވެ. މި ކާރިސާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމާއި ދަތުރުފަތުރާއި ސާފުކުރުމާއި އަދި ރިލީފް ސެންޓަރުތައް ބަލަހައްޓަމުން ދިޔައީ ސިފައިންނެވެ. ސިފައިން ކޮށްފައިވާ ހުވަޔަށް އިޙްތިރާމްކުރާކަން މި ކާރިސާގައި އެމީހުން ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފައެވެ. އަނބިންނާއި ދަރިން އަދި އާއިލާއާ ވަކިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައީ މިކަމުގައި އެއްވެސް ފޫހިކަމެއް، ވަރުބަލިކަމެއްނެތި ނުހަނު ފޯރިއާއި ޖޯޝްގައެވެ. ޤައުމަށް ދިމާވެފައިވާ ބޮޑު މުސީބާތުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.
މި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ވަމުންދާ ޤުރުބާނީތައް ފާހަގަކުރައްވައި ރާއްޖެ އައިސްތިބި ބޭރުގެ އެކިއެކި ފަރާތްތަކުންނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އޮހެމުންދިޔަ ތަޢުރީފްގެ ބަސްތަކަކީ މި މުޢައްސަސާގައި މަސައްކަތްކުރާ ކޮންމެ ފަރުދަކު ވެސް ފަޚުރުވެރިވާ ފަދަ ބަސްތަކެކެވެ. މި މަތިވެރި ޤައުމީ ޚިދުމަތް ފާހަގަކޮށް 2005 ޖަނަވަރީ 21 ވަނަ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ނާއިބު، އޮނަރަބަލް އަލްފާޟިލް އިސްމާޢީލް ޝަފީޢު ސިފައިންނާ ބައްދަލުކޮށްލެއްވުމަށް ކަޅުތުއްކަލާކޮށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ޖަލްސާ ވެގެންދިޔައީ ސުނާމީ ކާރިސާއާ ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދިޔަ ސިފައިންނަށް ލިބުނު ވަރަށްބޮޑު ހިތްވަރަކަށެވެ. މި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ސިފައިންނާ ބައްދަލުކޮށްލެއްވީ ދެ ބޭނުމެއްގައެވެ. ފުރަތަމަ ބޭނުމަކީ، ސިފައިންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރެއްވި ކުރެއްވުމުގައި ސުނާމީ ކާރިސާގައި ސިފައިންކުރި އަގުހުރި ޚިދުމަތް ފާހަގަކުރައްވައި، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމް ސިފައިންގެ އެންމެނަށް ރައްދުކޮށްދެއްވަން ވިދާޅުވި އަމާނާތެއް ހުރިހާ ފަރާތްތަކަށް ރައްދުކޮށްދެއްވުމެވެ.

”ސިފައިންކުރާ އަގުހުރި ޚިދުމަތް ތިމަންނަ ދެނަހުރީމޭ. ހަމަ ރަނގަޅަށް އެނގެޔޭ. އަދި ތިޔަ ހުރިހާ ފަރާތްތަކަށް ތިމަންނަގެ ޝުކުރާއި މުބާރިކްބާދީ ކޮންމެހެންވެސް ރައްދުކޮށްދޭންވާނޭ.“ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި އެ ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.
އެމަނިކުފާނު ސިފައިންނާ ބައްދަލު ކުރައްވައި ދައްކަވަން ބޭނުންފުޅުވާ ދެވަނަ ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ސުނާމީއާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރެއްވި ބޭރުގެ އެކިއެކި ޤައުމުތަކުގެ ނޭވީއާއި ކޯސްޓްގާޑުގެ ބޭބޭކަލުން ރާއްޖޭގައި އުޅުއްވާފައި އެވަޑައިގަތީ ދިވެހި ސިފައިން ކުރައްވަމުން ގެންދެވި ޚިދުމަތާ ދޭތެރޭ ވަރަށް ރީތި، އަދި އެމަނިކުފާނު ފަޚުރުވެރިވާ ފަދަ ތަޢުރީފްގެ ބަސްތަކެއް ރައްދުކޮށްދީފައި ކަމަށާއި އެ ބޭބޭކަލުން އެ ވިދާޅުވި ތަޢުރީފްގެ ބަސްތަކަކީ އަޅުގަނޑުމެން އެންމެން އެކަމަށް ފަޚުރުވެރިވާ އަދި އެ ރީތިނަން ދިވެހި ޤައުމަށް ވެސް ރައްދުވާފަދަ ބަސްތަކެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ދިވެހިންގެ ފަރާތުން ލިބެމުންދިޔަ ތަޢުރީފްގެ ބަސްތަކާމެދު އެއަށް ވުރެ ފަޚުރުވެރިވާ ކަމަށާއި ސިފައިންނާ ދޭތެރޭ މިއޮތްހާ ދުވަހު ހެޔޮ ބަހެއް ނުބުނާ މީހުން އެމަނިކުފާނު ކައިރީގައި ހަމަ އަޖައިބުވެގެން އައިސް ”ކިހިނެއްހެއްޔޭ، ހާދަ ރަނގަޅޭ އެމީހުން ކަންތައް ކުރާގޮތް“ މިހެން ވިދާޅުވެ ހައްދަވާ ކަމަށެވެ. މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ ހުރިހާ ސިފައިންނަށް ހެޔޮ އެދުންތައް ރައްދު ކުރައްވަމުންނެވެ.
ސުނާމީ ބޮޑުރާޅު ކާރިސާއާ ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް ސިފައިންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި އެ ޖަލްސާ ވެގެންދިޔައީ ސިފައިންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ޒަމާނުއްސުރެ ސިފައިންނަކީ ޤައުމަށް ޚިދުމަތްކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ބަޔަކަށް ވުމާއެކު މިފަދަ ކޮންމެ ހާދިސާއެއްގައި ވެސް ސިފައިން ހަރަކާތްތެރިވަފައިވަނީ އެމީހުން ކޮށްފައިވާ ހުވަޔާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ޚިދުމަތުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައެވެ.
