ދިވެހި އަސްކަރިއްޔާ އުފެދިގެން އައީ ހަމައެކަނި ފިރިހެނުން މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައެވެ. އެއީ ޒަމާންވީ ހުރިހާ އަސްކަރިއްޔާތަކެއްގައި ހެން އެކަން އޮތް ގޮތެވެ. ދިވެހި އަސްކަރިއްޔާގައި އެއްވެސް އަންހެނަކު ނެތި 97 އަހަރު ފާއިތުވެ ދިޔައެވެ. މީލާދީން 1892 ވަނަ އަހަރު އުފެދުނު ދިވެހި އަސްކަރިއްޔާގައި އަންހެނުން ޚިދުމަތްކުރަން ފެށީ 1989 ވަނަ އަހަރުއެވެ. ފުރަތަމަ ސިފައިންގެ ޚިދުމަތާ ގުޅުނު އަންހެނުންނަށް އޮތް ފުރުސަތާއި މާހައުލާއި ހާލަތަށް ފާއިތުވި 32 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު ދިވެހި އަސްކަރިއްޔާއިން މިންތީގެ ހަމަހަމަކަން ހުރިހާ ދާއިރާއަކުން ކަހަލަގޮތަކަށް ފެނެއެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު ކުރީ ޒަމާނުގައި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުމުގެ ފުރުސަތެއް އަންހެނުންނަށް ނުލިބެއެވެ. އަންހެނުންނަކީ ޤައުމުގެ ދިފާޢުގައި މާބޮޑު ދައުރެއް އަދާކުރެވިދާނެ ބައެއް ކަމަކަށް އޭރަކު ނުބެލެވެއެވެ. މިންތީގެ ތަފާތުތައް ބޮޑުކަމުން ހިތްވަރުގަދަ، ކެރޭ، ހުޝިޔާރު އަދި ޤާބިލު ބައެއްގެ ގޮތުގައި ޤަބޫލުކުރަނީ ހަމައެކަނި ފިރިހެނުންނެވެ. މި ޤަބޫލުކުރުންތަކާއި ފުރައްސާރަތަކާ އެކު ވެސް އަންހެނުން އިސްނަގައި ކަންކަމާ ކުރިމަތިލުމުގެ ނަތީޖާއަކީ ކޮންމެވެސް ވަރަކަށް މީހުން ދެކޭ ގޮތް ބަދަލުވެގެން ދިއުމެވެ. މިގޮތުން ހުޅަނގުގެ އަސްކަރިއްޔާތަކުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1914 ވަނަ އަހަރުއެވެ. ފުރަތަމަ  ބޮޑު ހަނގުރާމަ (1914 – 1918) ހިނގިއިރު ވޮލަންޓިއަރުންގެ ގޮތުގައި އަންހެނުން ހަނގުރާމައިގައި ބައިވެރިވިއެވެ. އޭރު އަންހެނުންގެ މައިގަނޑު މަސައްކަތަކީ ނަރުހުންގެ ގޮތުގައި ޚިދުމަތްކުރުމެވެ. އޭގެފަހުން ދެވަނަ ބޮޑު ހަނގުރާމަ (1939 – 1945) ގައި 500000 ވުރެ ގިނަ އަންހެނުން ކޮމްބެޓް ރޯލްތައް އަދާކުރިއެވެ. 21 ވަނަ ޤަރުނުގައި ދުނިޔޭގެ ބޮޑެތި އަސްކަރިއްޔާތަކުގެ އަންހެނުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެމެރިކާގައި އަންހެން ސިފައިންގެ ނިސްބަތަކީ 16 އިންސައްތައެވެ.  އިނގިރޭސިވިލާތުގައި 10 އިންސައްތައެވެ. އިންޑިއާގައި 3 އިންސައްތައެވެ. ފުރާންސާއި ކެނެޑާގައި 15 އިންސައްތައެވެ. ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަށް 3 އިންސައްތައެވެ.

މިއަދަދުތަކަށް ބަލާއިރު އަދިވެސް އަސްކަރިއްޔާތަކުގައި އަންހެން ސިފައިންގެ ނިސްބަތް ފިރިހެން ސިފައިންނަށްވުރެ ވަރަށް ބޮޑުތަން މަދެވެ. މިކަމުގެ ސަބަބުން ވެސް އަސްކަރިއްޔާތަކުގައި މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑު ގޮންޖެހުމެއް އޮވެއެވެ. ނަމަވެސް ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ޙައްޤުތަކާއި އިނާޔަތްތަކާއި އިމްތިޔާޒުތައް އަދި ހަމަހަމަ ކަމާ އެކު ކުރިއަށް ދިއުމަށް އޮންނަ ފުރުޞަތު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރެވެއެވެ. ދިވެހި އަސްކަރިއްޔާގައި ވެސް ނިސްބަތުން އަންހެން ސިފައިން މަދަސް، ހުރިހާ ފަންނެއްގައި ހުރިހާ ދާއިރާއެއްގައި އަންހެން ސިފައިންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު އެބައޮތެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއްގައި އަންހެން ސިފައިން ޚިދުމަތް ކުރަމުން ވެސް އެބަގެންދެއެވެ. އޮފިސަރުންގެ ގޮތުގައާއި ވޮރަންޓް އޮފިސަރުންގެ ގޮތުގައާއި އެންލިސްޓެޑް ސިފައިންގެ ގޮތުގައި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އަންހެން ސިފައިން ޚިދުމަތް ކުރަމުންދާއިރު ދިވެހި އަސްކަރިއްޔާއަކީ މިންތީގެ ތަފާތުކަމަށް ނުބަލައި ހުރިހާ ދާއިރާއެއްގައި ވެސް ހަމަހަމަ ފުރުޞަތު ފަހިކޮށްދީފައިވާ މުއައްސަސާއެކެވެ.

ސިފައިންގެ ތެރެއަށް ފުރަތަމަ އަންހެނުން ލެއްވުމަށް އިޢުލާންކުރެއްވީ 18 ނޮވެންބަރު 1962 ގައެވެ. އެހެން ނަމަވެސް އެފަހަރު އަންހެނުން ސިފައިންގެ ތެރެއަށް ލައްވާފައެއް ނުވެއެވެ. އޭގެފަހުން 3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާއާ ގުޅިގެން 13 ނޮވެންބަރު 1988 ގައި ދެ ޖިންސުގެ ޒުވާނުން ސިފައިންގެ ޚިދުމަތަށް ވަނުމަށް ހުޅުވާލެއްވިއެވެ. އަދި 20 ނޮވެންބަރު 1988 ގައި އިތުރު އިޢުލާނެއް ކުރެއްވިއެވެ. އެއީ ސިފައިންގެ ޚިދުމަތަށް އަންހެނުންނަށް ވަނުމުގެ ފުރުޞަތު އޮތްކަން ބަޔާންކޮށް ކުރެއްވި އިޢުލާނެކެވެ. މި އިޢުލާންތަކާ ގުޅިގެން ކުރިމަތިލި ފަރާތްތަކާ އިންޓަރވިއުކޮށް 65 ކަނބަލަކު ސިފައިންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ދިނުމަށް ނެންގެވިއެވެ. މާލޭ ދެކުނު ފަރާތު ހިއްކިބިމުގައި ހުރި އިންޑޯ ކުރިކެޓް ސްޓޭޑިއަމްގައި 6 ހަފުތާގެ މުއްދަތަށް އެ ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ. ތަމްރީނުތައް ފުރިހަމަކުރީ 64 ކަނބަލުންނެވެ. އެ ކަނބަލުންނަށް 01 މާރިޗު 1989 ގައި ސިފައިންގެ ވަޒީފާ ދެއްވިއެވެ. އެއީ ތާރީޚުގައި ދިވެހި އަސްކަރިއްޔާގައި އަންހެނުން ޚިދުމަތް ކުރަން ފެށި ދުވަހެވެ.

އަލަށް ސިފައިންގެ ވަޒީފާ ދެއްވި އަންހެން ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ 04 މާރިޗު 1989 ގައެވެ. އަންހެން ސިފައިންނަށް ފުރަތަމަ ހަތިޔާރު ދެއްވާފައިވަނީ 04 ޖުލައި 1990 ގައެވެ. ދިވެހި އަސްކަރީ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިންގެ ބޭކަނބަލަކު އޮފިސަރެއްގެ ގޮތުގައި ކަމިޝަންކުރައްވާފައިވަނީ 25 ސެޕްޓެންބަރު 2008 ގައެވެ. މިހާތަނަށް އައިއިރު ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިންގެ ތެރޭގައި އެންމެ ސީނިއަރ ރޭންކުގައި ތިއްބެވީ ލެފްޓިނަންޓް ކާނަލުންނެވެ.  ތިން ބޭކަނބަލެއް ލެފްޓިނަންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޓް ކުރެއްވީ 25 ޖަނަވަރީ 2021 ގައެވެ. އަދި ހަމަ މި އަހަރު ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލިހުގައި އަންހެން ސިފައިން ހިމެނުއްވިއެވެ. މި ބަދަލާ އެކު ސިފައިންގެ އެންމެ މަތީ އިސްތިރާޖީ ސިޔާސަތުތައް ކަނޑައަޅާ އެޗްލޯނުގައި އަންހެން ސިފައިންގެ ބައިވެރިވުން ފެނިގެންދިޔައެވެ. މިއީ ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ދިވެހި އަސްކަރިއްޔާއަށް ބަލާއިރު އެންމެ ފުރަތަމަ އަންހެން ސިފައިންގެ ދައުރެއްގެ ގޮތުގައި ބެލެވުނީ އިދާރީ މަސައްކަތްކުރުން ކަމަށް ވިޔަސް އެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ. އިދާރީ މަސައްކަތްކުރުމުގެ ދާއިރާގެ އިތުރުން އަސްކަރީ ދާއިރާއާއި، ޤާނޫނީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގ ދާއިރާއާއި، މެނޭޖްމަންޓްގެ ދާއިރާއާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި، ފަޔަރ އެންޑް ރެސްކިޔުގެ ދާއިރާއާއި، ނިޔަމިކަމުގެ ދާއިރާއާއި ފިޒިކަލް ފިޓްނަސްގެ ދާއިރާއާއި، ކިޔަވައިދިނުމުގެ ދާއިރާފަދަ މުހިންމު ދާއިރާތަކުން އަންހެން ސިފައިން ވަނީ ތަޢުލީމާއި ތަމްރީނު ހާސިލުކޮށްފައެވެ. އަދި ޚިދުމަތުގެ ގިނަ ދާއިރާތަކަކުން އަންހެން ސިފައިން އަންނަނީ ފިރިހެން ސިފައިންނެކޭ އެއް ސަފެއްގައި ޤައުމަށް ޚިދުމަތް ކުރަމުންނެވެ.

މިންތި (ޖެންޑާ)ގެ ހަމަހަމަކަމަކީ ވަކި ޖިންސް (ސެކްސް) އެއްގެ މީހަކަށް ވީތީ ޤުދުރަތީގޮތުން އުފެދުމުގައި ހުންނަ ތަފާތު ސިފަތަކާއި ދީނީ ގޮތުން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކުގެ އިތުރުން ޢިޖުތިމާއީ ގޮތުންނާއި ސަޤާފީގޮތުން މުޖުތަމަޢުގައި އުފައްދައިގެން ގެންގުޅޭ ތަފާތުތައް ނައްތާލައި ހަމަހަމަކަން ޤާއިމުކުރުމެވެ. ވަކި ޖިންސެއްގެ މީހަކަށް ވީމާ ވަކިކަމެއް ނުކުރެވޭނެކަމަށް ދެކޭ ދެކުމާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުން ދުރުވުމެވެ. މިގޮތުން އަންހެނުންނަށް އަސްކަރިއްޔާގައި ޚިދުމަތެއް ނުކުރެވޭނެ ކަމަށް އޮތް ވިސްނުން ދިވެހިން ޤަބޫލުކުރުމަށް ދުވަސްތަކެއް ހޭދަވިއެވެ. އަދި ދިވެހި ސިފައިންގެ ތެރޭގައި އަންހެނުންނަށް ޚިދުމަތް ކުރުމަށް ފުރުޞަތު ދެއްވި ނަމަވެސް ބައެއް ދާއިރާތަކުގައި އަންހެން ސިފައިންނަށް ޚިދުމަތް ކުރެވިދާނެތޯ ސުވާލު އުފައްދަމުން އައެވެ. އެހެން ނަމަވެސް މިއަދު އޭގެ ގިނަ އޮޅިތަކެއް ގިރާކޮށް، އަންހެން ސިފައިން ވަނީ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އެ ކުރިއެރުންތައް ހާސިލުކުރެވުނީ ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕުގެ ދުރުވިސްނުންފުޅާ އެކު ފުރުޞަތުތައް ފަހިކޮށްދެއްވައި، ނިޒާމުތަކާއި ސިޔާސަތުތައް އެމަގަށް ބައްޓަން ކުރައްވައިގެންނެވެ.

އަންހެން ސިފައިން ދިވެހި އަސްކަރިއްޔާގައި ނިސްބަތުން މަދުކަމުންނާއި މުޖުތަމަޢުގެ ޤަބޫލުކުރުންތައް ހުންނަގޮތުން އަދިވެސް އަސްކަރިއްޔާގައި ބައެއް ދާއިރާތަކުން އަންހެން ސިފައިން ފެންނަ މިންވަރު މަދެއެވެ. އަސްކަރިއްޔާގައި ޚިދުމަތްކުރުމަށް ދިވެހި ކަނބަލުންނަށް އޮތް ރަނުގެ ފުރުޞަތުގެ ބޭނުން ހިފަންޖެހެއެވެ. ވޭތުވެދިޔަ ތަނުގައި އަންހެން ސިފައިން ދައްކައިދީފައިވާ ޤާބިލުކަމާއި ކެރުމާއި ހިތްވަރާއި ހޯދާފައިވާ ކުރިއެރުންތަކުން ހިތްވަރު ހޯދަންޖެހެއެވެ. ދިވެހި އަސްކަރިއްޔާގައި އޮތް މިންތީގެ ހަމަހަމަކަމާ އެކު ދިވެހި ޤައުމަށް ޚިދުމަތްކުރުމުގެ ކަމަރު ދިވެހި ކަނބަލުން ބަނދެލާންޖެހެއެވެ.

ޝެއަރކުރެއްވުމަށް