ޤަރުނަކަށް ވުރެ ގިނަ ދުވަސްވީ މި މުއައްސަސާގެ ތަރައްޤީގެ ދުވެލި އޭގެ އެންމެ ހަލުވި މިނުގައި ތަރައްޤީވެ ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކީ، ޝައްކެއް ވެސް ނެތް ގޮތުގައި، މުއައްސަސާގެ ހީވާގި ކަނބަލުންނެވެ. ފަހަކަށްއައިސް، ދިފާޢީ ޚިދުމަތްތެރިންގެ ގޮތުގައާއި، އަނބިންގެ ގޮތުގައާއި، އަސްކަރީ އަދި މަދަނީ ޚިދުމަތް ފޯރުކޮށްދިނުމުގައާއި މުއައްސަސާއާއި ޢާއިލާތަކުގެ ގުޅުން ބަދަހިކޮށް ހަރުދަނާވެގެން ދިޔުމުގައި އަންހެން ސިފައިން އަދާކޮށްދީފައިވަނީ ވަރަށް ވެސް މުހިންމު ދައުރެކެވެ. ވޭތުވެދިޔަ ދިހައަހަރު ދުވަހުގެ ތެރޭގައި މުއައްސަސާގެ ހަރަކާތްތަކުގައި އެ ކަނބަލުންގެ ބައިވެރިވުން ފެންނަމުންދަނީ މިއިން ދުވަހަކު ނުފެންނަހާ ފުޅާކޮށެވެ. ސިފައިންގެ ތެރޭގައި ސިފައިން ކުރަމުންދާ ބުރަ އަދި ބަރު ޑިއުޓީތަކާއި އަސްކަރީ ތަމްރީނުތަކުގައި ވެސް އެކަނބަލުން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ. މިއަދު ސިފައިންގޭގައި ވަރަށް ގިނަ ދާއިރާތަކެއްގައި، ފިރިހެން ސިފައިންނެކޭ އެއްފަދައިން އަންހެން ސިފައިން ހަރަކާތްތެރިވަމުން އެބަގެންދެއެވެ. ފަންނީ ތަފާތު ދާއިރާތަކުގައާއި، ކުޅިވަރުގެ މައިދާނުގައި އަދި އަސްކަރިއްޔާއަށް ފަޚުރުވެރި ޝަރަފާއި ވަނަތައް ހޯދައިދެމުންގެންދާ ކުޅަދާނަ އަންހެން ސިފައިން އެބަ ތިއްބެވިއެވެ.
މިދިޔަ އަހަރަކީ ވެސް، އަންހެން ސިފައިންގެ ނަން، ސިފައިންގެ ތާރީޚުގައި ފަވާލެވިގެން ދިޔަ އަހަރެކެވެ. ދިވެހި އަސްކަރިއްޔާގެ ރިޔާސީ ކުރުނީހެއްގައި މިހާތަނަށް އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވެ، ތާރީޚުގެ ޞަފުޙާތަކުން ޖާގަ ހޯދައިފިއެވެ. މި ރިޔާސީ ކުރުނީހުގައި، ފިރިހެން ސިފައިންނާ އެއް ސަފެއްގައި، 17 އަންހެން ސިފައިން ބައިވެރިވިއެވެ. މީގެ ކުރިން، މިހާ ގިނަ އަދަދެއްގެ އަންހެން ސިފައިން ރިޔާސީ ކުރުނީހެއްގައި ބައިވެރިވެފައެއް ނުވެއެވެ. މި ރިޔާސީ ކުރުނީސް އެރުވުނީ، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމުން އެ މަނިކުފާނުގެ ޝަރަފުގައި 2021 ފެބްރުވަރީ 4 ވަނަ ދުވަހުއެވެ. މި ރިޔާސީ ކުރުނީހުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ޢަބްދުއްލަތީފް ޢަލީ (ސނ. 3238) އެވެ.
މޭޖަރ ޢަބްދުއްލަތީފް ޢަލީ ސިފަކުރެއްވި ގޮތުގައި، އަދުގެ އަންހެން ސިފައިންނަކީ ދިވެހި ސިފައިންގެ ތާރީޚު ބަދަލުކޮށްލާފައިވާ ހިތްވަރުގަދަ، އަޒުމު ވަރުގަދަ، ކެރޭ ހީވާގި ބައެކެވެ. އަދި، ފިރިހެން ސިފައިންނާ އެއް ސަފެއްގައި އަންހެން ސިފައިންގެ ބައިވެރިވުން މިއަދު ފެންނަމުންދާ ދިޔުމަކީ އެ ކަނބަލުންނަކީ ވެސް ދިފާޢީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ވެސް މުހިންމު އަދި ބޭނުންތެރި ބައެއްކަން އަދުގެ ލީޑަރޝިޕުން ބަލައިގެންފައިވާ ކަމުގެ ހެއްކެކެވެ. އޭގެއިތުރުން، ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި، ގިނަ އަދަދެއްގެ އަންހެން ސިފައިން ބައިވެރިވެލައްވައި، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޔާސީ ކުރުނީހުގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވުމުގެ ފުރުޞަތު ލިބިލެއްވުމަކީ، ވަރަށް ބޮޑު ފަޚުރެއް، އަދި ޝަރަފެއްގެ ގޮތުގައި މޭޖަރ ޢަބްދުއްލަތީފް ޢަލީ ދެކިލައްވައެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޝަރަފުގައި އެރުވި ރިޔާސީ ކުރުނީހުގައި ބައިވެރިވެލެއްވި އަންހެން ސިފައިން ދައްކުވައިދިނީ، އެ ކަނބަލުންނަކީ ވެސް މިއަދު ފިރިހެން ސިފައިންނާ އެއް ސަފެއްގައި ހަމަހަމަކަމާ އެކު ހަރަކާތްތެރިވެވިދާނެ ބައެއް ކަމެވެ. ފަރިތަކުރުމަށް ލިބުނު މަދު ވަގުތުކޮޅުގައި، ހިތްވަރާ އެކު ކުރި މަސައްކަތުން ފުރިހަމަ ހެވިކަމެއް ދައްކުވައިދިނެވެ.

ރިޔާސީ ކުރުނީހުގައި ބައިވެރިވި ސިފައިންނަށް ފަރިތަކުރުމަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި، އެ ސިފައިން ހެވިކަމަށް ފައްކާކޮށް ތައްޔާރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދެއްވީ ހެވިއެދުރުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި ރިޔާސީ ކުރުނީހުގައި ބައިވެރިވި ގިނަ އަންހެން ސިފައިންނަކީ މިފަދަ ރިޔާސީ ކުރުނީސް އެރުވުމުގެ އެއްވެސް ހަރަކާތެއްގައި މީގެ ކުރިން ބައިވެރިވި ފަރާތްތަކެއް ނޫނެވެ. އެހެން ނަމަވެސް، އަންހެން ސިފައިންނަށް ހެވިކަމުން ލިބިފައިހުރި ތަޖުރިބާއާއި ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިގެން ދިޔައީ، އެ ސިފައިންގެ ފަހަތުގައި ތިބެގެން ހެވިއެދުން ދެއްވި އިރުޝާދުގެ ސަބަބުންނެވެ. ސިފައިންނަށް ރިޔާސީ ކުރުނީސް ފަރިތަކޮށްދީ، އެކަމަށް ތައްޔާރުކޮށްދެއްވި ކުޅަދާނަ ހެވިއެދުރުންނަކީ، ސްޓާފް ސާޖަންޓް އިބްރާހީމް ރިޒްވާން (ސނ:3151) އާއި، ސާޖަންޓް ޔާސިރު އިބްރާހީމް (ސނ: 6178) އަދި ސާޖަންޓް ޙަސަން ފައްޔާޒް (ސނ:6723) އެވެ.
އަންހެން ސިފައިން ރިޔާސީ ކުރުނީހަށް ތައްޔާރުކޮށްދިނުމުގައި ހެވިއެދުރުން ކުރެއްވި މަސައްކަތާއި، އެ ބޭކަލުން ދެއްވި ޑެޑިކޭޝަން ރިޔާސީ ކުރުނީހުގެ ކޮމާންޑަރަކަށް ހުންނެވި މޭޖަރ ޢަބްދުއްލަތީފް ޢަލީ ވެސް ފާހަގަކުރެއްވިއެވެ.
2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ގުޅުވުމުގެ ރަސްމިއްޔާތުގެ ގާޑުގައި ބައިވެރިވި އަންހެން ސިފައިންގެ ތެރޭގައި ހިމެނިލައްވަނީ؛
- ޕްރައިވެޓް މަރިޔަމް ޝަޒްނާ ޢަބްދުއްރަޝީދު (ސނ: 7829)
- ޕްރައިވެޓް މަރިޔަމް ރީޝާ (ސނ: 7974)
- ޕްރައިވެޓް ފާތިމަތު ރިފާޝާ ނަސީމް (ސނ: 8002)
- ޕްރައިވެޓް ސަމާހަތު ޢަލީ (ސނ: 8043)
- ޕްރައިވެޓް ޢުލްފާ ޒާހިރު (ސނ: 8044)
- ޕްރައިވެޓް އައިޝަތު ރައްޔާ (ސނ: 8067)
- ޕްރައިވެޓް ފާތުމަތު ޙުމާމް (ސނ: 8068)
- ޕްރައިވެޓް އާމިނަތު އިނާފާ (ސނ: 8085)
- ޕްރައިވެޓް އަފްޝާ އާދަމް ސަލީމް (ސނ: 8090)
- ޕްރައިވެޓް އައިޝަތު ސަނާ ނިޒާމް (ސނ: 8105)
- ޕްރައިވެޓް މަރިޔަމް ނަފްހާ ޝަކޫރު (ސނ: 8113)
- ޕްރައިވެޓް އާމިނަތު ރިފާ (ސނ: 8131)
- ޕްރައިވެޓް ޙައްވާ ސޫރާ (ސނ: 8146)
- ޕްރައިވެޓް އާމިނަތު ޒުހާ (ސނ: 8148)
- ޕްރައިވެޓް އައިޝަތު ނަޖްލާ (ސނ: 8149)
- ޕްރައިވެޓް އާމިނަތު ވަރްދާ (ސނ: 8186)
- ޕްރައިވެޓް މާޝާ ޢަލީ ވަޙީދު (ސނ: 8190)
މީގެކުރިން ރިޔާސީ ކުރުނީސްތަކުގައި އަންހެން ސިފައިން ބައިވެރިވާ އަދަދު މަދުވި ނަމަވެސް، މިފަހަރު މިވަނީ އެކަން ބަދަލުވެގެން ގޮސްފައެވެ. މިއީ ފެށުމެއް ކަމުގައި ބަލަމާ ހިނގާށެވެ. ސިފައިންގެ ކަނބަލުންގެ ނިސްބަތް ސިފައިންގެ އާބާދީގައި މަދު ނަމަވެސް، އެ ކަނބަލުން ދަނީ ކޮންމެ ހަރަކާތެއްގައި ވަރަށް ވަރުގަދަ ހިތްވަރަކާއި ޖޯޝަކާއެކު، ދިވެހި އަސްކަރިއްޔާގައި ދިވެހި އަންހެނުން ވަރަށް ފުރިހަމައަށް ތަމްސީލު ކޮށްދެމުންނެވެ. އަންހެނުންގެ މަޤާމު މި މުއައްސަސާގައި ފުރިހަމައަށް ރަމްޒުކޮށްދެމުންނެވެ. ދިވެހި އަސްކަރިއްޔާގެ ކުރީ ސަފުން އަންހެން ސިފައިން ފެންނަން ފެށުމަކީ، މި މުއައްސަސާ ފަޚުރުވެރިވާ ކަމެކެވެ.
