ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުން 129 ވަނަ އަހަރު ގުނަމުންދާ އިރު އަންހެން ސިފައިން ހިމެނިގެންދަނީ އުމުރުން ވަރަށް ހަގު ބައެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ސިފައިންގެ ވަޒީފާއަށް އަންހެނުން ވެއްދުމަށް ސަރުކާރުން އިޢުލާނު ކުރެއްވީ 20 ނޮވެންބަރު 1988 ގައެވެ. މި އިޢުލާނާ އެކު ވަރަށް ގިނަ ބަޔަކު ވަޒީފާއަށް އެދި ސިޓީ ލީ ނަމަވެސް މީގެ ތެރެއިން އިންޓަވިއުކޮށް ސިފައިންގެ ވަޒީފާއަށް ހޮވުނީ 65 ކަނބަލުންނެވެ. މީގެތެރެއިން 64 ކަނބަލުން އަސާސީ ތަމްރީނު ކޯހަށްފަހު ސިފައިންގެ ޕްރައިވެޓެއްގެ ވަޒީފާ ހަމަޖައްސަވާފައިވަނީ 1 މާރިޗު 1989 ގައެވެ.
އެ ދުވަހުން ފެށިގެން އަންހެން ސިފައިންނަކީ ސިފައިންގެ ވަޒީފާގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވެލައްވާ ބައެކެވެ. ޕްރައިވެޓުން ފެށިގެން ލެފްޓިނެންޓް ކާނަލް ރޭންކާ ހިސާބަށް އެކި ރޭންކުތަކުގައި އަންހެން ސިފައިންދަނީ އެ ކަނބަލުންގެ ދައުރު ދައްކުވައިދެމުންނެވެ.
ސިފައިންގެ ތެރޭގައި ތިބި ކަނބަލުން، ސިފައިންގޭގައި ޚިދުމަތް ނުކުރައްވަނީ ކޮން ދާއިރާއަކުންތޯއެވެ؟ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. ސިވިލް އިންޖިނިއަރުންނާއި ލޯޔަރުންނެވެ. ބޮޑީގާޑުންނާއި އެކިއެކި މުބާރާތްތަކުގައި ޤައުމު ތަމްސީލުކުރަމުންދާ އެކި ކުޅިވަރު ކުޅޭ ކުޅުންތެރިންނެވެ. ފަޔަރ ފައިޓަރުންނާއި، އިންޖިނޭރުންނާއި، އިދާރީ ހިންގުންތެރިންނާއި، ފޮޓޯގްރާފަރުންނާއި، ޕްރެޒެންޓަރުންނާއި، ޤުރުއާނާއި ދިވެހި ބަހުގެ ޢިލްމުވެރިންގެ އިތުރުން ފަންނީ ތަފާތު ދާއިރާތަކުގެ ކަނބަލުން ސިފައިންގެ ޚިދުމަތުގައި އެބަތިއްބެވެ. އެކައުންޓިންގ ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ތިއްބެވި ކަނބަލުން ވެސް މަދެއް ނޫނެވެ. ދިވެހި އަސްކަރިއްޔާއަށް ރީތި ނަމާއި ފަޚުރުވެރި ވަނަތައް ހޯދައިދެމުންދާ ކަނބަލުން ހިމެނެއެވެ. މިއުޒިކާއި، ލަވަ ކިޔުމާއި، ބެރު ޖެހުމާއި، ނެށުމާއި، ތަމްސީލާއި ޑްރާމާ ކުޅުންފަދަ ފަންނީ ދާއިރާތަކުން ދިވެހި އަންހެން ސިފައިން ދައްކުވައިދިނީ، ފިސާރި ކެރިގެން ހުޝިޔާރު ކަންމަތީ ސާބިތުކަމާ އެކީ ފިރިހެނުންނާއި އެކީގައި ހަމަހަމަކޮށް މަސައްކަތް ކުރެވޭނެކަމެވެ. ސިފައިންގެ ތެރޭގައި އަންހެނުންގެ ނިސްބަތް ކިތަންމެ މަދު ނަމަވެސް އަންހެން ސިފައިންގެ ހުނަރާއި ޤާބިލުކަން ތަފާތު އެކި ދާއިރާތަކުން ދަނީ ފެންނަމުންނެވެ.
ފާއިތުވެދިޔަ އަހަރަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލިމަޑުކަމާ އެކު މުޅި ޤައުމު ހުއްޓުމަކަށް އައި އަހަރެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން ދިވެހި ފަސްގަނޑަށް ބީއްސާލި ދުވަހުން ފެށިގެން ސިފައިން އަންނަނީ އެންމެ ކުރީ ސަފުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. އެންމެ ފުރަތަމަ އޮޕަރޭޝަން ފެށުނު ދުވަހުން ފެށިގެން ވެސް އަންހެން ސިފައިން ވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން މުޅި މާލެ ސަރަޙައްދު ފުރަބަންދު ކުރުމާ އެކު ގޭގެއަށް ބޭނުންވާ އަސާސީ ތަކެތި ޑެލިވަރީ ކުރުމަށް ޓަކައި ހަރަކާތްތެރިވުމާއި ކޯވިޑް-19 ކަރަންޓީން ފެސިލިޓީތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރުން ހިމެނެއެވެ.
2021 ވަނަ އަހަރު ފެށިގެން އައީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ އުންމީދުގައެވެ. މަޑުމަޑުން ހަރުފަތަކަށްފަހު ހަރުފަތެއް މި މަސައްކަތުގައި ގިރާކުރަމުންދާއިރު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ އެންމެ ބޮޑު މަސައްކަތަކީ ކޯވިޑް ވެކްސިން ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތަށް އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް ހުޅުވާލާފައިވާއިރު ވެކްސިނޭޝަން ޕްރޮގްރާމުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ބަޔަކީ އަންހެން ސިފައިންނެވެ.
މި އަހަރަކީ ސިފައިންގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ އަހަރެކެވެ. ޚާއްޞަ ގޮތެއްގައި އަންހެން ސިފައިންގެ ޚިދުމަތް ރަން އަކުރުން ފަވާލެވިގެންދާ އަހަރެކެވެ. މި އަހަރު ފެށިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަންހެން ސިފައިންގެ ކުރިއެރުމަށް ވަނީ ގިނަ ކުރިއެރުންތަކެއް އައިސްފައެވެ. ގިނަ އަދަދެއްގެ އަންހެން ސިފައިން އޮފިސަރ ރޭންކަށް ޕްރޮމޯޓް ކުރައްވާފައިވާއިރު ސިފައިންގެ ލެފްޓިނެންޓް ކާނަލް ރޭންކަށް ތިން ކަނބަލަކު ވަނީ ޕްރޮމޯޓް ކުރައްވާފައެވެ. މިއީ ސިފައިންގެ ތާރީޚުގައި އަންހެން ސިފައިން، ސިފައިންގެ މިހާ ސީނިއަރ ރޭންކަކަށް ޕްރޮމޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑް ހާރސްޓްގައި ފުރަތަމަ ފަހަރަށް އޮފިސަރ ކެނޑިޑޭޓް ތަމްރީނު ކޯހެއް އަންހެން ކަނބަލަކު ފުރިހަމަ ކުރަމުން ދަނީ މި އަހަރުއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން އޮފިސަރުން އައްޔަން ކުރައްވާފައި މިވަނީ މި އަހަރު ތެރޭގައެވެ. މި ހުރިހާ ކަމަކުން ފެނިގެން ދަނީ އަންހެން ސިފައިންނަށް އޮތް ފުރުޞަތުތަކެވެ.
ސިފައިންގެ ތާރީޚުގައި އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި ތާރީޚީ ރިޔާސީ ކުރުނީސް އަރުވާފައިވަނީ މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައެވެ. 17 އަންހެން ސިފައިން ބައިވެރިވި ތާރީޚީ ރިޔާސީ ކުރުނީހަކީ ސިފައިންގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ އަންހެން ސިފައިން ބައިވެރިވެގެން ބޭއްވުނު ރިޔާސީ ކުރުނީހެވެ. މިހާ ގިނަ އަދަދެއްގެ އަންހެން ސިފައިން ބައިވެރިވި ރިޔާސީ ކުރުނީހުން ފާހަގަވެގެންދިޔަ އެއް ކަމަކީ އަދުގެ ލީޑަރޝިޕުން ފިރިހެން ސިފައިންނާއި އެއް ސަފެއްގައި އަންހެން ސިފައިންގެ ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދިނުންކަން ޔަޤީނެވެ.
ސިފައިންގެ ޚިދުމަތުގައި މިވަގުތު ތިއްބެވި ކަނބަލުންނަކީ ސިފައިންގެ ތާރީޚު ބަދަލުކޮށްލާނެ ފަދަ ހިތްވަރާއި ޢަޒުމާއި ޖޯޝު ހުރި ބައެކެވެ. އަންހެން ސިފައިންގެ ޚިދުމަތަށް 32 އަހަރު ފުރިގެންދާއިރު އެދެނީ ސިފައިންގެ ޚިދުމަތުގައި ތިއްބެވި ހުރިހާ އަންހެން ކަނބަލުންނަށް ފާގަތި ދުވަސްތަކަކަށެވެ.
