2021 ޖަނަވަރީ 7 ވީ ބުރާސްފަތި ދުވަހަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަންގައި ފަޔަރމަނުންތަކެއް ފުރާނަ އަތްމައްޗަށް ލައިގެން ހަރަކާތްތެރިވި ދުވަހެކެވެ. މާލޭ ސިޓީގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭގެ އެންމެ ބޮޑު ޕޯޓު ތެރޭގައި ހުރި ކޮންޓޭނަރެއްގެ ތެރެއިން ބިއްލޫރި ޝީޓުތަކެއް ނެރެން އުޅުމުގެ ތެރޭގައި، އެމްޕީއެލް މުވައްޒަފެއްގެ ގަޔަށް ބިއްލޫރި ޝީޓްތައް ވެއްޓި ކޮންޓޭނަރު ތެރޭގައި ތާށިވެ، މުޅި ޤައުމަށް ސިހުން ގެނުވިއެވެ. މި ދަނޑިވަޅުގައި އެ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ކުރީ ސަފުގަައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުންނެވެ. މި ހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު އިރު އެންމެ ބޮޑު އަނިޔާއެއް ލިބުނީ އޭގެ ތެރޭގައި ތާށިވީ މީހާއަށެވެ.
ހާދިސާގެ ރިޕޯޓު ލިބި ހަރަކާތްތެރިވުން:
އެމްޕީއެލްގެ މައިބަނދަރުގައި ހުރި ކޮންޓޭނަރެއްގައި މީހަކު ތާށިވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ 2021 ޖަނަވަރީ 7 ވަނަ ދުވަހުގެ ރޭ 19:46 ހާއިރުއެވެ. މާލޭ ފަޔަރ ސްޓޭޝަންގެ ކޮންޓްރޯލް ރޫމަށް މި މަޢުލޫމާތު ލިބުމާ އެކު ރެސްކިޔު ކަންކަމަށް ބޭނުންކުރާ ބައެއް އާލާތްތަކާ އެކު އެ ވަގުތު ’އެކޯ-39‘ ވެހިކަލްގައި ހަތަރު ފަޔަރމަނުން ހަރަކާތްތެރިވާން ފެށިއެވެ. މި ހަތަރު ފަޔަރމަނުން ސައިޓަށް ގޮސް އިތުރު މީހުން ބޭނުންވެދާނެ ކަމަށް ބަލައި އިތުރު ވެހިކަލެއް ވެސް އޭރު އޮތީ މާލޭ ފަޔަރ ސްޓޭޝަންގައި ތައްޔާރީ ޙާލަތުގައި ބާއްވާފައެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފަޔަރމަނުންގެ ޓީމުގައި އިންސިޑެންޓް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވީ، ސާޖަންޓް އިބްރާހީމް ހުޝާމް (ސނ:5355) އެވެ. މި ހާދިސާއަށް އެފްއާރުއެސްގެ ފަޔަރމަނުން އެމްޕީއެލް ސަރަޙައްދަށް ދިޔައިރު އައިޖީއެމް ހޮސްޕިޓަލްގެ ޕެރަމެޑިކުން ވެސް ވަނީ އެ ސަރަޙައްދަށް ގޮސްފައެވެ.

ތާށިވި މީހާ ސަލާމަތްކުރުމަށް ކުރި މަސައްކަތް:
ހާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ދިއުމުގެ ކުރިން އެތަނުގައި ކަން ހިނގައިދިޔަގޮތް މާ ބޮޑަށް ސާފުވާގޮތެއް ނުވިއެވެ. އެމްޕީއެލް ސަރަޙައްދުގައި ހުރި މީހަކު އެ މަޢުލޫމާތު ފަޔަރމަނުންނަށް ހިއްސާކުރަމުން ބުނީ، ބިއްލޫރި ޕެލެޓުތަކެއް ވެއްޓި މީހަކު ތާށިވެގެން އުޅޭ ވާހަކައެވެ. ނަމަވެސް އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން އިންސިޑެންޓް ކޮމާންޑަރު، ސާޖަންޓް އިބްރާހީމް ހުޝާމަށް ވިސްނުނީ މިއީ ފަސޭހައިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. މިއާ އެކު ލަސް ނުކޮށް ރެސްކިޔު އާލާތްތައް ގެނައުމަށް ޓަކައި ބެކަޕް ޓީމެއް ފޮނުވުމަށް ކޮންޓްރޯލް ރޫމަށް އެންގިއެވެ. އޭރު ފުރަތަމަ ދިޔަ ޓީމުގައި ހިމެނޭ ސާޖަންޓް މުޙައްމަދު ޖަޢުފަރު (ސނ:4997) ދިޔައީ ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށް ޓަކައި ކޮންޓޭނަރު ތެރެއަށް ވަދެ މަސައްކަތް ކުރަމުންނެވެ. އަދި ޕްރައިވެޓް ހުސައިން އިހުޝާމް (ސނ.7856) އާއި ޕްރައިވެޓް ޢަބްދުﷲ ޔާމީން (ސނ.7734) ދިޔައީ ބިއްލޫރި ޕެލެޓު ވެއްޓިފައިވާ މީހާގެ ގައިމަތީ އޮތް ބިއްލޫރިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ކޮންޓެއިނަރ ތެރޭ ތާށިވި މީހާ އޮތީ ބިއްލޫރި ޕެލެޓާއި ކޮންޓެއިނަރގެ ބިތަކާ ދޭތެރޭ ވަރަށް ބޮޑަށް ފިތިފައެވެ. އޭނާގެ މޭކަށިގަނޑާ ހިސާބުން ފިތިފައި އޮތްއިރު ޕެލެޓް މަތިން އަތް އަޅުވާލެވިފައި އޮތީ އަތުގެ ޒަޚަމްތަކާ އެކުއެވެ.
ރެސްކިޔު ބެކަޕް ޓީމު އިތުރު އާލާތްތަކާ އެކު އެ ސަރަޙައްދަށް އައުމުން، ކުރަމުންދިޔަ މަސައްކަތް އިތުރަށް ހަލުވިވެގެން ދިޔައެވެ. މި ޓީމުގައި ހިމެނެނު ސީނިއަރ ފަޔަރމަން، ސްޓާފް ސާޖަންޓް ޝާހީން މުޙައްމަދު (ސނ:5271) އާއި ސްޓާފް ސާޖަންޓް އަޙްމަދު ފިރުޝާން (ސނ:4227) އާއި ސާޖަންޓް މުޙައްމަދު ޖައުފަރު (ސނ:4997)، ކޮންޓޭނަރު ތެރެއަށް ވަދެ ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށް ހަރަކާތްތެރިވާން ފެށިއެވެ. މިގޮތުން ވެއްޓިފައިވާ ބިއްލޫރި ޝީޓުތަކުގެ މައްޗަށް އެރުމުގައި އަނިޔާވެފައިވާ މީހާއަށް އިތުރު ބުރައަކަށް ނުވާނެހެން، ވަރަށް ސަމާލުކަން ދީގެން މަސައްކަތްކުރަމުން ގެންދިޔަކަން އިންސިޑެންޓް ކޮމާންޑަރު ފާހަގަކުރެއްވިއެވެ.

”ތާށިވެފައި އޮތް މީހާގެ ގައިމައްޗަށް ބިއްލޫރި ޕެލެޓު ވެއްޓި ޕެލެޓުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައި. އޭރު ތާށިވެފައި އޮތް މީހާ، އޭނާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރަމުންދޭ. އަޅުގަނޑުމެން ވަރަށް ވާހަކަ ދެއްކިން އޭނާ ހަމަޖައްސައިދެވޭތޯ. މާތް ﷲ ގެ އިރާދަފުޅުން އިތުރަށް ގެއްލުމެއް ނުލިބި އޭނާ ސަލާމަތް ކުރެވުނު.“ ސާޖަންޓް އިބްރާހީމް ހުޝާމް ހާމަކުރެއްވިއެވެ.
ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށް ކޮންޓޭނަރު ތެރޭގައި ހަރަކާތްތެރިވި ތިން ބޭކަލުން ވެސް ކޮންޓޭނަރު ތެރެއަށް ވަތްއިރު ވެއްޓިފައިވާ ބިއްލޫރި ޕެލެޓުގެ އިތުރުން، އިތުރު ޕެލެޓެއްގެ ވާގަނޑު ކަނޑައިގެން ގޮސް ވެއްޓިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. އެ ޕެލެޓު ވެއްޓިއްޖެނަމަ ރެސްކިޔު އޮޕަރޭޝަން ފެއިލް ވެދާނެކަމަށް ޓަކައި ފުރަތަމަ ވެސް ފަޔަރމަނުންގެ ޓީމުން ވަނީ އެ ޕެލެޓުގައި ލަކުޑި ވިއްދައި ނުވެއްޓޭނެ ގޮތް ހަދާފައެވެ. އަދި ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށް ޓަކައި އޭނާ ގައިމައްޗަށް ވެއްޓިފައިވާ ބިއްލޫރި ޝީޓުތައް ނެގުމުގެ މަސައްކަތްތައް އޭރު ވެސް ދިޔައީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރަމުންދިޔައިރު ފަޔަރމަނުން ބޭނުންކުރަމުންދިޔަ އަންގިތަކަށް ބިއްލޫރިކޮޅުތައް ވަދެ، އެކިވަރުގެ އަނިޔާތައް ފަޔަރމަނުންނަށް ލިބުނެވެ.
”ތާށިވެފައިވާ މީހާގެ ގައިމައްޗަށް ބިއްލޫރި ޕެލެޓު ވެއްޓިފައި އޮތްއިރު އެ މީހާއަށް އިނީ އިށީނދެވިފަ. އެހެން އިނުމުގެ ސަބަބުން ބަނޑު ފިތި ނޭވާ ލާން އޭނާއަށް އުނދަގޫވާކަމަށް ބުނޭ. އަދި ސަލާމަތްކޮށްދިނުމަށް އަޅުގަނޑުމެން ކައިރީ ރޮއެ އާދޭސްކުރޭ. އަޅުގަނޑުމެން ވެސް އޭނާ ހަމަޖެއްސުމަށް ޓަކައި ވަރަށް ވާހަކަ ދައްކަން. އަދި އޭނާގެ ޙާލަތު ގޯސް ނުވާނެހެން ޕެރަމެޑިކުން އޮކްސިޖަން ވެސް ވަނީ ދީފައި.“ އިންސިޑެންޓް ކޮމާންޑަރު ހާމަކުރެއްވިއެވެ.

ގާތްގަނޑަކަށް ޓަނަކާ ގާތްކުރާވަރުގެ ބަރުދަން ހުރި ބިއްލޫރި ޝީޓުތައް ވެއްޓިފައިވުމުން ތާށިވެފައިވާ މީހާ ނެގުމަށް އިތުރު ދަތިތަކެއް ކުރިމަތިވިއެވެ. މިކަމާ ގުޅިގެން އެމްޕީއެލްގެ ސީނިއަރ ބޭފުޅުންނާ ކުރި މަޝްވަރާތަކުގެ ތެރެއިން ކޮންޓޭނަރުގެ އެއްފަޅިން ކަފާލައިގެން އެމީހާ ސަލާމަތްކުރުމަށް ވެސް ފަޔަރ ފައިޓަރުންގެ ރެސްކިޔު ޓީމުން ދިޔައީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގޭސް ކަޓަރު ބޭނުންކޮށްގެން ތާށިވެފައިވާ މީހާ އިން ފަޅިން ކެފުމުގެ މަސައްކަތް ފަރުވާތެރިކަމާ އެކު ފެށިއެވެ. އެކަމުގެ ސަބަބުން، މާ ގިނައިރުތަކެއް ނުވެ ކޮންޓޭނަރު ތެރޭގައި ދުން ބޯވެ ތާށިވެފައިވާ މީހާއަށް ވެސް ނޭވާލާން އުނދަގޫވުމާ އެކު ކޮންޓޭނަރު ކަފާލައިގެން އެމީހާ ސަލާމަތް ކުރުމަކީ އުނދަގޫ ކަމެއްކަމަށް ނިންމައި، ބިއްލޫރި ޝީޓުތައް ނަގައި އެމީހާ ސަލާމަތްކުރުމަށް އިތުރު މަސައްކަތްތަކެއް ފަޔަރމަނުންގެ ޓީމުން ފެށިއެވެ. މިގޮތުން އެކި ސައިޒުތަކަށް ހުރި ބިއްލޫރި ޝީޓުތައް ނަގައި، ތާށިވެފައިވާ މީހާ ސަލާމަތްކުރެވިފައިވަނީ އެރޭ ގާތްގަނޑަކަށް 21:00 ހާއިރުއެވެ.

ޕެރަމެޑިކަށް ފަޔަރމަނުންގެ ތަޢުރީފު:
މި ހާދިސާގައި ތާށިވި މީހާ ސަލާމަތްކުރުމަށް ކުރެވުނު ބުރަ މަސައްކަތުގައި ހަރަކާތްތެރިވި، އައިޖީއެމް ހޮސްޕިޓަލުގެ އަންހެން ޕެރަމެޑިކަށް އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމުންގެ ޓީމުން ވަނީ ތަޢުރީފު ކޮށްފައެވެ. މިފަދަ ހާދިސާތަކުގައި އަންހެން ޕެރަމެޑިކުން އެޓެންޑު ވަނީ މަދު ފަހަރަކުކަން ފާހަގަކޮށް، މި ހާދިސާއަށް އެޓެންޑުވި ޕެރަމެޑިކު ދައްކުވައިދިން ހިތްވަރާއި ކެތްތެރިކަން ފަޔަރމަނުންގެ ޓީމުން ފާހަގަކުރިއެވެ.
”އަޅުގަނޑުމެން އެ މީހާ ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު ތާށިވެފައިވާ މީހާ އިރުއިރުކޮޅުން ގޮވާ އަހަރެން މަރުވަނީއޭ ސަލާމަތްކޮށްދޭށޭ. ނޭވާލާން އުނދަގޫވާ ވާހަކަ ވެސް ވަރަށް ގިނައިން ބުނޭ. މި ހުރިހާ ޙާލަތެއްގައި ވެސް ޕެރަމެޑިކް ކެތްތެރިކަމާ އެކު މުޢާމަލާތު ކުރަމުން ގެންދިޔައީ. އަދި ތާށިވެފައިވާ މީހާއަށް ދޭން ޖެހޭ ފުރިހަމަ ސިއްޙީ ފަރުވާ ދިޔައީ ދެމުން.“ އިންސިޑެންޓް ކޮމާންޑަރ ހާމަކުރެއްވިއެވެ.
އާންމު ރައްޔިތުންގެ ޚިދުމަތުގައި ނަމޫނާ ބައެއް:
ސިފައިންނަކީ އާންމު ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެކެވެ. އާންމު ރައްޔިތުންގެ އެންމެ އިސް މަދަދުޤާރުންނެވެ. އެމްޕީއެލްގެ ތެރޭގައި ހުރި ކޮންޓޭނަރެއްގެ ތެރޭގައި ބިއްލޫރި ޝީޓު ވެއްޓިގެން ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށް އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތެކެވެ. އެ ފަޔަރފައިޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ވެސް ކޮންޓޭނަރު ތެރެއަށް ވަނީ ޖެހިލުމެއް ނެތިއެވެ.
މި ޤައުމަށް ދިމާވާ ކޮންމެ ދަތި އުނދަގޫ މިފަދަ ޙާލަތެއްގައި އެބައެއްގެ މޭ އައްޑަނައަކަށް ހަދައިގެން ގަދަވަޔާއި ވިއްސާރަޔާއި އަނދިރިކަމާ ނާމާންކަމުގައި ދިވެހި ސިފައިން ނިކުމެ ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބެނީ އަމިއްލަ ފުރާނައަށްވުރެ ޤައުމީ ޚިދުމަތް އިސްކޮށްގެންނެވެ.
