އެކުވެރިންނާ ރައްޓެހިން މިތުރުންގެ ހިތް ކުދިކުދި ވިޔޭ
އެކުއުޅުނު އެންމެން ލޮލުން ލޭކަރުނަތައް ފޫއްދާލިޔޭ

ޢާއިލާއާ ރަށުގެ އެންމެން ވަކިވުމުން ތިޔަ ”ބޭފުޅާ“
ދާއިމީ ތިޔަ މާތް ވަދާއަށް ހެޔޮ ދުޢާތައް ކޮށްފިޔޭ

އަސްކަރީ ޚިދުމަތުގެ އަގުހުރި އެކުވެރިންނާ ބައިވެރިން
ލަޝްކަރަށް ކުރި އަސަރުގައި އަމަލީގޮތުން ބައިވެރިވިޔޭ

ކުއްލި ހައިރާންކަން ގެނުވި ޚަބަރާއެކީ ހިތް ދަތިވެގެން
ދުއްލިސާ މި ޙަޔާތުގައި ނިވިދިޔަ ގޮތުން އޮހިގެންފިޔޭ

ހިތްވަރާ ޢަޒުމުގެ ނަމޫނާ ދައްކަމުން ދިޔަ ތިޔަ ”މެރިން“
ހިތްތަކާ ރޫޙާއެކީގައި އެންމެ ފުނުގައި ވާނެޔޭ

ކޮންމެ ކަމަކަށް އިސްނަގާ ކުރިމަތިލަމުން ކުރިއަށް އަރަން
އޮންނަ އުންމީދީ ޢަޒުމް އަބަދާއަބަދު ފާހަގަ ވެޔޭ

އަސްކަރީ ޚިދުމަތުގެ ތެރެއިން ފަޚުރުވެރި ޅަޒުވާނަކަސް
ބަސްއަހާ އަޚްލާޤުގައި މާތް ދަރިއަކަށް ހޮވިފައި ވެޔޭ

ޖައްލަރައްބީ ހަޟްރަތަށް ކުރަމޭ ދުޢާ މަޑުމޮޅި ހިތުން
ޖަންނަތުލް ފިރުދައުސުގައި ފާރިޝް އަބަދު ލައްވާށިއޭ

ޝެއަރކުރެއްވުމަށް