ލ. ކައްދޫގެ އިރުމަތީ ފަރާތު މޫދަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ސިފައިންގެ މީހަކު ގެއްލުނު ޚަބަރު، ވެގެންދިޔައީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެގެން ދިޔަ ޚަބަރަކަށެވެ. ގެއްލިގެން ހޯދަމުންދަނީ، މަސް ހިފުމަށް ދިޔަ ހަތަރު ސިފައިންގެ ތެރެއިން، މެރިން ޑިޕްލޯއީމަންޓް ޔުނިޓް 1 ގައި މަސައްކަތްކުރެއްވި ލާންސް ކޯޕްރަލް ޙުސައިން ފާރިޝް (ސނ: 7613) ކަން ފަހުން އެނގުނެވެ. އެ ވާހަކަ އަޑުއިވުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވަރު ފަހުން ދެން ލިބުނީ ހިތާމަވެރިއިން ފުރިގެންވީ ޚަބަރެކެވެ. އާދެ، ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ނިޔާވެފައި އޮއްވައި ކަނޑު އަޑިން އޭނާގެ ފުރާނަނެތް ހަށިގަނޑު ނެގި ޚަބަރެވެ.

ލ. އަތޮޅު މައިބާދޫއަށް އުފަން ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ކުއްލި ގޮތަކަށް ނިޔާވި ޚަބަރު ވެގެންދިޔައީ ޤަބޫލުކުރަން ދަތިވި ވާހަކައަކަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިނގި އެ ހިތާމަވެރި ހާދިސާގެ ކުރިން އޭނާ ހުންނެވީ ހެޔޮ ހާލުގައެވެ. ރަހުމަތްތެރިންނާ އެކު ހީސަމާސާކުރައްވާށެވެ. އެހެންކަމުން، އެކަން ވެގެންދިޔައީ، އޭނާގެ ޢާއިލާއަށާއި، ރައްޓެހިންނަށް ލިބިގެންދިޔަ ވަރަށް ހިތާމަވެރި އަދި ސިހުމެއް ގެނުވި ޚަބަރަކަށެވެ. ލާންސް ކޯޕްރަލް ޙުސައިން ފާރިޝްގެ ކުއްލި ވަކިވެ ދިޔުމުން ސިފައިންނަށް ވެސް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިގެންގޮސްފައެވެ. ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ނިޔާވި އިރު، އުމުރަކީ އެންމެ 28 އަހަރެވެ.

ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ގެއްލުނު ޚަބަރު ލިބުނީ މާރިޗު 30 ވަނަ ދުވަހުގެ ހަވީރު 17:40 ހާއިރުއެވެ. އެ ޚަބަރާ އެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. އެ މަސައްކަތްކުރަމުން ދަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް ލާންސް ކޯޕްރަލް ޙުސައިން ފާރިޝްގެ ހަށިގަނޑު ފެނުނީ ކަނޑުގެ 12 މީޓަރު އަޑިން އެރޭ 20:50 ހާއިރުއެވެ.

ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ގެއްލުނީ، އޮފް ޑިއުޓީގައި ރައްޓެހި ތިން ސިފައިންނާ އެކީ މަސްހިފަން ފީނަން ގޮސްއުޅެނިކޮށް، އޮއިގަނޑެއްގައި ޖެހި އަޑިއަށް ދަމައިގަތް ވަގުތުއެވެ. އެ ވަގުތު، ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ސަލާމަތްކުރުމަށް އޭނާ ކައިރީގައި އޮތް ޕްރައިވެޓް ޔަޝާއު އާދަމް މަސައްކަތް ކުރެއްވިއެވެ. ލާންސް ކޯޕްރަލް ފާރިޝް ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތުގައި ޕްރައިވެޓް ޔަޝާއު ވެސް ގެނބި، ފަހުން، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެއެވެ.

ލާންސް ކޯޕްރަލް ފާރިޝްއަކީ ރައްޓެހިންނަށް ވަރަށް ހިތްހެޔޮ ޒުވާނެކެވެ. ޢާއިލާއާއި ގާތްތިމާގެ މީހުންނަށް އޯގާތެރި ބޭކަލެކެވެ. މަޑުމައިތިރި އަޚްލާޤު ރަނގަޅު ސޯލްޖަރެކެވެ. ޚިދުމަތުގައި ކުރިއަށް ދިޔުމަށް ގަދައަޅައި މަސައްކަތްކުރެއްވި މެރިންސްއެކެވެ. ލާންސް ކޯޕްރަލް ފާރިޝްގެ ވަކިވެ ދިޔުމަކީ، ގައިން ބައެއް އުނިވެގެންދިޔުން ފަދަ ކަމެއްގެ ގޮތުގައި އޭނާގެ ބައެއް ރައްޓެހިން ސިފަކުރިއެވެ.

ލާންސް ކޯޕްރަލް ފާރިޝް ނިޔާވިއިރު، ސިފައިންގެ ޚިދުމަތަށް 4 އަހަރާއި 5 މަހާއި 19 ދުވަސް ވަނީ ވެފައެވެ. 63 ވަނަ އަސާސީ ތަމްރީނު ކޯހަށްފަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ފުރިހަމަކުރެއްވި ތަމްރީނުތަކުގެ ތެރޭގައި ރެސްކިޔު ސްވިމިންގ ކޯހުގެ ގޯލްޑް ޕެކޭޖްއާއި، މެރިން ކޯރ ބޭސިކް ކޯހާއި، ކައުންޓަރ ޓެރަރިޒަމް ކުލޯސް ކުއާޓަރ ބެޓަލްސް ކޯސް ހިމެނެއެވެ. އޭނާ ނިޔާވި ހިތާމަވެރި ހާދިސާ ހިނގީ، ތިން ހަފުތާގެ މުއްދަތަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި ހިންގަމުންދިޔަ ކްލޯސް ކްއޯޓަރ ބެޓެލް އިންސްޓްރަކްޓަރ ތަމްރީނު ފުރިހަމަކުރައްވަމުން ދަނިކޮށެވެ.

ފަސް ދަރިން ތިބި ޢާއިލާއަކަށް ނިސްބަތްވާ ލާންސް ކޯޕްރަލް ފާރިޝްއަކީ އެ ޢާއިލާގެ އެންމެ ދޮށީ ބޭފުޅާއެވެ. ނިޔާވިއިރު، ލާންސް ކޯޕްރަލް ޙުސައިން ފާރިޝް ޒަވާޖީ ޙަޔާތެއް ފައްޓަވާފައި ނުވެއެވެ.

ލާންސް ކޯޕްރަލް ފާރިޝް ވަކިވެގެން ދިޔައީ އެތައް ހަނދާންތަކެއް ދޫކުރައްވައިފައެވެ. އެއީ، ހިތްހެޔޮ ރަހުމަތްތެރިއެކެވެ. އެތައް ބައެއްގެ ގާތް އަޚެކެވެ.

ލާންސް ކޯޕްރަލް ފާރިޝްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށިއެވެ. އާމީން!

***

ގުޅުންހުރި ލިޔުންތައް

ޅެން: ލާންސް ކޯޕްރަލް ޙުސައިން ފާރިޝްގެ ހަނދާނުގައި

ޝެއަރކުރެއްވުމަށް