ވެކްސިނަކީ މުޅި ދުނިޔޭގައި ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރާ އެއްޗެކެވެ. އެންމެ ފުރަތަމަ ވެކްސިނެއް ދުނިޔެއަށް ހޯދާފައިވަނީ ވެކްސިން ނުވަތަ އިމިއުނޮލޮޖީގެ ބައްޕަކަމަށްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޑޮކްޓަރ (ފިޒިޝަން) އެޑްވާރޑް ޖެނަރއެވެ. ޖެނަރގެ މި ހޯދުން އޭނާ ހޯދާފައިވަނީ 1796 ވަނަ އަހަރުގައި މީގެ 224 އަހަރު ކުރިންނެވެ. އެ ދުވަސްވަރަކީ މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކަށިވިދުރި ފެތުރެމުންދިޔަ ދުވަސްވަރެކެވެ. ބޮލުގައި ރިއްސައި، ވަރުބަލިވެ، ވަރަށް ގަދައަށް ހުންއައިސް ދޮސްފޮޅުތަކެއް މުޅި ގައިގައި ނަގާ ނުރައްކާތެރި މި ބަލީގެ ސަބަބުން އެތައް ބައެއްގެ ލޯ ވެސް އަނދިރިވިއެވެ. މުޅި ދުނިޔެ ބިރުން ހަދާނެ ގޮތް ހުސްވި އިރު، މި ބަލިޖެހުނު ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ބައްޔަށް އެއްވެސް ފަރުވާއެއް ނުހޯދުނުތާ، ރައްކާތެރިވުމުގެ ގޮތުން ކުރާނެ ކަމެއް ވެސް ފެނިފައެއް ނުވެއެވެ. އިނގިރޭސި ރާނީ، އެލިޒަބަތު I އަދި އެމެރިކާގެ ފުރަތަމަ ރައީސް، ޖޯޖް ވޮޝިންޓަނަށް ވެސް މި ބަލި ޖެހިވަޑައިގަތެވެ.

މުޅި ދުނިޔެ ހާސްކަމުގެ ތެރޭގައި ވީ ނަމަވެސް މި ނުރައްކާތެރި ބަލިން ރައްކާތެރިކަން ލިބިފައިވާ ބަޔަކު އޭރު ދުނިޔޭގައި އުޅެމުން ދިޔައެވެ. އެއީ ޑެއިރީ މެއިޑްސް ނުވަތަ ބަކަރި ހުއިހައްޕާ ބައެކެވެ. މި މީހުންނަކީ ކަށިވިދުރި ނުޖެހުންކަމުގައި ވިޔަސް ގެރީގެ ސަބަބުން ޖެހޭ އޭގެ ނުރައްކާ ކުޑަ ބައްޔެއް ކަމަށްވާ ކައު ޕޮކްސް ޖެހިފައިވާ ބައެކެވެ. ކައު ޕޮކްސް ޖެހުމުން އަތުގައި އެކަނި ދޮސްފޮޅުތަކެއް ހުރެއެވެ. އެޑްވާރޑް ޖެނަރއަށް މިކަން ފާހަގަ ކުރެވުމުން އެތަނުން ބަކަރި ހުއިހައްޕާ މީހެއްގެ އަތުގައި އިން ދޮސްފޮޅެއްގެ ތަކެތި 8 އަހަރުގެ ކުއްޖެއްގެ އަތުން ކަފާލެވިފައިވާ ތަނަކަށް އެޅިއެވެ. މި ކުއްޖާ ކުޑަކޮށް ހުން އައިސް ރަނގަޅުވިއެވެ. އަދި އޭގެފަހުން ކަށިވިދުރި ވައިރަސް ކުއްޖާއަށް ހަމަ އެގޮތަށް ދެވުނެވެ. އެކަމަކު އެއްވެސް ވަރަކަށް މި ކުއްޖާއަށް ކަށިވިދުރީގެ އެއްވެސް އަސަރެއް ކޮށްފައި ނުވެއެވެ. މި ދުވަސް ވެގެންދިޔައީ ވެކްސިންގެ ފެށުން ދުނިޔެއަށް އައި ދުވަހަށެވެ. މި ހޯދުމަށްފަހު ފަރަންސޭސި ސިފައިންގެ ޖެނެރަލެއް ކަމުގައިވާ ނެޕޯލިއަން ބޮނަޕާރޓް ވަނީ އޭނާގެ މުޅި ލަޝްކަރު ވެކްސިން ޖެހުމަށް ވެސް އަމުރުކޮށްފައެވެ. އަދި މި މުހިންމު ހޯދުމުގެ ސަބަބުން 1980 ގައި ކަށިވިދުރި މުޅި ދުނިޔެއިން ނައްތާލެވުނެވެ.

ވެކްސިނަކީ އިންސާނާ ހަށިގަނޑުގެ ދިފާޢީ ނިޒާމާ ގުޅުންހުރި އެކިއެކި ނުރައްކާތެރި ބަލިތަކުން އިންސާނުންގެ ހަށިގަނޑު ރައްކާތެރިކޮށްދޭ މުހިންމު އެއްޗެކެވެ. މިހާރު ދުނިޔޭގައި 20 އަށްވުރެ ގިނަ ނުރައްކާތެރި ބަލިން އިންސާނުން ރައްކާތެރި ކޮށްދިނުމުގެ މުހިންމު ރޯލެއް ވެކްސިން އަދާކުރެއެވެ. އަދި ޑެޕްތީރިޔާ، ޓަޓްނަސް، ޕަރޓުސިސް، އިންފްލުއެންޒާއާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތަކުން މުޅި ދުނިޔެއިން އަހަރަކު 2 ނުވަތަ 3 މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކޮށްދެއެވެ. އިމިއުނައިޒޭޝަނަކީ ވެކްސިނެއް ހަށިގަނޑަށް ފޯރުކޮށްދިނުމާ އެކު ހަށިގަނޑުގައި އޭގެ ޖަރާސީމު ދެނެގަނެ ދިފާޢުވުމަށް ކުރާ މަސައްކަތާއި މުޅި ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އަންނަ ބަދަލެވެ. ދިވެހިރާއްޖޭގެ ޤައުމީ އިމިއުނައިޒޭޝަން ތާވަލުގައި ނުވައަކަށް ވުރެގިނަ ވެކްސިން މިހާރު ވެސް ޤަވާޢިދުން ދެމުންގެންދެއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ހާމަކުރާ ގޮތުގައި، އައު ވެކްސިނެއް އުފެއްދުމަށް އަހަރުތަކެއް ނަގައެވެ. އެކި ސަބަބުތަކާ އެކު ބައެއް ވެކްސިން އުފެއްދުމަށް 10 ނުވަތަ 15 އަހަރު ވެސް ނަގައެވެ. އަދި ބާޒާރާ ހަމައަށް ވެކްސިނެއް އައުމުގެ ކުރިން އޭގެ ޕްރީ-ކްލިނިކަލް ސްޓަޑީސްއިން ފެށިގެން ހިއުމަން ޓްރައިއަލް ސްޓަޑީސްއާ ހަމައަށް ހަ މަރުހަލާއެއް ހުރަސްކުރަން ޖެހެއެވެ. ޕްރީ-ކްލިނިކަލް ސްޓަޑީސް (1 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތެއް) ޖަނަވާރު ބޭނުންކޮށްގެން ޓެސްޓް ކުރުމަށް މަސައްކަތް ކުރެއެވެ. ކްލިނިކަލް ސްޓަޑީސްގެ ފޭސް I ގައި ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ޞިއްޙަތު ރަނގަޅު މަދު މީސްކޮޅަކަށް ޓެސްޓުކުރެވެއެވެ. ކްލިނިކަލް ސްޓަޑީސްގެ ފޭސް II ގައި ވެކްސިން އަމާޒުކުރާ އުމުރުފުރާ އަދި ދުޅަހެޔޮ ޞިއްޙަތެއްހުރި ބަޔަކަށް ޓެސްޓްކުރެވޭއިރު ކްލިނިކަލް ސްޓަޑީސްގެ ފޭސް III ގައި ވެކްސިންގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ބޮޑު އާބާދީއަކަށް މީހުން ބޭނުންކޮށްގެން ޓެސްޓު ކުރެވެއެވެ. ވެކްސިނެއް، ކްލިނިކަލް ސްޓަޑީސްގެ ތިން ފޭހުގައި އާންމު ގޮތެއްގައި 6 އަހަރާއި 7 އަހަރުގެ މުއްދަތެއް ހޭދަކުރެއެވެ. މީގެ ހަތަރުވަނަ ފޭހަކީ ޕޯސްޓް މާކެޓިންގ ސަރވައިލަންސް ފޭހެވެ. މި ފޭހަކީ، ވެކްސިންއަށް ލައިސަންސް ލިބުމަށްފަހު އެއް އާބާދީއަކަށް ދިގު މުއްދަތުގައި ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ޓެސްޓުކުރާ ފޭހެވެ. ވެކްސިނެއްގެ އެންމެ ފަހު ފޭހަކީ ހިއުމަން ޓްރައިއަލް ސްޓަޑީސްއެވެ. ވެކްސިނެއްގެ ރައްކާތެރިކަން ދެނެގަންނަނީ މި ހުރިހާ ފޭސްތަކެއްގައި އެ ވެކްސިން ޓެސްޓްކުރުމަށް ފަހުގައެވެ.

ވެކްސިން މަސައްކަތް ކުރަނީ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމު އެ ބައްޔަކުން ރައްކާތެރި ކުރުމުގައި މުޅި ހަށިގަނޑު ތަމްރީނުކޮށް ތައްޔާރު ކުރުމުގައެވެ. މިގޮތުން ހަށިގަނޑު ތަމްރީނުކޮށް ތައްޔާރުކުރުމަށް އެ ބަލި ޖައްސާ ޖަރާސީމުގެ (ވައިރަސް ނުވަތަ ބެކްޓީރިޔާ) ކޮންމެވެސް ބައެއް (އެންޓިޖިން) ވެކްސިނެއްގެ ގޮތުގައި ހަށިގަނޑަށް ތަޢާރަފު ކޮށްދެއެވެ. މި އެންޓިޖިން، ހަށިގަނޑުގެ ދިފާޢީ ނިޒާމު އެ ބަލިން ރައްކާތެރި ކުރުމަށް އެންޓިބޮޑީސް އުފައްދައެވެ. ވެކްސިންގެ ވައްތަރުތަކުގެ ތެރޭގައި ލައިވް އެޓެނުއޭޓަޑް ވެކްސިން (އަސްލު ބަލީގެ ބާރު ދަށް ކުރެވިފައިވާ ޖަރާސީމު ބޭނުންކޮށްގެން)، އިންއެކްޓިވް ވެކްސިން (މަރާލެވިފައިވާ ބަލި ޖައްސާ ޖަރާސީމު ބޭނުންކޮށްގެން)، ސަބްޔުނިޓް ވެކްސިން (ޖަރާސީމުގެ ޕްރޮޓިން ނުވަތަ ކާބޯހައިޑްރޭޓް ބޭނުންކޮށްގެން)، ކޮންޖުގޭޓް ވެކްސިން (ޖަރާސީމުގެ ބޭރު ފަށަލަ ބޭނުންކޮށް ކެމަރފްލާޖް ކޮށްގެން) އަދި ޑީއެންއޭ ވެކްސިން (ޑީއެންއޭ ބޭނުން ކޮށްގެން) ހިމެނެއެވެ.

ވެކްސިނުން ލިބޭ ގެއްލުން މަދުވެފައި، އޭގެ ފައިދާ ވަރަށް ވެސް ބޮޑެވެ. އެންމެ އާންމު ފައިދާގެ ތެރޭފައި ބޮޑެތި ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. މަދުން ނަމަވެސް ލައިވް ވެކްސިން ޖެހުމަށްފަހު ބައެއް މީހުންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ރިއެކްޓްވެ ބަލި ޖެހިފައި ވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ ބަލި ޖެހުމަށްފަހު އޭގެ ސަބަބުން އިތުރަށް އެބަލި ނުޖެހުމަށް ހަށިގަނޑު ތަމްރީނުކޮށް ތައްޔާރު ކޮށްދެއެވެ.

މިހާރު ދުނިޔޭގައި އެންމެ ބާރަށް އުފެއްދުމަށް މަސައްކަތް ކުރަމުންގެންދާ ކޮވިޑް-19 ވެކްސިންގެ ރޭހުގައި 151 ވެކްސިނެއް ހިމެނޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ ހާމަކޮށްފައެވެ. މީގެތެރެއިން 42 ވެކްސިން ކްލިނިކަލް ޓްރެއިލްސްގެ އެކި ހިސާބުގައި އޮތްއިރު 10 ވެކްސިނެއް މިހާރު އުޅެނީ ކްލިނިކަލް ޓްރެއިލްސްގެ ތިންވަނަ މަރުހަލާގައެވެ. ވޭތުވެގޮސްފައިވާ މާޒީގެ ތަޖުރިބާއަށް ބަލާއިރު ވެކްސިންގެ ޕްރީ-ކްލިނިކަލް ސްޓަޑީސް ކާމިޔާބު ވަނީ މީގެ އެންމެ 7 ޕަސެންޓް ވެކްސިންއަށެވެ. އަދި ކްލިނިކަލް ޓްރެއަލްސްއިން ކާމިޔާބު ވަނީ މީގެ 20 ޕަސެންޓް ވެކްސިނެވެ. ވެކްސިނެއް އުފެއްދުމަކީ ފަސޭހަކަމަކަށް ނުވާއިރު، ދުނިޔޭގެ އެކި އާބާދީތަކަށް އެކި ވެކްސިން ބޭނުންވެފައި ބައެއް ވެކްސިން، އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ކުރެއެވެ. ނަމަވެސް ހަމަ އެ ވެކްސިން އުމުރުން ދުވަސްވެފައިވުމާއި އުމުރު ދޮށިވުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވެފައި ވާތީ އުމުރުން ދުވަސް ވެފައިވާ ބައެއް މީހުންނަށް މަސައްކަތެއް ނުކުރެއެވެ.  މިހާރު ވެސް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާ ބުނާގޮތުގައި 25 ބަލިން އިންސާނުން ރައްކާތެރި ކުރުމަށް ވެކްސިން ތައްޔާރުކުރެވި ބޭނުން ކުރަމުންދެއެވެ.

ޝެއަރކުރެއްވުމަށް