އަސްކަރީ ޚިދުމަތާ ގުޅެން ދުވަހަކު ވެސް ވިސްނަމު ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ނަމަ ލިޔުމާ އެކު ކުރިއަށް ވަޑައިގަންނަވާށެވެ. ޖަވާބަކީ ނޫނެކޭ ނަމަ ތިޔަ ދޫކޮށްލައްވަނީ ރަނުގެ ފުރުޞަތެއްކަން ހަނދުމަފުޅު ބަހައްޓަވައިގެން މި ލިޔުން ވިދާޅުވާށެވެ. ޙަޤީޤަތަކީ އަސްކަރިއްޔާއަކީ މުޅި އުމުރު ދުވަހަށް ދެމިހުންނާނެ ފައިދާތަކެއް އެއާ ގުޅިފައިވާ ޚިދުމަތެއް ކަމެވެ.

އަސްކަރީ ޚިދުމަތުގެ ހިތަކީ ޤައުމީ ލޯތްބެވެ. ޤައުމީ ޖޯޝާއި ފޯރިއެވެ. ޤައުމުގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވޭ ހުވާގެ މަތީ ދެމިހުރުމެވެ. ކޮންމެ ފަދަ ޤުރުބާނެއް ވެގެން ވެސް ޤައުމު އިސްކުރުމެވެ. މިއިން ކޮންމެ ކަމެއް ގުޅިފައިވަނީ ރައްޔިތުންނަށް ދެވޭ މުހިންމު ޚިދުމަތާއެވެ. އެ ޚިދުމަތަކީ ފިސާރި ޝަރަފުވެރި ޚިދުމަތެކެވެ. ކޮންމެ ޒަމާނަކުން ވެސް ޤަބޫލުކުރި ޤަދަރުވެރި ޚިދުމަތެކެވެ. އެމެރިކާގެ ލީޑަރ ވޯލްޓާ ރޫތާ ވިދާޅުވެފައިވެއެވެ. ”މީހުންނަށް ޚިދުމަތްކުރުމަށް ވުރެ މޮޅު ވަޒީފާއެއް ނެތެވެ. ނިކަމެތިންނަށް އެހީވުމަށް ވުރެ ބޮޑު ޚިދުމަތެއް ނެތެވެ. އެ ކަން ރަނގަޅަށް ކުރުމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނެތެވެ.“ އަސްކަރީ ޚިދުމަތުން ކޮންމެ ރައްޔިތަކަށް ޔަޤީންކަން ދެނީ އެ ރައްޔިތަކަށް ޓަކައި އަސްކަރީ ޚިދުމަތް ތައްޔާރަށް އޮތް ކަމެވެ. ވަކި ފެންވަރެއް ނުބަލައި ކޮންމެ ފަރުދަކަށް އެހީތެރިވާނެ ކަމެވެ. އަދި އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރާ ކަމެވެ. އަސްކަރިއްޔާއާ ގުޅުމުން މި ދެންނެވި ހިތްހަމަޖެހުން ލިބިގަނެވޭނެއެވެ. މި އުފާ ހާސިލުކުރެވޭނެއެވެ.

އަސްކަރީ ޖަމާޢަތަކީ ދުނިޔޭގެ ނިސްބަތުން ވެސް ބިޔަ ޖަމާޢަތެކެވެ. ޤައުމެއްގެ ނިސްބަތުން ބެލި ނަމަވެސް ބޮޑު ޖަމާޢަތެކެވެ. އަސްކަރީ ތާރީޚަށް ބެލި ނަމަވެސް ދޮށީ ޖަމާޢަތެކެވެ. އެއަށްވުރެ ވަކިން އިންތިޒާމު ރަނގަޅު، އެއަށްވުރެ ވަކިން ހުނަރުވެރީން ތިބި، އެއަށްވުރެ ވަކީން ތަޖުރިބާކާރު ފަންނުވެރީން ތިބި އެހެން ޖަމާޢަތެއް އޮންނާތޯއެވެ؟ އޮތަސް އެ ޖަމާޢަތް ބަލިކުރެވިދާނެ ތޯއެވެ؟ އެހެންވެ އަސްކަރީ ޚިދުމަތާ ގުޅުން ބެލެވިފައިވަނީ ނަފުސަށް ލިބިގަނެވޭ ޝަރަފެއްގެ ގޮތުގައެވެ. ޢާއިލާތަކަށް ހޯދައިދެވޭ ޤަދަރެއްގެ ގޮތުގައެވެ. އެ ޚިދުމަތާ ގުޅުމަށް ފަހު ވަކިވެފައިވާ މީހަކަށް ތިބާ ވެއްޖެ ނަމަ އެ ވެވެނީ ދުނިޔޭގެ އެންމެ ގަދީމީ ކުލަބުގެ މެންބަރަކަށެވެ. އެންމެ ދުވަސްވީ ޝަރަފުވެރި ޖަމާޢަތުގެ ޚިދުމަތްތެރިއަކަށެވެ. މި ޚާއްސަ ގްރޫޕުގެ މެންބަރުންނާ ވާހަކަތައް ހިއްސާކޮށް، އެ މީހުންގެ ފަރާތުން ވާހަކަތައް އަޑުއަހައި ބަލައިގަތުން، ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ އެތައް ޖަމާޢަތަކާއި އެތައް ބަޔަކާ ނުބައްދަލު ތަޖުރިބާއެކެވެ.

އަސްކަރީ ޚިދުމަތަކީ ބާވާ ޚިދުމަތެއް ނޫނެވެ. ބޭނުން ކެނޑޭ ޚިދުމަތެއް ވެސް ނޫނެވެ. އެއާ ޚިލާފަށް އެއީ ދުވަސްވާ ވަރަކަށް ޚިދުމަތްތެރީން ބޭނުންވާ ޢަދަދު އިތުރުވާ ޚިދުމަތެކެވެ. ކުޑަކުޑަ މިސާލެކެވެ. އިޤްތިޞާދީ ބާރެއްގެ ގޮތުގައި ބެލެވޭ އެމެރިކާއަށް މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލާން ޖެހުނެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވިއެވެ. ދިރިއުޅުމުގެ ޚަރަދު ބޮޑުވިއެވެ. ނަމަވެސް އަސްކަރިއްޔާއިން މީހުން މަދު ކުރުމަކީ އާންމު އުސޫލެއް ނޫނެވެ. އެއާ ޚިލާފަށް ކޮންމެ ދުވަސްވަރެއްގައި ވެސް އަސްކަރީ ފުރުޞަތުގެ އަތް އޮންނަނީ ހުޅުވާލާފައެވެ. އެ އަތުން ހިފަނީ ދުޅަހެޔޮކަމާއި ތަފާތު ހުނަރުތަކުގައެވެ. ކެރުމާއި ހިތްވަރުގައެވެ. ޤައުމީ ލޯތްބާއި މުސްތަޤުބަލުގައެވެ. އެހެންވެ އަސްކަރިއްޔާގެ ވަޒީފާތަކަކީ ބޭނުންވެގެން، ކުރާނެ މަސައްކަތްތައް ހުރެގެން އުފައްދާ ވަޒީފާތަކެކެވެ. އެ ވަޒީފާތަކުގައި ބޭކާރު ބައެއް ނޯވެއެވެ. ކުނިބުންޏެއް ނުހުރެއެވެ. ހުންނަނީ ޚިދުމަތްތަކުގެ ފުރުޞަތުތަކެވެ. އެ ފުރުޞަތުތަކާ މެދު އޮންނަ ޔަޤީންކަމެވެ.

އަސްކަރިއްޔާއަށް ހުސްކުރާ ހޭދަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ޚަރަދުތަކުގެ އެއް ބަޔަކީ ޝަރަފުވެރި ޚިދުމަތްތެރީންގެ މުސާރައެވެ. ބައެއް ފަހަރު ފަހު ނޭވާ އަތްމައްޗަށް ލައިގެން ދޭން ޖެހޭ އެ ޚިދުމަތުގެ އަގާ މެދު ބައެއް މީހުން ސުވާލުކުރެއެވެ. އެ ސުވާލަށް އެކި ޤައުމުތަކުން ދެނީ އެކި ޖަވާބެވެ. ކުޑަ މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ އެމެރިކާގައި އަސްކަރީ ޚިދުމަތާ އަލަށް ގުޅޭ ސެކަންޑް ލެފްޓިނެންޓަކަށް އަހަރަކު 36،000 ޑޮލަރު ލިބެއެވެ. އެއީ ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ލިބޭ 3،000 ޑޮލަރު ނުހިމަނައެވެ. އެމެރިކާގެ އަސްކަރިއްޔާއަށް ވަންނަ މީހުންގެ ސްޓޫޑެންޓް ލޯނުން 65،000 ޑޮލަރާ ހަމައަށް މަޢާފުވެއެވެ. ބުނެވޭ ގޮތުގައި އަސްކަރިއްޔާއަކީ 20 އަހަރު ވަންދެން މަސައްކަތްކުރުމުން ފުލްކޮށް ޕެންޝަން ލިބޭ މަދު މުއައްސަސާތަކުގެ ތެރެއިން ތަނެކެވެ. މި އަގުތައް އެކި ޤައުމުތަކުގައި ތަފާތެވެ. މިއަށްވުރެ ބޮޑު އަގު ލިބޭ ޤައުމުތައް ވެސް އެބަ ހުއްޓެވެ. މި ކަންކަމުން ޔަޤީންވަނީ އަސްކަރީ ޚިދުމަތަކީ އެހެން މީހުންގެ އެހީއާ ހަމައަށް ތިމާ ދާއިރު ތިމާގެ އަމިއްލަ ޚިދުމަތުގެ ހިތްހަމަޖެހުން ލިބިގަނެވޭ ފަދަ ޚިދުމަތެއް ކަމެވެ.

އަސްކަރީ ޚިދުމަތުގެ ދިރުމަކީ ތަމްރީނާއި ޢިލްމާއި ތަރުބިއްޔަތެވެ. އަސްކަރިއްޔާގައި ތަފާތު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަމްރީނު ހޯދައި ޢިލްމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިވެއެވެ. އަދި ނުރަސްމީ ވަގުތުތަކުގައި އިތުރު ތަމްރީނުތައް ފުރިހަމަކުރުމުގެ މަގު ވެސް ހުޅުވެއެވެ. ތަފާތު އިނާޔަތްތަކާ އެކު ކޮލެޖު ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރާން ވެސް އަސްކަރިއްޔާތަކުން ބާރުއަޅައެވެ. ގިނަ ފަހަރަށް އިތުރު ތަމްރީނަށް ލިބޭ ފުރުޞަތުތަކަކީ ވަޒީފާގައި ކުރިއަރައި ދިއުމަށް ޓަކައި ވެސް ބޭނުން ހިފޭ ފުރުޞަތުތަކެކެވެ. މި ފުރުޞަތުތަކުން މަދަނީ ދިރިއުޅުމަކަށް އެނބުރި ދާން ވެސް އަމިއްލަ ނަފުސު ތައްޔާރުކޮށްދެއެވެ. އަދި އަސްކަރިއްޔާ ނޫން އެހެން ފަންނުތަކުގައި ތިމާ ލޯހުޅުވައިލާން ވެސް އެހީތެރިވެއެވެ. އެހެންވެ އަސްކަރީ ޚިދުމަތަކީ އެއްދޮނުގައި ދެބުޅި ޖަހާލެވޭ ފަދަ ޚިދުމަތެކެވެ.

އަސްކަރީ ޚިދުމަތަކީ ހިތްހަމަ ޖެހުމާއި އުފަލާއި މަޖަލާ ވެސް ގުޅިފައިވާ ޚިދުމަތެކެވެ. މި ހިތްފަހިކަން ހޯދައިދޭން ތަފާތު ހަރަކާތްތައް އަސްކަރީ ޢާއިލާތަކަށް އެކި ގޮތްގޮތަށް ހިންގައެވެ.  ސްކީމްތަކުގެ ތެރެއިންނެވެ. ފަންޑުތައް ހުޅުވައިގެންނެވެ. ހިލޭ ދެވޭ ފުރުޞަތުތަކުންނެވެ. މިފަދަ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ އަސްކަރިއްޔާއިން ހިންގަމުންދާ ރިސޯޓްތަކެވެ. ހަވާއީގައިވާ ”ހޭލް ކޯ“ ރިސޯޓަކީ މިފަދަ މިސާލެކެވެ. ފްލޮރިޑާގައިވާ ”ޝޭޑްސް އޮފް ގްރީން“ ރިސޯޓަކީ ވެސް މިފަދަ ތަނެކެވެ. މި ތަންތަނުގެ ޚިދުމަތް އަސްކަރީ ޚިދުމަތްތެރީންނަށް އަދި ޢާއިލާތަކަށް ލިބިގެންދަނީ އާންމު އަގުތަކަށް ވުރެ މާ ބޮޑުތަން ވެސް ހެޔޮކޮށެވެ. މީގެ އިތުރުން ތަފާތު ހޮޓާތައް ހިންގުމަކީ ވެސް އަސްކަރީ ޚިދުމަތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ކަމެކެވެ. ޖަޕާނާއި ދެކުނު ކޮރެއާއާއި ޖަރުމަނުގައިވާ އަސްކަރީ މަރުކަޒުތަކުގައި މި ދެންނެވުނު ފަދަ މިލިޓަރީ ހޮޓާތައް އެބަ ހުއްޓެވެ. އަސްކަރީ މަރުކަޒުން ބޭރުގައިވާ ހޮޓާތަކަށް ވުރެ މާ އަގުހެޔޮކޮށް މާ ޔަޤީން ޚިދުމަތްތަކެއް އެ ތަންތަނުން ދެއެވެ. މީގެ އިތުރުން އަސްކަރީ ހޮސްޕިޓަލްތަކަކީ ވެސް އަސްކަރީ ދާއިރާގެ ޚިދުމަތްތެރީންނަށް އަދި އެފަދަ ޢާއިލާތަކަށް ހިނިތުންވުން ގެނެސްދޭ ތަންތަނެވެ. ތިމާގެ އިތުރަށް، ޢާއިލާ މެންބަރަކު ބަލިވި ނަމަވެސް އަދި އެކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރާން ޖެހުނަސް އަސްކަރީ ހޮސްޕިޓަލު އޮންނަނީ ތައްޔާރަށެވެ. މިފަދަ ކޮންމެ ކަމަކުން ވެސް ބުނެދެނީ އަސްކަރިއްޔާއާ ގުޅެންވީ ސަބަބެވެ.

އަސްކަރީ ޚިދުމަތަކީ އެ ޚިދުމަތުން ރިޓަޔަރ ކުރުމަށް ފަހު ވެސް އޭގެ މަންފާ ނިހާޔަތަށް ލިބިގެންދާ ޚިދުމަތެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި މަންފާގެ ނިސްބަތް ތަފާތެވެ. އެމެރިކާއަށް ބަލާއިރު އަސްކަރިއްޔާގެ ޚިދުމަތުން ރިޓަޔަރ ކުރާ ޚިދުމަތްތެރީންނަށް އެ މީހުން ޚިދުމަތުގައި ހޭދަކުރި އެންމެ ފަހު ތިން އަހަރު ލިބުނު އަސާސީ މުސާރައަށް ބިނާކޮށް، އުމުރު ދުވަހަށް ދޭ ޕެންޝަނެއް އޮވެއެވެ. މީގެ މާނައަކީ އަސްކަރިއްޔާގައި 20 އަހަރު ޚިދުމަތްކޮށްފައި ރިޓަޔަރ ކުރާ ނަމަ މުސާރައިގެ 40 ޕަސެންޓްގެ ޕެންޝަނެއް އެ މީހަކަށް ލިބުމެވެ. 25 އަހަރުގެ ޚިދުމަތަށް ފަހު ރިޓަޔަރ ކުރާނަމަ 50 ޕަސެންޓްގެ ޕެންޝަނެއް ލިބުމެވެ. އަދި 30 އަހަރުގެ ޚިދުމަތަށް ފަހު ރިޓަޔަރ ކުރާނަމަ 60 ޕަސެންޓުގެ ޕެންޝަނެއް ލިބުމެވެ. މި ހިސާބުތަކަށް ބުރަވާ ނަމަ އެމެރިކާގައި 20 އަހަރު ޚިދުމަތްކޮށްފައި ރިޓަޔަރކުރާ އޮފިސަރަކަށް އޭނާއަކީ އަހަރަކު 100،000 ޑޮލަރު ލިބެމުން އައި މީހެއް ނަމަ އަހަރަކު 48،000 ޑޮލަރުގެ ޕެންޝަނަކާ އެއްކޮށް ރިޓަޔަރ ކުރެވޭނެއެވެ. އުމުރު ދުވަހަށް އެ ފައިސާ ލިބޭއިރު، އޭނާއަކީ އަދި އުމުރުން ސާޅީހުގެ އަހަރުތަކުގައިވާ މީހެއް ނަމަ އެހެން ދާއިރާއަކުން ކެރިއާއެއް ވެސް ފެށިދާނެއެވެ. އުމުރުން 42 އަހަރުން ފެށިގެން އުމުރު ދުވަހަށް މީހަކަށް މަހަކު 4000 ޑޮލަރު ލިބޭ ނަމަ އެއީ ކިހައި ފައިސާއެއް ހެއްޔެވެ؟ އަސްކަރީ ޚިދުމަތާ ނުގުޅި ތިބެންވީ ހެއްޔެވެ؟

އަސްކަރީ ޚިދުމަތާ ނުގުޅެންވީ ސަބަބެއް ނެތެވެ. އެ ޚިދުމަތާ އެކު ޤައުމީ ލޯބީގައި ޤައުމަށް ޤުރުބާން ވެވެއެވެ. ތަފާތު އެތައް ތަޖުރިބާއެއް ލިބިގަނެވެއެވެ. ވަޒީފާގެ ޔަޤީންކަން އިތުރުވެއެވެ. ލިބޭ އާމްދަނީން ދެކޮޅު ޖެއްސެއެވެ. ޚިދުމަތުގައި ހުރެގެން ތަމްރީނުވެ، އިތުރު ކަންކަން ދަސްވެއެވެ. އުފަލާއި ހިތްހަމަޖެހުން ލިބިގަނެވެއެވެ. ވަޒީފާއިން ވަކިވުމަށްފަހު ވެސް އިހު ކުރި ޚިދުމަތުގެ މަންފާ ލިބިގަނެވެއެވެ.

ޝެއަރކުރެއްވުމަށް