ދިވެހި ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން، ދިވެހި ތާރީޚާ ގުޅުވަމުން ގެންދަވާ ކަޅު ދޫންޏާ (ކާޅު) ބެހޭގޮތުން، ދިވެހި ބަސްފޮތް 2006 (ސީޑީ) ގައި ބުނެފައިވާ އެއްޗެއް ބަލާލަމާ ހިންގަވާށެވެ. މި ބަހުގެ މާނައިގައި ވަނީ ކަޅުކުލައިގެ ދޫންޏެއް، މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗިއްސާއި ހަޑި ކުނިބުންޏާއި، ފުޅަ ވެސް ކައި އުޅޭ ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެއެވެ. ކާޅަކީ، އެއް ސިފައަކަށް ހަރަކާތްތެރިވެ އުޅޭ، އެކިއެކި ހިލަމަށް ސިހޭ، ހޭބަލާ ދޫންޏެކެވެ. އިތުރު މާނައިގެ ތެރޭގައި ލަދުކުޑަ، ބަނިޔާދަން ނެތް، މި ދެ މާނަ ވެސް ވެއެވެ. ބަސް ބޭނުންކޮށް އުޅޭ ގޮތް ކަމުގައިވަނީ، ނަމެއް، ނަންއިތުރެއް އަދި މަޖާޒެއް މިހެންނެވެ.
ރާއްޖެއިން ހައްތާ ވެސް މި ފެންނަނީ ކަޅު ކާޅެވެ. އަހަރެމެންގެ ކާބަފައިން މި ދޫންޏަށް ”ކާޅު“ މި ނަން ދީފައި މިވަނީ ވެސް އޭގެ ކުލައާއި ސިފައާއި އުޅުމަށް ބަލައިގެން ކަމަށްވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ކާޅުގެ ތެރޭގައި ރަތް ކާޅު އުޅޭ ކަމަށް މީހުން ބުނެއެވެ. އަޅުގަނޑު ވެސް މީގެ ބައިގަރުނެއްހާ އަހަރު ކުރިން އޭރުގެ ސިލޯނަށް، މިހާރުގެ ސްރީލަންކާއަށް ދިޔައީމެވެ. އަދި ދިވެހިން ރަތް ކާޅު ކިޔާ ދޫނި ކޮޅުނބުން ދުށީމެވެ. ރަތް ކާޅުގެ ހުރިހާ ފަތެއް، ރަތެއް ނޫނެވެ. އޭގެ ބުރިކަށްޓާއި ފިޔައިގެ ފަތްތަކާއި އެހެނިހެން އެތައް ފަތެއް ރަތެވެ. މީގެ އިތުރުން ލޮލުގެ ކުލަ ވެސް ރަތެވެ. ހަނދާނަށް ގެނެވޭ ގޮތުގައި ރަތްރަތަށް ވުރެ ހުންނަނީ ކިސުޑި ކަޑި ކުލައެއްގައެވެ. އެއާ އެކު ކަޅުފަތް ވެސް ހުރެއެވެ. އަދި މި ރާއްޖެއިން މި ފެންނަ ކަޅު ކާޅު ދޫންޏަށް ވުރެ ބޮޑެތިވެފައި ފެންނަ ފެނުމުގައި ބަރުހެލިމެއެވެ. ކައި އުޅެނީ ކުނިބުންޏާއި އެހެނިހެން ވެސް ހަޑިމުޑުދާރު އެއްޗިއްސެވެ.
ދިވެހި ބަހުގައި މަޖާޒީ ގޮތުން ނުވަތަ މުހާވިރާގެ ގޮތުގައި ކާޅުގައި ވެސް ހުދުފަތް ހުރެއޭ ބުނެއުޅެއެވެ. މިއީ މުޅި ކާޅުގައި ހުދުފަތް ހުންނަ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ”ކާޅެއްގައި ވެސް ހުދު ފަތެއް ހުރެދާނެއޭ“ ބުނާ ބުނުމެވެ. ދިވެހީން މަޖާޒީ ގޮތުން މިހެން ބުނަނީ މި ރާއްޖޭގައި ހުދު ކާޅަކީ އުޅޭ ދޫންޏަކަށް ނުވާތީ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް، ހުދު ކާޅަކީ ވެސް ކާޅު ދޫނިތެރޭ އުޅޭ ބާވަތެކެވެ.
އިހު މީހުން ބުނެ އުޅެއެވެ. ”ކާޅެއް އޮޅެއް ނުވާނެ“ އެވެ. މީ މުޙާވިރާގެ ގޮތުގައި އަދި ހަރުބަހެއްގެ ގޮތުގައި ވެސް ބޭނުންކޮށް އުޅުނު ބަހެކެވެ. މީގެ އިތުރުން މަޖާޒީ ގޮތުން ވެސް ބައެއްފަހަރު މީހުންނަށް ނިސްބަތްކޮށް އުޅުނު ބަހެކެވެ.
ބައެއް މީހުން ބުނާބުނުމުގައި ކާޅު ދޫންޏަކީ ވެސް އޮޅުވާ ދޫންޏެކެވެ. އެވެނިމިވެނި މީހުން، ކާޅު އޭގެ ޅަފަތުގައި، ރަނގަޅަށް ފުށްފަތް ވެސް ނުފަޅަނީސް، ފީކާޅެއްގެ ގޮތުގައި އޮއްވާ އޭގެ ހާލިން ނަގައިގެން ގެންގުޅެ، އޮޅުކުރާ ކަމަށް ބުނެއެވެ. އަދި ކާޅަށް އުދުހެވޭވަރު ވުމުން އުދުހިގޮސްފައި އެނބުރި އައިސް އުޅޭ ކަމަށް ވެސް ބުނެއުޅޭތީ އަހަމެވެ.
’ދަ މޯލްޑިވް މިސްޓްރީ‘ ގައި ތޮއި ހައިދާލު ލިޔުއްވާފައިވެއެވެ. އޭނާގެ ކުޑަކުއްޖެއްގެ އުމުރުގައި ކާޅު އޮޅުކޮށްގެން ގެންގުޅުނު ކަމަށާއި އޭރާއި މިހާރު އޭނާ ކާޅު ދެކެލައްވާގޮތް ތަފާތު ކަމަށް ލިޔުއްވައެވެ.
ތޮއި ހައިދާލު ލިޔުއްވާފައި ވެއެވެ. ދެންމެ އަހަރެން މި ކިޔައިނިންމީ (އެރިތެރިއަން ކަނޑުގެ ވަށައިގެން ދަތުރުތައް ކުރި މާލިމީ) އަދި އޭޑީއިން ފުރަތަމަ ގަރުނުގައި، އިންޑިއާގެ މި ހިސާބުގައި ދަތުރުކުރި ގްރީކް ޖިއޮގްރާފަރ އަދި ލިޔުންތެރިޔާ ޕެރިޕްލަސް މާރިސް އެރިތެރައި (Greek geographer and author of Periplus Maris Erythraei) ލިޔުނު ރިޕޯޓެކެވެ. އޭނާ ލިޔެފައިވެއެވެ. ބާރުޗް (Bharuch) އިން ކަނޑު ދަތުރުކުރި މީހުން ނެވިގޭޝަން އެއިޑްގެ ގޮތުގައި ކާޅު ބޭނުން ކުރިއެވެ. އެ މީހުން ދަތުރުކުރާ އުޅަނދުގައި ކާޅު ހިފައިގެން ގޮސް ކަނޑުމަތީގައި ކާޅު ދޫކޮށްލައި، ކާޅު ދަތުރުކުރާ ދިމާ ފާހަގަކުރެއެވެ. ކާޅު އެނބުރި ނައިނަމަ ކައިރި ހިސާބެއްގައި ހިކިފަސްތަނެއް ވާކަމާއި އެތަން ވާދިމާ އެ މީހުން ދަނެގަނެއެވެ.
މިހެންވުމުގެ ސަބަބުން މި ހައިރާންކުރުވަނިވި ހަގީގަތުގެ މައްޗަށް ފުންކޮށް ވިސްނަން ޖެހިއްޖެ ކަމަށާއި، އެހެނިހެން ދޫނި އާދަޔާޚިލާފަށް މަދު ދިވެހިރާއްޖޭގައި ކާޅަކީ އާންމު ދޫންޏެއް ކަމަށް ތޮއި ހަދާލު ލިޔުއްވާފައިވެއެވެ. ތޮއި ހައިދާލު ދެކިލައްވަނީ ކާޅަކީ ނުވަތަ ކާޅު ފެނުމަކީ ބަދުނަސީބުގެ ނުރަނގަޅު ފެށުމެއްގެ ގޮތުގައި ނޫންކަން އޭނާގެ ލިޔުއްވުމުން އެނގެއެވެ.
އަދިވެސް ތޮއި ހައިދާލު ލިޔުއްވާފައިވެއެވެ. ކާޅަކީ ކަނޑު ހުރަސްކޮށް އެހާ ދުރަށް (ދިވެހިރާއްޖެއާ ހަމައަށް) އުދުހެވޭނެ ދޫންޏެއް ނޫނެވެ. ދިވެހިރާއްޖެ ފެނުނުގޮތުގެ އިހުއެވޭލާ ވާހަކަތައް ކިޔާއިރު ކާޅުގެ ވާހަކަ ކިޔައެވެ.
ޖަނަވާރެއްގެ ސިފައިގައިވާ އިންސާނާ (ކޮއިމަލާކޮއި) އާއި ޝާހީކަމަނާއަށް ފުރަތަމަ ދިވެހިރާއްޖެއިން ވަޑައިގެންނެވުނު ރަށަކީ ރަސްގެތީމެވެ. އެ ކަނބަލުންނަށް ފުރަތަމަ ފެނިވަޑައިގަތީ ކާޅެކެވެ. އެ ކަނބަލުން މިކަން ދެކެވަޑައިގަތީ ނުބައި އަލާމާތެއް ކަމުގައެވެ.
ރ. ރަސްގެތީމާއި ފުރަމާލެއާ ދެމެދުގައިވާ ދުރުމިނަކީ 189.06 ކިލޯމީޓަރު (117 މޭލު، 102 ނޯޓިކަލް މޭލު) އެވެ. މާޅޮސްމަޑުލު އަތޮޅުގެ އިރުމަތި ފަރާތާއި ދެކުނުފަރާތުގައި ހުރީ ވަކިވަކިވެފައި ހުރި ކުދިކުދި ފަރުތަކެކެވެ. މި އަތޮޅު އެތެރެވަރިއަކީ ވެސް ގިރިފަރު ގިނަ، ނެވިނިޔަމިކަމުގެ އާލާތް ގިނަ މި ޒަމާނުގައި ވެސް އެތެރެވަރި ރަނގަޅަށް ދަންނަ ކެޕްޓަނަކަށް ނޫނީ ދަތުރުކޮށް އުޅެން މާފަސޭހަ ސަރަހައްދެއް ނޫން ކަމަށް ދަތުރުވެރިން ބުނެއެވެ.
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ ދެވަނަ ޗާޕް – 1990 ގެ 111-124 ވަނަ ޞަފުޙާއާ ދެމެދުގައިވާ ’ކޮއިމަލާކަލޯ‘ ވާހަކައިން ވަރަށް ކުޑަ މިންވަރެއް ކިޔުންތެރިންގެ އިޒުނައާ އެކު ނަކަލު ކޮށްލަމެވެ. މި ދެންނެވުނު ފޮތުގެ 119 ވަނަ ޞަފުޙާގެ އެންމެތިރީގެ ދެވަނަ ފޮޅުވަތުން ފެށޭ ޕެރެގްރާފުގައި ވެއެވެ. ”ދުވަސްކޮޅެއް ވުމަށް ފަހު އެކޮއި ރަސްގެތީމުގައި ފެންގަނޑެއް ކޮނުމުގެ މަސައްކަތް ފަށްޓަވައިިފިއެވެ. ކޮންނާނެ މިން ދެއްކެވުމުން އެ މަސައްކަތްކުރީ، އަޅުގެތީމުގައި ތިބި އަޅުންނެވެ. އެއްދުވަހަކު ފެންގަނޑު ކޮންނަން ތިއްބާ، އުދުހިފައި އަންނަ ކިރުދޫނީގެ ހަތް ދޫނި އެކޮޔަށް ފެނިގެން ބަލަން ހުއްޓައި، ރަށްމައްޗަށް އަރައި ގޮވާލާފައި އެނބުރިގޮސް އޮބާލައިފިއެވެ. ހަމަ މި ވަގުތު އެކޮއި އެންގެވީ މަސައްކަތް ހުއްޓާލާފައި އެ މީހުން އަޅުގެތީމަށް ދިޔުމަށެވެ. ދުވަސްކޮޅަކަށް ފަހު އަނެއްކާވެސް އެ ފެންގަނޑު ކޮނުމުގެ މަސައްކަތް ފަށައިފިއެވެ. މި ދުވަހު ވެސް ކިރުދޫނީގެ ފަސް ދޫނި ކުރީދުވަހެކޭ އެއްފަދައިން އުދުހިފައި އައިސް ރަށްމަތިން ގޮވާލާފައި ހިނގައްޖެއެވެ. ދޫނިތައް އޮބާލުމާ އެކު ކުރީ ދުވަހެކޭ އެއްފަދައިން މަސައްކަތް ހުއްޓާލެއްވިއެވެ. ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް ފެންގަނޑު ކޮންނަން ފަށްޓައިފިއެވެ. މަސައްކަތް ފެށިތާ ގިނައިރެއް ނުވެ އެންމެ ކިރުދޫންޏެއް އައިސް ރަށްމަތިން ގޮވާލާފައި ހިނގައްޖެއެވެ. އަނެއްކާ ވެސް އެނބުރިއައިސް ރަށްމަތިން ގޮވާލައިިފިއެވެ. އެވަގުތު މަލެއްފަދަކޮއި އެންގެވީ މަސައްކަތް ހުއްޓާލާފައި ބޮޑުނައުގެ ބައްތެލި ތައްޔާރުކޮށްގެން އަވަހަށް ފުރުމަށެވެ. މިހާރު އެކޮޔާއި އަނބިކަނބަލުންނާއި ހުރިހާ އަޅުން ބޮޑުނަވުގެ ބައްތެލީގައި ރަސްގެތީމުން ފުރައިފިއެވެ. ދަތުރުކޮށްފައި ދަނީ އެކޮއި އަންގާފަައިވާ ފަދައިން ކުރިމަތީގައި އޮތް އެއްކަލަ ދޫނި އުދުހެމުންދާ ދިމާއަށެވެ. އެތައް ރޭ އެތައް ދުވާލަކަށް ފަހު، އެ ދޫނި ގޮސް އިށީނީ، މާލެ އަތޮޅު ދޫނިދޫގައެވެ. މި ރަށާ ބައްތެލި ކައިރިކޮށްލުމުން ދޫނި އުދުއްސާލައިގެން އައިސް އިށީނީ މާލޭފިނޮޅުގައެވެ.“
އިސްވެދިޔަ ވާހަކަ ވެސް ބިނާވެފައި ވަނީ މާލޭގައި ވާހަކަ ކިޔައިއުޅުނު މަޝްހޫރު ބުރާރަ މުޙައްމަދުފުޅު ކޮއިމަލާކޮއިގެ ވާހަކަ ކިޔާގޮތުގެ މައްޗަށެވެ.
ޒޭވިއަރ ރޮމޭރޯ ފްރިއާސް ލިޔެފައިވާ ދަ މޯލްޑިވް އައިލެންޑާސް: އަ ސްޓަޑީ އޮފް ދަ ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންސިއެންޓް އޯސަން ކިންގްޑޮމްގެ 3 ވަނަ އެޑިޝަންގެ 28 ވަނަ ޞަފުޙާގައިވާ ދަ ސްޓޯރީ އޮފް ކޮއިމަލާގައި ވެސް ވަނީ ޖުމުލަ ގޮތެއްގައި ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ އިން ނަގުލު ކޮށްފައިވާ ޕެރެގްރާފާ ދާދި އެއްގޮތަކަށެވެ. ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ ގައިވާ ގޮތުން ނުވަތަ ބުރާރަ މުޙައްމަދުފުޅު، ކޮއިމަލާކޮއިގެ ވާހަކަ ކިޔާ ގޮތުން ކޮއިމަލާކޮއިއަކީ ލަންކާ މީހެކެވެ. ދަ މޯލްޑިވް އައިލެންޑާސްގައިވާ ގޮތުން އެއީ އިންޑިއަން ސަބް ކޮންޓިނެންޓުން އައި މީހެކެވެ. މި މަޒުމޫނުގައި އެކަމަށް ސަމާލުކަމެއް އަޅުގަނޑު ނުދެމެވެ. އެހެނީ، މި މަޒުމޫނުގައި އަޅުގަނޑުގެ މައުޟޫޢުއަކީ ދިވެހި ތާރީޚާ ގުޅިފައިވާ ކާޅު ކަމަށް ވީމައެވެ.
”ދަ މޯލްޑިވް އައިލެންޑާސް: އަ ސްޓަޑީ އޮފް ދަ ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންސިއެންޓް އޯސަން ކިންގްޑޮމް“ ފޮތުގެ 29 ޞަފުޙާގައި ވަނީ، ރަސްގެފާނުގެ އެދިވަޑައިގަތުމަކަށް މަލެއްފަދަކޮއި އެރުވި ޖަވާބަކީ، ”ހަމައެކަނި އެކޮއި ބޭނުން އެއްޗަކީ ކަނޑުމަތީގެ ބޮޑު އުޅަނދަކާއި ތަޖުރިބާކާރު ފަޅުވެރިންނާއި އުޅަނދުު ފުރައި ވެލިރަނެވެ.“ ރަސްގެފާނު އެކޮއިގެ އެދުން ފުރިހަމަ ކޮށްދެއްވުމުން ރަސްގެފާނަށް އަލްވަދާޢު ދަންނަވާފައި އައްސޭރިފަށުން އިންޑިއާ ކަނޑަށް ފުރީ ކަމުގައެވެ. އަދި މި އުޅަނދު ދިވެހިރާއްޖެއަށް ވަނީ، ރާއްޖޭގެ އުތުރުން އިހަވަންދޫ އަށެވެ. އަދި އިރުއޮއްސުމުން އެތާ ބަނދަރުކުރީ ކަމުގައެވެ. ޖެހިގެން އައި ދުވަހު އުދުހެމުން އައި ހުދުކުލައިގެ ބޮޑު ދޫންޏެއް އުޅަނދުގެ ކުނބުގައި އިށީނުމަށް ފަހު ބިރުވެރި އަޑަކުން ބާރަށް ގޮވައިގަތުމަށް ފަހު އުދުހިގެން ދެކުނަށް ދިޔައީއެވެ. ޖެހިގެން އައި ދުވަހު ވެސް މި ދޫނި އައިސް ކުރީދުވަހު ކަންތައްކުރި ގޮތަށް ކަންތައްކުރިއެވެ. ތިންވަނަ ދުވަހު މަލެއްފަދަކޮއި ފަޅުވެރިންނަށް ދޫންޏަށް ބަލައިގެން ދަތުރުކުރުމަށް އެންގިއެވެ. ދެކުނަށް ދަތުރުކޮށް ދޫނި ތިރިކުރި ކުޑަރަށަކަށް އެ މީހުންނަށް އާދެވުނެވެ. މިއަދު މި ރަށަށް ކިޔަނީ ”ދޫނިދޫ“ އެވެ. ދެން މަލެއްފަދަކޮއި، ކައިރީގައި އޮތް ބޮޑު މާޑެއް ކައިރީގައި އުޅަނދު ބަނދަރުކުރިއެވެ.
ސަން އޮންލައިންގައި 2011 ނޮވެންބަރު 7 ވަނަ ދުވަހު ”ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު“ މި ސުރުހީގެ ދަށުގައި އިޔާޒު ނަސީމު ލިޔުއްވާފައިވާ ލިޔުމުގައި ވެސް ވަނީ ކޮއިމަލާގެ ވާހަކައެވެ. އިސްވެދިޔަ ގޮތާ ދާދި އެއްގޮތަކަށެވެ. އިޔާޒުގެ ލިޔުއްވުމުގައިވާ ގޮތުން އިންޑިޔާގެ ރަސްގެފާނުގެ ދަނބިދަރިކަލަށް ކޮއިމަލާ ހެއްދެވުމަށް ފަހު ކޮންމެވެސް ކަމަކާ ކޯފާވެގެން ކޮއިމަލާގެ ދެކަނބަލުން ނަވަކަށް ލާފައި ރަށުން ބޭރުކޮށްލުމުން އެ މީހުންނަށް ދިވެހިރާއްޖެއަށް އާދެވި، ރާއްޖޭގެ ރަށެއްގައި ބަނދަރުކުރަން އުޅުނުތަނާ ކާޅެއް ގޮވާލުމުން އެއީ ނުބައި ފާލެއް ކަމަށް ދެކި، ދަތުރުކުރަމުން މާލެ އާދެވުނީއެވެ.
ކާޅަކީ، ދިވެހި ތާރީޚާ އެއްގޮތަށް ވުރެ ގިނަގޮތްގޮތުން ލާމެހި ގުޅިފައިވާ ދޫންޏެއްކަން މިއަދު ވެސް އެނގެއެވެ. ވީމާ، އާންމުކޮށް ދިވެހިން ކާޅާ މެދު ދެކެމުންދާ ގޮތް ވެސް ހާމަކޮށްލަން ޖެހެއެވެ. މުޅި ރާއްޖޭގެ އެންމެންގެ ޚިޔާލު ނޭނގުނު ނަމަވެސް ގިނަ ބަޔަކު އިއްތިފާޤު ވާނެ ފަދައިން ކާޅަކީ އުނދަގޫ ބޮޑު، ލަދުކުޑަ، އަބަދު ސިހުންވާ، އެކަމަކު ވެސް ބައެއްފަހަރު މީހުންނަށް ހަމަލަދޭ ވެސް ދޫންޏެކެވެ.
ބައެއް ކަންކަމުގައި މަޖާޒީ ގޮތުން މީހުން ބުނެއުޅެއެވެ. ”ތި ދަނޑި ބާނަނީ ކާޅު ހާއްޔަށެވެ.“ ”ކާޅު ހާއްޔަށް ދަނޑި ނުބާނާށެވެ. ބޮލުގައި ކޮށައިގެންފާނެއެވެ.“ އަޅުގަނޑު ވަރަށް ޅައުމުރުގައި ދެކެންފެށި އިރު މާލޭގައި ގިނަ ގޭގޭގައި ހުންނަނީ ފުޅަފެވެ. ކާޅު އިންތިހާއަށް ގިނައެވެ. އެ ދަތި ދުވަސްވަރު ކާޅާ ހުރެ ގަހެއްގައި ރޯމޭވާއެއް ހަރުވާވަރެއް ވެސް ނުވެއެވެ. ކުޑަކުއްޖެއް އަތަށް ރޮށިކޮޅެއް، ނުވަތަ ކާބާވާތެއްގެ އެއްޗެއް ދީފައި އެކަނި ދޫކޮށްލެވޭ ވަރެއް ވެސް ނުވެއެވެ. ކައިރި ގަސްގަހުގެ ކުރީގައި، ފުޅަށްފުޅަށް މަތީގައި ފާރައަށް ތިބޭ ކާޅުތައް އުދުހިފައި އައިސް އެ އެތިކޮޅު ޖަހައިގަނެގެން ހިނގައިދާނެއެވެ. ބަލިކަށި، މުސްކުޅިވަރު މީހުން، އެއް ގެއިން އަނެއް ގެއަށް ހިފައިގެންދާ ލައިގެންކާއެތިކޮޅު، ފެންގަރުދިޔަފޮދު ބޯތަށީގައި ޖެހިގަނެ ބަންޑުން ޖަހާލައި، އޭގައި އޮންނަ މަސްކޮޅު ހިފައިގެން ހިނގައިދާނެއެވެ. ބައެއް ގޭގޭގެ ބަދިގޭގައި ކާން ހަދާފައި ހުއްޓާ ދުރުގައި ހޭބަލަން އިންނަ ކާޅު، ބަދިގެ ތެރެއަށް ވަދެ ކާއެތިކޮޅުން ކައި، އެތަކެތި ހަޑިކޮށް، މީހެއްގެ ހިލަންހުވަންވެއްޖެ ނަމަ އެސޮރު ތުބުން ހިފުނު އެއްޗެއް ހިފައިގެން އުދުހި ގޮސް ފިލައި ރައްކައު ވެދާނެއެވެ. ކާޅު ފަހަން މީހުން ’ސޮއް‘ ’ސޮއް‘ ގޮވަގޮވަ ތިއްބައެވެ!
ކާޅުގެ ކަންކަން މިހެން ހުރި ނަމަވެސް ހެނދުނުހެނދުނާ ފުޅަށްފުޅަށް މަތީ ”ކާންކާން“ ލައްވަލައްވައި ތިބޭ ކާޅާ މުޚާޠަބުކޮށް، ދުވަސްވީ، މާދުރު ނުވިސްނޭ، ހަރު ބައެއް މީހުން، ޚާއްޞަކޮށް ބަދިގެ ދޮށުގައި އުޅޭ އަންހެންވެރިން، މިއީ މިއަދު ކޮންކަމަކާ އައިސް ގޮވާ ކާޅެއްހޭ، ނުބައި ކަމަކަށް ގޮވާ ކާޅެއް ނޫނިއްޔާ މި ހިފައިގެން ދާށޭ ބުނެ ކާށި ގާނާއިރު ނާށިން ނެއްޓިފައި ހުންނަ އުޑަލިކޮޅު އެއްޗެތި މައްޗަށް އެއްލުމުން، ފުޅަށް މަތީ ތިބޭ ކާޅު އުދުހި އައިސް، ވައިގެ ތެރެއިން އެ ޖަހައިގަނެގެން ގޮސް ކޮންމެ ވެސް ގަހެއްގެ ކުރީގައި، އޮތްޕެއްގައި ނޫނީ ކައިރި ފުޅަފެއްގައި އިށީނދެ، ތުބުގައި އޮތް އެތިކޮޅު ފައިދަށު ލައިގެން ކައިފާނެއެވެ.
ކާޅުގެ ޠަބީޢަތުގައި މި ދެންނެވި ސިފަތައް ހުރުމާ އެކު، އަޅުގަނޑުމެން ބައެއް މީހުން، އަނެކާއާ ދޭތެރޭ އުފެދިފައިހުރި ނަފުރަތްތެރިކަން ހާމަ ކުރުމަށާއި ދެރަ ކޮށްލުމަށް ކާޅަށް ނިސްބަތްކޮށް ތިއީ ”ކާޅުމީހެކޭ“، ”މީހާގަނޑެކޭ“ ބުނެ އުޅެއެވެ. އަދި އޭނާގެ ޚިޔާލާއި ޖަޒުބާތު އަނެކާއާ ދޭތެރޭ ހުރިގޮތް ހާމަކުރުމަށާއި ނަފުސާނީ ގޮތުން ބިރުދައްކައި، މީހުން ބަލިކަށިކުރުމަށް ކާޅަށް އެކިކަހަލަ އަދަބުދީ ހަދައެވެ. އަދި ފަންޑިތަވެރިން ކާޅަށް ފަންޑިތަ ހަދައި، ތަވީދު ބަނދެ، އުދުއްސައި ހަދައެވެ.
މި މަޢުޟޫއާ ވަކިވެ ދުރަށް ޖެހިލުމުގެ ކުރިން، ކުރީގެ ދުވަސްވަރު ކުޑަކުދިން ކުޅެން އުޅޭއިރު ކިޔައިއުޅޭ ބަންޖަކުން ހަނދާންވި ތަންކޮޅެއް މި ތަނުގައި ނަކަލު ކޮށްލަމެވެ.
ކާޅު ދެލޮލު އެއްއޮށޯ،
މުޅިގައިގާ ކަޅުފަތޯ،
ހިލަތުބޯ، ތޮށިފަޔޯ!
*****
