ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫނެވެ. އަދި ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ކަންކަމަކީ ދިރިއުޅުގެ އެއްބައެވެ. ދިރިއުޅުމުގައި ގިރާކުރާ ކޮންމެ ހަރުފަތެއްގައި ކެތްތެރިކަމާއި އުންމީދު އައުކުރުން މަތީ ދެމިހުރުމަކީ ބުއްދި އިސްކުރަން ޖެހޭނެ ކަމެއްކަމުގައި ދެކޭށެވެ. އިންސާނުންގެ ބޭނުންތައް ފުއްދުމުގައި އެކި މީހުން މަސައްކަތްކުރުން އެކިވަރަށް ހިމެނޭކަން ދަންނާށެވެ. ޤުދުރަތީ ހާދިސާތަކާއި އެހެނިހެން ތަފާތު ގޮތްގޮތުން ކުއްލިއަކަށް ދިމާވާ އެކްސިޑެންޓްތަކަކީ ވެސް ކުރިމަތިވާ ކުއްލި ހިތާމައެވެ. އަދި މިފަދަ ކޮންމެ ހާދިސާތަކުގައި އިންސާނުންގެ ބާރު ނުފޯރާ ކަންކަމާއި ސީދާ އިންސާނުންގެ ފުށުން ކުރިމަތިވާ ހާދިސާތައް ހުންނާނެކަން ޤަބޫލުކުރަންޖެހެއެވެ.
ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަން ދަނީ ހިނގަމުންނެވެ. ބިންހެލުމާއި ސުނާމީގައި ރާޅުއެރުމާއި މޫސުމާ ގުޅުންހުރި ފެންބޮޑުވުންތައް ދަނީ ކުރިމަތިވަމުންނެވެ. އެކި ބައްރުތަކަށް އެކިވަރަށެވެ. އެކި މީހުންނަށް ކުރިމަތިވާ ތަކުލީފުތައް ތަފާތެވެ. ދުނިޔޭގެ އެކި ބައްރުތަކަށް ކުރިމަތިވާ ޤުދުރަތީ ހާލަތުން ލިބޭ ގެއްލުން ތަފާތު ހުރިކަމުގައި ވިޔަސް ދިރިއުޅުމުގެ އާންމު ހާލަތަށް އަސަރު ފޯރުވުމަކީ ހުރަސްތައް ކުރިމަތިވާނެ ކަންކަމެވެ. ގިނަ ފަހަރު ލިބޭ ވަރަށް ކުޑަ ގެއްލުމަކުން ބޮޑެތި ގެއްލުންތަކަށް ބަދަލުވަމުންދެއެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. އޭގެ ތެރޭގައި ބޮޑެތި ބަލިމަޑުކަމުން މުޅި ޤައުމަށް އަސަރުކުރަމުންދެއެވެ. އަދި މި އަސަރުގެ ސަބަބުން ޒާތީ ދިރިއުޅުމަށް ބުރޫ އަރާ ފަހަރުތައް ކުރިމަތިވެއެވެ. ވަޒީފާ ގެއްލި ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ނެތި ދަތި ހާލު ކުރިމަތިވެދެއެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތަކަކީ މާގިނަ ދުވަހަކު ދެމިހުންނަ ކަމެއްކަމުގައި ގިނަފަހަރު ނުވެއެވެ. އަދި ވަރަށް މަދުންނޫނީ ދާއިމީ ގެއްލުމާ ކުރިމަތިލާން ޖެހުން މަދެވެ. ބޮޑު މުސީބާތެއްގައި ގިނަ ދުވަހު އުޅުމަކީ ދިރިއުޅުމުގެ މާޔޫސް ކަމެކެވެ. ދިރިއުޅުމާ މެދު މާޔޫސްވާ ހާލަތްތައް ކުރިމަތިލާން ޖެހޭ ދުވަސްތަކެވެ. ދިރިއުޅުމުގައި ހައްލު ނުހޯދޭނެ ހުރަސްތަކެއް ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ކެތްތެރިކަމާ އެކު ކުރިމަތިވެގެން އުޅޭ ހުރަހަކުން އަރައިގަތުމުގައި އުއްމީދާ އެކު ގަދައަޅައި މަސައްކަތް ކުރުމުގައި ދެމިހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ދިރިއުޅުމަށް ކުރިމަތިވާ ހުރަސްތަކަށް ގޮތް ހޯދޭނީ އުންމީދު އައުކޮށްގެންނެވެ. ކަންކަން ކުރިމަތިވަމުން ދަނީ ވަކި ހާލަތާއި ވަގުތުގެ މައްޗަށްކަން ވިސްނާލާށެވެ.
ނާއުންމީދުވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ. އަދި ކަންކަން ކުރިމަތިވުމުން އަވަސް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ އިންސާނުންގެ ބުއްދި އެންމެ އަވަސްވާ ވަގުތު ކޮޅުކަން ވެސް ހަނދާން ބަހައްޓަންޖެހެއެވެ. ކުރިމަތީގައި އޮތީ ހައްލުކުރުމަށް މަސައްކަތްކުރުން ކަން އެމީހެއްގެ ހިތާއި ސިކުނޑި ޤަބޫލުކުރެއެވެ. އުންމީދު ކުރުމަކީ ހުރިހާކަމެއް ރަނގަޅަށް ދެކެމުންދިއުމެވެ. އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އުންމީދާ އެކު މަސައްކަތް ކުރުމަކީ ކާމިޔާބީގެ ފޮނިކަން ހާސިލްވާނެ އަސާސެކެވެ. ދިރިއުޅުމުގެ ހާސްކަން ފިލުވައިލުމަށް ޔަޤީންކަމާ އެކު ކަންކަން ރަނގަޅަށް ކުރިއަށްދާނެ ކަމުގެ އުންމީދުގައި ދެމިހުންނާށެވެ.
