މިއީ ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެން ފެށިގެން ސިހުރު ހާހޫރަ ހެދުމުގެ ނުބައި ޢަމަލުތައް ހިންގަމުން ދިޔައެވެ. ބައެއް ފަހަރު ޒާތީ ހަސަދައެއް ފިލުވާލުމުގެ ބޭނުމުގައެވެ. ނުވަތަ އަނެކާގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ މިފަދަ ހާދިސާއެކެވެ.

ފަހީމާ (އަސްލު ނަމެއް ނޫން) އަކީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ސާދާ ދިރިއުޅުމެއް އުޅެމުންދާ އަންހެނެކެވެ. ފަހީމާއާއި އޭނާގެ ފިރިމީހާ އާދަނުގެ (އަސްލު ނަމެއް ނޫން) ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު އެ ކުދިން ވެސް ވަނީ ފުރާފުރިހަމަ ވެފައެވެ. އެއީ ދޮށީ އަންހެން ދަރިފުޅު ޒާރާ (އަސްލު ނަމެއް ނޫން) އާއި ޒާނާ (އަސްލު ނަމެއް ނޫން) އެވެ. މި ޢާއިލާއަކީ ރަށުގެ ޤަދަރުވެރި ޢާއިލާއެކެވެ. ނަމަވެސް މި ކަމަށް ހަސަދަވެރިވެ، ފާރަވެރިވާ ބަޔަކު އެ ރަށުގައި އުޅެމުންދެއެވެ. ކަންތައް ވަމުން ދިޔައީ ވެސް މި ބުނި ގޮތަށެވެ. އެ ޢާއިލާ ނެތިކޮށްލަން މީހަކު މަސައްކަތް ފެށިއެވެ. އެ ކަމުގެ ކޮޅުމަތި، ފަހީމާއަށް ފެންނާކަށް މާކަ ގިނަ ދުވަހެއް ނުނެގިއެވެ.

އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިއެވެ. ފަހީމާ ދިރިއުޅޭ ގޯތީގައި އޮންނަ ހުސްބިމުގައި ތަފާތު ބާވަތްތަކުގެ ގަސްތައް ހައްދާފައި ވެއެވެ. އެތަނުން އެއް ގަހަކީ ބަނބުކެޔޮ ގަހެވެ. އެއް ދުވަހަކު އިރުއޮއްސުނު ގަޑީގައި ފަހީމާ ގޯތިތެރޭގައި ހުއްޓައި، ފެނުނީ ބަނބުކެޔޮ ގަހަށް ވާތަކެއް ތިރިކުރާ މަންޒަރެވެ. މަދެއްކަ ބައިވަރެއް ނޫނެވެ. މި މަންޒަރު ފެނުމުން ފިރިމީހާ ގާތު މި ވާހަކަ ބުންޏެވެ. އަދި ޖެހިގެން އައި ދުވަހު ރަށުގެ ބައެއް މީހުން، ފަހީމާ އެ ދައްކާ ވާހަކައިގެ ދޮގުތެދު ބަލަން އިރުއޮއްސޭ ދަޅަމައްޗަށް އެ ބަނބުކެޔޮ ގަސްދޮށަށް ޖަމާވިއެވެ. ކަމަކުދާކަށް ނެތެވެ. ފަހީމާ އެ ބުނީ ހަމަ ތެދެކެވެ. ދުވަހަކު ނުފެންނަ ވަރަށް އެ ބަނބުކެޔޮ ގަހަށް ވާ ތިރިކޮށްފިއެވެ. މި ވަނީ ކީއްބާއޭ އެ މީހުން ހިތަށް އެރިއެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދައި، އެ މީހުން އެތަނުން ދިޔައެވެ.

އެ ގަސްދޮށަށް އެއްވި މީހުން ދިޔަތާ މާ ގިނައިރުތަކެއް ނުވެއެވެ. ފަހީމާ ކުއްލިއަކަށް ބޮލަށް އެނބުރުން އަރައި ބިންމައްޗަށް ވެއްޓުނެވެ. މި މަންޒަރު އާދަނަށް ފެނިގެން ފަހީމާ ނަގައިގަނެގެން ގޮސް ގެއަށް ވެއްދިއެވެ. އަދި އެނދުގައި ބޭއްވިއެވެ. އެވަގުތު ފަހީމާގެ ހަށިގަނޑަށް ގޮތް ނޭނގޭ ރޫޙާނީ ބާރުތަކެއް އަރަން ފެށިއެވެ. އަދި އަތްފަޔަށް ވާންވެ، ދެ ލޯ ބޮޑުކޮށް، އާދަނާ ދިމާލަށް ބަލަން އޮތެވެ. ފަހީމާއަށް މިހެން ދިމާވުމުން އާދަނު ބިރުގަތެވެ. އަދި ގޯހެއް އެބަ އުޅޭހެން އާދަނަށް ހީވާން ފެށިއެވެ. ނަމަވެސް އިޝާ ނަމާދަށް ބަންގި ގޮވުމާ އެކު ފަހީމާއަށް ހޭވެރިކަން ވިއެވެ.

ޖެހިގެން އައި ރެއެވެ. އިރުއޮއްސުމާ އެކު ކުރީ ރޭގައި ވީގޮތް ފަހީމާއަށް ވާން ފެށިއެވެ. އަދި ކުއްލިއަކަށް އޭނާގެ ދޮށީ އަންހެންދަރި ޒާރާއަށް ވެސް މިހެން ވާން ފެށިއެވެ. ދެމައިން އެ ހާލުގައި އޮތްތަން ފެނުމުން އާދަނު ބިރުގަތެވެ. މިއީ ޖިންނި ޝައިތާނުންގެ ކަމެއްކަމަށް ހީކުރިއެވެ. ވަގުތުން ގެއިން ނިކުމެގެން ދިޔައެވެ. އަދި ރަށުގެ ރުޤުޔާ ކިޔަވާ މީހަކާ ބައްދަލުކޮށް މި ވާހަކަ ކިޔައިދިނެވެ. އަދި އެ މީހާ ގޮވައިގެން ގެއަށް އައެވެ. އޭރު ވެސް އެ ދެމައިން އޮތީ އެ ފަދަ ހާލަތެެއްގައެވެ. ފެންނަ މީހަކު ވެސް ބިރުގަންނާނެއެވެ. އަތްފައި ބުޅިކޮށް، ދެ ލޯ ބޮޑުކޮށްގެން މައްޗަށް ބަލަން އެ ދެމައިން އޮތްތައް ރުޤުޔާ ކިޔަވާ މީހާއަށް ފެނުމުން މިއީ ޖިންނި ކަމެއް ކަމަށް ބުންޏެވެ. އަދި އެ ދެމައިން ރަނގަޅު ކުރުމަށް ފެންތަށްޓެެއްް ކިޔަވައި، ދެ މައިންގެ މޫނުގައި އުނގުޅިއެވެ. ފެން އުނގުޅުމާ އެކު ދެ މައިންނަށް ހޭވެރިކަންވިއެވެ. އެހެންކަމުން މި ކަމުން މި ދެ މައިން ސަލާމަތް ކުރުމަށް ރުޤުޔާ ކިޔަވާ މީހާއަށް ކުރެވުނުހާ ކަމެއް ކޮށްދޭނެ ކަމަށް ބުނެ މާދަމާ ރޭ ވެސް އަންނާނެ ކަމަށް ބުނެފައި އެ މީހާ އެ ގެއިން ނިކުމެގެން ދިޔައެވެ.

ފަހީމާއަށް މި ކަމެއް ދިމާވާތާ ތިންވަނައަށް ވީ ދުވަހެވެ. ޖެހިޖެހިގެން ދެ ރޭ މިހެން ދިމާވުމުން ތިންވަނަ ރޭ ވާނެ ގޮތަކާ މެދު ފަހީމާ ފިކުރު ބޮޑުވެފައި އިންދާ މަޣްރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެހެންކަމުން ވުޟޫ ކޮށްލައިގެން ނަމާދަން އަރަން ކަމަށް ހިތާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމާ އެކު ފަހީމާއަށް ގޮތްތަކެއް ވާން ފެށިއެވެ. މި މަންޒަރު އާދަނަށް ފެނުމާ އެކު ފަހީމާ ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. އެ ވަގުތު ޒާރާ ހަޅޭއްލަވާގަތް އަޑުއިވުނެވެ. އާދަނު އަވަސް އަވަހަށް ކޮޓަރިން ނިކުތްއިރު ޒާނާ އޮތީ ދެލޯ ބޮޑުކޮށްގެން ޒާރާއަށް ބަލާށެވެ. އޭރު ޒާރާގެ ގައިން ވަރުދޫވެގެން ވެއްޓެނީއެވެ. އާދަނު ބަލާކަށް ނުހުރެ ޒާރާ ނަގައި ސިޓިންގރޫމްގެ ސޯފާގައި ބޭއްވިއެވެ. ޒާނާ އޮތީ ސިޓިންގރޫމްގެ ތަޅުންގަނޑު މަތީގައެވެ. އާދަނު، ފިކުރު ބޮޑުވެ ގޮތް ހުސްވިއެވެ. ތިންމައިންގެ ހާލު ފެނި މާޔޫސްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ރުޤުޔާ ކިޔަވާ މީހާއަށް ގުޅައި ތިން މައިންގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ.

އާދަނު ގުޅިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރުޤުޔާ ކިޔަވާ މީހާ އެގެއަށް އައެވެ. އަދި ތިން މައިންގެ ހާލު ފެނި މިއީ ސަހަލު ކަމެއް ނޫނޭ އާދަނު ގާތު ބުންޏެވެ. އަދި ދެން ޖެހޭނީ މިކަން ރަނގަޅު ވަންދެން ރުޤުޔާ ކުރަން ކަމަށް ބުނެ އިތުރު ދެތިން މީހަކު އެގެއަށް ގެނައެވެ. މިގޮތުން މި ތިން މައިން ޖިންނީންގެ ކިބައިން ސަލާމަތްކުރުމަށް ރުޤުޔާ ކުރަމުން ގޮސް ފަހީމާއި ޒާރާއަށް ހޭވެރިކަން ވެއްޖެއެވެ. ނަމަވެސް ޒާނާގެ އަތްފައި ބުޅިކޮށް މީހާ މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެހެންކަމުން ރުޤުޔާ ކިޔަވާ މީހާ ޒާނާގެ ނިއްކުރީގައި ހިފަހައްޓައިގެން ކިޔަވަމުން ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް ޒާނާއާ އަވަލަވާފައިވާ ޖިންނީގެ  ފަރާތުން  އެދެވޭ ޖަވާބެއް ނުލިބުނެވެ. ބުނިހާ ވެސް އެއްޗަކީ އެގޭގެ ގޯތިތެރޭގައި އެއްޗެއް ވަޅުލާފައި ހުރި ވާހަކައެވެ. އެހެން ބުނުމުން ރުޤުޔާ ކިޔަވާ މީހާ ކިޔެވުން ހުއްޓާލުމަށް ފަހު، ފެން ކިޔަވައި މުޅި ގޯތި ތެރެއަށް ޖެހިއެވެ. އަދި ޖެހިގެން އައިރޭ އަނެެއްކާ ވެސް އާދަނު ގެއަށް ގޮސް ޒާނާ ބާއްވައިގެން ކިޔަވަމުން ގެންދިޔައެވެ. އަދި އިހުނަށްވުރެ ގަދައަށް ސުވާލު ކުރަމުން ދިޔައެވެ.

ރުޤުޔާ ކިޔަވާ މީހާ: ކީއްވެ ދޮގުހަދަނީ… މިގެއަކު ނެތް އެއްޗެއް ވަޅުލާފަ.. ބުނޭ ކަލޭ ތީ ކާކު؟ މި ތިން މައިންނަށް ތިހެން ތި ހަދަނީ ކީއްވެ؟

ޒާނާ (ބިރުވެރި އަޑަކުން): އަހަރެން ގެންނަން ސިހުރު ހެދީ އެ މީހާ..

ރުޤުޔާ ކިޔަވާ މީހާ: އެއީ ކާކު.. ކިހިނެއް ހެދީ.. ކިޔައިދީ، އެހެން ނޫނީ ކަލޭ ދިރިހުއްޓާ ދުލެއް ނުކުރާނަން.

މިހެން ބުނުމުން ޒާނާ އަނެއްކާ ވެސް ބިރުވެރި އަޑަކުން ބުނަމުން ދިޔައެވެ.

ޒާނާ: އެ މީހާ ވަނީ ޖެހިގެން ހުރިގޭގެ ކަނެއްގައި ވަޅުގަނޑެއް ކޮނެ މިނިކަށިތަކެއް ވަޅުލާފަ.  އެއީ މި ރަށު މީހެއް. ޒާނާގެ ބައްޕަގެ ނަންކިޔާ މަރުވެފައިވާ ޤަބުރެއްގެ މިނިކަށިތަކެއް އެއީ.. އެ ސިހުރު ހެދި މީހާ ބޭނުންވަނީ ޒާނާގެ ބައްޕަގެ މުޅި ޢާއިލާގެ ދުވަސް ދުއްވާލަން.“

އެރޭ ރުޤުޔާ ކިޔެވުމުން ޒާނާގެ ފަރާތުން މިކަން އެނގުމުން ފަންޑިތަ ހަދާ މީހާ ޒާނާ އެ ކިޔައިދިން ގޭގެ ކަނުގައި ހުރި ވަޅުގަނޑު ކޮންނަން ފެށިއެވެ. އަދި ކޮނުނު ވަރަކަށް އެ ވަޅުގަނޑުން މިނިކަށި ފެންނަމުން ދިޔައެވެ. އެހެންކަމުން ރުޤުޔާ ކިޔަވާ މީހާގެ އިރުޝާދުގެ މަތިން އެ ކަށިތައް ވަޅުގަނޑުން  ނަގައި ޤަބުރުސްތާނުގައި ވަޅުލިއެވެ. އަދި އެ ސިހުރު ބާތިލް ކުރިއެވެ. މި ގޮތަށް ކަންތައް ކުރުމުން އާދަނުގެ ތިން މައިން އެ ރޫޙާނީ ބިރުވެރިކަމުން ސަލާމަތްވެ، ހާލު ރަނގަޅުވިއެވެ. އަދި އެކަން ކުރީ ކާކުކަން އެނގި، އެ ސިހުރު ހެދި މީހާ އައިސް އެ ޢާއިލާގެ ކިބައިން މާފަށް އެދި ތަޢުބާވިއެވެ.

ކޮންމެއަކަސް، ސިހުރު ހެދުމުގެ ނުބައި އާދަތައް މި މުޖުތަމަޢުގެ ތެރެއިން ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔަ ނަމަވެސް މިފަދަ މީހުން ހަދާ ސިހުރުތައް ބާތިލު ކުރުމަށް ހުއްދަ ރުޤުޔާ ހަދައެވެ. ނަމަވެސް ބައެއް މީހުން ރުޤުޔާ ކުރާ ކަމަށް ބުނެ އޮޅުވާލައި، ހަދަމުންދާ މަކަރާއި ހީލަތުގެ ސަބަބުން ޞައްޙަ ރުޤުޔާއަކީ ކޮބައިކަން ވެސް ގިނަ ފަހަރަށް އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ.

ރުޤުޔާއަކީ ބޮލުގައި ރިއްސުމާއި ހުން އައުން ފަދަ ނުވަތަ އެ ފަދަ އެހެން ބައްޔެއް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހަކު އެ ކަމަކުން ސަލާމަތް ކޮށްދިނުމަށް އޭނާގެ މައްޗަށް ކިޔަވާ ކިޔެވުމަކަށް ކިޔާ ނަމެކެވެ. އަދި މިއީ ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ގޮތުގައި، ފަރުވާދިނުމަށް ކުރެވޭ ކަމެކެވެ. މިގޮތުން ރުޤުޔާ ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުން ނުވަތަ އެ އިލާހުގެ އިސްމުފުޅުތަކުންނާއި އަދި ސިފަފުޅުތަކުން ރުޤުޔާ ކިޔެވުމެވެ. މި ގޮތަށް ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެދެވިގެންވާ ކަމެކެވެ. ދެވަނަ ކަމަކީ  ޤުރުއާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާ ކިޔެވުމެވެ. މީގެ ޙުކުމަކީ ވެސް ބަޔާންވެ ދިޔަ ބައިގެ ޙުކުމް ފަދައެވެ. ތިންވަނަ ކަމަކީ، ޤުރްޢާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންނުވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާ ކިޔެވުމެވެ. މިއީ ވެސް ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް ވާރިދުވެގެންވާ ދުޢާތަކާއި ޚިލާފު ނުވުން ޝަރުތުވެގެންވެއެވެ. ހަތަރުވަނަ ކަމަކީ އެ ކިޔެވޭ އެއްޗަކުން އެއްވެސް މާނައެއް ދޭހަ ނުވާ އެއްޗަކުން ރުޤުޔާ ކިޔެވުމެވެ. ނަމަވެސް މި ކަމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.

ޝެއަރކުރެއްވުމަށް