އިމާމް މުޙައްމަދު އިބްނު ޢަބްދުﷲ ބިން ޝައިޚުލް އައިދަރުސް ވިދާޅުވެފައިވެއެވެ. ”ރަނގަޅު ނިޔަތަކީ، ހުރިހައި ހެޔޮކަމެއްގެ އަޞްލެވެ.“ އިންސާނާގެ ހިތަކީ، ނިޔަތް އުފެދޭ ގުނަވަނެވެ. މިގޮތުން، ހިތާއި ބުއްދި ގުޅުމުން، ނިޔަތުގައިވާ ކަމެއްގެ ނުފޫޒު އެމީހެއްގެ ވިސްނުމަށާއި ޢަމަލުތަކަށް ކުރާނެއެވެ. ދިރިއުޅުމުގައި، އަހަރުމެން ކުރަން ބޭނުންވާ ކަންކަމާއި، ޙާޞިލްކުރަން ބޭނުންވާ ކަންތައްތައް ކާމިޔާބުކުރުމަށް މަސައްކަތްކުރާއިރު، އެކަންތައްތައް އެގޮތަށް ކުރުމުގެ ނިޔަތަކީ ކޮބައިކަމާއި، ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ޙާޞިލުކުރުމުގެ މަޤްޞަދަކީ ކޮބައިކަމާއިމެދު ފިކުރުކުރުމަކީ، އެ ނިޔަތްގަތް ކަމަކުން އެންމެ އެދެވޭ ފައިދާ ލިބިގަތުމަށްޓަކައި ނިހާޔަތަށް މުހިންމުކަމެކެވެ.

އަހަރުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް، ނިޔަތަކީ ނުހަނު އިސް ދަރަޖައެއް ލިބިގެންވާ އެއްޗެކެވެ. މި ދީނުގެ އަސާސަކީ، އިންސާނާ ކުރާ ކޮންމެ ޢަމަލެއް ނިޔަތުގެ މައްޗަށް ބަރޯސާވެފައި އޮތުމެވެ. ޢަމަލުތަކުގެ ބިންގަލަކީ ނިޔަތެވެ. މި ބިންގާ އަޅަނީ ހިތުގައެވެ. އެހެންކަމުން، މި ބިންގާ ތެދަށް އެޅުމަށް ޓަކައި، ހިތް ސީދަލަށް އޮތުމަކީ ލާޒިމް ކަމެކެވެ. މާތް ނަބިއްޔާ، މުޙައްމަދު ﷺ އިންސާނާގެ ހިތުގެ މުހިންމުކަން ބަޔާންކޮށްދީފައިވާ ގޮތުގައި، އެ ހިތަކީ ސީދަލަށް އޮތްނަމަ، އޭނާގެ މުޅި ހަށިގަނޑު ސީދާކޮށްދޭ ގުނަވަނެކެވެ. އަދި، އެ ހިތް ފަސާދަވެއްޖެނަމަ، އޭނާގެ މުޅި ހަށިގަނޑު ފަސާދަވާ ގުނަވަނެކެވެ. އަހަރުމެންގެ ކަންކަމުގައި ގޮތް ނިންމުމާއި، ބޮޑެތި މުހިންމު ކަންކަމުގެ އިސްތިރާޖުތަކާއި، މަޤުޞަދުތައް ކަނޑައެޅުމަށް ޓަކައި، ދީންވެރި، ތެދުވެރި، ހިތްސީދާ، އިޚްލާޞްތެރި، މުޖުތަމަޢު ބަލައިގަންނަ ހެޔޮމީހުންނަށް އިސްކަން ދޭންޖެހެނީ މި ސަބަބަށް ޓަކައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތާ މެދު ރައްކާތެރިވެ، އެ ހިތް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.

ވަރަށް ޢާންމުކޮށް ފެންނަ ޙަޤީޤަތަކަށް ވިސްނާލަމާތޯއެވެ! ޤައުމުގެ ބޮޑެތި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މިނޫންވެސް ޤައުމީ ބޮޑެތި ކެމްޕެއިންތަކުގައި އަޅުގަނޑުމެން ވިޝަންތަކާއި، މިޝަންތަކާއި، މޮޓޯތައް ހަދައިގެން ބޭނުންކުރަމުއެވެ. މިކަމުގެ ޙަޤީޤީ މާނައަށް ވިސްނައިލުމުން ހާމަވާ ކަމަކީ، މިއިން ކޮންމެ ކަމެއްގެ މަބްދައުއަކީ ނިޔަތްކަމެވެ. މީގެން އެނގެނީ، އަހަރުމެން ޙާޞިލުކުރަން ބޭނުންވާ ކަންކަމުގައި ދާން ބޭނުންވާ މިސްރާބު ކަނޑައެޅުމުގައި، ނިޔަތާއި އެ ނިޔަތް ގަރުބަގަންނަ ހިތުގެ މުހިންމު ކަމެވެ.

ކަމެއްގައި، އެއް ނިޔަތަށް ވުރެ ގިނަ ނިޔަތްތައް ނުވަތަ ޙާޞިލުކުރަންއެދޭ ގިނަ ލަނޑުދަނޑިތަކެއް ވެސް ހުރެދާނެއެވެ. މިސާލަކަށް، ބަޔަކަށް ހެޔޮފޯރުވައި ޞަދަޤާތްކުރުމުގައި، އޭނާގެ ނިޔަތަކީ، މާތް ރަސްކަލާނގެ ރުއްސެވުން ލިބިގަތުމުގެ އިތުރުން، މާތް ނަބިއްޔާ ﷺ އަށް ތަބަޢަވުމާއި، މީސްތަކުންގެ މުހުތާދުތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދިނުމާއި، ތަވާޟުޢުވެރިކަން ލިބިގަތުންކަމުގައި ވެދާނެއެވެ. މިގޮތުން، ކޮންމެ ނިޔަތަކީ ވެސް ހަމައާއި އިންސާފުން އެއްކިބާނުވާ ތެދު ނިޔަތްތަކަކަށް ވާންޖެހެއެވެ. ސަބަބަކީ، ތިމާކުރާ ޢަމަލަށް ވުރެ، ނިޔަތް އިސްވުމާއި އޭގެ ދަރަޖަ މަތިވެރިވުމެވެ. އިސްލާމްދީނުގައި، ތިމާ ނިޔަތްގަތް ޢަމަލު ނުކުރެވުނަސް، ޚާލިޞް ނިޔަތަށް ދަރުމައާއި ޘަވާބު މިންވަރު ކުރައްވަނީ މި ސަބަބަށް ޓަކައެވެ.  

ޝައްކެއްވެސް ނެތް ގޮތުގައި، އިންސާނާގެ ހިތަކީ އޭނާގެ ހަށިގަނޑުގެ އެންމެ އަގުބޮޑު ޖައުހަރެވެ. އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ގުނަވަނެވެ. އެހެނީ، އެ ގުނަވަން ފާސިދުވެ ޚަރާބުވެއްޖެނަމަ، އިންސާނާގެ މުޅި ނަފުސާއި ޒިންދަގީ ޚަރާބުވާނެއެވެ. އެ ގުނަވަން، ސާބިތުކަންމަތީ ސީދަލަށް ޤާއިމްކުރެވިއްޖެނަމަ، އޭނާގެ ދިރިއުޅުމުގެ މަޤުޞަދުގައި އަދި އާޚިރަތުގައި ވެސް ކާމިޔާބު މީހަކަށްވުމުގެ ސަބަބެއްކަމުގައި އެ ގުނަވަން ވެއެވެ. އެހެންކަމުން، އަހަރުމެންގެ ނިޔަތާއި ހިތާ މެދު އަބަދުވެސް ސަމާލުވެ ހުޝިޔާރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޢަރަބި މަޝްހޫރު ބުނުމެއްގައިވެއެވެ. ”ތިމާ ނިޔަތްގަތް ކަމެއް ތިބާއަށް ލިބެއެވެ.“ މި ބުނުމުން ވެސް ތަފުޞީލުވެގެންދަނީ، އިސްލާމްދީނުގައި، ޚާލިޞް ނިޔަތަކީ ގެއްލެނިވެގެން ނުދާނޭ އެއްޗެއް ކަމެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވެސް، ރަނގަޅު ނިޔަތެއްގައި އެ ކަމަކާ ކުރިމަތިލުމަކީ، ކާމިޔާބުވުމަށް ޓަކައި ލާޒިމް ކަމެއް ކަމެވެ. އަހަރެމެންގެ ނިޔަތުގެ ނާރެހަކީ މީސްތަކުންގެ ރުހުން ލިބިގަތުމާއި، މާއްދީ ފައިދާއެއް ލިބިގަތުންކަމުގައި ހަދައިގެން ނުވާނެއެވެ. ގަސްތުކުރާ ކޮންމެ ކަމެއްގެ ނާރެހެއްކަމުގައި ވާންޖެހޭނީ، މާތް ﷲ ގެ ރުއްސެވުން ލިބިގަތުމެވެ.

ޝެއަރކުރެއްވުމަށް