2020 ވަނަ އަހަރަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 75 އަހަރު ފުރުނު އަހަރެވެ. އެ ހަނގުރާމައަކީ، 20 ވަނަ ޤަރުނު ދުށް އެންމެ ވަރުގަދަ ހަނގުރާމައެވެ. ހަނގުރާމައިގެ ބައެއް ހަރަކާތްތައް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވެސް ހިނގި ހަނގުރާމައެކެވެ. ރާއްޖޭގެ އުތުރުން ކެލާގައި، ދެކުނުން އައްޑު އަތޮޅުގައި އިނގިރޭސީން ހަރަކާތްތެރިވަމުން ދިޔައެވެ. ވެރިރަށް، މާލޭގެ ބަނދަރު ކުރިމަތީ ކަނޑުގައި އޮތީ، މަތިންދާބޯޓު ޖެއްސޭނެ ގޮތަށް ބޮއި އަޅާފައެވެ. ކައިރީގައި އޮތް ދޫނިދޫގައި އިނގިރޭސިން ވަޔަރލެސް ސެޓް ބަހައްޓާފައި ހުއްޓެވެ.
ދިވެހިރާއްޖޭގައި އިނގިރޭސި ސިފައިން ހަރަކާތްތެރިވަމުން ދިޔަ އިރު، ރާއްޖެ ވަށައިގެން މި އޮތް އިންޑިއާ ކަނޑަށް ދުޝްމަނުންގެ ސަބްމެރީން ހަމަލާތަކުން އެތައް އުޅަނދެއް ހަލާކުވެ، އެތައް ފަޅުވެރީންނެއް ޣަރަގުވެގެން ގޮސްފައިވެއެވެ. ރާއްޖޭގެ ސަރަޙައްދާ ކައިރި ހިސާބުން ދެވޭ ހަމަލާތަކުގައި ގެއްލުންވާ އުޅަނދުތަކަށް އެހީތެރިވުމާއި، ފެތޭ އުޅަނދުތަކުގެ ފަޅުވެރީން ސަލާމަތްކުރުމުގައި އައްޑޫ ގަމާއި، ހއ. ކެލާގައި ތިބި އިނގިރޭސި ސިފައިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މި ލިޔުމުގައި ބަލައިލާފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ކެލާގައި ހިންގި އެ ފަދަ ”ރެސްކިޔު އޮޕަރޭޝަން“ އަކަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެއާ ގުޅިފައިވާ މި ފަދަ ކޮންމެ ހާދިސާއަކީ ރާއްޖޭގެ ތާރީޚެވެ. ދިވެހީންގެ ތާރީޚު ވެސް މެއެވެ.
މި ހާދިސާގެ ގިނަ ވާހަކަ ގެނެސްދީފައި ވާނީ، އިންޑިއާ ކަނޑަށް އަޑިއަށް ދިޔަ އެސްއެސް ބަކިންގްހަމް ބޯޓުން ސަލާމަތްވި އިނގިރޭސި ފަޅުވެރިޔާ ނޯމަން ގިބްސަން ލިޔެފައިވާ ލިޔުމެއްގައި، އޭނާ ކިޔައިދީފައިވާ ގޮތް އަސްލެއް ކަމަށް ބަލައިގެންނެވެ. އޭނާގެ ބައެއް ވާހަކަތައް ކިޔުންތެރީންނަށް އޮޅުންފިލުވައިދިނުމުގެ ގޮތުން، ބައެއް ތަންތަން އިތުރުކޮށްފައިވާނެއެވެ. އޭނާގެ ލިޔުމުންް ނަގާފައި ވާނީ، ކަނޑުވި މީހުން ސަލާމަތްކުރުމަށް ކެލާ ތުނޑީގައި ތިބި އިނގިރޭސި ސިފައިން ކުރި މަސައްކަތުގެ ވާހަކައެވެ.
އެސްއެސް ބަކިނގްހަމް ކަނޑަށް ޣަރަގުވި ހާދިސާ ހިނގާފައިވަނީ، 1944 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑުގައެވެ. އިނގިރޭސިވިލާތުގެ މުދާ އުފުލާ މި އާގުބޯޓު ދަތުރުކުރަމުން ދިޔައީ ލަކްޝަދީޕްގެ ހުޅަނގުން، އެރޭބިއަން ކަނޑުގެ ތެރެއިންނެވެ. އެ ދުވަސްވަރަކީ އިންޑިއާ ކަނޑުގައި ޖަޕާނާއި ޖަރުމަނުގެ ހަނގުރާމަ މަތީ ގިނަ ސަބްމެރީންތަކެއް ހަރަކާތްތެރިވަމުން ދިޔަ ދުވަސްވަރެކެވެ. އިންޑިއާ ކަނޑުގައި ދުޝްމަނުންގެ ސަބްމެރީން ހަމަލާއިން ގިނަ ބޯޓުތަކެއް ކަނޑަށް ފައްތަމުން ދިޔަ ދުވަސްވަރެއްގައި، އެފަދަ ހަގީގަތާ ކުރިމަތިލާން ޖެހިދާނެކަމީ އެސްއެސް ބަކިންގްހަމްގެ ފަޅުވެރީންގެ ހިތުގައި ވެސް އޮތް އެންމެ ބޮޑު ބިރެވެ. އެ ބިރުވެރިކަން ހަގީގަތަކަށްވީ، ޖަނަވަރީ 20 ވަނަ ދުވަހުގެ ރޭގަނޑު، އެ ބޯޓަށް އެރި ޖަރުމަނު ސަބްމެރީނެއްގެ ވަރުގަދަ ޓޯރޕިޑޯ ހަމަލާއެވެ.

ޓޯރޕިޑޯ ހަމަލާއިން، އެންމެ 6 މިނެޓު ތެރޭ ބަކިންގްހަމް ބޯޓު ކަނޑަށް ފެތި، ބޯޓުން ދަތުރުކުރި ވަރަށް ގިނަ މީހުން ވަނީ ކަނޑުވެ ގެއްލިފައެވެ. ބޯޓު ފެތުނުލެއް އަވަސްކަމުން، ބޯޓުގައިހުރި ލައިފް ބޯޓު ކަނޑަށް ބޭލޭނެ ފުރުޞަތު ވެސް ނުލިބުނީއެވެ. އެހެނަސް، ބޯޓުގައި ހުރި ބައެއް ލަކުޑި ކަނދުފަތިތައް ކަނޑަށް ދޫކޮށްލެވިފައި ވާތީ، ހަމަލައިން ސަލާމަތްވި މީހުންނަށް، ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް އޮތް ހަމައެކަނި އުންމީދަކަށްވީ އެ ކަނދުފަތިތަކެވެ.
އިންޑިއާ ކަނޑުގެ މާސިންގާ ރާޅުތަކުގެ ތެރޭގައި ކަނދުފަތިތައް ދިޔައީ އޮއި ހުރި ގޮތަކަށް ބެހެމުން، އެއް ކަނދުފަތި އަނެއް ކަނދުފައްޗާ ދުރުވަމުންނެވެ. އޭގައި ތިބި މީހުންނަށް އެ ތިބެވެނީ ކަނޑުގެ ކޮން ހިސާބެއްގައި ކަން ވެސް ނޭނގޭ ޙާލަތުގައެވެ. ކޮންމެ ދުވަހަކީ ވެސް އެކަނިވެރިކަމާއި ހިތްދަތިކަމުގެ ދުވަހެކެވެ. ދައްކާނެ ވާހަކަތަކެއް ވެސް ނެތި އެކަނިވެރިކަމުގައި ތިބިއިރު، ނޯމަން ބުނެފައިވާ ގޮތުން، ހިތަށް އެންމެ ގިނައިން ގެނެވެނީ ޢާއިލާގެ ހަނދާންތަކެވެ. ބައްދަލުވާނެ އުފާވެރި ވަގުތެވެ. ރަށަށް އެނބުރި ދެވުމުން، ކާނެ މީރު ކާއެއްޗެހީގެ މަތިންނެވެ. މަތިވެރި ގަޟާ ޤަދަރުގެ ކުޅަދުންވަންތަކަމާއި، މާސިންގާ ކަނޑެއްގެ މެދުގައި ވާނެ އެއްޗެއް ވާން މި ތިބީ އެ ފަރާތުގެ މަތިވެރިކަމާއި ބެއްލެވުމުގެ ދަށުގައި ކަމެވެ. ކުރެވެމުން ދިޔަ މި ޚިޔާލުތަކުން ކަށަވަރުވަމުން ދިޔައީ، ސަލާމަތުން އެނބުރި އާދެވުމަށް ކުރެވޭ މަސައްކަތުގެ އެންމެ ވަރުގަދަ ހަނގުރާމަ ހިނގަމުން ދާނީ ސިކުނޑީގެ ތެރޭގައި ކަމެވެ.
ކަނޑުމަތީގައި ހޭދަކުރި ނުވަވަނަ ދުވަހު، އިނގިރޭސި އާގު ބޯޓު، ”އެސްއެސް މޯރބީ“ އަށް ކަނދުފައްޗެއް ފެނި، މީހުން ނަގާފައިވެއެވެ. މޯރބީ އެ ސަރަހައްދު ދޫކޮށް ދިޔައީ، އިތުރު ބަޔަކު ތިބެދާނެ ކަމުގެ ޚަބަރު އެއްވެސް ފަރާތަކަށް ނުއަންގައެވެ. ރޭޑިއޯ މެސެޖަކުން އެފަދަ ވާހަކައެއް ހާމަކޮށްފި ނަމަ، ދުޝްމަނުންގެ ނުރައްކާތެރި ހަމަލާ، މޯރބީއަށް އަމާޒުވުމަކީ ވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ކަނޑުމަތީގައި ތިބޭތާ 11 ވަނަ ދުވަހުގެ އިރުއޮއްސެމުން ދިޔަ ވަގުތު، ނޯވޭގެ މުދާ އުފުލާ އާގުބޯޓު، އެމްވީ ކޮންގްސްޑާލް ވަނީ ކަނދުފައްޗެއް ސަލާމަތްކޮށްފައެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް ނުބަލައި، އެ ބޯޓުން ވަނީ ބަޔަކު ކަނޑުވެފައި ތިބިކަން އިއްތިހާދުގެ ނޭވީންގެ ސަމާލުކަމަށް ގެނެސްފައެވެ.
އެމްވީ ކޮންގްސްޑާލްގެ ރޭޑިއޯ ސިގްނަލް ލިބުނުތާ މަދު ގަޑިއިރެއްގެ ތެރޭގައި، ސިލޯނުގެ ކޯގައްލައިން، ތިން މަތިންދާބޯޓެއް ދިވެހިރާއްޖޭގެ ކެލައަށް ފުރުވާލިއެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ކެލާ މުހިންމުވާ ސަބަބަކީ، އިންޑިއާ ކަނޑުގައި ހާލުގައި ޖެހޭ ބޯޓުފަހަރަށް އެހީތެރިވެ ދިނުމާއި، ކަނޑުވާ މީހުން ސަލާމަތްކުރުމުގައި މުހިންމު ރޯލެއް އަދާކުރަމުން ދިޔަ އެއްތަނަކަށް ކެލާ ވެފައިވުމެވެ. ކެލާ ތުނޑީގައި އިނގިރޭސި ސިފައިން ވަނީ އެ ސަރަހައްދުގެ ”ރެސްކިޔު މިޝަން“ ތަކަށް ބޭނުންވާ ކަންކަން ކުރެވޭ ފެންވަރަށް ކަންކަން އިންތިޒާމުކޮށްފައެވެ. ކެލާ ތުނޑީގެ ފަޅަށް މަތިންދާބޯޓު ޖެއްސުމާއި، މަތިންދާބޯޓުފަހަރަށް ތެޔޮ އެޅުމާއި، ތެޔޮ ރައްކާކުރުމާއި، ހަތިޔާރު ގުދަންކުރުމަށް ތަންތަން ވަނީ ހަދާފައެވެ. އަދި ރެސްކިޔު މިޝަންތަކުގައި އުޅެފައި ކެލައަށް އަންނަ މަތިންދާބޯޓުތަކުގެ ފަޅުވެރީންގެ ކެއުމާއި، އަންނައުނު ދޮވުމާއި، ނިދުމުގެ ކަންތައްތައް ވެސް ކެލާ ތުނޑީގައި ވަނީ ހަމަޖައްސާފައެވެ. އިނގިރޭސި ސިފައިންނަށް ބޭނުންވާ މަސައްކަތް ކުރުވުމަށް ރާއްޖޭގެ އުތުރު އަތޮޅުތަކުން މީހުންނަށް ވަނީ، ކެލާ ތުނޑިން ވަޒީފާ ވެސް ދީފައެވެ.

ކަނދުފަތިތަކުގައި މިހާރު ސަލާމަތް ނުވެ ތިބި މީހުން އެހެން ތިބޭތާ 12 ވަނަ ދުވަހު (1944 ފެބުރުވަރީ 1) ގައި އެފް-413 ކެޓަލީނާ ބޯޓުން ވަނީ ކެލާގެ ހުޅަނގުން 450 މޭލުގެ ސަރަހައްދެއް ބަލާފައެވެ. ކަނޑުވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހިނގާކަން އެ މީހުންނަށް ނޭނގުނަސް، ފެބުރުވަރީ 1 ގައި ކެލައިން ފުރި މި ބޯޓުން ވަނީ 16 ގަޑިއިރުގެ އުދުހުން ފުރިހަމަކޮށްފައެވެ. ނަމަވެސް، ބޯޓުގެ މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އުދުހުން މެދުކަނޑާލުމަށް ފަހު އެނބުރި ކޯގައްލައަށް ދިއައީއެވެ. އޭރު ކެލާ ތުނޑީގެ ފަޅުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާނެ ދެ ބޯޓު އޮތެވެ.
ކަނޑުގައި ހޭދަކުރި 13 ވަނަ ދުވަހަކީ، ކަނދުފަތީ މީހުންނަށް ފުރަތަމަ ފަހަރަށް މަހެއް ބޭނުނު ދުވަހެވެ. ބޭނުނު ބޯވަދިލަމަހާ އެކު ނެގުނު ކުދި ކަކުނިތަކުގެ ތެރެއިން ކަކުންޏެއް ބުޅީގައި ލާފައި ދޫކުރުމާ އެކު ޅަ މިޔަރެއް ވެސް ބޭނުނެވެ. މިޔަރު ބޭނުމާ އެކު، ކަނދުފަތީގައި އެންމެ ދުވަހަކު ވެސް ވާހަކަ ނުދައްކައި، މޮޅިވެރިކަމާ އެކު ތިބި އިންޑިޔާ މީހުންގެ ބަސް ގިނަވެ، ފޯރި ހިފިއެވެ. އެ މީހުންގެ ޤަބޫލު ކުރުމަކީ، މިއަދު މިޔަރެއް ބޭނިއްޖެ ނަމަ މާދަމާ ބޯޓެއްގެ ހިލަމެއް ވާނެއެވެ.
ކަނޑުގައި ހޭދަކުރި 13 ވަނަ ދުވަހު، ޅަ މިޔަރު މަސް ކައިގެން ހިތްވަރު ލިބިފައި ވިޔަސް، އެ ދުވަހަކީ އެ މީހުން ހޯދާން ކެލާގައި ފަށާފައިވާ އޮޕަރޭޝަނަށް ބަދުނަސީބު ދުވަހެކެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރުމަށް ފެބުރުވަރީ މަހު ދެވަނަ ދުވަހުގެ ފަތިހު ކެލާ ފަޅުން އުދުއްސާލި ދެ ބޯޓުން ޖޭ-205 ބޯޓަށް މައްޗަށް ނޭރި، ފަޅުތެރެއަށް ވެއްޓި، އަލިފާން ހިފައި، ބޯޓުން ދަތުރުކުރި އެންމެން މަރުވީއެވެ. އަލިފާން ހިފަން މެދުވެރިވީ، ބޯޓުގައި ހުރި ސަބްމެރީނަށް ހަމަލާދޭ ޑެޕްތު ޗާޖު، ކަނޑުގައި ޖެހުމާ އެކު ގޮވައިގެންކަން ފަހުން އެނގުނެވެ. ބޯޓު ވެއްޓުނު ތަން ޓީ-205 ގެ ފަޅުވެރީންނަށް ރީތިކޮށް ފެނުނަސް، ކުރެވޭނެ ވަކި އިތުރު ކަމެއް ނެތުމާ އެކު، އެ ބޯޓު ދިޔައީ ކުރިން ވެސް ރޭވިފައިވާ ގޮތަށް ކަނޑުވެފައި ތިބި މީހުން ހޯދާށެވެ. ގާތްގަނޑަކަށް 8 ގަޑިއިރު އުދުހުމަކަށް ފަހު، ދުވާލުގެ އަލިކަން ހުއްޓައި އެ ބޯޓު އެނބުރި ކެލައަށް އައީ، ރޭގަނޑު ބޯޓު ޖައްސަން އުޅެފިނަމަ، ވެއްޓިފައި އޮތް ބޯޓުގައި ޖެހި، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށެވެ.

އެއް ބޯޓު ވެއްޓި، އަނެއް ބޯޓުގެ މުވާސަލާތީ ނިޒާމަށް މައްސަލަ ޖެހުނަސް، ކެލާގައި ހިންގަމުންދިޔަ ”ރެސްކިޔު މިޝަން“ ދިޔައީ ކުރިއަށެވެ. ހަލާކުވި ބޯޓުތަކުގެ ބަދަލުގައި އިތުރު ކެޓަލީނާ ބޯޓު ގެނެސްގެންނެވެ.
ކަނޑުގައި ތިބޭތާ 14 ވަނަ ދުވަހުގެ މެންދުރު ފަހު 3:30 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައި، ކަނދުފަތީގައި ތިބި މީހުންނަށް މަތިންދާބޯޓެއް އަންނަ އަޑު އިވުނެވެ. ވަރަށް ކުޑަ ތިއްކެއްގެ ބޮޑުމިނުގައި ފެނުނު ބޯޓު މަޑުމަޑުން ކަނދުފަތިތަކާ ގާތްވަމުން އައިސް ގާތްގަނޑަކަށް 50 ފޫޓަށް ތިރިކުރުމުން އެއީ ކެޓަލީނާއެއްކަން އެނގުނެވެ. ކަނދުފަތިތަކުގައި ތިބި މީހުން، އަތުގައި ހުރި ކާނާދަޅުތަކުގެ މަތި ބޭނުންކޮށްގެން އިރާ ދިމާކޮށް އަލިއަޅުވައިގެން ބޯޓަށް މެސެޖު ފޮނުވޭތޯ މަސައްކަތް ވެސް ފެށިއެވެ. މަތިންދާބޯޓުން ވަރުގަދަ އަލިއަޅުވައިގެން މޯސްކޯޑު ސިގްނަލް ފޮނުވިޔަސް، ކަނދުފަތިތަކުގައި ތިބި މީހުންނަށް އެ ސިގްނަލްތަކެއް ނުނެގުނެވެ. މޯސް ކޯޑުގެ ސިގްނަލް ފޮނުވާނެ ރަނގަޅު އާލާތެއް ނެތުމުން، އެ މީހުންގެ ވާހަކަތައް މަތިންދާބޯޓަކަށް ވެސް އަންގައެއް ނުލެވުނެވެ.
ކަނދުފަތިތަކުގައި ތިބި މީހުންނަށް، އެ ވަގުތު އެ މީހުން ސަލާމަތްވެދާނެ ކަމުގެ އުންމީދު ވަރަށް ބޮޑުވެ އުފާވެރިކަން ވެރިވި އެ ދަނޑިވަޅުގައި، މުޅި މަންޒަރު ބަދަލުވެ، ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތެއް ވެސް އައެވެ. އެއީ ކަނދުފަތިތަކާ ތަންކޮޅެއް ދުރުން އެ ސަރަހައްދަށް ކެޓަލީނާ ބޯޓުން ޑެޕްތު ޗާޖުގެ ހަމަލާއެއްދީ، ކަނޑުގެ އެކި ހިސާބުތައް ގޮއްވަން ފެށުމެވެ. ވީގޮތް އޮޅުންފިލިއިރު އެނގުނު އެއްޗަކީ، ކަނދުފަތިތައް ހުރި ހިސާބުގައި ޖަރުމަނުގެ ސަބްމެރީނެއް ފާރަލަމުން ދިޔަ ކަމެވެ. ސަބްމެރީން ފައްސާލުމަށް ފަހު، ކެޓަލީނާ ބޯޓު ކަނޑަށް ޖެއްސޭތޯ މަސައްކަތްކޮށް، ރާޅު ބޮޑުކަމުން ޖެއްސޭ ގޮތް ނުވުމުން، ބޯޓު އަލުން މައްޗަށް އަރައި، އެނބުރި ދިޔައީ ކާނާ ގޯންޏެއް ވައްޓާލާފައެވެ. ކަނދުފަތީގައި ތިބި މީހުން އަތް ދަމާލީމާ ނެގޭހާ ކައިރިއަށެވެ. ވައްޓާލި ގޯނީގައި ހުރި ޕާރުސަލްތަކުގައި ބިސްކޯދު، ސުޕް، ގެރިމަސް، ހޯރުލިކްސް، ޗޮކްލެޓް، މެޓާ، ފެން، ސިނގިރެޓް ހުއްޓެވެ. އަދި ފިސްތޯލައަކާއި ހާލުގައި ޖެހުމުން ސިގްނަލް ފޮނުވާނެ ކާޓްރިޖެއް ވެސް އޮތެވެ.
ކަނދުފަތީގައި އިތުރު ރެއެއް އެކަނިވެރިކަން މަތީ ހޭދަކުރަން ޖެހުނަސް، ސަލާމަތްވާން ވަރަށް ގާތްވެއްޖެ ކަމާއި، ގިނަ އަދަދެއްގެ ކާނާ ލިބިފައިވުމުން، ސުޕް ކައްކައި، ހޯރުލިކްސްއާއި ޗޮކްލެޓް އެއްކޮށް، ތަފާތު ބުއިން ތައްޔާރުކޮށް، ލިބުނު ގިނަގުނަ ތަފާތު ކާނާއިން ވަރަށް ރަނގަޅު ކުޑަ ”ހަފުލާއެއް“ ބާއްވައި އެންމެން ވެސް ތިބީ އުފަލުގައެވެ.
ފެބުރުވަރީ 5 ވީ ހޮނިހިރަކީ ކަނދުފަތީގައި ތިބޭތާ 16 ވަނަ ދުވަހެވެ. އެ ދުވަހު، ކަނދުފަތިތަކާ 400 މޭލު ބޭރުން ދަތުރުކޮށްފައި ދިޔަ ނޯވޭގެ ތެޔޮ ޓޭންކަރު، އެމްވީ އޯރާއާއި ކެޓަލީނާއިން ގުޅައި، ކަނދުފަތި އޮތްތަނަށް ފޮނުވައި އެންމެން ޓޭންކަރަށް ނެގިއެވެ.
ނޯމަންގެ ވާހަކައިގައި ފާހަގަކޮށްފައިވާ ގޮތުން، ދެ ކަނދުފައްޗެއްގައި ތިބި ބަޔަކު ހޯދަހޯދައި ވެސް ފެނިފައެއް ނުވެއެވެ. ނޯވޭގެ ޓޭންކަރަށް ނެގީ ތިން ކަނދުފައްޗެއްގެ މީހުންނެވެ. ކުރިން ފެނުނު ދެ ކަނދުފައްޗާ އެކު ސަލާމަތްކުރެވުނީ މުޅިއެކު ފަސް ކަނދުފަތީގައި ތިބި މީހުންނެވެ. ޓޭންކަރަށް ނެގި ބައެއް މީހުންގެ ހާލު ދެރަކަމުން، ގުލްކޯޒް ގުޅަން ޖެހުނެވެ. އެތަނުން ދެ މީހަކު މަރު ވެސް ވިއެވެ.

ކެލާ ތުނޑީގެ ފަޅަށް ވެއްޓުނު ބޯޓުން ފެނުނު ހަށިތައް ވަނީ އެ ތުނޑީގައި ވަޅުލާފައެވެ. އެ މީހުން ވަޅުލާފައި ތިބި ތަން ފާހަގަކުރަން އެނގޭ މީހުން ދުނިޔޭގައި މިހާރު ވެސް ތިބެދާނެއެވެ. ފަޅަށް ވެއްޓުނު ބޯޓުގެ ބައެއް އަދިވެސް ފަޅުގައި އެބަ އޮތެވެ. ކައިރި ހިސާބު މީހުން، ތިލޭރު މަސައްކަތްކުރުމަށް ބޯޓުގެ ބައިބައި ކަފައިގެން ނަގާފައިވާތީ، މިއަދު އެ ބޯޓުން ފެންނާން ހުރީ މަދު ބައެކެވެ.
ނޯޓް: މި ލިޔުން ލިޔެފައިވަނީ ”ބަކިންގްހަމް“ އިން ސަލާމަތްވި ނޯމަން ގިބްސަން، 2003 ގައި ލިޔުއްވާފައިވާ ލިޔުމެއް ބަލައިިގެންނެވެެ. މީހުންގެ ކިބައިން އަޅުގަނޑު ހޯދާފައި ހުރި ބައެއް މަޢުލޫމާތާ ވެސް އެކުގައެވެ.
