ކާމިޔާބު މީހުންނަކީ ފަތަޙަ ހޯދާ މީހުންނެވެ. ނަޞްރު ލިބޭ މީހުންނެވެ. ވާދަކުރާ ކަމެއްގައި މޮޅުވާ މީހުންނެވެ. އެ މީހަކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރާ މީހުންނެވެ. މުބާރާތްތަކުންނާއި އެކިއެކި ރޮނގުރޮނގުން ވަނަތައް ހާސިލުކުރާ ”ވަނަވެރީން“ (Winners) ނާއި ”އަރުތަވެރީން“ (Achievers) ނެވެ.
ޙައްޤުގޮތުގައި ވަނަތައް ހާސިލުކުރާ ވަނަވެރީން އެބައިމީހުން ވަނަތައް ހާސިލުކުރަނީ އެތައް ވަގުތަކާއި އެތައް ހަކަތައެއް އެކަމަށް ހުސްކޮށްލައިގެންނެވެ. އެތައް ލެއަކާއި ދަލެއް އެކަމަށް އޮހޮރުވައިލައިގެންނެވެ. އެތައް ޤުރުބާނީއަކާއި ފިދާއެއް ވެގެންނެވެ. ވަނައެއް ހާސިލުކުރުމާއި ކާމިޔާބެއް ހޯދުމަކީ އޭގެ ފަހަތުގައި އެތައްއެތައް ކަމެއް ހިމެނޭ ކަމެކެވެ. ކާމިޔާބު ގިނަ މީހުންނަކީ އެތައް ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލައިފައިވާ ބައެކެވެ. ކާމިޔާބު ހޯދަން ބޭނުން ނަމަ ދެކެންވާނީ ނާކާމިޔާބަކީއަކީ ކާމިޔާބުކަމުގެ ތަޅުދަނޑިކަމުގައެވެ. ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންނާ ވަރަށް ބޮޑު ތަފާތުތަކެއް ހުރެއެވެ. ވިސްނުމާއި ފިކުރުގައެވެ. ޢަމަލުކުރާގޮތުގައެވެ. ތިރީގައި މި ވަނީ އޭގެ ބައެއް ތަފާތުތަކެވެ.
ކާމިޔާބު މީހުން، އެ މީހުންނަށް ގޯހެއް ހެދިއްޖެނަމަ އެކަން ހެޔޮހިތުން ގަބޫލުކޮށް އެކަން ރަނގަޅުކުރަން މަސައްކަތްކުރެއެވެ. ނާކާމިޔާބީގައި އެކަމުގެ ޒިންމާ އުފުލައެވެ. މިއާ ޚިލާފަށް ނާކާމިޔާބު މީހުންނަކީ އަމިއްލަ ކުށް ގަބޫލުކުރުމުގެ ބަދަލުގައި އެހެން މީހުންނާއި އެހެން ކަންކަން ކުށްވެރިކުރާ ބައެކެވެ.
ކާމިޔާބު މީހުން މަސައްކަތްކުރަނީ ނަސީބަކީ ކޮންމެ ފަހަރަކު އެހީވާނެ އެއްޗެއް ނޫންކަމަށް ބަލައިގެންނެވެ. އެކަމަކު ކާމިޔާބު ވެއްޖެނަމަ އެއީ އޭނާގެ މަސައްކަތާއި ނަސީބާއި އެހެން މީހުންގެ އެއްބާރުލުމާއި ހެޔޮ ދުޢާއާ އެކު ލިބުނު ކާމިޔާބެއް ކަމަށް ދެކެމުންނެވެ. ނާކާމިޔާބު މީހުން ގަބޫލުކުރާގޮތުގައި އޭނާގެ ނާކާމިޔާބަކީ އޭނާގެ ބަދުނަސީބެވެ. އެހެން މީހުންގެ މައްސަލައެވެ.
ކާމިޔާބު މީހުންނަކީ ނާކާމިޔާބު މީހުންނަށް ވުރެ ބުރަކޮށް އަދި ގިނަ ވަގުތު މަސައްކަތްކުރާ ބައެކެވެ. ކާމިޔާބު މީހުންނަކީ ފަތިހު ހޭލާ ބައެކެވެ. ތަރުތީބުން ކަންތައްތައް ކުރާ ބައެކެވެ.
ކާމިޔާބު މީހުންނަކީ ދިމާވާ ހުރަސްތަކާ ކުރިމަތިލާ ބައެކެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ އޭގެ ތެރެއަށް ވަދެގެން މަސައްކަތްކުރާނެއެވެ. ނާކާމިޔާބު މީހުން އެނބުރޭނީ އެ މައްސަލަތައް ވަށައިގެންނެވެ.
ކާމިޔާބު މީހުންނަކީ ކިބުރުވެރިކާއި ބޮޑާކަމާ ދުރުބައެކެވެ. ނާކާމިޔާބު މީހުންނަކީ ލިބޭ ކުޑަ ކާމިޔާބީއަކަށް ވެސް ބޮޑާވެ ކިބުރުވެރިވާ ބައެކެވެ.
ކާމިޔާބު މީހުންނަކީ ހެދޭ ގޯސްތަކާމެދު ވިސްނައި އެކަންތައް ތަކުރާރު ނުކުރާ ބައެކެވެ. ނާކާމިޔާބު މީހުންނަކީ ގޯސްތައް ތަކުރާރުކުރާ ބައެކެވެ.
ކާމިޔާބު މީހުންނަށް ކުރިމަތިލާންވީ ކަންތައްތަކާއި ޤުރުބާންވާނެ ކަންކަން އެނގޭނެއެވެ. ނާކާމިޔާބު މީހުން އޭނާ ޤުރުބާންވާން ނުޖެހޭ ކަންކަމުގައި ޤުރުބާންވެ، ކުރިމަތިލާން ނުޖެހޭ ތަންތަނުގައި މީހުންނާ ކުރިމަތިލާނެއެވެ.
ކާމިޔާބު މީހުންގެ ކުރިމަތީގައި ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. ނާކާމިޔާބު މީހުން ވަގުތު ހޭދަކުރާނީ ބޭކާރުގޮތުގައެވެ.
ކާމިޔާބު މީހުން އަބަދުވެސް މަސައްކަތްކުރާނީ އިތުރަށް ރަނގަޅުކުރާށެވެ. އެ މީހުން އަބަދުވެސް ބަލާނީ ކުރިއަށެވެ. ނާކާމިޔާބު މީހުން އަބަދުވެސް ބަލާނީ އެހެން މީހުންނަށެވެ.
ކާމިޔާބު މީހުން، އެ މީހުންނަށް ވުރެ މޮޅު މީހުންނަށާއި އިސް މީހުންނަށް އިޙުތިރާމުކޮށް އެ މީހުންގެ ކިބައިން ދަސްކުރަން މަސައްކަތްކުރާނެއެވެ. ނާކާމިޔާބު މީހުން އޭނާއަށް ވުރެ މޮޅު މީހުން ދެކެ ރުޅިއައިސް ހަސަދަވެރިވާނެއެވެ. އަދި އެ މީހުންގެ ކުށް ހޯދަން މަސައްކަތްކުރާނެއެވެ.
ކާމިޔާބު މީހުން އޭނާ ކުރާ މަސައްކަތުގައި ނުވަތަ އަދާކުރާ ވަޒީފާގައި އޭނާގެ މަގާމަށް ވުރެ މާބޮޑަށް ޒިންމާ އުފުލާނެއެވެ. ނާކާމިޔާބު މީހުން މަސައްކަތްކުރާނީ ކިރިޔާ ފުދޭވަރަށެވެ. އޭނާ މަސައްކަތުގެ ވަގުތު ހޭދަކުރާނީ ކުރަން ޖެހޭ މަސައްކަތްތަކުގެ ބަދަލުގައި އެހެން ކަންތައްތަކުގައެވެ.
ކާމިޔާބު މީހުން ކަންތައްތައް ކުރަމުންއައި ގޮތަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރާން ބޭނުންވާނެއެވެ. ބަދަލަށް މަރުހަބާ ކިޔާނެއެވެ. ނާކާމިޔާބު މީހުން މަސައްކަތްކުރާނީ އެކަމެއް އޮތް ގޮތުގައި ބާއްވާށެވެ.
ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންގެ އެންމެ ބޮޑު ތަފާތަކީ ކެތްތެރިކަމެވެ. ނާކާމިޔާބު މީހުންނަކީ ކެތްތެރިކަން ދަށް އަވަސް އަވަހަށް ރުޅިއަންނަ ބައެކެވެ.
ކާމިޔާބު މީހުންނަކީ އެކަމެއްގައި ސާބިތުކަންމަތީ ދެމިތިބޭ ބައެކެވެ. ކާމިޔާބު މީހުންނަކީ އެއްވެސް ކަމެއްގައި އެންމެ ފުރަތަމަ އަރާ ބޮންތީގައި ނުހިފޭނެ ކަމަށް ގަބޫލުކުރާ ބައެކެވެ. ނާކާމިޔާބު މީހުންނަކީ ނާކާމިޔާބާ ހަމައިން ދޫކޮށްލާފައި އެއްފަރާތްވާ މީހުންނެވެ.
