ދިވެހީންގެ ފޯކުލޯރު ވާހަކައިގައި ކިޔާ ”ކޮއިމަލާކަލޯ“ގެ ނަން ރާދަވަޅިން ތިން ގޮތަކަށް ފެނެއެވެ. އެއްގޮތަކީ ”ކޭއިމަލެއި“ އެވެ. އަނެއްގޮތަކީ ”ކޭމަލެއި“ އެވެ. އަނެއް ގޮތަކީ ”ކޭމަލާ“ އެވެ. ތަފާތު ސީޣާތަކުން ކިޔުނަސް މިއީ އެއް ނަމެކެވެ. ކޮއިމަލާކަލޯއެވެ. ނުވަތަ މަލެއްފަދަކޮއިއެވެ. ކޮއިމަލާކަލޯއަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެކެވެ. އެ ރަސްގެފާނަކީ ”ސްވާސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ މަހާރަދުން“ ކަމަށް ބައެއް މުއައްރިޚުން ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ މިއީ، ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުގެ ތީމުގޭ ގޮފީގެ ރަސްކަން ފެށްޓެވި ބާނީއެވެ.

ސިރީ މަހާބަރަނަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގަތީ މީލާދީން 1121 ވަނަ އަހަރު (515ހ.) ގައި ކަމަށް ބެލެވެއެވެ. ލޯމާފާނުން ލިބޭ މަޢުލޫމާތަށް ބަލާއިރު މި ރަދުން  ފުރައުއްތަވީ މީލާދީން 1142 ވަނަ އަހަރު (536ހ.) ގައެވެ. އިސްދޫ ލޯމާފާނުގައި ވާގޮތުން މި ރަދުން ރަސްކަންކުރެއްވީ 21 އަހަރުއެވެ. މި ރަދުން ރަސްކަމަކަށް އިސްވެ ވަޑައިގެންނެވީ އޭގެ ކުރިން ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވި ވީރަދޭވަ ރަސްގެފާނު ސިލޯނު ހިއްޕެވުމަށް ކުރެއްވި ހަނގުރާމައިގައި އަވަހަރާވެވަޑައިގަތުމުންނެވެ. މި ދެ ރަދުންގެ ދެމެދުގައި ތާރީޚުގައި ކަން ހިނގާފައިވާގޮތް އަދި މުޅިން ސާފެއް ނޫނެވެ. ކޮއިމަލާކަލޯއަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ބުދު ދީނަށް ރަސްކަން ކުރެއްވި ރަސްކަލެކެވެ. ދިވެހި ދައުލަތުން އިސްލާމްދީން ދިވެހީންގެ ދީނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މި ރަދުންގެ ފަހުން ރަސްކަމަށް އިސްވެވަޑައިގެންނެވި މި ރަދުންގެ އުޚުތު ހެނެވިމާވާކިލެގެގެ ދަރިކަލުން ސިރީ ތްރިބުވަނައާދިއްތަ މަހާރަދުންގެ ރަސްކަމުގައެވެ. މިއީ ފަހުން ދަރުމަވަންތަ ރަސްގެފާނެވެ.

ސިރީ މަހާބަރަނަ މަހާރަދުންނަކީ ސިރީ ބޮވަނަ އާނަންދަ މަހާރަދުންގެ ދަރިކަލުންނެވެ. އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ފެށެނީ މި ރަދުންގެ ރަސްކަމުންނެވެ. ރާދަވަޅީގައި މި ރަދުންނަށް ނިސްބަތްކޮށްފައިވަނީ ”ސްވާސްތީ ސިރީ ތީމުގޭ ރަންފިރޭރު މިނި އަބާރަނަ މަހާރަދުން“ ގެ ނަންފުޅުންނެވެ.

މި ރަދުންނަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް ދެ އަތޮޅުކަމަށްވާ މަލިކު އަތޮޅާއި ތިލަދުންމަތި، ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަހު ދެކުނު އިންޑިއާގެ ޗޯޅާއިންގެ ރަސްކަމުގެ ދަށުގައި އޮއްވައި މިނިވަންކޮށްދެއްވި ރަދުންނެވެ. މި ރަދުން ފާހަގަ ކުރެވިފައިވަނީ ދުޝްމަނުންނާ ހަނގުރާމަކޮށް އެ މީހުން ބަލިކުރައްވައި މުޅި ދިވެހިރާއްޖެ އެއް ވެރިކަމެއްގެ ދަށަށް ގެންނެވި ޤައުމީ ބަޠަލެއްގެ ގޮތުގައެވެ. މި ހަނގުރާމައިގައި ދިވެހީންނަށް ލިބިގެންދިޔަ ކާމިޔާބީއަށްފަހު މި ރަދުންނަށް ”ސާދަ އަތޮޅާއި ދުއިސައްތަ ޖަޒީރާގެ ރަސްގެފާނު“ ގެ ނަންފުޅު އެރުވުނެވެ. ދިވެހިރާއްޖޭން ފެނިފައިވާ އެންމެ ގިނަ ދުވަސްވީ ރަސްމީ ލިޔުންކަމުގައި ބެލެވޭ އިސްދޫ ލޯމާފާނުގައި މަހާބަރަނަ މަހާރަދުންގެ ނަންފުޅު އޮތެވެ. އެހެން ނަމަވެސް މޮއިމަލާކަލޯގެ ނަންފުޅެއް ނެތެވެ.

ކޮއިމަލާކަލޯއާ ބެހޭ ގޮތުން މީހުންގެ ތުއްތުންމަތިން ރިވާވެގެން އައިސްފައިވާ ވާހަކަ ކިޔާ އުޅެނީ ދެގޮތަކަށެވެ. އެއް ގޮތަކީ ކޮއިމަލާކަލޯއަކީ ސްރީލަންކާއިން ވަޑައިގެންނެވި އަމީރެއްކަމަށް ބުނެވޭ ގޮތެވެ. ދެވަނަ ގޮތަކީ މިއީ އިންޑިއާއިން ވަޑައިގެންނެވި އަމީރެއްކަމަށް ބުނެވޭ ގޮތެވެ. ކޮއިމަލާކަލޯ ދިވެހިރާއްޖެ ވަޑައިގެން ފުރަތަމަ ހުންނެވީ ރަސްގެތީމުގައެވެ. މާލެ ވަޑައިގެންނެވީ އޭގެފަހުންނެވެ. ކޮއިމަލާކަލޯއަށް މާލެ ދައްކައި މާލޭގައި ރަސްކަމެއް ފެށުމުގައި އެހީތެރިވެދިނީ މާލޭގައި ބަނޑަހަޖަހައިގެން މަސްވެރިކަން ކުރަން ތިބި ގިރާވަރު މީހުންކަމަށް ކިޔާއުޅުނެވެ.

އިންޑިއާގެ މަލާބާރުގައި ބައެއް މާތް ބޭފުޅުންނަށް ”ކެއިމަލް“ ގެ ލަޤަބު އަރުވާފައިވާކަމަށް ބޫޝޯން (1998) ލިޔުއްވާފައިވެއެވެ. ކޮއިމަލާއިންނަކީ ނާޔަރުންގެ އެންމެ މަތީ ދަރަޖައިގެ ބޭކަލުންނެވެ. އެ ރަށުގައި އިހުޒަމާނުގެ ބުޑިސްޓު ދީނުގެ މޮނާސްޓްރީއެއް ހުއްޓެވެ. ކުރިން އެ ރަށަށް ކިޔާ އުޅުނީ ”ތީމު“ އެވެ. މީލާދީން 1343 ވަނަ އަހަރު ދިވެހިރާއްޖެ ވަޑައިގެންނެވި އިބްނު ބަޠޫޠާ ރާއްޖެ ވަޑައިގެންނެވި އިރު ވެސް އެ ރަށަށް ކިޔަނީ ތީމެވެ.

ޝެއަރކުރެއްވުމަށް