ފަތިހު ބަންގި ގޮވީ ވެސް ހަގު ދަރިފުޅު ހޭލައިގެން އުޅެނިކޮންނެވެ. ހެނދުނު 8 ޖަހާއިރަށް ފިރިމީހާ ވަޒީފާއަށް ދާންވާއިރަށް ސައިހަދަން ޖެހެއެވެ. ދޮށީ ދަރިފުޅުގެ ފިލާވަޅުތައް ނުނިމިގެންނާއި، ގޭތެރެއާއި ފާޚާނާ ސާފުކުރަން ޖެހިގެން މި ހަފުތާ ބަންދުގައި ފިރިމީހާގެ އެންމެ ގަމީހެއް ވެސް އިސްތިރިކުރެވިފައެއް ނުވެއެވެ. ނިދި ވެސް މުހިންމެވެ. ގޭތެރޭގެ މަސައްކަތާއި ފިރިމީހާއާއި ދަރިންގެ ކަންތައް ވެސް މުހިންމެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހަކަށްވެފައި މިއަދު އޮންނަ މީޓިންއަކަށް ތައްޔާރުވާން ވެސް ޖެހެއެވެ. ތިން މިނިޓަށް ވެސް ލޯ މަރާލައިގެން ނޯވެވުނެވެ. ދެ ކުދިންނާއި ފިރިމީހާގެ ކަންތައްތައް ކުރަން ޖެހޭތީ އަވަހަށް އެނދުން ތެދުވީއެވެ.
ހުރިހާ ކަމަކަށް ވިސްނަމުން ފިރިމީހާގެ ގަމީސް އިސްތިރިކުރަން ފެށީމެވެ. ކުއްލިއަކަށް އެއް އަހަރުގެ ތުއްތު ދަރިފުޅުގެ ނެޕީ ބަދަލުކުރަން ދާން ޖެހުނެވެ. އަނެއްކާ، ގަމީހުގެ އަތުގެ އެއްބައި އިސްތިރި ނުކުރެވެނީސް، 6 އަހަރުގެ ބޮޑުދަރި ހޭލިގޮތަށް ކޮއްކޮއާ ތޮޅެން ފެށީއެވެ. އެ ދެ ކުދިން މަސަލަސްކުރަމުން 7 ޖަހަންވާ އިރަށް އިސްތިރިކޮށް ނިންމާލެވުނީ ހަމަ ކިރިޔާއެވެ. ދެން ދުއްވައިގަންނަންވީ ދަރިންނާއި ފިރިމީހާއަށް ސައި ހަދާށެވެ.
މިއީ، ގޭތެރެއިން އެކަނި ކޮންމެ ދުވަހަކު ހަމައެކަނި އަންހެންމީހާ އުފުލަން ޖެހޭ ޒިންމާތައް ކަމުގައި އޮންނަނީ ހީކުރެވިފައެވެ. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ގޭގޭގެ ޙާލަތަކީ މިއީއެވެ. ގޭގެ ހުރިހާ ކަމެއްހެން ކުރަންޖެހެނީ އަންހެންމީހާއެވެ. ފެށުނީއްސުރެ ރާއްޖޭގައި އަންހެނުންނަށް ދެވިފައި އޮތް ދަރަޖައަކީ މިއީއެވެ.
އިހުގައި އޮފީސް އޮފީހަށް ގޮސްގެން އާމްދަނީ ނުހޯދިއަސް، އޭރުވެސް އަންހެނުން ގޭތެރޭގެ މަސައްކަތްކުރަމުން، އާމްދަނީ ހޯދުމަށް ވެސް މަސައްކަތް ކުރިއެވެ. އޭރު ވެސް ގާތްގަނޑަކަށް ގޭތެރެއާއި ޢާއިލާގެ ހުރިހާ މަސައްކަތެއްގެ ޒިންމާ އެޅިފައި އޮންނަނީ އަންހެނުންގެ ބޮލުގައެވެ.
ޒަމާން ބަދަލުވެ، މިއަދު އަންހެނުންނަކީ، ދިރިއުޅުމަށް އާމްދަނީ ހޯދުމުގައި ހަރަކާތްތެރި ބަޔަކަށް ވެއްޖެއެވެ. އެހެން ނަމަވެސް، ގޭތެރެއާއި ޢާއިލާ ބެލެހެއްޓުމުގައި އަންހެނުންނަށް އެޅިފައިވާ ޒިންމާ އޭރު ވެސް އަދި މިހާރު ވެސް ކުޑައެއް ނުވެއެވެ. ބަލިވިޔަސް، ތަނަކަށް ތަދުވިޔަސް، ވަރުބަލިވިޔަސް، ތަނެއްގައި އޮށޯވެވޭ ވަރަށް ވުރެ ދިވެހި އަންހެނުން އަދާކުރަންޖެހިފައިވާ ޒިންމާ ބޮޑުވެފައި މަސައްކަތް ބުރައެވެ.
ވަޒީފާގައި މަޤާމު މަތިވި ވަރަކަށް ޒިންމާތައް އިތުރު ވިޔަސް، އެހެނިހެން މަސައްކަތް ހަމަ އެ ގޮތުގައި ހުރުމަކީ އަންހެނުންނަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމެވެ. ޚާއްޞަކޮށް، އަންހެނަކަށް ވީތީ ދަރިން ލިބޭ ހިސާބުން ގޮންޖެހުންތައް އިތުރުވެގެންދެއެވެ. މިހާ ހިސާބުން ގިނަ އަންހެނުން ވަޒީފާ ދޫކޮށް ގޭގައި މަޑުކުރަން މަޖުބޫރުވުމަކީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބަސްކިޔޭ ފެންވަރުގައި އަންހެނުންނަށް ފައިތިލަ ސާބިތުކޮށް ނުލެވިގެން އުޅޭ އެއް ސަބަބަށް ވެދާނެއެވެ. މިކަމުގައި އޮފީސްތަކުން، އެ އޮފީހެއްގައި އަންހެން މުވައްޒަފުންނަށް ދަރިން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، ޢާއިލާތަކުން ދޭ އެއްބާރުލުމާއި އަޅާލުން އިތުރުވެއްޖެނަމަ މިއަދު މި ފެންނަ މަންޒަރު ބަދަލުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އަންހެނުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މުޖުތަމަޢުގައި ހުރިހާ ފަންތިއެއްގައި ލިބޭ ދުވަހެއް ނަމަ، މިއަދަކީ މީގެ އެއް ދުވަސް ކުރިޔާ އަޅާބަލާއިރު ވެސް އަންހެނުންގެ ކުރިއެރުން، އިތުރު ހަރުފަތަކަށް ދާނެ ދުވަހެކެވެ.
ވަޒީފާގެ މާހައުލުގައި ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންގެ ދައުރު ވެސް އޮންނަކަން މިހާރު އެކިއެކި މުއައްސަސާތަކަށް ބަލާލި ނަމަވެސް ފާހަގަވާނެއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2016 ވަނަ އަހަރު ހަދާފައިވާ އާމްދަނީއާއި ޚަރަދު ކުރިގޮތުގެ ސަރވޭއަށް ބަލާއިރު ވަޒީފާ އަދާކުރާ އަންހެނުން، ވަޒީފާ އަދާކުރާ ފިރިހެނުންނަށްވުރެ ނިސްބަތުން މަދެވެ. ވަޒީފާ އަދާކުރާ ވަގުތުތަކަށް ބަލާއިރު އަންހެނުން ވަޒީފާގައި މަސައްކަތްކުރާ ވަގުތުގެ ގޮތުގައި ޖުމުލަ ހަތް ގަޑިއިރު ހޭދަކުރާ ކަމަށް މި ސަރވޭއިން ދައްކައެވެ. ވަޒީފާއާއި ގޭތެރޭގެ އެހެނިހެން ކަންކަމުގައި އަންހެނުން ގިނަ ވަގުތު ހޭދަކުރާކަން މި ސަރވޭއިން ވެސް ދައްކައެވެ. އެ ގޮތުން އަންހެނުން އެވްރެޖްކޮށް ހަ ގަޑިއިރު ގޭތެރޭގެ މަސައްކަތްތަކުގައި ވަގުތު ހޭދަކުރާއިރު ފިރިހެނުން ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރަނީ ތިން ގަޑިއިރެވެ.
އެހެން ނަމަވެސް މިއަށްވުރެ ހަމަހަމަކަމާ އެކު މަސައްކަތްކުރާ ޢާއިލާތައް ވެސް މި މުޖުތަމަޢުގައި ނެތެކޭ ނުދެންނެވޭނެއެވެ.
ހަމަހަމަކަން މިތާނގައި މި މާނަކުރަނީ ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް، އެކަކު އަނެކަކަށް، ނުވަތަ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން، ބަހާލައިގެން ކުރުމަށެވެ. އަނބިމީހާ ކައްކާ ނަމަ، ފިރިމީހާ ތަށިތެލި ދޮވެވިދާނެއެވެ. ދަރިފުޅު ފެންވަރުވައި ރީތިކުރާއިރު، ގޭތެރޭގައި ދެންހުރި ކުރަން ޖެހޭ ދަރިފުޅުގެ އެހެނިހެން ކަންކަން ކޮށްދީ އެހީތެރި ވެދެވޭނެއެވެ. މިފަދައިން އެކަކު އަނެކަކަށް އެހީތެރިވެއްޖެ ނަމަ މި ދެންނެވި ހަމަހަމަކަން ދެ ފަރާތަށް ވެސް އިހުސާސްވާނެއެވެ.
އަންހެނުން ބާރުވެރިކުރުވުމަށް، ކުރީސަފުގައި، އަދި އިސްސަފުގައި، ޤައުމުގެ ބޮޑެތި ކަންކަމުގައި، ބަސްބުނެވޭ ފެންވަރުގައި އަންހެނުން ބޭތިއްބުމަށް ޓަކައި މިފަދަ އެއްބާރުލުންދޭ ޢާއިލާތައް، ނުވަތަ ފިރިހެނުން މި މުޖުތަމަޢުއަށް ބޭނުންވެއެވެ. މިކަމަށް ބާރު ލިބޭ ސަބަބަކީ މި މައުޟޫއަށް އަޅުގަނޑު ވާހަކަދައްކާލި ގިނަ ފިރިހެނުން، އަންހެނުން ބާރުވެރިކުރުވުމަށް އެ މީހުންގެ ޒިންމާ ބޮޑުކަން ޤަބޫލުކުރާތީއެވެ.
ގޭގައި ކުރަން ހުންނަ މަސައްކަތްތަކުގެ ޒިންމާ ފިރިމީހާ ނަގާ ނަމަ، ވަޒީފާގައި އިންނަ އަނބިމީހާ ވިސްނަން ޖެހޭ ކަންކަން މަދުވެ، މަސައްކަތަށް ފޯކަސްކުރެވި، ރަނގަޅު ކޮލިޓީ މަސައްކަތެއް ކުރެވި، ކުރާ މަސައްކަތުގެ ސްޕީޑު ވެސް އަވަސްވެފައި، އެ މަސައްކަތް ރަނގަޅު ފެންވަރެއްގައި ނިންމާލެވޭނެކަން ގިނަ ފިރިހެނުން ޤަބޫލުކުރެއެވެ.
މި މައުޟޫއަށް ވާހަކަދެއްކި ގިނަ އަންހެނުން ވަނީ، އެކަނި ހުރިހާ ޒިންމާއެއް އަދާކުރާ އަންހެނަކަށް ޙަޤީޤަތުގައި ކަންކަން އެންމެ ބޭނުންވާ ގޮތަށް ގެންދިޔުމަކީ ފަސޭހަކަމަށް ނުވާނެކަން ފާހަގަކޮށްފައެވެ. އެ ގޮތުން އެފަދަ މީހެއްގެ ޞިއްޙަތަށާއި އަމިއްލަ މީހާއަށް ލިބެން ޖެހޭ ވަގުތުގެ ވާހަކަ ގިނަ އަންހެނުން ފާހަގަކުރިއެވެ. މެންޓަލީ އަދި ފިޒިކަލީ ގޮތުން މީހާ ”ހަމައިގައި“ ހުރުމަށް ޓަކައި އެފަދަ މީހުންނަށް އަމިއްލަ ނަފްސަށް ދޭން ޖެހޭ ވަގުތު މުހިންމުކަން މިއީ ވެސް އަންހެނުންނާ ވާހަކަދައްކާލުމުން ފާހަގަކުރެވުނު ކަމެކެވެ.
މި ހުރިހާ ގޮންޖެހުމަކާ އެކު ވެސް ހިތްވަރުލައިގެން ކުރިއަށްދާން މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި ކެރުން މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ. މި ހިތްވަރު މިއަދު ނެތަސް، މާދަމާ އިތުރަށް މަސައްކަތްކޮށްގެން ކުރިއަށް ނުކުންނަން އަޒުމް ކަނޑައަޅައިގެން ތިބި އަންހެނުން މިއަދު ތައްޔާރުވާންވީ މާދަމާއަށް ހުރި ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދިޔުމަށެވެ.
މިކަން ވާންއޮތީ ގޭތެރެއިން ދޭ އެއްބާރުލުން ލިބިގެންނެވެ. ވަޒީފާގެ މާހައުލުގައި، ލިބޭ ފުރުޞަތުތައް ހަމަހަމަވެގެންނެވެ. އަންހެނުންނާއި ފިރިހެނުން ކޮންމެ ކަމެއްގައި ހަމަހަމަ ނުވި ނަމަވެސް، މިފަދަ ވަޒީފާގެ މާހައުލުގައި ލިބޭ ފުރުޞަތުތަކަކީ ހަމަހަމަ ފުރުޞަތުތަކަކަށް ވެއްޖެ ނަމަ މި ދަންނަވާ އިސް މަޤާމުތަކުގައި، ބަސްބުނެވޭ ފެންވަރުގައި އަންހެނުންގެ ދައުރު ފުޅާވެގެންދާނެއެވެ.
އެންމެ ބޭނުންވާ މިންވަރަށް އެހީތެރިވެދޭނެ މީހެއް ނެތް ނަމަވެސް އަންހެނަކަށް ވީތީ ނުވާނެއޭ، ނުކުރެވޭނެއޭ، ނޭނގޭނެއޭ ބުނެވެން މިއަދު ނެތެވެ. ސަބަބަކީ އާމްދަނީއެއް ނުލިބޭ، އެންމެ ބުރަ މަސައްކަތްކަމުގައިވާ ގޭތެރޭގެ މަސައްކަތްތަކާއި، ދަރިންގެ މަސައްކަތްތަކާއި މި ކަންކަން އަންހެނުންނަށް އެކަނިމާއެކަނި ވެސް ކުރަމުން، ވަޒީފާ ވެސް އަދާކުރެވޭތީއެވެ.
އަޅުގަނޑުމެން އަންހެނުންނަށް ވާނެއެވެ. ލިބޭ ފުރުޞަތުތަކުގެ ބޭނުން ކެރިގެން ހިފާށެވެ. ރިސްކެއް ނަގަން ޖެހިލުން ނުވާށެވެ. ނޫނީ ފަހުން އެކަން ކުރެވުނު ނަމައޭ ހިތަށް އަރާނެ އެތަކެއް ފަހަރެއް އަތުވެދާނެއެވެ. ހިތްވަރާ އެކު ކުރިއަށްދާށެވެ. ކާމިޔާބު ވާނެއެވެ.
މިއީ އެކަނިމާއެކަނި ދަރިން ބަލާބޮޑުކުރި މައިންނަށް ޝުކުރު އަދާކުރަންވީ ވަގުތެވެ. އެކަނިމާއެކަނި ދަރިން ބަލަމުން ވަޒީފާ އަދާކުރަމުންދާ އެކަނިވެރި މައިންގެ އަގުވަޒަންކުރަންވީ ވަގުތެވެ. އަމިއްލަ މަސައްކަތުން، އަމިއްލަ ހިތްވަރުން ކުރިއަރަން މަސައްކަތްކުރާ އަންހެނުންނަށް ހިތްވަރު ދޭންވީ ވަގުތެވެ. ހަމައެހެންމެ މިފަދަ އަންހެނުންނަށް ”ވާނެ“ ކަން ދަނެ، އަންހެނުންނަށް ހިތްވަރުދީ، ކުރިއަރުވަން މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަންވީ ވަގުތެވެ. ދެކެން ބޭނުން ވަނީ ޤައުމުގައި ބަސްބުނެވޭ ފެންވަރުގައި އަންހެނުންނަށް އިތުރު ތަކުލީފަކާ ނުލައި މަސައްކަތް ކުރެވޭނެ ދުވަހެކެވެ. އަންހެނަކަށް ވީތީ ނުވާނެއޭ ބުނާބުނުން ބަދަލުކޮށް، އަންހެނަކަށް ވިޔަސް ވާނެކަން ޤަބޫލުކުރާނެ ދުވަހެކެވެ.
