މީހުން ނޫޅޭ ބިމެއްގައި ތާރީޚެއް ނުވެއެވެ. ބައެއްގެ މެދުގައި ނޫނީ ވެރިކަމެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގައި މީހުން އުޅޭތާ ތިންހާހެއްހާ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށް ބެލެވެއެވެ. ޢީސާގެފާނުގެ ތާރީޚުގެ ފަސްސަތޭކަ ވަރަކަށް އަހަރު ކުރިން ވެސް ދިވެހިރާއްޖޭގައި މީހުން އުޅޭކަމާއި އެ މީހުންގެ މެދުގައި ވެރިކަމެއް އޮތްކަން ބޭރުގެ މުވައްރިޚުންގެ ލިޔުންތަކުން އެނގެއެވެ. ވެރިންގެ ވެރިކަން ދިފާޢުކުރުމަށާއި އެ ވެރިންގެ ރައްޔިތުން ރައްކައުތެރި ކުރުމަށް މަސައްކަތްކުރާނެ ބަޔަކު ކޮންމެ ޒަމާނެއްގައި ވެސް ކޮންމެވެސް ނަމެއްގައި ތިބޭނެކަމަށް ބެލެވެއެވެ. އެއީ، މިއަދުގެ އިޞްޠިލާޙުގައި ”ސިފައިން“ އެވެ.

އެހެންވީމާ، ސިފައިންގެ މީހަކީ ހަނގުރާމަވެރިޔާއެވެ. ސިފައިންނަކީ ހަނގުރާމައަށް ތައްޔާރުވެ ހުންނަ މީހާއެވެ. ސިފައިންގެ މީހެއްގެ ފަޚުރަކީ އޭނާގެ ހިތްވަރާއި ފަންވަރެވެ. ކެރުމާއި، ޖެހިލުން ކުޑަކަމާއި އޭނާގެ ހުނަރުވެރިކަމެވެ. އޭނާއަށް އެ ފަންނުގައި ލިބިފައިހުރި ތަމްރީނެކެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ސިފައިންގެ މީހެއްގެ ފަޚުރަކީ އޭނާގެ ލޮބުވެތި އަޚުން، އުޚުތުންގެ ދުލުން އޭނާއަށް ކުރާ ތަޢުރީފެކެވެ. ކުރެވޭ ތަޢުރީފުގެ، ކިޔޭ ޡަނާގެ އަޑު އޭނާގެ ކަންފަތަށް ފަހަރުގައި ނީވި، ނުފޯރާ ހިނގައިދާނެއެވެ. އޭރު އެ ފަޚުރުވެރި ސިފައިންގެ މީހާ ވާނީ، ސިފަ ނުކުރެވޭ ފަދަ، ބުނެ ބަޔާން ނުކުރެވޭނެ، ނިމުމެއް ނުވާ ނިޢުމަތްތަކާ އެކުގައެވެ. އެހެން މީހުންގެ ދުލުން އޭނާއަށް  ޓަކައި އޮހެމުންދާ ތަޢުރީފުގެ ބަސްތައް، ރައްދުކުރެވޭ ޖިޒީތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން، ގިނަވެ، ގުނަވަމުންދާނެއެވެ. ދުނިޔެ ނިމެންދެން އެކަން އެގޮތަށް ހިނގާނެއެވެ. ސިފައިންގެ ފަޚުރަކީ އެއީއެވެ.

”ސިފައިން“ މި ލަފުޒު އުފެދި މާބަނޑުން ފިރުކިގެން ދިވެހިންގެ ތެރެއަށް އައީ ކޮން ދުވަސްވަރަކު، ކޮން ބަހަކުން، ކިހިނެއް ކަމެއް ސާފު ސީދާކޮށް ދަންނަވާކަށް ނޭނގެއެވެ. އެހެންނަމަވެސް، ދިވެހި ބަހަށް ”ސިފައިން“ މި ލަފުޒު ވަދެފައިވަނީ ފާރިސީ (Persian) ބަހުން އުރުދޫ ބަހުގެ ތެރެއަށް ވަދެފައިވާ ސިޕާހު (سپاہ) މި ލަފުޒުން ކަމަށް ލަފާކުރެވެއެވެ. ”ސިޕާހު“ މި ނަން ދިވެހި ބަހަށް ގެނައުމުގައި އަކުރުތަކަށާއި ފިއްޔަށް އައިސްފައިވާ ބަދަލާއި ބެހޭ ގޮތުން، ކަމަށް ޤާބިލު ކޮންމެ ވެސް ބޭފުޅަކު ލިޔުއްވާނެ ކަމަށް އުންމީދު ކުރަމެވެ.

ދިވެހި ސިފައިން ފަޚުރުވެރިވާން ޖެހޭ އެތަކެއް ކަންތައްތަކެއް މިއަދު ދިވެހި ސިފައިންނަށް، ދިވެހި ކާބަފައިން ފޯރުކޮށްދީފައިވެއެވެ. ހަނދާން އައުކޮށްލުމުގެ ގޮތުން ތަކުރާރުކޮށް ފަށްފަށް ކުރަމެވެ.

ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 500 އަހަރުގެ މާކުރިން ފެށިގެން ޞުލްޙަ ވެރިކަމާ އެކު މީހުން އުޅެމުން އައި، ދިގު ތާރީޚެއް އޮތް މި ރާއްޖެއަށް އެންމެ ފުރަތަމަ ޢުދުވާނީ ހަމަލާއެއްދީ ދިވެހިން އަޅުވެތިކުރިކަން ތާރީޚުން އެނގެން އޮތީ މީލާދީން 10 ވަނަ ޤަރުނުގެ ފަހުކޮޅު ނުވަތަ 11 ވަނަ ޤަރުނުގެ ކުރީކޮޅުގައި، ދެކުނު އިންޑިއާގެ ޗޯޅާ ރަސްގެފާނު ރާޖާރާޖާ1 (985 – 1014މ.) ދިވެހިންނާ ހަނގުރާމަކޮށް، ދިވެހިން ބަލިކޮށް، ރާއްޖޭގައި އޮތް ބިމުގެ ގޮތުން އެންމެ ބޮޑު ރަށް، އެއް ބައްރަކަށް އުފެދިފައިވާ މަލިކުއަތޮޅާއި، ކުދިކުދި އެތައް ރަށަކުން އެކުލެވިފައިވާ އެންމެ ބޮޑު އެއް އަތޮޅު ތިލަދުންމަތި އަޅުވެތިކޮށް އޮބިއަޅައި އޮބަހައްޓައިގެން އުޅޭތާ 100 އަހަރަށް ވުރެ ގިނަދުވަސްވެފައި ވަނިކޮށް، ގާތްގަނޑަކަށް މީލާދީން 1121 ވަނަ އަހަރު ހިސާބުގައި، ދިވެހިންގެ ހިތްވަރުގަދަ މުޖާހިދުލްއަޢުޡަމް، ތީމުގޭ ކެއިމަލެއި ކަލޯ، ފަހުން އެންކަލަ ސުވަސްތީ ސިރީ ތީމުގޭ ރަސްފިރޭރު މިނި އަބާރަނަ މަހާރަދުންނާއި އެ މަނިއްޕުޅުގެ އަރިހުގައިވި މަދު މީސްކޮޅަކާ އެކު ނުކުމެވަޑައިގެން ޒަމާންވީ ދެކުނު އިންޑިއާގެ ޗޯޅާއިންގެ ބާރުގަދަ މަހާބާރަތުގެ ލަޝްކަރު ބަލިކުރައްވައި، ”ސާދަ އަތޮޅާއި ދެހާސް ޖަޒީރާގެ ރަސްގެފާނު“ ކަމުގައިވެ ވަޑައިގެން މުޅި ޤައުމަށް އެ ގެންނެވި ވަޙުދަތުގެ ރޫޙާނީ ބާރުން މިއަދާ ހަމައަށް ވެސް ދެތިން ފަހަރު ނޫނީ ބޭރުގެ ބާރަކަށް ދިވެހި ފަސްގަނޑުގައި ހިނދުކޮޅަކަށް ވެސް ފައިހަރުކޮށްލެވިފައި ނެތުމެވެ. އަދި އެއިން ކޮންމެ ފަހަރަކުމެ ބާރުގަދަ ބޭރުގެ ބާރުތަކަށް ހަނާއަޅައި ދައުވަތު ދީގެން ގެންނަނީ ދިވެހި ފަސްގަނޑަށް އުފަންވި ”ނާލާއިގު“ ދަރިންކަން ހަނދާންކުރަން ޖެހެއެވެ. ހަމަ އެހެންމެ ޤައުމުގެ ދިފާޢުގައި ނުކުންނަވާ ޤައުމު ސަަލާމަތްކުރަނީ ވެސް ހަމަ މި ޤައުމަށް އުފަންވި ފަޚުރުވެރި ދިވެހި ދަރިންނެވެ.

އިސްވެދިޔަ، ދުވަސްވަރު ދިވެހި ބަސްފޮތުގައި ”ސިފަ“ އެ ލަފުޒު ނުވަތަ ”ސިފައިން“ މި ލަފުޒު އޮންނާނެ ކަމަކަށް ހިއެއް ނުވެއެވެ. އެހެންނަމަވެސް، އެ ދުވަހު ހިތްވަރުގަދަ ދިވެހި މުޖާހިދުން އެ ހިންގެވި ދިފާޢީ ހަރަކާތްތަކަކީ، މިއަދު ވެސް ހަނދާން އައުކޮށް ދިވެހި ސިފައިން ފަޚުރުވެރިވާނޭ ދިފާޢީ ހަރަކާތްތަކެކެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ސިފައިން ފަޚުރުވެރިވުން ޙައްޤު އަމިއްލަ ގޮތްތަކަކާއި ސިފަތަކެއް ދިވެހި އަސްކަރީ ނިޒާމުގައި އެ ދުވަސްވަރު ވެސް ވެއެވެ. ޙަޤީޤީ ފަޚުރުވެރިކަމަކީ އެއީއެވެ. ސިފައިންގެ މީހާގެ އަނގައިން ބޭރުކުރާ ބަސްތަކަކުން، ނުވަތަ އަޅާފައި ހުންނަ ޔުނިފޯމަކުން ނުވަތަ ޔުނިފޯމުގައި ހުންނަ ޑެކެރޭޝަންތަކަކުން، އެ މީހަކު ފުރާ މަޤާމަކުން، އަރުވާ ޢިއްޒަތަކުން އެއީ ހާސިލު ކުރެވޭނެކަމެއް ނޫނެވެ. ސިފައިންގެ މީހެއްގެ ޙަޤީޤީ ފަޚުރުވެރިކަމަކީ، އިސްވެ ދެންނެވި ފަދައިން އެހެން މީހުންގެ ދޫތަކުން ސިފައިންގެ މީހާގެ މައްޗަށް ކުރާ ތަޢުރީފެވެ. ކިޔެމުންދާ ޡަނާއެވެ. ސިފައިންގެ މީހާ ނެތް ތަނެއްގައި އެހެން މީހުން ސިފައިންގެ މީހާގެ މަތިން ހަނދާން ކުރަމުންދާ ހަނދާން ކުރުމެވެ.

އިސްވެ ދެކެވުނު ވާހަކަ ތަފުޞީލުކޮށް ތިލަކޮށްލުމަށް  ޓަކައި މިސާލެއް ނަގަމާ ހިންގަވާށެވެ. މިގޮތުން ޝަހީދު ޢަލީ ރަސްގެފާނު ޒިޔާރަތަށް ހިންގަވާށެވެ. ”ޝަހީދުވި ޢަލީ ރަސްގެފާނަށް މި އުންމަތް އެކުއެކީގައި ވެސް ވެދުން ނުކުރާވަރެއް ނޫނޭ“ ބުނެ ޡަނާ ދަންނަވަމުން ތަޢުރީފުގެ ބަސްތައް ބަރުތީލަ ކުރަމުންނެވެ. އެ މަގުބަރާގެ ކައިރީގައިވާ ދެވަނަ މަހާނައަށް ބަލާލަމާ ހިންގަވާށެވެ. ބުނެވޭ ގޮތުގައި އެ މަހާނަ އެއީ، ކައިރީގައި ޖެހިގެން މިއޮތް މާލެ އަތޮޅު ނުވަތަ ކ. ވިލިނގިލީ ނޫނީ ވިލިމާލޭގެ ރާވެރިއެއްގެ ޤަދަރުވެރި މަހާނައެވެ. ރަސްކަލެއްގެ މަހާނަފުޅާއި ޖެހިގެން އާދައިގެ ރާވެރިއެއް ވަޅުލެވުމުގެ ފަޚުރު ހޯދީ އޭނާގެ ހިތްވަރާއި ކެރުމުންނެެވެ. އެއީ ރާވެރިއެއް ނަމަވެސް އޭނާގެ ކިބައިގައި ހުރި ސިފަވަންތަ ސިފައެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ގޮތުގައި ހަމަކަށަވަރުން ވެސް އެ ރާވެރިއަކީ ޢަލީ ރަސްގެފާނުގެ ދެ ބައި ލަޝްކަރީން ތެރޭ ހިމެނޭ މީހެއް ނޫނެވެ. އެހެނަސް، އޭނާގެ ހިތުގައި އުފެދިފައިވާ ޤައުމީ ލޯތްބާއި އޭނާގެ ކިބައިގައި ހުރި ވެރިންނަށް ވަފާތެރިވުމާއި ޤައުމަށް އިޚުލާޞްތެރި ވުމުގެ މާތް ސިފައިން އޭނާއަށް އެ މަތިވެރި ފަޚުރުވެރި ދަރަޖަ ހާސިލުވީއެވެ.

ދިވެހި ފަޚުރުވެރި ސިފައިންގެ އިޚުލާޞްތެރިކަމާއި ތެދުވެރިކަން ހުންނަން ޖެހޭނީ، ބުރާރަ މުޙައްމަދުފުޅު ބޮޑުތަކުރުފާނު ވާހަކައިގައި ކިޔުއްވިގޮތަށް، ގޯވާ ކަޅުފަރަންޖީ ތިން ނަވައިގެން ރާއްޖެއާ ތޮޅެން އައިސް ކުރި ހަނގުރާމައިގައި ދުވަސް ދިގުލައިގެން ދެބައި ލަޝްކަރު ވަރުބަލިވެ އަތްފައި ކަންނެތްވެ، ޢަލީ ރަސްގެފާނަށް އަމާން ދިނުމަށް ދަންނަވައި އަމާން ނުދެއްވުމުން ކަންބޮޑުވެގެން، ދެބައިލަޝްކަރު ހުއްޓިލައްވައިގެން އެކަމާ މަޝްވަރާ ކުރަމުން ދަނިކޮށް މާފަންނު ދޮރާށި ހުރިތަނުން، ދެ ދޮރާށި ދޭތެރެއަށް ބޯދިގުކޮށް ގިނަ ދުވަސްވެފައިހުރި މުސްކުޅި ދައިތައަކު އެ ބޭކަލުންނަށް އެރުވި ނަޞޭހަތް ޤަބޫލުކޮށް، ދެބައި ލަޝްކަރީން ތެރެއިން މުސްކުޅި ވައްތަރުގެ ހަތަރު ބޭކަލުން (ޣައްދާރު) ޢަލީ ރަސްގެފާނަށް، ”ނަވުން ޖެހި ބަޑިއެއްގެ އުންޑައިން ޖެހިފައި އޭދަފުށީ ޙަސަން ވަތަ ބަޑޭރިތަކުރުފާނުން ނިޔާވެއްޖެ ކަމަށް ބުނެ ދޮގު ދެންނެވިހެނެއް ނޫނެވެ.

ދިވެހި ސިފައިންގެ ފަޚުރަކަށް ވާންވާނީ، އިސްވެ ދެންނެވިހެން، ދީނާއި، ޤައުމާއި ވެރިންގެ ޙައްޤުގައި ނަޞްރު ލިބިއްޖެއުމަށް ދާންދެން ނުވަތަ ޝަހީދުވެއްޖެއުމަށް ދާންދެން ހަނގުރާމަ ކުރުމެވެ. އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދެންނެވިހެން، ”ނަވުން ޖެހި ބަޑިއެއްގެ އުންޑައިން ޖެހިފައި އަޅުގަނޑު މަރުވެއްޖެކަން ދެނަހުރި ހަތަރު މީހުން ނުދަންނަވަނީސް އަމާން ނެގުމަށް އަމުރުފުޅު ނުދެއްވުމަށް ޢަލީ ރަސްގެފާނަށް ދެންނެވި ފަދައިން، ސްޕްރީމް ކޮމާންޑަރަށް ދެންނެވުމެވެ. އެކަން، އެ ހިތްވަރާއި ކެރުން ޢަމަލުން ސާބިތުކޮށް ދެއްކުމެވެ. ދިވެހި ސިފައިން ފަޚުރުވެރިވާންވީ، ވެރިންނަށް އިޚުލާޞްތެރިވާންވީ، ޢަލީ ރަސްގެފާނު ޝަހީދުވެގެން ވެއްޓި ވަޑައިގަަތުމުން މީދޫތަކުރު ޢަމަލުކުރިގޮތަށް ކަންތައް ކުރުމަކުން ނޫނެވެ. އަނދިރިއަކަސް އައްޔަކަސް މަށަށްވާނީ އެއްގޮތޭ ބުނުމަކުން ނޫނެވެ. އިސްވެ ދެންނެވިހެން، ދިވެހި ސިފައިންގެ ފަޚުރުވެރި ސިފަ، ހިތްވަރާއި ފަންވަރު، ކެރުމާއި ޢަމަލުން ސާބިތުކޮށް ދައްކައިގެންނެވެ.

ދިވެހި ތާރީޚުގެ ފަތްފުށްތައް ފުރިފައިވަނީ ޤައުމުގައި އުފެދުނު ޣައްދާރުންނާއި ޣާޒީންގެ ނަންފުޅުތަކުންނެވެ. ވެރިކަމުގެ ކޮއިލުތެރޭގައި ހިނގި ކޯޅުންތަކާއި، ދެކޮޅުވެރި ކަމާއި ފިތުނަތަކުގެ ވާހަކައިންނެވެ. އެފަދަ ކޯޅުންތަކުގައި ވެރިކަން ބަދަލުކޮށްލުމަށް މަސައްކަތްޕުޅުކުރެއްވި، ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަދަރިކަލުން ނުވަވަނަ ޙަސަން ރަސްގެފާނު ފަދައިން ނުވަތަ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ފަދައަކުން ނޫނެވެ. ނުވަތަ އައްސުލްޠާނު ޙަސަން (ދިހަވަނަ) (1701 އިން 1113 އަށް) އާއި އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީނު ސިރީ މުތައި ރަސްލޯކަ މަހާރަދުން (1701 އިން 1705 އަށް) އާއި ދެ ރަސްކަލުން ޢަމަލުކުރެއްވި ގޮތަކަށް ވެސް ނޫނެވެ. އެ ދެ ރަސްކަލުންގެ ޣަދަރުވެރި ޢަމަލުފުޅާ ގުޅިގެން ފުވައްމުލަކަށް އަރުވާލެވިފައި ވަނިކޮށް، އިބްރާހީމް ރަދުން އެ ރަށުން ސަލާމަތްވެގެން، ސިލޯނުގެ ގާއްޔަށް ވަޑައިގަތުމަށްފަހު، ގާލީން މަދަރާސީއަށް، މަދަރާސީން ބަންގާޅަށް، ބަންގާޅުގައި ހުންނަވައިގެން އިންޑިޔާގެ ފާރޫޤު ޝިޔާރު ރަސްގެފާނުގެ އެހީތެރިކަމާ އެކު ހަނގުރާމަމަތީ އުޅަނދުތަކާ އެކު ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން މާލެ ޙިޞާރުކޮށް ބަޑިޖަހާ ހަނގުރާމަކޮށް، ވިލނގިލީ މިސްކިތުގައި ހުޅުޖަހައި އަންދައި، ފުރުޞަތެއް ތަނަވަސްވީ ފަހަރު، ލަޝްކަރާއިގެން މާލެ އަރައިވަޑައިގެން ހަނގުރާމަކުރައްވައި، އެތައް ބަޔަކު ޝަހީދުކޮށް ދިވެހިން ދެއްކި ގަދަ ހިތްވަރާއި ފަންވަރުގެ ކުރިމަތީގައި ހިފަހައްޓާ ނުލެވި ނާކާމިޔާބުވެ ފިލާވަޑައިގެން، ފާރޫގު ޝިޔާރު ގަނޑުވަރުގައި ފިލާ ހުންނެވި ގޮތަކަށް ނޫނެވެ.

ދާދި މިދާކަށް ދުވަހާ ޖެހެންދެން ދިވެހީން ތެރޭގައި ވެސް ހިނގަމުން އައީ ވިރާސީ ވެރިކަމެވެ. އެއް ޢާއިލާއަކުން އެއް ރަސްކަލަކަށް ފަހު އަނެއް ރަސްކަލެކެވެ. ވެރިކަމުގެ ދާއިރާގައި ވެސް ގާތްތިމާގެ ބޭފުޅުންނެވެ. އެއް ބޭފުޅަކަށްފަހު، އަނެއް ބޭފުޅެކެވެ.

ދެންނެވުނު ”އަނދިރި“ ޒަމާނުގައި ވެސް ފެންނަން ހުރީ ޤައުމީ ވަޙުދަތުގައި ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވާގިވެރިވުމާއި އެއްބައިވުމުގެ މިސާލުތަކެވެ. މި ދެންނެވި ފަދަ ލާމަސީލު މިސާލުތަކުގެ ތެރެއިން އެއް މިސާލަކީ، އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީއަސާލީސް ލޯކަ މަހާރަދުން (1554 އިން 1554 އަށް) އާއި އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (1557 އިން 1558 އަށް) އެވެ. ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން“ ފޮތުގައި ވާގޮތުން ”ދެ ބޭފުޅުންގެ ދެމެދުގައި ވާދަވެރިކަން އޮތް ނަމަވެސް، ދީނާއި ޤައުމު ސަލާމަތް ކުރެއްވުމަށް  ޓަކައި ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ އެއްބައިވެ އެއްބައެއް ގޮތުގައި ތިއްބަވައިގެން ހަނގުރާމަކޮށް ޕޯޗްގީޒްގެ ލަޝްކަރު ބަލިކުރެއްވިއެވެ. މި ދެ ބޭފުޅުން ރާއްޖޭގެ ތަޚުތަށް އިސްވެ ވަޑައިގަތީ، މި ކަންތައް ހިނގުމުގެ އަހަރުތަކެއް ފަހުންނެވެ.“ މިއީ ދިވެހި ތާރީޚުން ނަން އެނގެން އޮތް 45 އަދި 46 ވަނަ ރަސްގެފާނެވެ.

”ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ ގައިވާ ގޮތުން، އަބޫބަކުރު ރަސްގެފާނު ޝަހީދުކުރީ ފުރަމާލޭން އެ ރަސްގެފާނާ ދެކޮޅު ކޮންމެވެސް ބައެކެވެ. ބުނެވެނީ، މި ދެންނެވި ބަޔަކާ ”ހަނގުރާމަ“ ކުރެއްވުންމަތީ ދެމިހުންނަވަނިކޮށް، އަބޫބަކުރު ރަސްގެފާނު ޝަހީދުވީ ކަމުގައެވެ.

ދެންނެވޭތޯ މި މަސައްކަތްކުރާ އެއް ވާހަކައަކީ، އަބޫބަކުރު ރަސްގެފާނަށް އިޚުލާޞްތެރި، ވަފާތެރި ބަޔަކަށް އެ ރަސްގެފާނުގެ ލަޝްކަރު ވީނަމަ، އަބޫބަކުރު ރަސްގެފާނު ތަޚުތުގައި ވެޑުވިތާ އެންމެ ހަތަރުމަހެއްހާ ދުވަހުތެރޭ އުފެދުނު ދާޚިލީ ފިތުނައެއްގެ ތެރޭގައި ރަދުން ޝަހީދުވާން ޖެހިވަޑައެއް ނުގަތީހެވެ. އެ ރަދުން ޝަހީދުވެ ވަޑައިގަތީ އޭރުތިބި ސިފައިން، (އަސްކަރީން ނުވަތަ ލަޝްކަރީން) ރަދުން ޝަހީދުވާން ދޫކޮށްލީމައެވެ. ތިމަންނަ ސިފައިންގެ މީހަކަށް ވީތީ ފަޚުރުވެރިވަމޭ ބުނަން ބޭނުންނަމަ، އެފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ.

ޝައްކެއް ނެތެވެ! އޭރު އަދި ސިފައިންގެ ނަމުގައި ނުވަތަ އަސްކަރާއި ލަޝްކަރުގެ ނަމުގައި ވެސް ބަޔަކު ތިބިކަން ކަށަވަރު ކުރާކަށް ނޭނގޭނެއެވެ. އެހެންނަމަވެސް، 916 ވަނަ އަހަރު ސިރީލަންކާއަށް ދަތުރުކުރެއްވި ޢަރަބި ދަތުރުވެރިޔާ އަލްމަސްޢޫދީ ދިވެހިރާއްޖެއާ ބެހޭގޮތުން އަންނަނިވި ދެ ޢިބާރާތް ލިޔުއްވާފައިވާ ކަމަށް ”ދިވެހި އަސްކަރީ ނިޒާމުގެ ފެށުން“ މި ފޮތުގައި ލިޔުއްވާފައިވެއެވެ. ”މި ރަށްތަކުގެ ވަޒަންވެރިން ތަބާވަނީ އެއް ރަސްކަލަކަށެވެ. އެ މީހުންގެ ޢަދަދު ގިނައެވެ. އަދި ހިމަނައި ނުގަނެވޭ ފަދަ ލަޝްކަރެއް، މައިދާނަށް ނެރުމުގެ ކުޅަދާނަކަން ދިވެހި ސިންގާސަނާއަށް ލިބިގެން ވެއެވެ.“

މި ޢިބާރާތުން ދޭހަކުރެވުނީ ދިވެހި ޤައުމު ދިފާޢުކުރާނޭ ގިނަ ހަނގުރާމަވެރިންތަކެއް އެ ޒަމާނެއްގައި، އެ ވަގުތެއްގައި، މި ޤައުމުގައި ހުންނެވި ވެރިއެއްގެ އަރިހުގައި ތިބިކަމެވެ. ފެންނަންހުރި އިހުގެ ލިޔުންތަކުން އެނގޭގޮތުގައި ޒަމާންތައް ބަދަލުވަމުން އައިސް 1192 އިން 1199 އަށް ރަސްކަން ކުރެއްވި، އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރި ފެންނާދީއްތަ މަހާރަދުންގެ ދުވަސްވަރުގެ ލިޔުންތަކުން އެނގޭގޮތުގައި، ”އޭރު ދިވެހީންގެ ދިފާޢު، ނުވަތަ އަސްކަރީ ނިޒާމުގެ ނަމުން ނަންކިޔުން ޙައްޤު ކަންތައްތަކެއް އޮވެއެވެ. އެ ކަންތައްތަކުގެ ތެރޭ އޮންނަގޮތުން، ރަސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ލަޝްކަރަށް އަމުރުކުރައްވާން މައިދާނަށް ނުކުމެ ވަޑައިގަންނަވާ އިސް ކޮމާންޑަރެވެ.“ ދިވެހި އަސްކަރީ ނިޒާމުގެ ފެށުން މި ފޮތުން އެނގޭގޮތުގައި ލަޝްކަރުގެ އެންމެ އިސްވެރިއަކީ އޭރަކު ހުންނަވާ ރަސްކަލެކެވެ. ލަޝްކަރު ”ވަރު“ ތަކަކަށް ބަހާލެވި ވަރުތަކަށް އަމުރުކުރާނެ ވެރިން ތިބެއެވެ. އަދި ވަރުތައް ހަ ބަޔަކަށް ބައިކުރެވި ”ހަވަރު“ އުފެދުނެވެ. އަދި ހަވަރު ދެ ބަޔަކަށް ބަހާލެވި ”ދެބައި ލަޝްކަރީން“ގެ ނަންދެވިފައި ވެއެވެ.  

އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން (1973 އިން  1585 އަށް) ގެ ރަސްކަމުގައި މި ނިޒާމަށް ބަދަލުގެނެވިފައި ވެއެވެ. މިއިން ކޮންމެ ބަދަލަކީ ވެސް ކުރިން ދެންނެވިހެން ލަޝްކަރުގެ ނިޒާމު ހަރުދަނާ ކުރުމަށް އޭރަކަށް އެޅިފައި ހުރި ފިޔަވަޅެވެ.

މި މަޒުމޫނު ނިންމާލަން ޚިޔާލުކުރިޔަސް، މާޒީގެ ތާރީޚުން އަދި ދެ ބޭފުޅަކަށް ބަލާނުލައި ކީބޯޑުން ވަކިވާކަށް ޟަމީރު ތަނެއް ނުދިނެވެ. އާދެ، އެއް ބޭފުޅަކީ ދިވެހި ޖުމްހޫރިއްޔާގެ ބާނީ ޞާޙިބުލްފަޚާމާ ސުމުއްވުލް އަމީރު މުޙައްމަދު އަމީނެވެ. އެންމެ ޒަމާންވީ ލިޔުންތަކުން ވެސް ފެންނަ ގޮތުގައި ދިވެހި ލަޝްކަރުގެ ސްޕްރީމް ކޮމާންޑަރަކީ އެ ވަގުތެއްގައި ޤައުމުގައި ހުންނެވި ވަލިއްޔުލް އަމްރު (ރަސްކަލެއް، ރައީސެއް) އެކެވެ. ޞާޙިބުލް ފަޚާމާ މުޙައްްމަދު އަމީނު ބޭސްކޮޅަކަށް ރާއްޖޭން ބޭރުގައި ވަޑައިގެން ވަނިކޮށް، ޚިޔާނާތްތެރި ބަޔަކު އެ މަނިކުފާނުގެ ވެރިކަން އިންޤިލާބުކޮށް، އެކަން ވަންހަނާކޮށް، ރާއްޖެ ވަޑައިގަތުމަށް، ދެންނެވުމުން އެ މަނިކުފާނު ޢަމަލުފުޅު ބެހެއްޓެވިގޮތް، މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ”އޯކިޑް“ ”ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި މުޙައްމަދު އަމީނުގެ ނިމުން – 1953“ ފޮތުން ވިދާޅުވެލުއްވުމަށް ދޫކޮށްލަމެވެެ. ސިފައިންގެ ސްޕްރީމް ކޮމާންޑަރަކީ، ސިފައިންގެ މީހުންނަށް ބަހާއި ޢަމަލުން ހުރި މިސާލެކެވެ. އެ ބޭފުޅަކީ، އާދައިގެ ސިފައިންގެ މީހަކު ކުރާ ހުވާ ނުކޮޮށް ހުރި މީހަކު ކަމުގައި ވިޔަސް، އެ މަނިކުފާނު ދީނާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރައްވައިގެން ހުންނަވަނީ އެއަށްވުރެ މާ މަތިވެރި ހުވައެކެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީނުގެ ޙަޔާތްޕުޅަކީ ކޮންމެ ފަޚުރުވެރި ސިފައިންގެ މީހަކު، އަދި ކީއްތޯ ޤައުމުދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ކިޔައި ބަލައި ދަސްކުރަންވީ ޢިބުރަތުން ފުރިފައިވާ ފިލާވަޅެކެވެ.

އެ ބޭފުޅެއްގެ ނަންނުގަނެ މި މަޒުމޫނާ އަޅުގަނޑަށް ވަކި ނުވެވިގެން އުޅޭ ފަޚުރުވެރި ސިފައިންގެ ދެވަނަ ބޭފުޅަކީ، ޝަހީދު ޙުސައިން އާދަމެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު، އެ ޢުދުވާނުގެ ވަގުތުގައި އޭނާ ޢަމަލުކުރެއްވިގޮތް، 1991 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ”ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ“ ފޮތުން ވިދާޅުވެ ދިރާސާ ކުރުމަށް ދޫކޮށްލަމެވެ.

ކޮންމެއަކަސް، މީހުން ކަންކަން ދެކޭ ގޮތާއި، ޚިޔާލާއި ފިކުރާއި ވިސްނާ ގޮތަކީ މީހުންގެ މެދުގައި ފިޠުރަތުން ތަފާތުކޮށް ލައްވާފައިވާ ކަންކަމެވެ. މީރު ނުމީރު، ރީތި ހުތުރު ތަފާތުވާ ފަދައިންނެވެ. އަޅުގަނޑުމެން ސިފައިން، ދިވެހި ފަޚުރުވެރި ސިފައިންގެ މީހެއް ކަމުގައި ވުމަށް މިސާލު ނަގަންވީ، ކަޅު މުޙައްމަދު ރަސްގެފާނާއި އެ ރަދުންގެ ކާފަ ދަރިކަލުން ނުވަވަނަ ޙަސަން ރަސްގެފާނާއި، ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންނާއި، އިންޑިއާގެ ފާރޫޤު ޝިޔާރު ގަނޑުވަރުގައި ފިލާ ވަޑައިގެން ހުންނެވި އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ފަދަ ދީނަށާއި ޤައުމަށް ޣައްދާރުވި ޣަދަރުވެރިންގެ ކިބަޔަކުން ނޫނެވެ.

ދިވެހި ސިފައިން އުފެއްދެވީ، އައްސުލްޠާނު އިބްރާހީމް ނޫރައްދީނު ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1888 އިން 1892 އަށް) ގެ ރަސްކަމުގައެވެ. އެންމެ 8 މީހުންގެ މައްޗަށެވެ. އެއަށްފަހު ދިވެހި ލަޝްކަރު ގިނަވެ ގުނަވެގެން މިއަދާ ހަމައަށް އައިސްފައިވަނީ ގިނަގުނަ ހުރަސްތައް ގިރާކޮށް ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކުޑަކަމެއްގައި، އެއްވެސް ފަސްޖެހުމެއްނެތި ކުރިމަތިލަމުންނެވެ. ފަޚުރުވެރި ދިވެހި އަޖުދާދުންގެ ޛިކުރާ ދިރުވަމުންނެވެ.

ކުރިއަށް ދިވެހި ޤައުމު! ކުރިއަށް ދިވެހި ސިފައިން!

މަޢުލޫމާތު ހޯދީ:-

  • ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް،
  • ތަންޤީޙު ކުރެވުނު ”ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“  މުޙައްމަދު އަމީން.
  • ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. ނަސީމާ މުޙައްމަދު.
  • ސިފައިންގެ ތާރީޚު – 1  ދިވެހި އަސްކަރީ ނިޒާމުގެ ފެށުން
  • އޯކިޑް ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި ރައީސް މުޙައްމަދު އަމީނުގެ ނިމުން – 1953. މުޙައްމަދު ޖަމީލު.
  • ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
  • ދިވެހި ބަސްފޮތް، 2006 (ސީ.ޑީ.)
ޝެއަރކުރެއްވުމަށް