ދިވެހިންނަކީ ވަރަށް ސާދާސީދާ ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. އިހުޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ރިވެތި އަޚުލާޤުގެ މައްޗަށެވެ. ދިރިއުޅުމުގެ އެންމެހާ ރީތި ގޮތްތަކާއި ސާދާ އަދަބުތަކަކީ ދިވެހިންނާ ވަރަށް ރައްޓެހި ކަންކަމެވެ. ޚާއްޞަ ގޮތެއްގައި ދިވެހިންގެ އިޖުތިމާޢީ ފޭރާމަކީ އެފަދަ ދެވަނައެއް ނުވާފަދަ މިސާލެކެވެ. ދިރިއުޅުމުގެ އެންމެހާ ރިވެތި އަދަބުތަކާއި ގޮތްތައް އެކުލެވިގެން ފައްކާވެ، ޖަރީވެފައިވާ ދިވެހިންގެ އިޖުތިމާޢީ ފޭރާމަކީ ހަރުދަނާ އިންސާނީ ދިރިއުޅުމަކަށް ބޭނުންވާނެ އެންމެހާ ކަންކަން ހިމެނިފައިވާ ފޭރާމެކެވެ. އެހެނަސް ޒަމާންތަކާ އެކު ދިވެހިންގެ ހިތްގައިމު އިޖުތިމާޢީ ފޭރާމުގައި ތަފާތު ވައްތަރުގެ ލައް ޖެހެމުންދާކަމީ މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.
އާދެ، އިޖުތިމާޢީ ރީތި ސިފައަކީ ދިރިއުޅުމުގެ މައިދާނުގައި ކަންކުރާ ބީދައަށް ބަލާއިރު، ރީތި ކޮންމެ ސިފައެއްގެ ތެރޭގައި ހިމެނޭ ސިފައެކެވެ. އެހެންކަމުން މިއީ އެންމެ ސިފައެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޢަމަލުކުރަންޖެހޭ ނުވަތަ ސަމާލުކަން ދޭންޖެހޭ ސިފަތައް ކަމަށް ބެލިދާނެއެވެ. މި ކަހަލަ ބައެއް ސިފަތަކަކީ އުނގެނުމުގެ ތެރެއިން ދަސްކޮށްދޭ ސިފަތަކެވެ. ބައެއް ސިފަތަކަކީ މާހައުލުން ދަސްވާ ސިފަތަކެވެ. ބައެއް ސިފަތަކަކީ މީހާ ޤަބޫލުކުރާ ގޮތާއި ދެކޭ ގޮތްތަކުގެ ތެރެއިން ދެނެގަންނަ ސިފަތަކެވެ. ބައެއް ސިފަތަކަކީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުން އިސްކުރާ ސިފަތަކެވެ. ކޮންމެއަކަސް ކުރުކޮށް ފޮނިކޮށް ބަޔާންކުރާނަމަ، ރީތި ހުރިހާ ސިފައަކީ އިޖުތިމާޢީ ރީތި ސިފަތަކެވެ.
ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންނެވެ. ސައްތައިންސައްތަ މުސްލިމުންނެވެ. އަދި އިސްލާމް ދީނަކީ ދިވެހިންގެ ފަޚުރާއި ޝަރަފެވެ. ދިވެހިންގެ ނަސީބެވެ. ދިވެހިންގެ ތެރޭގައި އޮތް އެންމެ ރީތި އިޖުތިމާޢީ ސިފައަކީ ދިވެހިންގެ ތެރެއިން އެކަކު އަނެކަކަށް ބައްދަލުވާ ހިނދު ގޮވާލާ ސަލާމެވެ. ”އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު“، ﷲ ރަޙްމަތާއި ބަރަކާތް ތިބާއަށް ލައްވާށިއެވެ. ޖަވާބުގައި އަނެކުން ވެސް ހަމަ އެފަދައިން އެދެއެވެ. ”ވަޢަލައިކުމް ސަލާމް ވަރަޙްމަތުއްﷲ ވަބަރަކާތު. ކިހާ ރީތި ތޯއެވެ. މުސްލިމުން ބައްދަލުކުރުމަށް މިއަށްވުރެ ވަކި ރަނގަޅު ގޮތެއް ނޯންނާނެކަން ކަށަވަރެވެ. މި ރީތި ސިފަ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. ބައެއް ފަހަރު އެހެނިހެން ގޮތްގޮތައް މުޚާޠަބު ކުރިކަމުގައިވިއަސް، މިހާރު ވެސް މި ރީތި ސިފަ އަޅުގަނޑުމެންގެ ތެރޭގައި އޮތްކަމަށް ދެކެމެވެ.
ޒަމާނުންސުރެ ދިވެހިންނަކީ ޢާއިލީ ބަދަހިކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެކެވެ. ޚާއްޞަކޮށް މައިންބަފައިންނަށް އިޙްތިރާމްކޮށް، ކަމޭހިތުމަކީ ދިވެހިން ޤަބޫލުކުރާ އިޖުތިމާޢީ ރީތި ސިފައެކެވެ. މިކަމުގެ ތެރެއިން މައިންބަފައިންނަށް އަޅާލުމާއި، އޯގާތެރިވުމަކީ ދިވެހި ދަރިންގެ ވަރަށް އިސް ވާޖިބެއް ކަމުގައި ދެކޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިން ދުވަސްވެ ގައިބާރު ދޫވެ ދަރީންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ހިނދު، ލޯތްބާއި ކުލުނާ އެކު މައިންބަފައިން ބެލެހެއްޓުމަކީ ދިވެހި ދަރިން ވަރަށް ސަމާލުކަން ދޭ ކަމެކެވެ. މިކަން މިހެން އޮތުމާ އެކު މިއީ ދިވެހިންގެ ތެރޭގައި އޮތް އިޖުތިމާޢީ ރީތި އަދި މުހިންމު ސިފައަކަށް ވަނީ ވެފައެވެ.
ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތަކުގެ ތެރެއިން މަގުމަތީގެ އަދަބުތަކަކީ ވަރަށް ފާހަގަ ކޮށްލެވޭ ސިފައެކެވެ. އެގޮތުން މަގުގެ އެއްފަރާތުން ހިނގުމާއި، މަގުމައްޗަށް ކުޅު ޖެހުމުގައި ޢަމަލުކުރާގޮތާއި މީހުންނަށް އުނދަގޫވާ ފަދަ އެއްޗެއް މަގުމަތީގައި އޮތްނަމަ، ކަންކުރާ ގޮތާއި މަގުމަތީން ދޮށީ މީހަކާ ދިމާވެއްޖެނަމަ ކަންކުރާ ގޮތަކީ އިޖުތިމާޢީ ގޮތުން ދިވެހިން ގެންގުޅޭ ރީތި ސިފަތައްކަން ފާހަގަ ކޮށްލެވެއެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިން ޖީލުތަކަށް ހިފަހައްޓާފައިވާ ރީތި ސިފަތަކެވެ. އެހެނަސް މިއަދު މީގެ ތެރެއިން ބައެއް ސިފަތައް ހަނދާން ހުރީ ކިހާވަރަކަށްތޯ ސުވާލު ކޮށްލަން ޖެހެއެވެ.
ދިވެހިން ގެންގުޅޭ އިޖުތިމާޢީ ރީތި ސިފަތަކަށް ބަލާއިރު ގޭގެއަށް ވަނުމުގައި ދިވެހިން ގެންގުޅޭ ސިފައަކީ ވަރަށް ރީތި އަޚުލާޤީ ސިފައެކެވެ. އަދި އަނެކުންގެ އިޙްތިރާމާއި ލޯބި ލިބިގެންދާ ސިފައެއް ވެސް މެއެވެ. ގެއަކަށް ވަނުމުގެ ކުރިން، ވަކިން ޚާއްޞަކޮށް އާންމުކޮށް ވަދެ ނޫޅޭ ގެއެއް ނަމަ، އެ ގެއަކަށް ވަނުމުގެ ކުރިން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވައި، ޖަވާބު ލިބި، އެގެއަކަށް ވަނުމުގެ އިޒުނަ ލިބިގެން ނޫނީ އެ ގެއަކަށް ނުވަންނާނެއެވެ. މިކަމުގެ ސަބަބުން ޖަމާޢަތުގެ ފަރުދުންގެ މެދުގައި އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބަރޯސާވެވޭ ފަދަ ވަރުގަދަ ގުޅުމެއް އުފެދިގެންދެއެވެ. އަދި އެ މީހެއްގެ ގޭގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުވެގެން ދެއެވެ. މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި މި ރީތި އާދަ ދަމަހައްޓާފައި އޮވެއެވެ. އެހެންނަމަވެސް އިޖުތިމާޢީ މި މުހިންމު ސިފައިގެ ވިދުވަރު ވެސް ފަނޑުވަމުން ދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތަކުގެ ތެރެއިން އަވައްޓެރިންނަށް ކަމޭހިތުމާއި އަޅާލުމަކީ ހައިރާންކުރުވަނިވި ރީތި ސިފައެކެވެ. އެއީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް އިސްކަންދީ، ޚިލާފާއި ބައިބައިވުމަށް ފުރަގަސްދީ ދެކޮޅުހަދާ ކަމުގެ ނަމޫނާ އިޖުތިމާޢީ ރީތި ސިފައެކެވެ. އެ ކަމަކީތޯއެވެ. އަވައްޓެރިއަކު ގޭގެ މަސައްކަތެއް ކުރާނަމަ، އެ މީހަކަށް އެހީވެދިނުމުގައި އަވައްޓެރިން އަވަދިނެތި އުޅެމުންދެއެވެ. އެއްވެސް އުޖޫރައެއް ނެތިއެވެ. އަމިއްލަ ވަކި އެޖެންޑާއެއް ނެތިއެވެ. ތިމާ ކުރަން ހުންނަ މަސައްކަތް ހުއްޓާލުމަށްފަހު، ނުވަތަ ފަހުން ކުރަންވިއަސް، އަވައްޓެރިޔާގެ މަސައްކަތަށް އިސްކަން ދިނުމަކީ ދިވެހިންގެ ތެރޭގައި އޮތް ޒަމާންވީ އިޖުތިމާޢީ ރީތި ސިފައެކެވެ. މިކަމުގެ ސަބަބުން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ރޫޙެއް އަށަގަނެގެންދެއެވެ. ސުވާލަކީ މިހާރު މިކަން އޮތީ ކިހާވަރަކަށްތޯއެވެ.
ދިވެހިރާއްޖެއަކީ މެހުމާނުންގެ ގެއެކެވެ. އެހެންކަމުން ދިވެހިންނަކީ މެހުމާނުންގެ ހިތް އުފާކޮށްދީ، މެހުމާނުންނަށް ޚިދުމަތް ކުރުމާއި ޚިދުމަތް ދިނުމުގައި މުޅިން އެހެން ހިސާބެއްގައި ތިބޭ ބައެކެވެ. އިބްނިބަތޫތާއާއި ޕިރާޑް ފަދަ ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާފައިވާ ބޭރުގެ ބޭފުޅުންގެ ތާރީޚީ ލިޔުންތަކުން މިކަމަށް ވާގި ލިބެއެވެ. ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތަކުގެ ތެރެއިން މެހުމާނުންނަށް ކަމޭހިތުމާއި ހެޔޮކޮށް ހިތުމަކީ ދިވެހިންގެ ވަރަށް ހަރުދަނާ ތަފާތު ސިފައެކެވެ. އިހުޒަމާނުގައި އަޅުގަނޑުމެންގެ ކާބަފައިން ޢަމަލު ކުރަމުން އައީ ވެސް މި ގޮތަށެވެ. އަދި މިހާރު ވެސް މިކަން އޮތީ ހަމަ މިހެންނެވެ. މިހާރު މިކަން ކުރަނީ އިހުގައި ކުރި ގޮތާއި ޚިލާފަށް ވަރަށް ފުޅާކޮށް، ވަރަށް ގިނަ އައު ކަންކަން މީގެ ތެރޭގައި ހިމަނައިގެންނެވެ. ފަތުރުވެރިކަމަކީ އިޤްތިޞޯދީ ސިނާޢަތުގެ އެންމެ މުހިންމު މަސައްކަތަށް ވާއިރު، މި ސިނާޢަތް ބިނާވެފައިވަނީ މެހުމާންދާރީގެ މައްޗަށެވެ. އެހެންކަމުން ޒަމާނާގުޅޭ ގޮތުން ފަތުރުވެރިންގެ ހިތްހަމަޖެހުމާއި އުފަލަށް ޓަކައި ދިވެހިން ތިބެނީ އަބަދުވެސް ތައްޔާރަށެވެ. ޝައްކެއްނެތެވެ. މިއީ ދިވެހިންގެ އިޖުތިމާޢީ ރީތި ސިފައެކެވެ. އަދި މިއީ ކާބަފައިންނާ ހަމައިން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ އިޖުތިމާޢީ ރީތި ސިފަތަކުގެ ތެރެއިން ހީނަރުކަން އައުމުގެ ބަދަލުގައި ޒަމާނީ ކުލަތަކާ އެކު އަބަދުވެސް ވިދާ ބަބުޅަމުން، ކުރިއަރަމުންދާ ސިފައެކެވެ.
ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތަކުގެ ތެރެއިން ޤައުމީ ތަފާތު ކަންކަމުގައި ޤައުމުގައި އޮންނަ އެއްބައިވަންތަކަމަކީ ކޮންމެހެން ފާހަގަކޮށްލަންޖެހޭ ސިފައެކެވެ. އިހުޒަމާނަށް ބަލާއިރު، ރާއްޖޭގެ މައި އެއަރޕޯޓް އެޅުމަށް ޓަކައި ރައްޔިތުން ގުޅިގެން ކުރި މަސައްކަތާއި މާލޭގެ މަގުތައް ހެދުމަށް ޓަކައި މުޅި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރަން ޖެހެއެވެ. ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިޖުތިމާޢީ ރީތި ސިފައަކީ ރާއްޖޭގެ ނަން، ބައިނަލްއަޤްވާމީ މައިދާނުގައި ވެސް، ރަން އަކުރުން ފަވާލެވިގެން ދިޔަ ކަމެކެވެ. މުޅި ދުނިޔޭގެ ތަޢުރީފު ދިވެހީންނަށް ބަންޑުންވެގެން ދިޔަ ކަމެކެވެ. މި ނޫނަސް ޤައުމީ ތަފާތު މަސައްކަތްތަކުގައި މި ނަމޫނާ ދައްކާފައި ވެއެވެ.
އަދި ކޮބައިތޯއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން ރާއްޖޭގެ ފުޓްބޯޅަ ޓީމު އައުމާ އެކު އެ ކާމިޔާބު ފާހަގަކުރުމަށް ޓަކައި ދިވެހިން އަތާއިއަތް ގުޅާލައިގެން ދެއްކި އިޖުތިމާޢީ ރީތި ސިފައަކީ އެ ދުވަސްވަރު ރާއްޖޭގެ މަޝްރަޙް އޮތްގޮތަށް ބަލާއިރު ހަމަ ވަރަށް ހައިރާން ކޮށްލުވި ކަމެކެވެ. ދޮށީ ޢުމުރު ފުރައިގެ ބައެއް ބޭފުޅުންނަށް އެ މަންޒަރު ފެނުމުން ހިތްހަމަޖެހުމާއި އުފާވެރި ކަމުގެ އިހްސާސްތައް ބަންޑުންވެ، ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެންނަމަވެސް އެ އުފަލުގައި ދިވެހިން ދެއްކީ ހައިރާން ވާފަދަ ނަމޫނާއެކެވެ. ދާދި މިދާކަށް ދުވަހު ރާއްޖޭގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ވެސް ފެނިގެން ދިޔައީ ހަމަ މި މަންޒަރު ނޫންތޯއެވެ.
އާދެ، ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތަކުގެ ލިސްޓު، ކިތަންމެހާ ވެސް ދިގެވެ. އަދި މި ލިސްޓުގެ ބުރަދަން ވެސް ވަރަށް ބޮޑެވެ. އަދި މި ސިފަތަކަކީ ތިމާގެ ދިރިއުޅުން އާރާސްތުކޮށް، ބާއްޖަވެރިކޮށް، ތިމާއަކީ ހަރުދަނާ މީހަކަށް ވުމަށް ޓަކައި ވަރަށް މުހިންމު ސިފަތަކެކެވެ.
އާދެ، މި ހިސާބުން އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ މިހާރުގެ ހާލަތަކީ ކޮބައިތޯއެވެ. މިހާރު މި ކަންކަން އަޅުގަނޑުމެންގެ ތެރޭގައި އެބައޮތްތޯއެވެ. ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތައް މިހާރު އޮތް ހިސާބަކީ ކޮބައިތޯއެވެ. ޤަބޫލުކުރަންޖެހޭ އެންމެ ބޮޑު ޙަޤީޤަތަކީ ޒަމާނަށް އައި ބަދަލުތަކާއި ދިރިއުޅުމުގެ ކަނޑުގެ ތެރޭގައި ދެމެމުންދާ އޮއިވަރަށް އަންނަ ބަދަލުތަކާ އެކު ދިވެހިންގެ އިޖުތިމާޢީ ރީތި އާދަތަކާއި ސިފަތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމެވެ. އަދި މި ކަންކަމަށް ދެވޭ ސަމާލުކަން އިންތިހާއަށް ކުޑަކަމެވެ. އެހެންކަމަށް ވާނަމަ މި ކަންކަން ރަނގަޅު ކުރެވޭނީ ކިހިނެއްތޯއެވެ. ޝައްކެއްނެތް ގޮތުގައި މިކަން ރަނގަޅު ކުރެވޭނީ އަޅުގަނޑުމެން ދިވެހިން، ދިވެހިންގެ ގޮތުގައި ތިބެގެންނެވެ. ކާބަފައިން ދޫކުރެއްވި ހަރުދަނާ ސިފަތަކުގައި ހިފަހައްޓައިގެންނެވެ. ޒަމާނުގެ ތަރައްޤީގެ ތެރޭގައި އަޅުގަނޑުމެން އިހުގައި ޤަބޫލުކުރި ޤަބޫލުކުރުންތައް ވެސް ހިފަހައްޓައިގެންނެވެ.
