އިންސާނުންނަކީ ތަބީޢީގޮތުން ވެސް ތަފާތުތަކެއް ލައްވާފައިވާ ބައެކެވެ. މިގޮތުން ފިރިހެނުންނަށް ޚާއްޞަ ކުރައްވާފައިވާ ކަންކަމާއި އަންހެނުންނަށް ޚާއްޞަ ކުރައްވާފައިވާ ކަންކަން އެބަހުއްޓެވެ. އިންސާނުންގެ ވިސްނުމުގައި ވެސް ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް ހުންނަކަން އެއީ ޙަޤީޤަތެކެވެ.
އަންހެނުންނަކީ ވަރަށް މަސައްކަތްތެރި ހުނަރުވެރި ބައެކެވެ. އަދި އެއީ ހިތްވަރުގަދަ ކެތްތެރި ވެސް ބައެކެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ދަރިންގެ ކަންކަން ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އެއީ އަންހެނުންގެ ޒިންމާއެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް މި ކަންކަމަކީ އަންހެނުންގެ ތަބީޢަތާ ގުޅިފައިވާ ކަންކަމޭބުނުން މާ އައުލާކަން ބޮޑެވެ. ދަރިންނަށް ދޭންޖެހޭ ޚިދުމަތާއި، ކޮށްދޭންޖެހޭ ކަންކަން ގުޅިފައިވަނީ މައިންގެ ހިތާއި ސިކުނޑިއާއެވެ. ކެއްކުމާއި، ގޭތެރެސާފުކުރުމާ އަދި މިނޫން ވެސް ގޭބިސީއަކަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ފުރިހަމައަށް ނުކުރެވޭނަމަ، އެކަން ފިރިހެނަކަށް ވުރެ އަންހެނެއްގެ ބޮލުގެ ރިހުމަކަށްވެއެވެ. މިކަން މިހެން އޮތް ނަމަވެސް މި މަސައްކަތްތަކަކީ ޢާއިލާއެއްނަމަ، މަންމައާއި ބައްޕަ ވެސް ހިއްސާވެގެން ކުރެވެންޖެހޭނެ ކަންކަން ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.
އަންހެނުން ވަޒީފާ އަދާކުރަނީ ދިރިއުޅުމުގައި އެހެންގޮތެއް ނެތީމަ ހެއްޔެވެ؟ ނުވަތަ އެކަން އޮންނަން ޖެހޭ ގޮތަކީ އެއީ ހެއްޔެވެ؟ އިންސާނުންނަކީ އެ މީހުންގެ ތަބީޢަތުގައި ލޯތްބާއި އަޅާލުން އަދި އެހެން މީހުންގެ ގާތްކަން ބޭނުންވާ ބައެކެވެ. އެއަށްވުރެ ވެސް ބޮޑަށް ވަގުތުކޮޅަކަށް ނަމަވެސް މާހައުލު ބަދަލުކޮށްލައި ތިމާގެ ވިސްނުން ގޭތެރޭގެ ދިރިއުޅުމުން އެހެން ދިމާލަކަށް ބަދަލުކޮށްލުމަކީ ސިކުނޑިއަށް ލިބޭ ބުރަކަން ލުއިވެ ތާޒާވާނެ ކަމެކެވެ. ގޭތެރޭގެ ބުރަ މަސައްކަތުގައި އަބަދު އުޅެން ޖެހިފައިވާ މައިންނަށް، އެ މީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް މިއީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަންހެނުން ހަމައެކަނި ދަރިން ބެލުމަށާއި ގޭތެރޭގެ މަސައްކަތަށް ހުސްވެގެން ތިބުމުގެ ބަދަލުގައި ވަގުތުކޮޅަކަށް ނަމަވެސް އެހެން މަސައްކަތެއްގެ ތެރެއަށް ވިސްނުން ގެންދިޔުމުގެ ފުރުސަތު ލިބުމަކީ ސިކުނޑިއަށް ލިބޭނެ ލުޔެކެވެ. މި ވަގުތުކޮޅުގެ ސަބަބުން ގޭތެރޭގެ ހަލަބޮލި މާހައުލު ފިޔަވައި އެހެންކަމަކަށް ނަޒަރުހިންގާލަން ފުރުސަތު ލިބިދޭނެއެވެ.
އަންހެނުން ވަޒީފާ އަދާކުރަނީ ހާލަތު ތަންދޭ ގޮތުން އިތުރު އާމްދަނީއެއް ހޯދުމަށް ކަމަށް ވީނަމަވެސް ނުވަތަ ތިމާއަށް ލިބިފައިވާ ޢިލްމުގެ ބޭނުންހިފައި ޚިދުމަތެއް ކޮށްދިނުމަށް ކަމުގައި ވީނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަންހެނަކު، ޚާއްޞަކޮށް މަޔަކު ވަޒީފާ އަދާކުރާނަމަ، އެ މީހަކު އެ އަދާކުރަނީ ދެ ވަޒީފާ ކަމެވެ. ދަރިންގެ ޒިންމާއާއި ގޭތެރޭގެ މަސައްކަތްތަކަކީ މަންމައަކަށްވެ ހުރެ ނުކޮށް ދޫކޮށްލައިގެން ހުރެވޭނެ ކަންކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ މި މުއައްސަސާގައި ވެސް ގިނަ ޢަދަދެއްގެ އަންހެން ސިފައިން ވަޒީފާ އަދާކުރަމުންދެއެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ޚިދުމަތްތެރި އަންހެން ސިފައިން މި މުއައްސަސާގައި ހިމެނޭކަމީ ލިބޭ ފަޚުރެކެވެ. އަންހެން ސިފައިންގެ ޚިދުމަތަށް ނަޒަރު ހިންގާލާއިރު އެ ކަނބަލުންގެ ޚިދުމަތް ނުލިބެނީ ވަކި މިވެނި ދާއިރާއަކުންނޭ ބުނުވޭނެ ޖާގައެއް ނެތެވެ. ގާތްގަޑަކަށް ހުރިހާ ދާއިރާއެއްގައި ވެސް އަންހެން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންނަކީ ގޮވާލެވޭ ކޮންމެ ހިނދެއްގައި އިޖާބަދިނުމަށް ތައްޔާރަށް ތިބޭ ބަޔަކަށް ވީހިނދު އަންހެން ސިފައިން ވެސް މަސައްކަތް ކުރަމުންދަނީ ހަމަ މި ރޫޙާއި މި ޖޯޝްގައެވެ. ގޮވާލެވުނު ކޮންމެ ވަގުތަކު ކޮންމެ ކަމަކުން އެ ކަނބަލުންގެ ހިއްސާ ފެންނަމުންދެއެވެ.
އަންހެން ސިފައިންގެ ޚިދުމަތަށް ނަޒަރުހިންގާއިރު ހަމައެކަނި މުއައްސަސާއަށް ކޮށްދޭ ޚިދުމަތުގެ ވާހަކަ ބަޔާންކުރުމަކުން އެ ކަނބަލުންގެ ޚިދުމަތް ފުރިހަމަވެގެންނެއް ނުދެއެވެ. ވިސްނާލައްވާށެވެ. ކަނޑައެޅިފައި އޮންނަ ގަޑިއަށް ވަޒީފާއަށް އާދެއެވެ. ވަޒީފާއަށް ދޭންޖެހޭ ވަގުތު ވެސް ފުރިހަމައަށް ދެއެވެ. ހަވާލުކުރާ މަސައްކަތްތައް ވެސް ބަރާބަރަށް ކުރެއެވެ. އަދި ހަމައެއާ އެކު ދަރިންނަށް ބޭނުންވާ ކަންކަމާއި ގޭތެރޭގެ އެހެނިހެން ހުރިހާ މަސައްކަތްތަކެއް ވެސް ފުރިހަމަ ކުރެއެވެ. ހަމަގައިމު ވެސް އަންހެނަކަށް ވެސް ލިބެނީ ސައުވީސް ގަޑިއިރުގެ ދުވަހެކެވެ.
އަންހެނުންނަކީ ރޭވުންތެރި، ދިމާވާ ކަންކަމުގައި ކެތްގަދަ، ހުނަރުވެރި ބައެކެވެ. މި ސިފަތައް އަންހެނެއްގެ ކިބައިގައި ހަރުލާ އެންމެބޮޑު އެއް ސަބަބަކީ މައިވަންތަކަމުގެ ލޯތްބާއި ދަރިކުލުނެވެ. ދަރިންނަށް ދޭން ބޭނުންވާ އަޅާލުމާއި އޯގާތެރިކަމަކީ އެ މައިންނަށް އެހެން ހުރިހާ ކަމަކަށްވުރެ މުހިންމު ކަމެކެވެ. ސިފައިންގެ ކަމަށް ވީނަމަވެސް ނުވަތަ އެހެން މުއައްސަސާއެއް ނަމަވެސް އަންހެނުން ބަލައިގަންނަން ޖެހޭނީ މި ދެންނެވުނު ސިފަތައް އަންހެނުންގެ ކިބައިގައި ހުންނާނެކަން ޤަބޫލުކޮށްގެންނެވެ. ޤަބޫލުކުރައްވާށެވެ. މައެއްގެ ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބިގެން ބޮޑުވާ ކޮންމެ ކުއްޖަކީ މާދަމާ ޤައުމު އާރާސްތުކުރުމުގެ މުގުލުގައި ހުންނާނޭ ކުއްޖެކެވެ. މަންމައާއި ބައްޕަ ވަޒީފާ އަދާކުރާއިރު ކޮންމެވެސް އެކަކު ދަރިންގެ ކަންކަމުގައި ބޮޑަށް ޝާމިލުވާން ޖެހެއެވެ. ގިނަފަހަރަށް އެއީ މަންމައެވެ. ވީމާ، މަޖުބޫރީ ހާލަތެއްގައި މެނުވީ ވަޒީފާ އަދާކުރާ އަންހެނުންނަށް މި ދެންނެވުނު ކަންކަން ކުރުމަށް ފުރުސަތު ލިބުމަކީ ރަނގަޅު ޖީލެއް ބިނާކުރުމަށް ވެދެވޭ ވަރަށްބޮޑު އެހީތެރިކަމެކެވެ. އަދި އެއީ ވަޒީފާއަށް ނުކުންނާނެ އަންހެނުން އިތުރުވެ، އެ ކަނބަލުން ވަޒީފާގައި ދެމިތިބުމަށް ހުޅުވާލެވޭ ދޮރެކެވެ.
ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިންނަކީ ހިތްވަރުގަދަ ކަނބަލުންތަކެކެވެ. ދިމާވާ ގޮންޖެހުންތަކާ އެކު ވެސް، ނުގުޑާ ޢަޒުމެއްގައި ފަސްޖެހުމެއްނެތި މަސައްކަތްކުރަމުން ދަނީ ހިނިތުންވުމާ އެކުގައެވެ. މީގެތެރެއިން ގިނަ ކަނބަލުންނަކީ ގޭތެރޭގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ވަޒީފާގައި ދެމިތިބި ފަހުލަވާނުންނެވެ. އެ ކަނބަލުންގެ އެ ހިތްވަރަށް އަޅުގަނޑު ސެލިއުޓްކުރަމެވެ.
