އަސްކަރިއްޔާއެއްގައި މަސައްކަތްކުރުމަކީ ޚާއްޞަ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކެއް ހުރެގެން ނޫނީ މަސައްކަތްކުރަން އެކަށީގެންވާ ކަމެއް ނޫނެވެ. އަސްކަރީ ފަންނަކީ، މި މަތިވެރި އަޚުލާޤުގެ މަތީ ތަމްރީނުވެ، ސާބިތުވެ ތިބެގެންނޫނީ ކޮމާންޑު ޓާސްކުތަކާއި މިޝަންތައް އެންމެ އެކަށީގެންވާ ގޮތަށް ފުރިހަމަ ނުކުރެވޭނެ ކަމެއްކަން ތާރީޚުން ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. އަސްކަރީ އަޚްލާޤަކީ އަސްކަރީ ކޮމާންޑަރުން ކުރާ އަމުރުތަކަށާއި އަދި އަސްކަރީ މުއައްސަސާއިން ނެރެފައިވާ ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަނެ، ޢަމަލީ ގޮތުން ފުރިހަމަ ޔަޤީންކަމާ އެކު އެ ހަވާލުކުރެވޭ ޓާސްކުތަކާއި މިޝަންތައް ފުރިހަމައަށް އަދާކުރުމުގެ ސިފައެވެ.
ތާރީޚުން ދަސްވެފައިވާ ފިލާވަޅުތަކަށް ބަލައިލާއިރު، އުޙުދު ހަނގުރާމަ އަޅުގަނޑުމެންގެ ހަނދާނަށް ގެންނަމާތޯއެވެ. ޖަބަލުލްއުޙުދުގެ މައިދާނުގައި ހިނގައިދިޔަ ހާދިސާއަކީ އަސްކަރީ ކޮމާންޑަރެއްގެ އިރުޝާދަށް ކިޔަމަން ނުވުމުގެ ސަބަބުން ޤުރައިޝުންގެ ލަޝްކަރުގެ އަސްވާރުންގެ (cavalry) ކޮމާންޑަރު ކަމުގައިވާ ޚާލިދު ބުނު ވަލީދަށް ހަނގުރާމައިގެ މިސްރާބު ބަދަލުކޮށް ނަޞްރު ހޯއްދެވުމަށް ލިބިވަޑައިގަތް ފުރުޞަތެއްކަމުގައި ވެގެންދިޔައެވެ. ޚާލިދުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ހެއްދެވީ މުސްލިމުންގެ ފަހަތުގައިވާ ފަރުބަދަތަކަށް ވެރިވެވަޑައިގެން މުސްލިމުންގެ ފަހަތުން ޙަމަލަދެއްވުމެވެ.

ހަނގުރާމައަށް ސަފުހެއްދެވުމުގައި މުސްލިމުންގެ ކޮމާންޑަރު ކައުސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަބަލުލްއުޙުދުގެ ޖިއޮގްރަފީ ވެށީގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕެވިއެވެ. އެގޮތުން އުހުދު ފަރުބަދައިގެ އިރުދެކުނު ފަރާތުގައިވާ ޖަބަލުއްރުމާތު ކިޔާ ކުޑަ ފަރުބަދައިގެ މަތީ (vantage point) ހަނގުރާމައިގެ މައިދާން އެއްކޮށްހެން ފެންނާނެހެން ކަވަރުކުރުމަށް ޓަކައި ތީރުވެރީންގެ (archers) ފަންސާސް ބޭކަލުން އެފަރުބަދަ މަތީ ބެއިތިއްބެވިއެވެ. (ޖަބަލުއްރުމާތައަކީ އެ ފަރުބަދައިގެ ބިއްދޮށުން ވަށާލައިފައިގޮސް އިސްލާމީ ލަޝްކަރުގެ ފަހަތަށް ޙަމަލަދެވިދާނެ ފަރުބަދައެކެވެ.) ތީރުވެރިންގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ ޢަބްދުﷲ ބިން ޖުބައިރެވެ. ތީރުވެރިންނަށް އެ ބޭކަލުންގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ޞަރީޙަކޮށް އޮޅުންފިލުއްވައިދެއްވިއެވެ. މާތް ނަބިއްޔާ އަމުރުކުރައްވާފައިއޮތީ ދުޝްމިނުންގެ އަސްވާރުން ކައިރިވިޔަ ނުދީ ތީރުވެރިންގެ ދުނިތަކުން ފޭކުރުމަށެވެ. އަދި ވަކީން ތީރުވެރީންނަށް ވެސް އިރުޝާދު ދެއްވިއެވެ؛ ”އަހަރެމެން ކަތިލެވެމުންދާތަން ފެނުނުކަމުގައި ވިޔަސް ތިޔަބައިމީހުން އަހަރެމެންނަށް އެހީވާން ނާންނާށެވެ. އަހަރެމެން ޣަނީމާ މުދާ އެއްކުރަމުން ދާތަން ފެނުނަސް އަހަރެމެންނާ ބައިވެރިވާން އަންނާނެކަމެއް ނެތެވެ.“
މަތީގައިވާ ކުރެހުމުގައިވާ ގޮތަށް ބަލައިލާއިރު، ބާކީތިބި ސިފައިން ތަރުތީބުކުރައްވައި އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތުން އަރިމަތީގެ ކޮމާންޑަރަކަށް މުންޛިރު ބިން ޢަމްރު ރަޟިޔަﷲ ޢަންހު ހަމަޖެއްސެވިއެވެ. ވާތްފަރާތު އަރިމަތީގެ ކޮމާންޑަރަކަށް އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު ހަމަޖައްސަވައި އެކަލޭގެފާނުގެ އެހީތެރިޔަކަށް މިޤްދާދު ބިން އަސްވަދު ރަޟިޔަﷲ ޢަންހު ހަމަޖެއްސެވިއެވެ. ކޮންމެއަކަސް އިތުރު ސާހިބާ މުސްލިމުންގެ ލަޝްކަރު ތަރުތީބު ކުރައްވާފައިވަނީ އެހާމެ ކުޅަދާނަކަމާ އެކު، ހަނގުރާމައިގައި އިސްލާމީ ލަޝްކަރަށް ތަންކޮޅެއް ނުސިޔާނު ޙާލަތަކާ ކުރިމަތިވިޔަސް ދުޝްމިނުންނަށް އަތުނުވެ މުސްލިމުންނަށް އެބައިމީހުން ކޭމްޕުގެ ޙިމާޔަތް ހޯދޭނެ ގޮތުންނެވެ.
ހަނގުރާމަ ފެށި، ކޮމާންޑަރ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޖަބަލުއްރުމާތުގައި ބައިތިއްބެވި ތީރުވެރީން ވެސް މުސްލިމުންގެ ލަޝްކަރަށް ޙިމާޔަތް ފޯރުކޮށްދީ ހަނގުރާމައިގެ ތިލަފަތް ބަރުކޮށްލަން މުހިންމު ދައުރެއް އަދާކުރިއެވެ. ޚާލިދު ބުނު ވަލީދުގެ ކޮމާންޑަރު ކަމުގެ ދަށުން އަސްވާރުން އިސްލާމީ ލަޝްކަރުގެ ވާތުފިޔަ ފޫވައްޓައިލުމަށްފަހު ފަހަތުން ޙަމަލަދެވޭތޯ އެތައްފަހަރަކު މަސައްކަތްކުރިއެވެ. ނަމަވެސް ތީރުވެރީން މުޝްރިކުންގެ އެތައްބަޔަކު ހަލަނިތަކަކަށް ހަދައިލައި އެ ހަމަލަތައް ނާކާމިޔާބު ކުރިއެވެ.
ހަނގުރާމަ ކާމިޔާބުވުމުގެ އަސަރުތައް މުސްލިމުންނަށް ފެނުނެވެ. މިއީ ދުޝްމިނުންގެ ކޮމާންޑަރު އަބޫސުފިޔާނުގެ ހީލަތްތެރި ރޭވުމެއްކަމުގައި ބުނެވެއެވެ. ދުޝްމިނުންގެ އަސްވާރުން ވެސް މައިދާން ދޫކޮށް ދިއުމަށް މިސްރާބު ބަދަލުކުރިއެވެ. މި މަންޒަރު ފެނުމުން މުސްލިމުންގެ ހިތްތަކުގައި ޣަނީމާއާ މެދު ޝައުޤުވެރިކަން އުފެދުނެވެ. އަބޫސުފްޔާނު މި ހީލަތް ހެއްދެވިއިރު ޚާލިދާއި އިކުރިމާގެ ކޮމާންޑުގައި މުޝްރިކުންގެ ލަޝްކަރުގެ ކަނާތުފިޔައާއި ވާތުފިޔަ އޮތީ ނިސްބަތުން ވަރަށް ގެއްލުން ކުޑަކޮށެވެ. އިސްލާމީ ލަޝްކަރުގެ ގިނަބަޔަކު އަބޫސުފިޔާނުގެ މި ހީލަތުގައި ޖެހި، ދުޝްމިނުންގެ ލަޝްކަރަށް އެންމެ ފަހުގެ ޙަމަލަދީ، ފިލައިގެންދާ މީހުން ފަހައިދިއުމުގެ ބަދަލުގައި ޣަނީމާ މުދަލައިގެން މަސްއޫލުވިއެވެ. ޖަބަލުއްރުމާތުގައި ތިބި ތީރުވެރިންނަށް ވެސް އެބޭކަލުންގެ ކޮމާންޑަރު ފަށްފަށުން ބާރުއަޅުއްވައި ދެއްވި ނަސޭހަތްޕުޅާއި ކުރެއްވި އަމުރުފުޅު ހަނދާންނައްތާލައި، އަދި އެބޭކަލުންގެ މަޙާޛު ދޫކޮށްފައި ފަރުބަދަމަތީން ފައިބާން ފެށިއެވެ.
ތީރުވެރިންގެ ކޮމާންޑަރަށް އެ މަންޒަރު ފެނިވަޑައިގަތުމުން އެކަން މަނާކުރެއްވިއެވެ. ނަމަވެސް ތީރުވެރީންގެ ގިނަބޭކަލުން (ފަންސާސް ބޭކަލުންގެ ތެރެއިން ސާޅީސް ބޭކަލުން) ފަރުބަދަމަތީން ފައިބައިގެން ޣަނީމާ އެއްކުރަމުން ދިޔަ މީހުންނާ ބައިވެރިވިއެވެ. ނަތީޖާއަކީ މުސްލިމުންނާ އިސްތިޤްބާލުކުރަމުންއައި ފަތަޙައާއި ކާމިޔާބީއާއި ނަޞްރު މުސްލިމުންނާ ދުރަށް މޫނު އަނބުރައިލުމެވެ. އަދި ޚާލިދުގެ އެންމެ މުހިންމު މަސްއޫލިއްޔަތު ފުރިހަމަކުރައްވަވައި، މުސްލިމުންގެ ފަހަތުގައިވާ ފަރުބަދަތަކަށް ވެރިވެވަޑައިގެން މުސްލިމުންގެ ފަހަތުން ޙަމަލަދެއްވައި ޤުރައިޝުންނަށް ނަޞްރު ހޯއްދަވައިދެއްވިއެވެ.
މި ޙާދިޘާގެ ޚުލާޞާއިން ވެސް އެނގެނީ އަސްކަރީ އަޚްލާޤުގެ މުހިންމުކަމާއި، އަޚްލާޤު ނެތުމުން ލިބޭ ނަތީޖާގެ ހިތިކަމެވެ. އަސްކަރީ އަޚްލާޤު އުނގަންނައިދީ ތަރުބިއްޔަތުކުރަން ފެށެނީ އަސާސީ ތަމްރީނުންނެވެ. އަދި އެއަށްފަހު ޔުނިޓުގައި ސިފައިންގެ ސުލޫކީ މިންގަޑު ހިފެހެއްޓުމަށް އެކި ފަންތީގައި މަސައްކަތްކުރެއެވެ. ދެން އެ ބޭކަލެއްގެ ކެރިއަރ ތަރައްޤީކުރުމަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން އެންލިސްޓެޑް ސޯލްޖަރުން އެންސީއޯ އެކެޑެމީންނާއި، އޮފިސަރުން މިލިޓަރީ އެކެޑެމީތަކުން އިތުރު ތަޢުލީމީ މަރުހަލާތައް ފުރިހަމަ ކުރަމުން ދެއެވެ. މިލިޓަރީ ސްކޫލްތަކުން މުދައްރިބުންނާއި ޓީޗަރުންގެ ޒިންމާ ނިމުނީއެވެ. ނަމަވެސް މި ހިސާބުން ނިމުނީއަކީއެއް ނޫނެވެ. އަސްކަރީ އަޚްލާޤު ދެމެހެއްޓުމަކީ ފަރުދީ ޒިއްމާއެއްކަމުގައި ވީނަމަވެސް، އެ ނެގެހެއްޓުމަކީ ހުރިހާ ފަންތިއެއްގެ ލީޑަރުންގެ މަސްއޫލިއްޔަތެއްކަމުގައި އަސްކަރިއްޔާތަކުގައި ކަނޑައެޅިފައިވެއެވެ. މި މަޢުޟޫގައި އިތުރު ބައިތައް ހިމެނުމުގެ ފުރުސަތު ތިޔަ އެންމެ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.
