އދގެ ރިޔާސަތަކީ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެންބްލީގެ ރައީސެވެ. އދގެ ޢާންމު މަޖިލިހުގެ ރައީސަކީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އިންތިޚާބުކުރެވޭ އދގެ ރައީސެވެ. އދގެ ސެކްރެޓަރީ ޖެނެރަލް ވެސް މަސައްކަތް ކުރައްވަނީ އެ ޖަމާޢަތުގެ ރައީސްގެ ދަށުންނެވެ. އދ ޢާންމު މަޖިލީހުގެ ރައީސުން އިންތިޚާބުކުރަނީ ދައުރުވާ އުސޫލުން އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ޤައުމުތަކުގެ މެދުގައެވެ. އދގެ ޢާންމު މަޖިލީހުގެ ރައީސެއްގެ ދައުރަކީ އެއް އަހަރު ދުވަހެވެ.
މި އަހަރަކީ އޭޝިއާ ޕެސިފިކް ޤައުމުތަކަށް އދގެ ޢާންމު މަޖިލިހުގެ ރިޔާސަތު ހަމަޖެހިފައި އޮތް އަހަރެވެ. އދގެ 76 ވަނަ މަޖިލިސް ފެށުނީ މި އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެ ދައުރަށް އދގެ ޢާންމު މަޖިލިހުގެ ރައީސްކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ޝާހިދު ވަނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ދުނިޔޭގެ ޤައުމުތަކުން އިންތިޚާބުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އދގެ މިހާ އިސްމަޤާމަކަށް ދިވެއްސަކު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ދިވެހިރާއްޖެއަށް އދގެ ޢާންމު މަޖިލީހުގެ ރައީސްކަން ލިބުމަކީ މި ޤައުމު ކިތަންމެ ކުޑަޔަސް، ބޮޑު ކަމެކެވެ. މިއީ ޤައުމެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ. މިއީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަޤާމު ދިވެހިރާއްޖެއިން އަދާކުރާނެތީއެވެ.
އދގެ ޢާންމު މަޖިލިހުގެ ރައީސްކަން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ކާމިޔާބު ކުރެއްވީ ވޯޓުލުމުގައި ބައިވެރިވި އދގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމެއްގެ ތާއީދާ އެކުގައެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ރަމްލައި ރަސޫލެވެ. އެ މަނިކުފާނަށް ލިބިވަޑައިގަތީ 48 ވޯޓެވެ. މި ކާމިޔާބުން ރަމުޒުކޮށްދެނީ ރާއްޖެއަށް ބައިނަލްއަޤްވާމީ ދުނިޔޭގައި އޮތް ފުރިހަމަ އިތުބާރެވެ. ދިވެހިރާއްޖެއިން ދުނިޔޭގެ ޤައުމުތަކުގެ މަސްލަހަތު ޙިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން އެ ޤައުމުތަކަށް އޮތް މިންވަރުގެ ބޮޑު ކަމެވެ.
އދގެ 76 ވަނަ ޢާންމު މަޖިލިސް ފެށީ 2021 ސެޕްޓެންބަރު 14 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު އދގެ ޢާންމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ދިވެހި ދަރިއެކެވެ. މީގެއިތުރުން ބަހުސްތަކުގައި މެންބަރު ޤައުމުތަކަށް ވަގުތު ކަނޑައަޅައި، ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ވެސް އޮންނާނީ ދިވެހިރާއްޖެ ކުޑައަސް ދިވެއްސަކަށެވެ. އަދި ޢާއްމު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ޒިންމާ ވެސް އުފުލަނީ މި ދިވެހިރާއްޖެއިންނެވެ.
އދގެ ޢާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރެވެ. ޢާންމު މަޖިލީހަށް ކަމެއް ހުށަހަޅަން ނުވަތަ މައްސަލައެއް ގެންނަން ބޭނުން ނަމަ އެކަން ކޮށްދެއްވޭނީ ރައީސަށެވެ. އދގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ވެގެން ދިއުމަކީ ބޭރުގެ ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އެކަމުގެ ފައިދާތައް ކުރާނެ ކަމެކެވެ.
ދުނިޔޭގެ ރިޔާސަތުގައި ދިވެއްސަކު ހުންނެވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެކެވެ. އދގެ 193 ޤައުމު ރިޔާސަތަށް ބަލާލައި ކޮންމެ ފަހަރަކު ފެންނާނީ ދިވެހިރާއްޖޭގެ ނަމެވެ. އިވޭނީ ދިވެއްސެއްގެ އަޑެވެ. މުޅި ދުނިޔޭގައި ވިދަމުން ގުގުމަމުން ދާނީ ދިވެހިރާއްޖޭގެ ނަމެވެ. އެ މަގާމުގައި ދިވެއްސެއް ހުރުމުން، ސޮފްޓް މާކެޓިންއަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، ރާއްޖެއާ ބެހޭ މަޢުލޫމާތު މުޅި ދުނިޔެއާ ހިއްސާ ކުރުމަށް އިތުރު ފުރުސަތު ލިބޭނެއެވެ. ރާއްޖޭގެ ވާހަކަތައް އިތުރަށް ދެއްކުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެއެވެ. މިއީ މަޤާމުގެ ހައިސިއްޔަތުން ދިވެހިންނަށް ލިބިގެންދާ ރީތި ނަމާއި ޝަރަފުގެ އިތުރުން ލިބިގެންދާނެ ބައެއް ފައިދާތަކެވެ.
