ގެދޮރު އިމާރާތް ކުރުމަށް ބިން ލިބުމުގެ ދަތިކަމާއި އާބާދީ އިތުރުވުމުގެ ސަބަބުން އުސް އިމާރާތްތަކުގެ ޑިމާންޑް ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފައެވެ. އަދި އުސް އިމާރާތްތަކުގައި ފަޔަރ ސޭފްޓީއަށް ނުވިސްނައި އިމާރާތް ކުރުމުގެ ސަބަބުން، ހިނގާ އަލިފާނުގެ ހާދިސާތައް ނިއްވުމަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ހަމައެކަނި ސިޑިއެއް ނުވަތަ ލިފްޓެއް ބޭނުންކޮށްގެން އިމާރާތްތަކުގައި ދިރިއުޅޭ މީހުން ސަލާމަތުން އެތަނުން ނެރެން ބެލިކަމުގައި ވިޔަސް މިއީ ވަރަށް ގިނަ ވަގުތާއި މަސައްކަތެވެ. މިހާރު ވެސް ލިފްޓް ނުހުންނަ އުސް އިމާރާތްތަކުން ބަލި މީހުން ބޭލުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައި އިމަރޖެންސީގައި މިފަދަ ކަމެއް ދިމާވެއްޖެނަމަ ދިމާވެދާނެ ހިތާމަވެރި ހާދިސާއަކަށް ވިސްނާލަންޖެހެއެވެ. މިދެންނެވި ސަބަބުތަކަށް  ޓަކައި ފަޔަރ ސޭފްޓީއަށް ވިސްނައިގެން އިމާރާތްތައް ހެދުމާއި ކާރިސާތަކަށް ތައްޔާރުވުމާއި ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން މުހިންމެވެ. 2017 ވަނަ އަހަރު އިނގިރޭސިވިލާތުގެ ގްރެންފެލް ޓަވަރގައި ހިނގި އަލިފާނުގެ ހާދިސާގައި 70އަށް ވުރެ ގިނަމީހުންގެ ފުރާނަ ނެތިގެން ގޮސް އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މިހާދިސާއަކީ އައިސްއަލަމާރިއެއްގައި ދިމާވި ކަރަންޓު ފޯލްޓަކުން ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލްނުވެ ފަސޭހައިން އަލިފާންހިފާ ބާވަތްތައް ހުރުމުން، އިތުރަށް ފެތުރިގެން ގޮސް ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި އެއް ހާދިސާއަކީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 20 ވަނަ ދުވަހު ހ.ތިލަފުށި ގޭގެ ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. މަދު މިނެޓްކޮޅެއްގެ ތެރޭގައި ރޯވި އަލިފާންގަނޑު އިތުރު ގުދަންތަކާއި ގިނަ ގެތަކަށް ފެތުރިގެން ދިޔައެވެ. މިހާދިސާގައި ވެސް ރޯވިއަލިފާނާއި ދުމުގެ ސަބަބުން ގޭތެރޭގައި ތާށިވެ އެކަކު ވަނީ ނިޔާވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ގެއްލި ސަތޭކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުން އެތަށް މިލިއަނުން މައްޗަށް އަރާނެކަމަށް ވެއެވެ. މިފަދަ ހާދިސާތަކުން ދުރާލައި އިތުރަށް ވިސްނައި ޢިބުރަތްތަކާއި ފިލާވަޅުތައް ހޯދަންޖެހެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިފަދަ ހާދިސާތަކުން ޢިބުރަތް ހާސިލުކޮށް އިތުރަށް ރަނގަޅު ކުރެވޭނެ އެއްވެސް މަސައްކަތެއް ފަރުދީގޮތުން ނެތީތޯއެވެ. ނޫނީ، މިގޮތަށް ކޮންމެ ފަހަރަކު ހާދިސާއެއް ހިނގުމުން އެ ވާހަކަތައް ދައްކާލަފަ ތިބެންވީތޯއެވެ.  

އަލިފާން ނިއްވުމަކީ ނުރައްކާތެރި މަސައްކަތެއްކަމަށް ދުށުމުގެ ބަދަލުގައި އައު އީޖާދުތަކާ އެކު މި މަސައްކަތަށްވަނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އާގޮތްތަކެއް ހޯދިފައެވެ. މިގޮތުން މިހާރު އުސްއިމާރާތްތަކުގައި ހަރުކުރުމަށް ހެދިފައިވާ ތަކެއްޗަކީ އުސްއިމާރާތްތަކުގައި ދިމާވާ އަލިފާންތައް ފަސޭހައިން ދެނެގަނެ އަމިއްލައަށް ވެސް ނިއްވާލެވޭނެ ބާވަތްތަކެކެވެ.  އުސްއިމާރާތްތަކުގައި ރޯވާ އަލިފާނުގެ ސަބަބުން އާންމުކޮށް ދިމާވެދާނެ ފަޔަރ ރިސްކު ތަކަކީ:

  • ދޭތެރެދޭތެރެއިން ފޯލްސް ފަޔަރ އެލާރމް އެޅުމުގެ ސަބަބުން ތަނުގެ ޚިދުމަތް ހުއްޓި ބިޒްނަސް ކޮންޓިނިއުޓީއަށް އަސަރުކުރުން؛
  • ޤަވާއިދުން ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށް ނުގެންދެވުމާއި ތަނުގައި އުޅޭމީހުން ހާދިސާތަކުގައި ހާސްކަމުގެ ތެރޭގައި އުޅެންޖެހުން؛
  • އަލިފާނުގެ ސަބަބުން އުފެދޭ ދުން ބޭރުކުރުމަށް ގާއިމްކޮށްފައިވާ ނިޒާމްތައް ހަރުދަނާ ނުވުމާއި ދުންބޭރު ކުރުމަށް ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތުން؛
  • އުސް އިމާރާތްތަކުގައި އަލިފާންނިވާ މީހުންނަށް މަސައްކަތް ކުރުމަށް ދަތިވާގޮތަށް ތަން ހެދިފައި ހުރުން؛
  • ތަނުގައި އުޅޭ އަދި އުޅެދާނެ މީހުންގެ މަޢުލޫމާތު ނުބެލެހެއްޓުން؛
  • އަލިފާނުގެ ހާދިސާތަކުގައި އެކަށީގެންވާ އަލިކަމެއް ނުވަތަ އިމަރޖެންސީ ލައިޓިންގ ސިސްޓަމް އިމާރާތުގައި ގާއިމްވެފައި ނެތުން؛

މިފަދަ ގޮންޖެހުންތަކުން އުސް އިމާރާތްތަކުގައި ހިނގާ އަލިފާން ނިއްވުމުގެ ހާދިސާތައް ހައްލުކުރަން ބޭނުންނަމަ، އުސް އިމާރާތެއްގައި ވެސް ފަޔަރ ސޭފްޓީ އާލާތްތައް ބިލްޑިންގ ކޯޑްތަކާއި އެއްގޮތަށް ހަރުކޮށް އެތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ގަވާއިދުން ބަލަންވާނެއެވެ. ފަޔަރ އިވެކުއޭޝަން ޑްރިލްސްތައް ބާއްވައި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތަކުގައި ފަސޭހަކަމާ އެކު ތަނުގެ ބޭރަށް ނުކުމެވޭހެން ހެދުން މުހިންމެވެ. އެހެން ނޫންނަމަ އަލިފާނުގެ ހާދިސާ ހިނގުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިމާރާތުގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްދާނެއެވެ. އަލިފާނުގެ ހާދިސާތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް މަސައްކަތްކުރަން ފަސޭހަ ވާނެގޮތަކަށް އިމާރާތުގެ އިންތިޒާމްތައް ހުރުމާ އެކު ފަޔަރ ޕްރޮޓެކްޓެޑް ލޮބީތައް ބެހެއްޓުމަށް ވިސްނަންޖެހެއެވެ.

އިމާރާތް ހެދިފައި ހުންނަ ގޮތުން އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުން ތިރި އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ އަދަދު ގިނައެވެ. އަދި ހާދިސާތަކުގައި މީހުން ސަލާމަތުން ނުކުތުމަށް ލިފްޓް ބޭނުން ނުކުރޭވޭ ހާލަތްތަކުގައި ސިޑި ބޭނުން ކޮށްގެން އެންމެ ތިރިއަށް ފައިބާނަމަ ވަރަށް ގިނަ ވަގުތު ނަގާނެއެވެ. މިފަދަ އިމާރާތެއްގައި ބަލިމީހަކު ވެދާނެކަމަށް ވިސްނައި މިފަދަ ބަލިމީހުން ސަލާމަތްކުރާނެ ގޮތެއް ހޯދިފައި އޮންނަން ޖެހޭނެއެވެ. މިފަދަ ހާސްވެފައިވާ ވަގުތެއްގައި އިމާރާތުން ނުނުކުމެވި ދާނެކަމަށް މަސައްކަތް ނުކޮށް ހުރުމުގެ ބަދަލުގައި އުންމީދު ކަނޑާނުލައި ސަލާމަތްވާނެ އިތުރު މަގެއް ފެނޭތޯ ބަލަންޖެހެއެވެ. އަދި އުސް އިމާރާތްތަކުގައި ”ބިލްޑިންގ ކޯޑް ނުވަތަ ފަޔަރ ކޯޑް“ އާއި އެއްގޮތަށް އިމަރޖެންސީ ލައިޓިންގ ސިސްޓަމް ހަރުކޮށްފައި ހުރެއްޖެނަމަ އެލައިޓްތަކަށް ބަލައިގެން ވެސް ސަލާމަތްތެރިކަމާ އެކު ނުކުތުމަށް ފަސޭހަވެގެންދާނެއެވެ.

އަލިފާނުގެ ހާދިސާތަކުގައި ވަރަށް އަވަހަށް އަލިފާނާއި ވިހަ ދުން އިމާރާތުގެ އެކި ފްލޯތަކަށް ފެތުރިގެން ދެއެވެ. އިމާރާތުގެ ސިޑިތަކާއި ވައި ގޮޅިތަކުގެ ތެރެއިންނާއި ލިފްޓްތަކުގެ ތެރެއިން ދުންތައް ފަސޭހައިން ދަތުރުކުރެއެވެ. އެހެންކަމުން އަލިފާން ނިއްވުމަށް ނުވަތަ މީހަކު ރެސްކިޔު ކުރުމަށް އިމާރާތެއްގައި މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެތަނެއްގެ މާހައުލު އެއްގޮތަކަށް ވެސް ނޭގި އުސް އިމާރާތެއްގެ ތެރޭގައި ނުވަތަ ބޭސްމަންޓްގައި މަސައްކަތްކުރާނަމަ އެކަމަށް ޚާއްޞަ އާލަތްތަކާއި ތާމަލް އިމޭޖް ކެމެރާ ފަދަ ވަސީލަތްތައް އަލިފާން ނިވާ މީހުން ބޭނުންވާނެއެވެ. އަދި ފަސޭހައިން އަލިފާން ހިފާނެ ކްލެޑިންގ ހަރުކޮށްފައިވާނަމަ އަވަހަށް އަލިފާން ފެތުރޭނެކަން ވިސްނަންޖެހެއެވެ.

އަޅުގަނޑުމެންގެ ލޯކުރިމަތީގައި ހިނގަމުންދާ މިފަދަ ހާދިސާތައް ހައްލުކުރުމަށް ފަރުދީ ލެވަލްގައި މަސައްކަތް ފަށަންޖެހެއެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް ކަމުގައިވާ އަލިފާންނިވިއާއި ފަޔަރ އެލާމް ސިސްޓަމްތަކާއި ހޯސްރީލް ސިސްޓަމްތަކާއި ސްޕްރިންގކްލަރ ސިސްޓަމްތަކާއި އޮޓަމެޓިކް ފަޔަރ ސަޕްރެޝަން ސިސްޓަމް ފަދަ މުހިންމު ނިޒާމްތައް އިމާރާތް ފަރުމާ ކުރާއިރު ގާއިމް ކުރުން މުހިންމެވެ. އަދި އުސް އިމާރާތްތައް ބޭނުން ކުރަމުންދާއިރު އެފަދަ ތަންތަނުގައި ދިރިއުޅޭ ބައެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. އުސް އިމާރާތްތައް ހެދުމުގެ ތަނަވަސްކަން ހުންނަ ފަރާތްތައް އެތަނުގެ ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަކީ މިހާރުންމިހާރަށް ރަނގަޅު ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ކަމެއް ދިމާވުމުގެ ކުރިން އެންމެ ރަނގަޅަށް އަދި އެންމެ ފުރިހަމައަށް އެކަމަކަށް ތައްޔާރުވުމަށެވެ. 

ޝެއަރކުރެއްވުމަށް