އެމެރިކާގެ 32 ވަނަ ރައީސް ފްރޭންކްލިންގ ޑީ ރޫޒްވެލްޓް ވިދާޅުވެފައިވެއެވެ. ”އަހަރެމެންނަށް  ކޮންމެ ފަހަރަކު ޒުވާނުންނަށް  ޓަކައި މުސްތަގުބަލު ބިނާއެއް ނުކުރެވޭނެއެވެ. ނަމަވެސް މުސްތަގުބަލަށް  ޓަކައި އަހަރެމެންނަށް ޒުވާނުން ބިނާ ކުރެވިދާނެއެވެ.“ މި ޙަޤީޤަތާ އަޅުގަނޑުމެންނަށް މި ވަނީ ކުރިމަތިލާން ޖެހިފައެވެ. ޒުވާން ޖީލަށް ތަރުބަވީ ހައްލެއް ހޯދަން މި ވަނީ މަޖުބޫރުވެފައެވެ. މިކަން ޙަޤީޤަތަކަށް ހެދޭނެ އެންމެ ފަސޭހަ ގޮތަކީ ސިފައިންގެ އެހީތެރިކަން ހޯދުން ނޫން ބާވައޭ ހިތަށް އަރައެވެ؟

ސިފައިންގެ އެހީތެރިކަމުގެ ވާހަކަ ދެއްކުމަކީ ބައެއް މީހުން ބިރުގަންނަ ކަމަކަށް ވެދާނެއެވެ. ބައެއް މީހުން ނަފުރަތުކުރާ ކަމަކަށް ވެސް ވެދާނެއެވެ. ސިފައިންގެއަށް ވަންނަން ޖެހިދާނެތީ ފިލަންދުވި ހަނދާން ވާނެ ބަޔަކު ވެސް މިޤައުމުގައި ތިބެދާނެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު އެ މަޖުބޫރުކަމެއް ނެތެވެ. ސްކޫލު ނިންމާ ކުދީން އެ ކަމާ ހާސްވާކަށް ނުޖެހެއެވެ. ބިރު ގަންނާކަށް ވެސް ނުޖެހެއެވެ. މިއަދު ބިރުގަންނަނީ ސުކޫލު ދައުރު ނިމުމާ އެކު އެ ކުދީންނަށް ލިބޭ ހައްދެއް ނެތް މިނިވަންކަމުން އެ ކުދީންގެ މައިންބަފައިންނެވެ. އެ ކުދީންނަށް ލިބޭ އިމެއް ނެތް ވަރިހަމަކަމުން އެ ކުދީންގެ މާމަމެންނާއި ކާފަމެންނެވެ. އެ ކުދީންނަށް ލިބޭ ކޮންޓްރޯލެއް ނެތް ހުދޫދުން އެ ކުދީންގެ ޢާއިލާތަކެވެ.

ދިވެހި ޖީލެއްގެ ކަންކަން އިސްވެ ދެންނެވުނު ފަދަ ހާލަތަށް ދިޔަ އިރު އަޅުގަނޑުމެންނަށް މި ތިބެވުނީ ކޮން ތާކު ތޯއެވެ؟ އަޅުގަނޑުމެންނަށް ކުރެވުނީ ކޮން ކަމެއް ތޯއެވެ؟ އަޅުގަނޑުމެންނަށް އެޅުނީ ކޮން ފިޔަވަޅެއް ތޯއެވެ؟ އަޅެ އަމިއްލަ ޒަމީރާ ސުވާލުކޮށްލަ ބަލާށެވެ؟ ބަފައެއްގެ ހައިސިއްޔަތުން، މައެއްގެ ހައިސިއްޔަތުން، އެދުރެއްގެ ހައިސިއްޔަތުން ވިޔަސް މެއެވެ. 

ދިވެހިރާއްޖޭގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްޓިކްސްއިން 2020 ވަނަ އަހަރު އާއްމުކުރި ދިރާސާއެއްގެ ނަތީޖާއަށް ބަލާ އިރު، ރާއްޖޭގެ އާބާދީގެ 43 އިންސައްތައަކީ ޒުވާނުންނެވެ. މި ދެންނެވި ޒުވާނުންގެ ތެރޭގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ 240،584 ޒުވާނުން އުޅޭއިރު ދިރާސާގައި ބައިވެރިވި 41،942 މީހުން ބުނަނީ އެ މީހުންނަކީ އެއްވެސް ތައުލީމެއް ނުވަތަ ތަމްރީނެއް ހޯދާފައި ނުވާ ބައެއް ކަމަށެވެ. މި ހާލަތުގައި ތިބި އެތައް ޒުވާނުންނެއް އެ ނުކުންނަނީ މަސްތުވާތަކެތީގެ ކަންމައްޗަށެވެ. ހަމަނުޖެހުމާއި މާރާމާރީގެ ގޯޅިތަކަށެވެ. ބޮޑެތި ކުށްތަކާއި ޖަރީމާތަކުގެ މަގުތަކަށެވެ. ހެދޭނެ ގޮތެއް، ކުރެވޭނެކަމެއް އަދި އެޅޭނެ ފިޔަވަޅެއް ވެސް ހަމަ ނެތީ ބާވައެވެ؟ ނޫނެކެވެ. އެހެން ޤައުމުތަކުގެ ތަޖުރިބާ ހޯދިދާނެއެވެ. އެ ތަޖުރިބާގެ އަލީގައި މާދަމާއަށް ފަރުވާ ކުރެވިދާނެއެވެ. ބޭނުންވަނީ ހެޔޮ ނިޔަތެވެ. އެންމެންގެ އެއްބާރުލުމެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި އުމުރުން 17 އަހަރު ނުވަތަ 18 އަހަރުން ފެށިގެން ދެ އަހަރު ނުވަތަ ދޮޅު އަހަރު ދުވަހު ސިފައިންގެ ޚިދުމަތުގައި އުޅެން ޖެހޭ ޤައުމުތައް އެބަ ހުއްޓެވެ. ބައެއް ޤައުމުތަކުގައި ދެ ޖިންސްގެ މީހުނަށް ވެސް މިއީ މަޖުބޫރު ކަމެކެވެ. ގިނަ ފަހަރަށް ސިފައިންގެ ޚިދުމަތަށް ވަނުމަށް މަޖުބޫރުކުރުވާ ޤައުމުތަކަކީ، އެ ތަންތަނުގެ އަސްކަރިއްޔާގައި ސިފައިންގެ ތަމްރީނު ފުރިހަމައަށް ހަދާފައިވާ މީހުންގެ ޢަދަދު ކޮންމެހެން އިތުރުކުރަންޖެހޭ ޤައުމުތަކެވެ. ބައެއް ޤައުމުތަކަކީ، ހަނގުރާމައިގެ ހާލަތުގައި، ނުވަތަ ޤައުމުގެ ދިފާޢުގައި ގިނަ ބަޔަކު ނުކުންނަން ޖެހިދާނެ ފަދަ ހާލަތެއްގައި ނުވަތަ ޤައުމުގެ ބޮޑު ސަރަހައްދެއް ބަލަހައްޓަން ޖެހިދާނެ ފަދަ ހާލަތެއްގައި އޮންނަ ޤައުމުތަކެވެ. ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިކަން އޮންނަނީ ވޮލަންޓިއަރ ކަމެއްގެ ގޮތުގައެވެ. މިގޮތުން ވޮލަންޓިއަރުންގެ ޚިދުމަތުގައި ތިބޭ އިރު، ތިބެނީ، ސިފައިންގޭގެ އެކިއެކި ފަންނީ މަސައްކަތްތަކުގެ ވަޒީފާތަކުގައި، ރަނގަޅު މުސާރައާއި އިތުރު ފައިދާތަކާ ވެސް އެކުއެވެ. މިގޮތަށް މަސައްކަތް ކުރާ އިރު ސިފައިންގެ އަސްކަރީ މީހެއްގެ ގޮތުގައި ކޮންމެހެން އުޅޭކަށް ނުޖެހެއެވެ.

މިފަދަ ކިތަންމެ މިސާލެއް ދުނިޔެއިން ފެންނަން އެބައޮތެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން ކުވައިތާއި ޔޫއޭއީއާއި މިސްރާއި އަލްޖީރިއާ ފަދަ ޤައުމުތަކަކީ ސިފައިންގެ ޚިދުމަތަށް ޒުވާނުން ވަންނަން މަޖުބޫރު ތަންތަނެވެ. މި ދެންނެވުނީ ހަނގުރާމައިގެ އަނގަމަތީ ސަފުތައް ރުކުރުވާލާފާނެ ޤައުމުތަކުގެ ވާހަކަދެއްތޯއެވެ؟ އެ މިސާލު ކަމުނުދާ ނަމަ ސިންގަޕޫރު ނަންގަވާށެވެ. އެއީ އަބަދުވެސް އަޅުގަނޑުމެން މިސާލު ޖަހަމުން އަންނަ ގައުމެކެވެ. ނަމޫނާއަކަށް ބަލައި އެ ޤައުމުގައި ކަންހިގާ ގޮތް މި ތަނުގައި ވާން ބޭނުން ގައުމެކެވެ. ތެދެކެވެ. ސިންގަޕޫރަކީ ރާއްޖެ ފަދައިން ކުޑަ ގައުމެކެވެ. އެއްވެސް ބަޔަކާ ހަނގުރާމައެއް ހިންގަން ބޭނުންނުވާ ސުލްހަވެރި ތަހުޒީބު ގައުމެކެވެ. އެ ތަހުޒީބުކަމުގެ ތެރޭގައި ވެސް އުމުރުން 18 އަހަރުފުރޭ، އެ ގައުމުގެ ކޮންމެ ރައްޔިތަކު އަދި ޢުމުރުން 21 އަހަރު ނުފުރޭ އެ ގައުމުގެ ދާއިމީ ރައްވެހީންގެ ތެރެއިން ސިންގަޕޫރުގެ ރަށްވެހިކަން ހޯދާފައިވާ ކޮންމެ ޒުވާނަކު މިލިޓަރީގައި އުޅެން އޮންނަނީ މަޖުބޫރުކޮށްފައެވެ. ތައިލެންޑްގައި ވެސް 21 އަހަރު ފުރި 30 އަހަރު ނުފުރޭ ކޮންމެ ފިރިހެނަކު 2 އަހަރުގެ ޚިދުމަތް ސިފައިންގެއަށް ޤުރުބާންކުރަންޖެހެއެވެ.

މިއީ ނިމުމެއް އޮތް ވާހަކައެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ސީނުކަރައާއި ފަރަންސޭސިވިލާތަކީ ވެސް ޒުވާންކަމުގެ ހަކަތަ އަސްކަރިއްޔާއަށް ޤުރުބާންކުރަންޖެހޭ ޤައުމުތަކެވެ. ސްވިޑްންއާއި ނޯވޭއާއި މޮރޮކޯއާއި އިޒްރާއީލް ފަދަ ޤައުމުތަކުގައި ދެ ޖިންސްގެ އެންމެންނަށް ވެސް ސިފައިންގެ ޚިދުމަތުގައި އުޅުމަކީ މަޖުބޫރު ކަމެކެވެ. ސައިޕްރަސް، ޑެންމާކް، ފިންލަންޑް، އެސްޓޯނިއާ ފަދަ ޔޫރަޕްގެ ކުދި އަދި މެދުމިނުގެ ގައުމުތަކުގައި ޒުވާނުން ސިފައިންގެއަށް ވެއްދުމުގެ ވިސްނުން ގެންގުޅެއެވެ. މި ގޮތުން ސިފައިންގެއަށް ވައްދާ ޒުވާނުންނަށް ހަނގުރާމަތަކުގައި ސީދާ ބައިވެރިވާން މަޖުބޫރުކޮށްފައި ނެތަސް، ސިފައިންގެ ތެރޭގެ ފަންނީ މަސައްކަތުގައި އުޅެން މަޖުބޫރެވެ.

މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެމެރިކާއަށް ވެސް ބަލައިލަމާތޯއެވެ؟ އެ ގައުމުގެ 18 އަހަރުން މަތީ ކޮންމެ ޒުވާނަކު އުމުރުން 26 އަހަރު ފުރެންދެން ”ސެލެކްޓިވް ސަރވިސް ސިސްޓަމް“ އޭޖެންސީގައި ރެޖިސްޓަރީވާން ޖެހެއެވެ. މީގެ މާނައަކީތޯއެވެ؟ މިގޮތަށް ރެޖިސްޓްރީވުމަށް ފަހު، އެ ތިބެނީ އެ މުއްދަތުގެ ތެރޭގައި އަސްކަރީ ޚިދުމަތަށް ނެރެން ޖެހިއްޖެ ނަމަ ނުކުންނަން ޖެހިދާނެކަން އެނގި ތިބެއެވެ. މި ޕްރޮގްރާމްގައި ތިބޭ އިރު ޒުވާނުންގެ އަޚުލާގުގައި އެޅުވޭ ތަޅުން ހުޅުވެނީ އެތައް ފުރުޞަތެކެވެ. އެ ޒުވާނުންނަށް އެކި ކަންކަމުގައި ލޯނު ލިބުމެވެ. ވަޒީފާތަކުގެ ތަމްރީނު ހެދުމުގެ ފުރުސަތެވެ. ވަޒީފާ ހޯދަން ވެސް ފަސޭހަވުމެވެ. ޢުމުރުން 26 އަހަރު ފުރޭ އިރު މި ނިޒާމުގެ ދަފުތަރުގައި ނުހިމެނޭ ނަމަ އިސްވެ ދެންނެވުނު ފުރުސަތުތަކުން މަހުރޫމު ވާނެއެވެ. އަދި ފެޑެރަލް ވަޒީފާތަކަށް ކުރިމަތިލުން ވެސް މަނާވެއެވެ. އަޅުގަނޑުމެން މި ރާއްޖޭގެ ހާލަތު ތޯއެވެ؟ ކަމެއް ނުކޮށް ތިއްބަސް ބޭނުންވާ ހުރިހާ ކަމެއް އެބަ ކުރެވެއެވެ. އެންމެ ފަހުގެ، އެންމެ އަގު ބޮޑު ފޯނު އަތުގައި އޮވެއެވެ. ކޮންމެ ޒުވާނަކަށް ސައިކަލެއް ހުރެއެވެ. ބޭނުން ކޮންމެ ޚިދުމަތެއް، ކޮންމެ ކަމެއް، ކޮންމެ ވަގުތަކު ކުރެވެއެވެ. ހަގީގަތުގައި ތިމާ އުފަން ގައުމަށް ކޮށްދެންޖެހޭ ކަމެއް ނޯންނަ ފަދައެވެ. މުޅީން ވެސް ހުންނަނީ ޤައުމު ތިމާއަށް ކޮށްދޭން ޖެހޭ ކަންކަމެވެ. ޤައުމު ތިމާއަށް ދަރާފައި ހުންނަ ދެރުންތަކެވެ. 

ހަގީގަތަށް ބުނާނަމަ ސިފައިންގެއިން ދެވޭ އަސްކަރީ ތަމްރީނަކީ ހަމައެކަނި ތަމްރީނެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެކަން ގުޅިފައިވަނީ އަމުރަށް ކިޔަމަންވުމާއި ރިވެތި އަޚުލާގާއެވެ. ހުއްބުލްވަޠަނުގެ ލޯތްބާއި ކެރުމާއެވެ. އިސްނެގުމާއި ވަފާތެރިކަމާއެވެ. ހަރުދަނާކަމާއި އިޚުލާޞްތެރިކަމާއެވެ. ނުބައި އާދަތަކުން ޒުވާން އުމުރުގައި އެކަހެރިވުމަށް އޮންނަ ފުރުޞަތާއެވެ. އެހެންވީމާ އުފެއްދުންތެރި، އަޚުލާގު ރަނގަޅު ބަޔަކަށް ޒުވާނުން ހެދުމުގައި ސިފައިންގެ ތަމްރީނަކީ މުޖައްރިބު ބޭހެކެވެ. ދުނިޔެ ތަޖުރިބާކޮށްފައިވާ އީޖާދެކެވެ. ކަން މިހެން އޮތް އިރު 18 އަހަރު ފުރުމަށް ފަހު، ޢުމުރުން 25 އަހަރު ވަންދެން ޤައުމުގައި ހަރަކާތްތެރިވާ ކޮންމެ ޒުވާނަކު، ވަޒީފާގައި އުޅުނަސް އަދި ނޫޅުނަސް ސިފައިންގެ ތެރެއިން ހިންގޭ ޕްރޮގްރާމެއްގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބޭތިއްބުން މުހިންމު ނޫންބާވައެވެ؟ އެ މީހެއްގެ ޞިއްޙީ ޙާލަތާއި ސުލޫކީ މައްސަލަތަކާއި ކުރާ ކުށަކީ ވެސް އަސްކަރިއްޔާގެ ވަކި ޔުނިޓެއްގައި މޮނިޓަރކުރެވޭ ކަންކަމަށްވުން މުހިންމު ނޫންބާވައެވެ؟ ބޭނުމަކީ ކޮންމެހެން ދިވެހި ސިފައިންގެ ތެރެއަށް މީހުން އިތުރުކުރުމެއް ނޫނެވެ. ބޭނުމަކީ އުފެއްދުންތެރި، ޤައުމުދެކެ ލޯބިވާ އަޚުލާގު ރަނގަޅު ޚިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރުމެވެ. ޒުވާނުންގެ ހަރަކާތްތައް މޮނީޓަރކޮށް ދުރާލައި ފިޔަވަޅުއެޅުމެވެ.

ކުޑަކުޑަ މިސާލެކެވެ. މީގެ 12 އަހަރު ކުރީން ނިއުޒީލެންޑުގައި ކުށުގެ ވެށިން ހައްޔަރުކުރެވޭ ޒުވާނުންނަށް ”ބޫޓް ކޭމްޕް“ ޕްރޮގްރާމެއް ހިންގިއެވެ. މިއީ އަސްކަރީ ސްޓައިލަށް ދެވޭ އަޚުލާގު ރަނގަޅުކުރުވާ ތަމްރީނުތަކެކެވެ. ބޫޓް ކޭމްޕްގައި ތަފާތު ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ތަޢުލީމާއި، ތަމްރީނުދިނުން ވެސް ހިމެނެއެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި، ސުލޫކު ވަރުގަދަކުރުމާއި، މީހާގެ ވިސްނުން ހަރުދަނާކުރުން ފަދަ ކަންކަމަކީ ވެސް ހިމަނާފައި ހުންނަ ކަންކަމެވެ. މިފަދަ ބޫޓް ކޭމްޕްތަކުގެ ނަތީޖާ ފިސާރި ފޮންޏެވެ. އޭގެ ފައިދާގެ އަސަރު މުޅި ގައުމަށް ކުރިއެވެ. މިފަދަ ކަންކަމުން ޔަގީންވަނީ ޒުވާނުންގެ ތަރުބިއްޔަތަށް އަސްކަރީ އެހީ ބޭނުންވާކަމެވެ. ސިފައިންގެ ތަމްރީނާއި ތަޖުރިބާ ކޮންމެހެން މުހިންމު ކަމެކެވެ. 

ނިކަން ވިސްނާލަމާ ހެއްޔެވެ؟ ދިވެހީންގެ ޖީލެއް ހަލާކުވެ މި ދަނީ ތަރުބިއްޔަތުގެ ދަލުގައި ހުރި ބާގަނޑުތަކަކުން ކުށްތަކަށް ދޫވެގެންނެވެ. އަޅާލާން ޖެހޭ މީހުން އެކަމާ ދެކޮޅަށް މަޅާލާން ކެރޭނެ އަތެއް ނެތިގެންނެވެ. މި ކަމުން ސަލާމަތްވާން މިއަދު ހެދެން އޮތީ އެންމެ ފަންޑިތައެކެވެ. ދެވެން އޮތީ އެންމެ ބޭހެކެވެ. އެއީ ޒުވާނުން ތަރުބިއްޔަތުކުރުމުގައި ސިފައިންގެ އެހީތެރިކަން ހޯދުމެވެ. އަސްކަރީ ތަމްރީނަކުން ވަކި މުއްދަތަކަށް ޒުވާނުންނަށް ތަރުބިއްޔަތު ދިނުމެވެ. އެ ތަރުބިއްޔަތުން ހާނުވައި ގޭނުވުމެވެ. ދުނިޔޭގެ މި ތަޖުރިބާ ގަބޫލުކޮށް މި ކާމިޔާބު އަސްކަރީ ވެކްސިން ޒުވާނުންނަށް ހަދިޔާކުރުމެވެ.

ޝެއަރކުރެއްވުމަށް