ސަބުދެލި، އިނގިރޭސި ބަހުންނަމަ (Sapodilla) އަކީ ގަހެއްގައި އަޅާ ފޮނިމޭވާ އެކެވެ. މި ދޮން ވީމާ ފުށްގޮތެއް ހުރެއެވެ. މީގެ ބޭރުތޮށި ހުންނަނީ ވިލާތު އަލުވީގެ ތޮށީގައި ހުންނަ ކުލަޔާ ގާތް ކުލައެއްގައެވެ. ސަބުދެލި ގަސް ފުރަތަމަ ފެނުނީ މެކްސިކޯއިންނެވެ. އެއަށްފަހު ފިލިޕީންސުންނެވެ. ސަބުދެލި ގަހަކީ 40-30 މީޓަރުގެ އުސްމިނަށް ހެދޭ ގަހެކެވެ. ސަބުދެލީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް ވައްތަރުގެ ސަބުދެލި ހުންނަނީ ވަށްކޮށެވެ. އަނެއް ބައި ވައްތަރު ހުންނަނީ ދިގުކޮށެވެ. ވަށް ސަބުދެލީގެ ވަށަމިނުގައި 8-4 ސެންޓިމީޓަރުވަރު ހުރެއެވެ.
ސަބުދެއްޔަކީ ދިވެހިންނަށް ވަރަށް އާންމު މޭވާއެކެވެ. ސަބުދެއްޔަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މި މޭވާގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އެކުލެވިފައި ވެއެވެ. މޭވާއެއްގެ ގޮތުގަޔާއި، ކައްކައިގެންނާއި، އެނޫން ވެސް ގޮތްގޮތައް ސަބުދެލި ބޭނުން ކުރެއެވެ.
ސަބުދެލިން ލިބޭ ޞިއްޙީ ފައިދާތައް
ޖަރާސީމުތަކުން ރައްކާތެރިކޮށްދޭ
ސަބުދެލީގައި ގިނަ އަދަދަކަށް ”ޓެނިން“ (Tannin) ކިޔާ ޕޮލީފީނޯލިކް އަދި އެންޓި އޮކްސިޑެންޓް ކަމްޕައުންޑެއް ހުރެއެވެ. ޓެނިން އަކީ ޕެރަސައިޓް، ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުމުގެ އިތުރުން، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ މާއްދާއެކެވެ.
ބަނޑުހިކުމުން ދުރުކޮށްދޭ
ސަބުދެލީގައި ގިނަ އަދަދަކަށް ފައިބަރު ހުރެއެވެ. މިކަމުގެ ސަބަބުން ސަބުދެލި ކެއުމުން ބަނޑުހިކުން ލުއިކޮށްދީ، ފަސޭހައިން ބޮޑުކަމު ދެވޭގޮތް ވެއެވެ. އަދި އާންމުކޮށް ސަބުދެލި ބޭނުންކުރާނަމަ، ބަނޑުހިކުން ފަދަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.
ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދިނުން
ސަބުދެލީގައި އެކަށޭނަ މިންވަރަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީއަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ޖަރާސީމް އެޅުންތަކުން މިންޖުކޮށްދޭ މާއްދާ އެކެވެ. ވިޓަމިން އޭއަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.
ސަބުދެލިން ލިބޭ އެހެން ބައެއް ފައިދާތައް
- ހަށިގަނޑުގައި އުފެދޭ ފާރުގަނޑު ފަސޭހަވުން އަވަސްކުރުވުން
- ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުން
- ދަތްތަކާއި ހިރުގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުން
- ހަށިގަނޑުގެ ދިފާޢީ ބާރު ރަނގަޅުކޮށްދިނުން
- ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުން
- އުމުރުން ދުވަސްވުން (މުސްކުޅިވުން) ލަސްކުރުވުން
- ބައެއް ކަހަލަ ކެންސަރުން ރައްކާތެރިކޮށްދިނުން
- ހަށިގަނޑަށް ކާނާގައި ހިމެނޭ ދަގަނޑުގެ ބައި ނެގުން އިތުރުކުރުވުން
- ފުއްޕާމޭ ދުޅަހެޔޮކަންމަތީ ބެހެއްޓުން
- މާގިނައިން އަރިދަފުސް ރޯގާ ޖެހުމުން ދުރުކުރުން
- ޖަރާސީމްގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުން
- ފުރަގަސްފަރާތު ބަލީގެ އުނދަގޫ ލުއިކުރުން ނުވަތަ އެކަމުން ރައްކާތެރިކޮށްދިނުން
- ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
- ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
