ހުރިހާ ކުދިންގެ ބައްޕައިން އެތިބީ ގޭގައި، ކޮއްކޮގެ ބައްޕަ ގޭގައި ނެތީ ކީއްވެ؟

މިއީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ޕެންޑަމިކާ ގުޅިގެން ރާއްޖެ ލޮކްޑައުންކުރުމާ އެކު، ގާތްގަނޑަކަށް ހުރިހާ ގެއަކުންމެ އިވުނު އަޑެކެވެ. ތުއްތުތުއްތު ކުދިންގެ މި ޝަކުވާ މަޔަކަށް ނުވަތަ ބަފަޔަކަށް އަޑުއަހަން ކެތްނުވާނެކަން ޔަޤީނެވެ. އެންމެ ބޮޑު އަސަރެއް ހިތަށް ކުރީ ލޮކްޑައުންވުމާ އެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި ހުސްއަތާ އަނބިދަރިން، ޢާއިލާ ގާތަށް ދިޔަ ބައްޕައިން ފެނި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރަމުންދިޔަ ސިފައިންގެ ދަރިން އެ ސުވާލު ކުރީމައެވެ. އެ ކުދިންގެ ޚިޔާލަށް އަންނަނީ ލޮކްޑައުންގެ މާނައަކީ ހުރިހާ އެންމެން އެކީގައި ގޭގައި ތިބުން ކަމެވެ.

ނޭނގެނީ މިފަދަ ޤައުމީ، ޙައްސާސީ ދަނޑިވަޅުތަކުގައި އެ ކުދިންގެ ބައްޕައިން، މަންމައިން ޤައުމަށް  ޓަކައި، ރައްޔިތުންނަށް  ޓަކައި، އެ ކުދިންގެ މުސްތަޤުބަލަށް  ޓަކައި އުފުލާ ބުރައާއި ކުރާ މަސައްކަތެވެ.

މާލެ ލޮކްޑައުން ކުރި ހިސާބުން ފެށިގެން ސިފައިންގެ މަރުކަޒުގައި ގާތްގަނޑަކަށް ތިން މަސް ވަންދެން ތިބި ސިފައިންގެ ތެރޭގައި އެ ދުވަސްވަރު މި ވާހަކަ ނުދައްކާ ދުވަހެއް ނުދެއެވެ. އެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ފެންކަޅި ނުވާ ބަފަޔަކު ނެތެވެ.

އަމިއްލަ އަނބިދަރިން އެންމެ ބޭނުންވި ދަނޑިވަޅު، ޤައުމީ ޚިދުމަތުގައި މަސައްކަތްކުރީ ޖޯޝާއި ފޯރީގައެވެ. ބަލިމަޑުކަމުގެ ޝިކާރައަކަށް އެތައް ސިފައިންނެއް ވިއެވެ. އެހެންނަމަވެސް ”އެންމެ ފުރަތަމަ ޤައުމު“ ކަމަށްވީތީ ރައްޔިތުންގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށް  ޓަކައި، އެ މީހުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް  ޓަކައި ދިޔައީ ރެޔާއިދުވާލު މަސައްކަތް ކުރަމުންނެވެ. ބައްޔަށް ޕޮޒިޓިވްވެ ކޮޅަށް ތިބެވޭ ފަދަ ހާލަތެއްގައި ނެތްއިރު ވެސް ކަށިން ހިތްވަރު ނެރެގެން ނުކުތީ ރައްޔިތުންނަށް  ޓަކައި، ރައްޔިތުންނަށް ބޭނުންވާ ފެސިލިޓީތައް ތައްޔާރުކުރުމަށެވެ. އެކަމުން އަވަދިވިއިރު، އިތުރު އެތައް ސިފައިންނެއް މި ނުރައްކާތެރި ބައްޔަށް އޮތީ ޕޮޒިޓިވް ވެފައެވެ.

އަމިއްލަ ދަރިން ބަލިވެ އެނދުމަތިވެ، އަނބިން މި ބަލީގައި ވޭނުގައި އުޅުނުއިރު، އަދި ޚާއްޞަކޮށް މާބަނޑު އަނބިމީހާ ބައްޔަށް ޕޮޒިޓިވްވެ، ނުރައްކާތެރި ފައްތަރެއްގައި ވީހިނދު ވެސް ކުޑަމިނުން ހާލު ބަލާލަން ދެވޭ ވަރަށްވުރެ ޤައުމުގެ ހާލަތު އޮތީ ދަށުގައެވެ. ފަޚުރުވެރި ސިފައިންގެ އަނބިން ވަރަށް ގިނަ ޤުރުބާނީތަކެއް ވިއެވެ. ދަރިން ބެލުމާއި ޢާއިލާގެ ހުރިހާ ކަމެއްގެ ޒިންމާ މިފަދަ ޙައްސާސީ ދަނޑިވަޅުގައި ވެސް، ގޮންޖެހުންތަކާ އެކު ވެސް އަދާކުރިއެވެ.

މި ކިޔައި ދެވުނީ އިހަކަށް ދުވަހު ދިމާވި ކަމެއް ފަދައިން އަޅުގަނޑުމެންގެ ސިކުނޑީގައި ހަރުލާފައިވާ ހިތްދަތި މަންޒަރުތަކެވެ. ވޭނީ އަޑުތަކެވެ.

އާދެ، ދެހާސް ވިހީގެ ވާހަކައެވެ. ތާރީޚުގެ ޞަފުޙާތައް ފަހަތަށް އުކާލާއިރު ސިފައިންގެ މިންނެތް ބުރަ މަސައްކަތް ވަރަށް ފުރިހަމައަށް ވަޒަން ކުރެވެއެވެ. މި ޤައުމަށް ކުރިމަތިވި ޢުދުވާނީ ހަމަލާތަކެވެ. އެ ހަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް  ޓަކައި ދިވެހި ސިފައިންވީ ޤުރުބާނީއެވެ. އެ ހަމަލާގައި ޝަހީދުވި، ޝަރަފުވެރި ސިފައިންނެވެ. 

ކޮވިޑް-19ގެ ކުރިން ދިވެހިންނާ ދިމާވީ، ބިރުވެރި ބޮޑުރޯގާއާއި ޝިގެއްލާގެ ބިރުވެރި ދުވަސްވަރެވެ. ކޯވިޑަށްވުރެ ކުރިން، ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ރޯގާގެ ދުވަސްވަރާއި ޝިގެއްލާގެ ދުވަސްވަރު ވެސް ސިފައިން އިސްކުރީ، އަމިއްލަ ޞިއްޙަތާއި ފުރާނައިގެ ކުރިއަށް ދިވެހި ޤައުމާއި ރައްޔިތުންނެވެ. 

ކޮވިޑްގެ ލޮކްޑައުން ތެރޭގައި ފެނުނު ފަދައިން އަމިއްލައަށް ހުރިހާ ކަމެއް ކުރިއެވެ. ބޮޑު ރޯގާގެ ދުވަސްވަރު ބަލި މީހުންގެ ގޭގެއަށް ބަތްޕެން ކައްކައިގެން ބަހާފައިވެއެވެ. އެ މަސައްކަތްކުރުމުގައި ވެރިއެއް، އާދައިގެ މީހެއް ނެތެވެ. އެ މަސައްކަތުގައި އޭރު ސިފައިންގެ ކޮމާންޑަރު މީރުބަހުރު އިސްމާޢީލް ދީދީ ޢަމަލީ ގޮތުން އުޅުއްވިއެވެ. އެކަމުގެ ތެރޭގައި އެ ރޯގާގެ ޝިކާރައަކަށް ޚުދު އެ މަނިކުފާނު ވެސް ވިއެވެ. ނަމަވެސް ގޭގައި އޮވެވަޑައިގަތުމުގެ ބަދަލުގައި އިސްކުރެއްވީ ޤައުމީ ޚިދުމަތެވެ. މިއީ ސިފައިންގެ ފަރާތުން އިހުން ފެށިގެން ފެންނަމުން ދިޔަ ނަމޫނާ މިސާލެވެ.

ޝިގެއްލާ ތެރޭގައި ބަލި މީހުން ބޭތިއްބުމަށް މިހާރު އޭޑީކޭ ހުރި ތަނުގައި އެންމެ ރެއަކުން ވަގުތީ ފެސެލިޓީއެއް ހެދީ ވެސް މި ފަޚުރުވެރި ސިފައިންނެވެ.

އޭގެ ފަހުން އޭޝިއާ ސަރަހައްދަށް އެރި ސުނާމީ ކާރިސާގައި ސިފައިންގެ ޢާއިލާތަކުގެ މެންބަރުން ނިޔާވެ، ބައެއް މީހުން ގެއްލިގެން އުޅުނުއިރު ވެސް ޚިދުމަތުގައި އެތައް ސިފައިންނެއް ރެއާއި ދުވާލު ޢާއިލާތަކާ ދުރުގައި އުޅުނެވެ.

މިއީ ތާރީޚުން ފާހަގަކޮށްލެވޭ މުހިންމު، މަދު ކަންތައްތަކެވެ. މިހާރު ވެސް އެ ބޭފުޅުންގެ މަސައްކަތަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ދުވަހަކުހެން ދިމާވާ އެކި ހާދިސާތަކުގައި އެންމެ އިސް ސަފުގައި ތިބީ ސިފައިންނެވެ. ބަލި މީހަކު ހޮސްޕިޓަލަށް ގެންދަން އެހީތެރިވާން ޖެހުނުކަމުގައި ވިޔަސް، އަލިފާނުގެ ހާދިސާއެއް ހިނގިކަމުގައި ވިޔަސް، ވިއްސާރަވެގެން ކަނޑުމަތީގެ ހާދިސާއެއް ހިނގިކަމުގައި ވިޔަސް ނުވަތަ ފެންބޮޑުވެ މަގުތަކުން ފެން ހިންދަން ޖެހުނުކަމުގައި ވިޔަސް، ގެއެއްގެ ފުރާޅު އެއްލާލިކަމުގައި ވިޔަސް ނުވަތަ ވިއްސާރައިގައި ގަސްތައް ވެއްޓުނުކަމުގައި ވިޔަސް އެ ވަގުތަކަށް އެ ހާލަތަށް ބެލުމެއް ނެތި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ އިސްނަގަނީ ސިފައިންނެވެ.

މިއީ މި ކުޑަކުޑަ ރާއްޖޭގެ ސަލާމަތަށް  ޓަކައި ފަޚުރުވެރި ސިފައިން ވަމުންދާ ޤުރުބާނީތަކެވެ.

މި ހުރިހާ ކަމަކާ އެކުމެ، ޤައުމަށް ކުރިމަތިވެދާނެ ޢުދުވާނީ ހަމަލާއަކުން ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ވެސް އެންމެ ކުރީ ސަފުގައި ތިބީ ހަމަ މި ފަޚުރުވެރި ސިފައިންނެވެ. މިއީ ރާއްޖޭގެ ރައްޔިތުން ކުޑަވެސް ޝައްކެއް ކުރާނެ ކަމެއް ނޫނެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނަށް  ޓަކައި ލޯތްބާއި ޝުކުރުން ބިންވަޅު ނެގެމުންދާ ސަބަބެވެ.

ނަމަވެސް އެއްކަލަ ތުއްތު ކުއްޖާއަށް އޭނާގެ ބައްޕަ ޤައުމަށް  ޓަކައި ވަމުންދާ ޤުރުބާނީ މިއަދު ނޭނގިދާނެއެވެ. އެހެންކަމުން ކޮއްކޮގެ ބައްޕީ ގޭގައި ނެތީ ކީއްވެތޯ ސުވާލުކޮށްފާނެއެވެ. އެހެންނަމަވެސް މާދަމާ އެ ކުއްޖާ، އެ ބައްޕައަށް  ޓަކައި ފަޚުރުވެރިވާނެކަން ޔަޤީނެވެ. އޭނާގެ ބައްޕަ ޤައުމަށް  ޓަކައި ހޭދަކުރި ވަގުތަށް ޓަކައެވެ. ޤައުމާއި ރައްޔިތުންގެ ހިމާޔަތުގައި ފުރާނައަށް ބެލުމެއް ނެތި ކުރި ހިތްވަރަށް ޓަކައެވެ. އެންމެ ބޭނުންވާ ހާލަތުގައި ވެސް އެ ކުދިން ކައިރީ ތިބެލަން އެންމެ ބޭނުންވި ވަގުތު ވެސް ޤައުމީ ޚިދުމަތުގައި ތިބިކަމަށް ޓަކައެވެ. ކޮށްގެން ތިބި ހުވަޔާ އެއްގޮތަށް އަމަލުތައް ބެހެއްޓީތީއެވެ. އުފުލަން ޖެހޭ ޒިންމާތައް ކިޔައިނުދެވުނަސް އެ ޒިންމާ އަދާކުރުމުގައި އެންމެ ފަހު ނޭވާއާ ހަމައަށް ވެސް މަސައްކަތްކުރީތީއެވެ. އެ ނުގުޑާ ޢަޒުމުގައި އެ ދަރިފުޅާއި ޤައުމުގެ މުސްތަޤުބަލަށް  ޓަކައި ކުރި ބުރަ މަސައްކަތަށެވެ. ސަބަބަކީ އެއީ ފަޚުރުވެރި ސިފައިންނަށް ވީމައެވެ.

ޝެއަރކުރެއްވުމަށް