ސިފައިންނަކީ ރައްޔިތުންނާ ގުޅުންހުރި އިޖުތިމާޢީ ކަންކަމުގައި އަވަސް އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންދާ ބައެކެވެ. ފާއިތުވި މާޒީއަށް ބަލާއިރު އެކި ދުވަސްވަރު ލޯކަލް މާރުކޭޓްތައް ހެދުމަށް ސިފައިންކުރި ބުރަ މަސައްކަތްތަކާއި ވަގުތީ މިސްކިތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ބިނާކޮށް ނިންމުމަށް ސިފައިން ކުރި ބުރަ މަސައްކަތް ފަދަ އެތައް އިޖުތިމާޢީ މަސައްކަތްތަކެއް ކުރުމުގައި ސިފައިން ވަނީ ނަމޫނާ ދައްކާފައެވެ. އަވަހަށް ނިންމަން ބޭނުންވާ އެފަދަ މަސައްކަތް ސަރުކާރުން ސިފައިންނާ ހަވާލު ކުރަނީ ވެސް ސިފައިންނަށް އެ މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު އޮންނާތީއެވެ.
މިގޮތުން 2021 ވަނަ އަހަރު ވެސް މުހިންމު މަސައްކަތެއް ގޮންޖެހުންތަކާ އެކު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސިފައިން ވަނީ ނިންމާފައެވެ. އާދެ! މަޖީދީމަގުގައި، ކުރީގެ ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ އެމްއެންޑީއެފާއެވެ. އެމްއެންޑީއެފުން މި މަސައްކަތް ކުރުމުގައި ޕްރޮޖެކްޓްގެ އެންމެ އިސްފަރާތަކީ ސިވެކެވެ. މި ވަގުތީ މިސްކިތް އެޅުމަށް ކުރީގެ ޛިކުރާ މިސްކިތް ހުރި ބިން ސާފުކުރަން ފެށީ 2021 މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ.
ސިވެކްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު އިނާޔަތު ހާމަކުރެއްވި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ކުރީގެ ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް އިސްލާމިކް މިިނިސްޓްރީން ސިވެކާ ޕްރޮޖެކްޓް ހަވާލުކުރީ، 2021 އޭޕްރީލް 4 ވަނަ ދުވަހުއެވެ.

މި މަސައްކަތް ފަށައިގެން، ކުރިއަށް ދަނިކޮށް، ކުރިން އަންދާޒާކޮށްފައި ވެސް ނުވާ ގޮންޖެހުމަކާ ކުރިމަތިވިއެވެ.ފުރަތަމަ އެ ތަނުގައި ބުޑު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަން ކޮންނަނިކޮށް، މިނިކަށިތަކެއް ފެނުނީ. މިނިކަށިތައް ފެނުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އިރުޝާދުގެ ދަށުން އެކަމާ މެދު ޢަމަލުކުރާނެ ގޮތެއް އެ މިނިސްޓްރީން އަންގަންދެން މަސައްކަތް ހުއްޓާލަން ޖެހުނު. ފަހުން އިސްލާމިކް މިނިސްޓްރީން އަޅުގަނޑުމެންނަށް އެންގީ މިސްކިތް އަޅާ ސަރަހައްދު އެއްކޮށް ކޮނެ، ވެލިތައް ފުރާނައި މިނިކަށިތައް ނެގުމަށް. އެއީ ވެސް ވަރަށް ބޮޑު މަސައްކަތެއް. އެ މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާ ވެސް އެހެން ކަމެއް ދިމާވި. އެއީ ކޮނުމުގެ ތެރޭގައި އެ ތަނުން މަހާނަ ގާތަކާއި ބައެއް އާސާރީ ތަކެތި ފެނުން. އެހާ ހިސާބުން ހެރިޓޭޖް މިނިސްޓްރީން ވެސް މިކަމުގެ ތެރެއަށް ވަދެ އިސްލާމިކް މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެ ބިން ކޮނުމުގެ ތެރޭގައި ހެރިޓޭޖް މިނިސްޓްރީއާ ގުޅުންހުރި ތަކެތި ހެރިޓޭޖް މިނިސްޓްރީން ގެންދިޔައީ. އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންގެ ބެލުމުގެ ދަށުން ވެލިތައް ފުރާނައި މިނިކަށިތައް ނަގައި ހެދީ.“ ވަގުތީ މިސްކިތް އެޅުމަށް ފުރަތަމަ ދިމާވި ގޮންޖެހުންތައް ސިވެކްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު އިނާޔަތު ހާމަކުރެއްވިއެވެ.
ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް އެޅުމަށް އެ ބިން ކޮނެ ވެލިފުރާނައި ނިމިގެން މިސްކިތް އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 އޭޕްރީލް 16 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 4 ވަނަ ދުވަހެވެ. މި މަސައްކަތް ކުރުމުގައި އިތުރު ގޮންޖެހުމެއް ކުރިމަތިވީ ރަމަޟާން މަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހުމުން ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކާއި އަދި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު ކުޑަވުމުން އެ ތަންތަނުން މި މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގައި ލަސްތަކެއް ވުމެވެ. މި މަސައްކަތްތަކުގައި ދިމާވި އަނެއް ގޮންޖެހުމަކީ މުޅި އެ ގޯއްޗަކީ މިސްކިތް ކަމަށް ވުމުން މިސްކިތް އެޅުމަށް ބޭނުންވާ ތަކެތި ބަހައްޓާނެ ޖާގަ އެ ތަނުގައި ނެތުން ކަމަށް ވެސް ލެފްޓިނަންޓް ކާނަލް އިނާޔަތު ހާމަކުރެއްވިއެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ސިވެކުން މި މަސައްކަތް ވަރަށް ބާރަށް އަދި އެހާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔަކަން ފާހަގަކުރެވެއެވެ.

ޛިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ބިނާކުރުމުގެ ޕްރޮޖެކްޓްގައި ސިވެކްގެ ފަރާތުން މުޅި ޕްރޮޖެކްޓްގެ، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޝިފާޢުއެވެ. ވޮރަންޓް އޮފިސަރ 2 ޝިފާޢުގެ ލީޑަރޝިޕްގެ ދަށުން ވަރަށް ބުރަކޮށް ސިފައިން ދިޔައީ މަސައްކަތްކުރަމުންނެވެ. މަސައްކަތްކުރަމުން ދިޔަ ސަރަހައްދު ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ވަޑައިގެންނެވިއެވެ.
ޛިކުރާ މިސްކިތް ހުރި ތަނުގައި ބިނާކުރި ވަގުތީ މިސްކިތުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެ ސައިޓަށް ވަޑައިގެންނެވީ 2021 އޭޕްރީލް 22 ވީ ބުރާސްފަތި ދުވަހުގެ 11:36 ހާއިރުއެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝާރިމާއި ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ މުޙައްމަދު ޝާޚީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ 2021 އޭޕްރީލް 23 ވަނަ ދުވަހުގެ ހުކުރު ނަމާދު އެ މިސްކިތުގައި ކުރުމަށް ކޮމާންޑަރ އިން ޗީފް އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، އެ ޓާގެޓަށް ވާސިލުވުމަށް ސިވެކަށް އިތުރަށް މޭން ޕަވަރ ބޭނުންވާނެކަން ހާމަކުރައްވައި މަސައްކަތް އަަވަސްކުރެވޭނެ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މި އިރުޝާދާ އެކު، އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރސްގެ އިސްފަރާތްތަކާއި އަދި ސަރވިސް ކޯރގެ އިސް ކޮމާންޑަރުން މަޝްވަރާކުރައްވައި، މަސައްކަތް އަވަސް ކުރެވޭނެ ގޮތަށް ކަންތައްތައް ރޭއްވެވިއެވެ.
”ސިވެކަށް އިތުރު މޭން ޕަވަރ ބޭނުންވާ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ދެންނެވި ވަގުތުން ފެށިގެން މިލިޓަރީ އިންޖިނިއަރސްއިން ޔުނިޓްގެ މަސައްކަތްތައް ހުއްޓާލާފައި، ޔުނިޓްގެ ހުރިހާ ސިފައިން މަސައްކަތް ފެށީ ޛިކުރާ މިސްކިތުގެ މަސައްކަތް ނިންމުމަށް. މިގޮތުން ވަޑާންގެ ޓީމާއި، ވެލްޑިންގ ޓީމާއި މޭސަންސް ޓީމުގެ އިތުރުން ސްޓޮކް އެންޑް ލޮޖިސްޓިކްސް ޓީމާއި މެއިންޓަނަންސް ޓީމާއި އަދި ފެން ވައިރުކުރާ މީހުން ހިމެނޭ ޓީމެއް ވެސް އަޅުގަނޑުމެންގެ ތެރެއިން މި މަސައްކަތަށް ޖޮއިންވި. މި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ކޮމާންޑިންގ އޮފިސަރ ޝާރިމް ސަރ. ދެން އަޅުގަނޑުގެ އިތުރުން ސައިޓް ސްޕަވައިޒަރެއްގެ ގޮތުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ވޮރަންޓް އޮފިސަރ 2 އިބްރާހީމް ނާޒިމް. އަޅުގަނޑުމެން، އެމްއީގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުން ހިމެނޭގޮތަށް ޓީމްތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދިޔައީ. ވަގުތީ މިސްކިތް ނިންމުމަށް އެ ތަނުގައި ނުނިމި ކުރަންހުރި ހުރިހާ މަސައްކަތުގައި ބައިވެރިވެ އަޅުގަނޑުމެން އެއް އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރީ. އެގޮތަށް ކުރި މަސައްކަތުން ބޭނުންވާ ގަޑިއަށް ނިންމާލެވުނީ.“ ވަގުތީ މިސްކިތް އަވަސް ކުރުމަށް އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) މަސައްކަތް ކުރިގޮތް އެ ޔުނިޓްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ މުޙައްމަދު ޝާޚީ ކުރުގޮތަކަށް ތަފުސީލު ކޮށްދެއްވިއެވެ.
2021 އޭޕްރީލް 22 ވަނަ ދުވަހު މިލިޓަރީ އިންޖިނިއަރސްއާއި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން މި މަސައްކަތުގައި ބައިވެރިވެ، މަސައްކަތް އަވަސް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން ކުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި އެ ތަނުގައި އޭރު ހުރި ކުނިތައް ނެގުމާއި ބޭނުން ނެތިފައިހުރި މެޓީރިއަލްސް ނެގުމާއި ފިރިހެނުންގެ ފާޚާނާބަރިއާއި އަދި އަންހެނުންގެ ފާޚާނާބަރިއާއި ވުޟޫކުރާ ބައިގައި ޓައިލްސް ޖެހުމުގެ އިތުރުން އެ ދެ ތަނުގައި ފެން ވައިރު ކުރުމާއި ނެވިލޯނު އެޅުމާއި އަދި ބޯޑަރު ފަތި އެޅުން ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މިމްބަރު ހެދުމާއި މިސްކިތަށް ވަންނަ ދިމާ ހިޔާކޮށް ޓިނު ޖެހުމާއި ކުލަލުމުގެ އިތުރުން، މިލިޓަރީ އިންޖިނިއަރސްއިން ވަނީ ސްޓެލްކޯއާ ގުޅިގެން ކަރަންޓް ވައިރުކޮށް ހުރިހާ ފިކްސްޗަރއެއް ހަރުކޮށްފައެވެ. އަދި ސިގްނަލްސްއިން ވަނީ މިސްކިތުގައި ކުރަންޖެހޭ ހުރިހާ ސައުންޑް މަސައްކަތްކޮށްފައެވެ. މިގޮތުން ތާޅަފިލި ހަރުކުރުމުން ފެށިގެން ގޮސް މައިކްތައް ލުމާއި އެތެރޭ ސީލިންގައި ސްޕީކަރުތައް ހަރުކުރުން ފަދަ ކަންކަން ހިމެނުނެވެ.

އިސްވެ ދެންނެވުނު މަސައްކަތްތަކުގެ އިތުރުން މުޅިތަން ނިމުމުން އެތަން ސާފުކޮށް، އަދި މަގު ސާފު ކުރުމުގައި ސިފައިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެތަން ސާފުކުރުމަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް އައިއެޗްކިޔުގެ ޓީމަކާއި އެމްއެންޑީއެފް މާލެ އޭރިއާގެ މެރިންސްގެ ޓީމެއް ހަރަކާތްތެރިވިއެވެ. މީގެ އިތުރުން މި މަސައްކަތުގައި ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސްއިން ވެހިކަލާއި ލޮޖިސްޓިކްގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައި ވެއެވެ. ހަމައެހެންމެ މި މަސައްކަތުގައި އެމްއެންޑީއެފް އެކި ޔުނިޓްތަކުން ސިފައިން އެކި ކަންކަމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ސިވެކްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު އިނާޔަތު ހާމަކުރެއްވި ގޮތުގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އެމްއެންޑީއެފްގެ ހުރިހާ ދިމާއަކުން ވެސް އެހީތެރިކަން ލިބުނު ކަމަށާއި ޚާއްޞަކޮށް އެމްއީ، އީއެމްއީ، ސިގްނަލްސް، އެމްޑީޔޫތައް އަދި ޖޭ1 ގެ ނަން ފާހަގަކުރެއްވިއެވެ. ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ސިފައިންނާ ހަވާލުކުރި ޕްރޮޖެކްޓްގެ މަސައްކަތް ސިފައިންގެ ގިނަ ބައެއްގެ ބައިވެރިވުމާ އެކު ނިންމާފައި ވަނީ އޭޕްރީލް 23 ވީ ހުކުރު ދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ.

މި ބުރަ މަސައްކަތް ސިފައިން ކުރަމުންދިޔައިރު ލީޑަރޝިޕުން ދިޔައީ މި މަސައްކަތް ވަރަށް ގާތުން ބައްލަވަމުންނެވެ. މިގޮތުން ދޭތެރެދޭތެރެއިން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސައިޓަށް ވަޑައިގެން އެ މަސައްކަތް ބައްލަވާލައްވައި ބައެއް އިރުޝާދުތައް ދެއްވެވިއެވެ. މީގެ އިތުރުން މަސައްކަތް ނިމުނު ދުވަހުގެ ވަރަށް ހެނދުނާ ސައިޓަށް ވަޑައިގެން އެ މަސައްކަތް ނިންމައި ސިފައިން އެނބުރި ދިއުމާއި ހަމައަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ދިޔައީ އެ ސައިޓުގައި ސިފައިން ކުރި މަސައްކަތް ބައްލަވަމުންނެވެ.
ޛިކުރާ މިސްކިތް ހުރި ބިމުގައި ސިފައިން އެޅި ވަގުތީ މިސްކިތަކީ 360 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތް ބިނާކުރީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް އަދި އަންހެނުންނަށް ވެސް ވުޟޫކުރުމަށް ވަކި އިސްކުރު ބަރިއަކާއި ފާޚާނާތައް ހިމެނޭ ގޮތަށެވެ. މި މަސައްކަތް، ބޭނުންވި ޓާގެޓަށް ނިންމުމަށް އެހީތެރިވެދެއްވި ޔުނިޓްތަކަށާއި ހުރިހާ ފަރާތްތަކަށް ސިވެކުން ޝުކުރު އަދާކުރެއެވެ.
