ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ވަރަށް ހިތްދަތި ތަޖުރިބާތަކާއި ގޮންޖެހުންތަކާ ސާޖަންޓް ފަސްޓް ކްލާސް (ސފކ) ނަސްރީނާއާ ކުރިމަތިލައްވަން ޖެހިލެއްވިއެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު ވެސް ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމާ އެކު ހަމައިސްކޮޅަށް ތެދުވެ، ކުރިއަށް ހިންގަވައެވެ. މިހާ ދިގު މުއްދަތެއްގައި، ދެގޮތެއް ނުވެ ޚިދުމަތުގައި ދެމިހުންނެވުނީ، ދިމާވި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައްވައި، ކާމިޔާބަށް ވާސިލުވުމަށް ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނެވެ.
އެއީ ފަޚުރުވެރި ސިފައިންގެ ކަނބަލެކެވެ. ޤައުމު ގޮވާލި ކޮންމެ ކަމެއްގައި އަމިއްލަ ނަފުސަށް ވުރެ ޤައުމު އިސްކުރެއްވި ޚިދުމަތްތެރިއެކެވެ. ސިފައިންގެ ތެރެއަށް އެންމެ ފުރަތަމަ ގެނެވުނު އަންހެން ސިފައިންގެ ތެރެއިން މި ވަގުތު ޚިދުމަތުގައި ދެމިހުންނެވި ދެ ބޭކަނބަލުންގެ ތެރެއިން އެއް ޚިދުމަތްތެރިޔާއެވެ. މި ފަޚުރުވެރި ޤައުމީ ޚިދުމަތުގައި މެދުކެނޑުމެއްނެތި ދިގު 32 އަހަރު ފާއިތުވެގެން ދިޔައިރު، ޢަޒުމާއި ހިތްވަރަށް ބަދަލެއް ނައި، އިޚުލާޞްތެރިއެކެވެ. ސިފައިންގޭގައި އިދާރީގޮތުން ކުރެވޭ އެންމެހާ ކަންކަން އެއްވެސް ފަސްޖެހުމެއް، އަދި ޝައްކެއް ނެތް މިންވަރަށް ކުރުމުގެ ޤާބިލުކަން ލިބިލައްވާފައިވާ، އެ ހުނަރުވެރިކަން ދަމަހައްޓަވަމުން ގެންދަވާ ކަނބަލެކެވެ. މިއީ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ”ރެހެންދި“ އެވޯޑް ހާސިލުކުރެއްވި ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަން (ސނ. 1503) އެވެ.
ރެހެންދި އެވޯޑަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ދޭ ޚާއްޞަ އެވޯޑެކެވެ.
ޏ.ފުވައްމުލަކަށް އުފަން ސފކ ނަސްރީނާ ޙަސަން ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 1 މާރިޗު 1989 ގައެވެ. އެއީ، ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން، ޤައުމީ ޚިދުމަތުގެ ކުރީ ސަފަށް އަންހެނުން ނެރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގެ ތެރެއިންނެވެ. ސިފައިންގެ ވަޒީފާއަށް އަންހެނުން ނެގުމަށް އަލަށް ހުޅުވާލި ފުރުސަތުގެ ބޭނުން ސފކ ނަސްރީނާ ހިއްޕެވީ، ޤައުމަށް ޚިދުމަތް ކުރުމުގެ މާތް، މަތިވެރި ޢަޒުމު ހިތުގައި ބިންވަޅު ނަންގަވައިގެންނެވެ. ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަށް ފަހު، ހިތުގައި އުފެދުނު ޤައުމީ ލޯތްބަކާއި އަދި ވަޠަނީ ރޫޙާއި ޖޯޝްގެ ސަބަބުންނެވެ.
އަންހެނުން، ސިފައިންގެ ޚިދުމަތާ ގުޅުން އޭރުގެ މުޖުތަމަޢުން ބަލައިގަނެފައި އޮތީ އެހާ ޝަރަފުވެރި ކަމެއްގެ ގޮތުގައެއް ނޫނެވެ. މައިގަނޑު ސަބަބަކަށްވީ، ސިފައިންގެއަކީ، ޒަމާނުންސުރެ ފިރިހެނުން މަސައްކަތްކުރަމުން ދިޔަ މުއައްސަސާއަކަށް ވުމާއި، ޤައުމު ދިފާޢުކުރުމުގެ މަތިވެރި މަސްލިއޫލިއްޔަތާއި ޒިންމާ އަދާކުރެވިދާނެ ފަދަ ބައެއްގެ ގޮތުގައި އޭރުގެ މުޖުތަމަޢުއަށް އަންހެނުން ބަލައިގަނެވިފައި ނެތުމެވެ.
އޭރު ވެސް، ސފކ ނަސްރީނާގެ ލޯބިވާ މަންމަ ދެއްވާ ނަސޭހަތެއް އޮވެއެވެ. ”ސިފައިންގެ ޚިދުމަތަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު ޒިންމާއެކެވެ. އެ ޒިންމާ އަދާކުރުމުގައި އަންހެނަކަށް ވީތީ، ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކާއި ހުރަސްތައް ހުންނާނެއެވެ. އެހެންނަމަވެސް ކޮންމެ ތަނެއްގައި މަސައްކަތްކުރި ނަމަވެސް، ރަނގަޅަށް އުޅެފިއްޔާ ރަނގަޅުވާނެ ކަމެވެ.“ ޤައުމީ ޚިދުމަތުގައި އެހާ ދިގު މުއްދަތެއްގައި ސފކ. ނަސްރީނާއަށް ހޭދަކުރެއްވުނީ، އޭރު މަންމަ ދެއްވި އަގުހުރި ނަސޭޙަތުގައި އެންމެ ފުރިހަމައަށް ހިފައި، މި ޝަރަފުވެރި ޤައުމީ ޚިދުމަތުގައި، ދިމާވާ ކޮންމެ ހުރަހެއް ގިރާކޮށް، ކުރިއަށް ދިއުމުގެ މަތިވެރި ޢަޒުމް ކަނޑައެޅުއްވީތީއެވެ. މަންމަގެ އަގުހުރި ބަސްކޮޅު ޤަބޫލުކުރައްވައި، ސިފައިންގެ ޤައުމީ ޚިދުމަތް އިސްކުރެއްވީތީއެވެ. މިއީ، މި ފަޚުރުވެރި ދިގު 32 އަހަރުގެ ޚިދުމަތުގެ ފެށުމެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ހަފުތާއެއް ވަންދެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، އެހެން ފިރިހެން ސިފައިންނެކޭ އެއްގޮތަށް ޑިއުޓީ ޕޮއިންޓުތަކުގައެވެ. އެއަށްފަހު މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސިފައިންގެ ޑިއުޓީ ސެކްޝަނަށް ބަދަލުކުރެއްވިއެވެ. ޑިއުޓީ ސެކްޝަންގައި ފަސް އަހަރެއްހާ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު، ބަދަލުކުރެއްވީ މިހާރުގެ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަށެވެ. 1994 އިން ފެށިގެން 2014 ވަނަ އަހަރުގެ ނޮވެންބަރާ ހަމައަށް އެމްއެންޑީއެފް އީއެމްއީގައި އިޚްލާޞްތެރިކަމާ އެކު ވަނީ މުއައްސަސާއަށާއި ޤައުމަށް ޚިދުމަތް ކުރައްވާފައެވެ. އޭގެއިތުރުން 2008 ވަނަ އަހަރު އެމްއެންޑީއެފް ޕީޕީއައިއެމްއެސް (މިހާރުގެ އެމްއީ) ގައި ތިން މަސް ދުވަހުގެ ޓާމެއް ފުރިހަމަ ކުރައްވާފައިވެއެވެ.
ސފކ. ނަސްރީނާ މަސައްކަތްކުރެއްވި ޔުނިޓުތަކުގައި ފުރިހަމަކުރައްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް އީއެމްއީގެ އެޑްމިން ޑިޕާޓްމަންޓްގެ އެންލިސްޓެޑް ލީޑަރުގެ މަޤާމާއި، އެންސީއޯ އިންޗާޖުގެ މަޤާމު ހިމެނެއެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެމްއެންޑީއެފް އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސަރވިސް (ޖޭ1) ގެ ރިކޯޑްސް ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓްގެ މަޤާމުގައެވެ. ސފކ. ނަސްރީނާއަކީ، ޖޭ1 ގެ ސީނިއަރ އެންލިސްޓެޑް ލީޑަރ (އެސްއީއެލް) ގެ މަޤާމުގެ ޒިންމާ ވެސް މިވަގުތު އަދާކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.
ސފކ. ނަސްރީނާ ފާހަގަވެގެން ދަނީ، ކުރިމަތިލައްވާ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ވަރަށް ހީވާގީ އަދި، ކަންކަމާ ޗެލެންޖުކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. އޭގެތެރެއިން، ސފކ. ނަސްރީނާ ފުރިހަމަކުރެއްވި އެންސީއޯ އެޑްވާންސް ކޯހަކީ، 19 ފިރިހެން ސިފައިންނާ އެކު ބައިވެރިވެލެއްވި، ޚިދުމަތުގައި އެންމެ ގޮންޖެހުން ބޮޑު ތަމްރީނުކަން ފާހަގަކުރެއްވިއެވެ. އެ ތަމްރީނު ފުރިހަމަކުރެއްވުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ސފކ ނަސްރީނާއަކީ ސިފައިންގޭގައި އެންމެ ފުރަތަމަ އެކުލަވާލި އަންހެން ސިފައިންގެ ކޮމިޓީގެ މެންބަރެއް ވެސް މެއެވެ. އަދި އެކިއެކި ދައުރުތަކުގައި ގިނަ ދުވަސްތަކެއްގައި އެ ކޮމިޓީގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން އަންހެން ސިފައިންގެ ކުރިއެރުމަށް އެކިއެކި ދާއިރާތަކުން މަސައްކަތް ކުރައްވާފައިވެއެވެ. ޚާއްޞަކޮށް އަންހެން ސިފައިންނަށް ޔުނިފޯމްގައި ބުރުގާ އެޅުމުގެ ފުރުސަތު ހޯއްދެވުމަށް ގިނަ ގޮންޖެހުންތަކަކާ އެކު ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ.
ސފކ ނަސްރީނާ ކުރައްވާފައިވާ ޚާއްޞަ ބައެއް މަސައްކަތްތަކުގެ ތެރޭގައި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އެ ހާދިސާގެ މަޢުލޫމާތު އެއްކުރުމަށް އެކުލަވާލި ޓީމުގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި، 2009 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީއަށް ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިލައްވައި، އެ މަސައްކަތުގައި އިޚުލާޞްތެރިކަމާ އެކު ވަރަށް ބުރަ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވިއެވެ.
މިފަހުން ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި، ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެމްއެންޑީއެފުން އެކުލަވާލި ފޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނިލައްވައި، ގިނަގުނަ މަސައްކަތްތަކެއް ވެސް ސފކ. ނަސްރީނާ ވަނީ ކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފްގައި ޤާއިމުކުރެވުނު ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގެ (ޖޮކް)ގެ ކޯލް ސެންޓަރުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރެއްވިއެވެ. އެއީ ވަރަށް ފުން އަސަރުތަކެއް ކުރުވި ދުވަސްތަކެއްކަން ސފކ. ނަސްރީނާ ފާހަގަކުރެއްވިއެވެ. ބައްޔަށް ޕޮޒިޓިވްވުމާ އަދި އެކިއެކި ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމުގެ މަޢުލޫމާތު އެއްކޮށް އެ ކަންކަން ކޮށްދިނުމަށް، އެހީތެރިވެދީ މަގުފަހިކޮށްދިނުމުގައި ސފކ. ނަސްރީނާ ކުރައްވާފައިވާ މަސައްކަތްތަކަކީ ފަޚުރުވެރިވުން ޙައްޤު މަސައްކަތްތަކެކެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމުން ސިފައިން މަރުކަޒުތަކުގައި ބަންދުވެފައި ތިބެ ޤައުމީ ވާޖިބު އަދާކުރުމުގައި ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސިފައިން ކުރި މަސައްކަތްތަކުގެ ތެރެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރުމަށް ސިފައިންގެ ލީޑަރޝިޕުން އެކުލަވާލި ޖަނާޒާ ޓީމުގައި ސފކ. ނަސްރީނާ ހިމެނިލައްވައި، އެ ކަމުގައި ވަރަށް އިސްދައުރެއް ވަނީ އަދާކުރައްވާފައެވެ. ސފކ. ނަސްރީނާ އަތުގައި ޖަނާޒާގެ ކަންކަން ކުރުމުގެ ހުއްދަ އޮތުމުން، ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ނިޔާވި އަންހެން މީހާ ހިނެވުމުގެ ކަންކަން ކުރެއްވީ ސީދާ ސފކ. ނަސްރީނާގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ޓީމުންނެވެ. އެ ޓީމުގައި ސފކ. ނަސްރީނާގެ އިތުރުން ހިމެނިލައްވަނީ ސްޓާފް ސާޖަންޓް ރަމްޒިއްޔާ ޢަބްދުﷲއާއި، ސްޓާފް ސާޖަންޓް އައިމިނަތު އަދީލާއެވެ. ހިނެވުމާއި ޖަނާޒާގެ ކަންކަން ކުރުމަކީ ވަކި ހުއްދައެއް ލިބިގެން ކުރަން ޖެހޭ ކަމަކަށް ވުމުން ސފކ. ނަސްރީނާއާއި އެ ޓީމުގެ މެންބަރުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ބެއްލެވުމުގެ ދަށުން ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ.
ސިފައިންގެ އެންލިސްޓެޑް ބޯޑުގެ މެންބަރުކަން ވެސް ކުރައްވާ ސފކ. ނަސްރީނާ ސިފައިންގެ ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 8 ކުލަ ވަނީ ލިބިލައްވާފައެވެ. 2007 އެޕްރީލު 21 ވަނަ ދުވަހު، މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އާދަޔާޚިލާފު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، ޗީފް އޮފް ޑިފެންސް ފޯސް ދެއްވާ ހަނދާނީ ފިލައާއި، އަދި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިފައިންގެއަށް ކޮށްދެއްވާފައިވާ އިޚުލާސްތެރި ޚިދުމަތް ފާހަގަކޮށް ޚިދުމަތުގެ ޚާއްޞަ ލިޔުން ސފކ. ނަސްރީނާއަށް ވަނީ ލިބިލައްވާފައެވެ.
ސފކ. ނަސްރީނާއަކީ ސިފައިންގެ ތެރޭގައި އަންހެން ސިފައިން ބައިވެރިވާ ކުޅިވަރު ހަރަކާތްތަކުގައި ވެސް އިސް ހަރަކާތްތެރިއެކެވެ. މިގޮތުން ފުޓުބޯޅަ، ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި އެތުލެޓިކްސްއަކީ ސިފައިންގެ ލެވެލްގައާއި ޤައުމީ ލެވެލްގައި ސފކ. ނަސްރީނާ، ހަރަކާތްތެރިވެލެއްވި ކުޅިވަރުތަކެވެ.
ސފކ. ނަސްރީނާއަށް، ދިމާވި ޞިއްޙީ މައްސަލައަކާ ގުޅިގެން، ކުޅިވަރާ ކޮންމެވެސް ވަރަކަށް ދުރަށްދާން ޖެހިލެއްވިއެވެ. އެހެންނަމަވެސް، ސިފައިންގެ ތެރޭގައި އަންހެން ސިފައިން ރާވާހިންގާ ހުރިހާ ހަރަކާތްތަކެއްގައި އެންމެ އިސްކޮށް ނަގާކިޔަން ހުންނަވާ އާރުކާޓީގެ ގޮތުގައި ސފކ ނަސްރީނާ އަބަދުވެސް ފެންނަމުންދެއެވެ.
ސފކ ނަސްރީނާއަކީ، ސިފައިންގެ ޑްރާމާތަކުން ވެސް ފެނިގެންދާ ކުޅަދާނަ ފަންނާނެކެވެ. މިގޮތުން، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އެމްއެންޑީއެފުން ހުށަހަޅައިދިން ދެ ޑްރާމާއެއްގައި ސފކ. ނަސްރީނާ ހަރަކާތްތެރިވެ ލައްވާފައިވެއެވެ. އަދި މިއީ، ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ”ސިފައުފާ“ ޝޯވތަކުގައި އާންމުކޮށް ފެންނަ މޫނެކެވެ. އޭގެއިތުރުން، 2008 ވަނަ އަހަރު ނޮވެންބަރު 3 ވަނަ ދުވަހު ކަޅުތުއްކަލާކޮށީގައި ހުށަހަޅައިދިން ނޮވެންބަރު ތިނެއްގެ ޕްލޭގައި ވެސް ސފކ. ނަސްރީނާ ވަނީ ހަރަކާތްތެރިވެލައްވާފައެވެ. މީގެ އިތުރުން ސިފައިންގެ ބޭންޑުގައި އެންމެ ފުރަތަމަ އަންހެން ސިފައިން ހަރަކާތްތެރިވި ދުވަސްވަރު ބޭންޑުގައި ވެސް ހަރަކާތްތެރިވެލެއްވިއެވެ. އަދި މިނޫނަސް، އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވުނު ސާކްސަމިޓާއި، ސިފައިންގެއަށް 100 އަހަރު ފުރިގެން ހިންގުނު ހަރަކާތްތަކާއި، މިނިވަން 25 އަދި މިނިވަން 50 އާއި، އައު ސާސްކަފު ފާހަގަކުރުމަށް ބޭއްވި ދިވެހިރާއްޖޭގެ ވާހަކަ މާލަމުގެ ހަރާކާތުގައި ވެސް ވަނީ ބައިވެރިވެލައްވާފައެވެ.
ސފކ. ނަސްރީނާ ހާމަކުރެއްވި ގޮތުގައި ސިފައިންގެ ޚިދުމަތުގައި އެންމެ ހަނދާނުން ފޮހެލަން ދަތިވި ދުވަހަކީ، 2004 ސެޕްޓެންބަރު 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއާއި ސުނާމީ ކާރިސާ އަދި ކޮވިޑް ބަލިމަޑުކަމުގައި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކެވެ. މިއިން ކޮންމެ އޮޕަރޭޝަނެއްގައި ވެސް އަމިއްލަ ނަފުސަށް ވުރެ ޤައުމު އިސްކޮށް، ފިރިހެން ސިފައިންނެކޭ އެއްސަފެއްގައި ޚިދުމަތް ކުރައްވައި، ސިފައިންގެ ޒުވާން ކަނބަލުންނަށް ވަނީ ނަމޫނާ ދައްކުވައިދީފައެވެ.
”ސިފައިންގެ ޔުނީފޯމަކީ ޤައުމެއްގެ އެންމެ ޤަދަރުވެރި އެއް ޔުނިފޯމް. ސިފައިންނަކީ، މި ޔުނިފޯމް އަޅާ ހިސާބުން އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގެ އެތައް ކަމެއް ޤައުމަށް ޓަކައި ޤުރުބާން ކުރަން ތައްޔާރަށް ތިބެންޖެހޭ ބައެއް. އެހެންކަމުން ޤައުމު ގޮވާލާ ކޮންމެ ކަމަކަށް ސިފައިންގެ ޔުނިފޯމް އަޅާހާ ހިނދަކު ފަސްނުޖެހި ކުރިމަތިލާ ބަޔަކަށް ވުމާއި އަދި ޚިދުމަތުގައި ކުރިއަށްދިއުމުގައި ރޭވުންތެރިކަމާ އެކު ތަޢުލީމާއި ތަމްރީނު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ސިފައިން ވުމަށް މަސައްކަތްކުރުމަކީ ޚިދުމަތުގައި ތިއްބެވި އަންހެން އަދި ފިރިހެން ސިފައިންނަށް ވެސް ދޭން ބޭނުންވާ މެސެޖެއް.“
ދިވެހި އަސްކަރިއްޔާއަކީ އަންހެން ސިފައިންނަށް ކުރިއަށް ދިއުމުގައި ތަފާތު ދާއިރާތަކުން ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، ދިވެހި އަސްކަރިއްޔާގެ ސީނިއަރ އޮފިސަރުންގެ ތެރޭގައި ތިން ކަނބަލަކު ހިމެނިގެން ދާކަމީ، ދިގު މުއްދަތެއްގައި މި މުއައްސަސާއަށް ޚިދުމަތްކުރެވުނު މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރާ ކަމެއް ކަމަށް ސފކ. ނަސްރީނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ސިފައިންގެ ޚިދުމަތާ ގުޅޭ އަންހެނުން ވެސް ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ކަޑައްތުކޮށް ގަދައަޅައި މަސައްކަތްކުރުމަށް ނަޞޭހަތްތެރިވެލެއްވިއެވެ.
”މިހާރު ސިފައިންގެ ޚިދުމަތާ ގުޅެނީ އަމިއްލައަށް މުއައްސަސާއަށާއި ޤައުމަށް ޚިދުމަތް ކުރުމަށް. އެ ކުއްޖަކު މުއައްސަސާގެ ވަޒީފާގައި އުޅޭއިރު މުއައްސަސާގައި ހެދިފައިވާ ޤަވާޢިދުތަކާއި ހަވާލުކުރެވޭ މަސައްކަތްތައް، ވީއެންމެ ފުރިހަމައަކަށް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް. މި ޤައުމުގައި މިއަށް ވުރެ ފުރިހަމަ، މިއަށް ވުރެ ފަޚުރުވެރި މުއައްސަސާއެއް، ވަކި ހުންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.“ ސފކ ނަސްރީނާ ފަޚުރުވެރިކަމާ އެކު އޭނާގެ ހިތުގެ ޝުޢޫރު ހާމަކުރެއްވިއެވެ. ސފކ. ނަސްރީނާ ދައްކުވައިދެއްވަނީ، އޭނާގެ ހިތުގައި މި ޝަރަފުވެރި މުއައްސަސާއަށާއި ޤައުމަށް އޮތް ލޯތްބާއި ޤަދަރު ބޮޑުކަމެވެ.
ސފކ. ނަސްރީނާ ފާހަގަކުރައްވާ ގޮތުގައި، ސިފައިންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއި އަދި ތެދުވެރިކަންމަތީ ދެމިހުރެއްޖެ ނަމަ، ސިފައިންގެ ވަޒީފާއިން ވަކިވެގެން ދިޔަސް، މި ޤައުމުގެ ކޮންމެ ދަރިއަކު ވެސް ލޯތްބާއި ޤަދަރާ އެކު އެ މީހަކު ބަލައިގަންނާނެއެވެ. އެހެންކަމުން، މުއައްސަސާގައި ހޭދަކުރާ މުއްދަތަށް ނުބަލައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަން މަތީ، މުއައްސަސާގައި ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ޤައުމަށް ޚިދުމަތް ކުރަމުން ގެންދިއުމަށް އޭނާ ނަޞޭހަތްތެރިވެލައްވައެވެ.
ސފކ. ނަސްރީނާ ހާމަކުރައްވާ ގޮތުގައި، އަންހެނަކަށް ވީތީ ވަޒީފާގައި ދެމިހުރުމަށް ގޮންޖެހުންތައް ހުރެއެވެ. އެހެން ނަމަވެސް، ޢާއިލާގެ އެހީތެރިކަމާ އެކު އެ ހުރިހާ ކަމެއް އެއްފަރާތް ކުރުމަށް، ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ލޯބިވާ މަންމަގެ ނަން، ފާހަގަ ކުރެއްވިއެވެ.
”މަންމަ ދުނިޔޭގައި ހުންނެވި އިރު އެންމެ ބޮޑު އެހީތެރިކަމަކާއި އެންމެ ބޮޑު ހިތްވަރެއް ދެއްވީ މަންމަ.“ ސފކ. ނަސްރީނާ ހާމަކުރެއްވިއެވެ.
ހަގު ދަރިފުޅަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކަށް ވުމާ އެކު، ސިފައިންގެ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ޢާއިލާއަށް ދޭންޖެހޭ ވަގުތު އެންމެ ފުރިހަމަ ގޮތުގައި ނުދެވިދާ ހާލަތްތަކުގައި ފިރިކަލުންގެ އިތުރުން، ދަރިކަނބަލުން ސްކޫލަށް ދަމުން ވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިލައްވާކަން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެއްވިއެވެ.
އަދި ސިފައިންގެ ޚިދުމަތުގައި މިހާ ދިގު މުއްދަތުގައި، އެއްވެސް މެދުކެނޑުމެއް ނެތި، އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރެއްވުނީ، ސިފައިންގެ ލީޑަރޝިޕުން އެއްވެސް ތަފާތުކުރުމެއް ނެތި، ފޯރުކޮށްދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ސަބަބުންކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ. އެގޮތުން، މިހާރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އަންހެން ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ސފކ. ނަސްރީނާ ފާހަގަކުރައްވަނީ ޝުކުރުވެރި ހިތަކާ ގެންނެވެ.
އަމިއްލަގޮތުން ރެހެންދި އެވޯޑަށް ހުށަހެޅުމަށް އެމްއެންޑީއެފް އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސަރވިސް (ޖޭ-1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ފިރުދައުސްއާ އެކުގައި މަސައްކަތްކުރާ ސިފައިންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއެވެ. ނަސްރީނާއަށް ”ރެހެންދި“ އެވޯޑް ލިބުމުން ޖޭ-1 އިން ވަނީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ލިޔުމެއް ދީފައެވެ.
“ސިފައިންގެ ޚިދުމަތުން ވަކިވެގެންދާ ދުވަހު އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑަކީ އިޚްލާޞްތެރިކަމާއި ވަފާތެރި ކަމާއެކު ޚިދުމަތްކޮށްފައިވާ ޑިސިޕްލިން މީހެއްގެ ގޮތުގައި އެންމެން ވެސް އަޅުގަނޑު ބަލައިގަތުން، މިއީ އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދަކީ“ ސފކ ނަސްރީނާ ޙަސަން ހާމަކުރެއްވިއެވެ. ހަމަ އެހެންމެ އަޅުގަނޑުގެ ދެ ދަރިންނަކީ ވެސް ޤައުމަށް ޚިދުމަތްކުރުމުގައި ތެދުވެރި އިޚުލާސްތެރި އަދި ވަފާތެރި، އަޚުލާގާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ހިފަހައްޓާ ބައެއްގެ ގޮތުގައި ވެގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެލެއްވިއެވެ.
ސިފައިންގެ ޚިދުމަތުގައި އެންމެ އުފާވި ދުވަސް ހަނދާނަށް ގެންނަވަމުން، އޭނާ ބުނުއްވީ، އެންމެ އުފާވީ ސިފައިންގެ ޚިދުމަތުގައި 30 އަހަރު ފުރިހަމަވުމުން، ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑައްޔާއި އަޚްލާޤީ މެޑަލް އަދި ރެހެންދި އެވޯޑް ލިބުނު ދުވަސް ކަމަށެވެ. އެގޮތުން ސިފައިންގެ ޚިދުމަތުގައި ދެވޭ ޝަރަފުގެ ކުލައާއި މެޑައްޔަކީ ޔުނިޓުން ރިކޮމެންޑޭޝަނެއް އޮތަސް ވަރަށް ބޮޑަށް ބެލިގެންދެވޭ އެއްޗެކެވެ.
މުއައްސަސާއަށް ޚިދުމަތް ކުރުމަށް ޢަޒުމު ކަނޑައަޅާ ހިސާބުން އެމީހާގެ އެހެން ހުރިހާ ކަމަކަށް ވުރެ މުއައްސަސާ އިސްވާން ޖެހޭނެ ކަމަށް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި، އަޅުގަނޑުމެން ކޮށްފައިވާ ހުވާގައި ވެސް ވަނީ ”ޤުރުބާން ވާން“ ކަމަށް ސފކ. ނަސްރީނާ ބުނުއްވިއެވެ. އެހެންކަމުން ޤައުމަށް ޓަކައި ޤުރުބާންވާން ހުވާގެ މަތީގައި ތިބި ބަޔަކު ފަސްޖެހުމެއް ނާންނާނެ ގޮތަކަށް މަސައްކަތްކުރުމަށް އިސްކަން ދެއްވުމަށް ސފކ ނަސްރީނާ ޙަސަން ހުރިހާ ސިފައިންނަށް ވެސް ނަސޭހަތްތެރިވެލައްވައި، ހަނދާންކޮށްދެއްވަން ބޭނުންވެލައްވައެވެ.
