ދުވަހަކީ، 2021 ސެޕްޓެންބަރު 22 ވަނަ ދުވަހެވެ. އެމްއެންޑީއެފް މެރިން ޑިޕްލޯއީމަންޓް ޔުނިޓް 3 (އެމްޑީޔޫ 3) ގައި މަސައްކަތްކުރައްވާ ކޯޕްރަލް ޢަލީ ޝާޒިން (ސނ. 6949) އަށް އެ ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. ބޮޑީގާޑު ޓްރެއިނިންގއަށް ދިޔުމަށް ތައްޔާރުވަމުން ދިޔަ، ޝާޒިން އުޅުއްވީ، ތަމްރީނަށް ފުރުމުގެ ކުރިން ހަމަކުރަން ޖެހޭ ”ކިޓް ލިސްޓް“ ހަމަކުރުމުގައެވެ. ބަންޑާރަކޮށިން ނުކުމެގެން އޭނާ ދިޔައީ، ކިޓް ލިސްޓަށް ހަމަކުރަންޖެހޭ ޓައީއެއް ހޯދުމަށް ލޮނުޒިޔާރަތްމަގުގައި ހުރި އޭނާގެ ރައްޓެއްސެއްގެ ގެއަށެވެ. އެ ގެއަށް ދިޔަ މަގުމަތިން އޭނާއަށް ފެނުނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ބޫޓު ވިއްކާ ފިހާރަ ”ހަވާއީ ފުޓްވެއަރ“ ގެ ފުރާޅުމަތީގައި އަލިފާން ރޯވެފައި ހުއްޓައެވެ.
އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ފަހު 2:50 ވީއެވެ. ރޯވެފައިހުރި އަލިފާން، ހާމައަށް ފެންނަން ހުއްޓެވެ. ރޯވަމުންދިޔަ އަލިފާން، އެ ހިނދުން ކޮންޓްރޯލްކުރަން މަސައްކަތް ނުކޮށްފި ނަމަ، އެއީ ބޮޑު އަލިފާނުގެ ހާދިސާއަކަށް ބަދަލުވުން ގާތް ކަމެކެވެ. އެތައް ބައެއްގެ މުދަލަށް ގެއްލުން ލިބޭނެ ވަރުގެ ހާދިސާއަކަށް ބަދަލުވެދާނެ ފަދަ ކަމެކެވެ.
ރޯވަމުންދިޔަ އަލިފާން ފެނުމުން، އެކަނިހުރި ޝާޒިން ފުރަތަމަ ވެސް މަސައްކަތްކުރީ، އެ އިމާރާތުގެ ތިރީގައި ތިބި މީހުން ބޭރަށް ނެރުމަށެވެ. އެއަށްފަހު، އެ ފިހާރައިގެ މައްޗަށް އެރޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރިއެވެ. ދެން ޝާޒިންއަށް އަޅައިގަތީ، އެ އިމާރާތުގެ ކައިރީގައި ހުރި ވޯޓަރ އެކްސްޓިންގްއިޝަރ ރައްކާކުރާ ގަރާޖެއް ގޮތަށް ހުރި ގުދަނެކެވެ. އެތަނަށް ގޮސް ބެލިއިރު، އެ ތަނުގެ ތެރޭގައި ހުރި ވޯޓަރ އެކްސްޓިންގްއިޝަރ ފުޅިތަކުން ދެ ފުޅި، ޝާޒިންއަށް ދިނުމުން، ދެ ފުޅި ހިފައިގެން ގޮސް ރޯވެފައިހުރި ފިހާރައާ ޖެހިގެންހުރި އިމާރާތެއްގެ ތެރޭގައި ހުރި ސިޑިއަކުން ފުރަތަމަ ބުރިއަށް އަރައި، އެ ތަނުގެ ކުޑަދޮރުން ބޭރަށް ނުކުމެ، އެ ތަނުގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯއެއްގެ މައްޗަށް ފޭބުމަށް ފަހު، ރޯވަމުންދިޔަ ފިހާރައިގެ ފުރާޅު މައްޗަށް އަރައިފިއެވެ. އަދި، ރޯވަމުންދިޔަ އަލިފާންގަނޑުގެ ތެރެއަށް ވޯޓަރ އެކްސްޓިންގްއިޝަރ ފުޅިން ފެން ޖަހައި، އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަމުން ދިޔައެވެ.
ޝާޒިން ކިޔައިދެއްވި ގޮތުގައި އޭރު ރޯވެފައި ހުރީ އެ ތަނުގެ މަތީގައި ހަރުކޮށްފައިހުރި ދެ ބިލްބޯޑެއްގައެވެ. އޭނާ، އަލިފާން ނިއްވަމުން އެ ތަނުގެ މަތިން އަނެއް ފަރާތަށް ޖަހާފައި ހުރި ބިލްބޯޑުތައް ވައްޓަމުން އަލިފާން ނިވުނުތޯ ޔަޤީން ކުރަމުން ދިޔައެވެ. އަދި، މަސައްކަތް ފެށިތާ ގާތްގަނޑަކަށް ދެ މިނެޓު ތެރޭ ރޯވަމުންދިޔަ އަލިފާން އެއްކޮށް ނިއްވާލެވުނެވެ. އެހެންނަމަވެސް، އެ ތަނުގެ މަތީގައި އޮތް ފަތިބުރިއަކުން ދުން އަރާތީ، ތިރީގައި ހުރި ގޭގެ ކޮޓަރިއަކުން ތެއްޔަކަށް ފެން އަޅާފައި ދިއްކޮށްލުމުން ދުން އަރަމުންދިޔަ ތަނަށް ފެން އަޅައި އެއްކޮށް ނިއްވާލާފައިވެއެވެ. އެތަނުން ޝާޒިން ފޭބީ، އަލިފާނުގެ އަސަރު އެއްވެސް ވަރަކަށް ފެންނަން ނެތްކަން ޔަޤީންކުރުމަށް ފަހުއެވެ.
އަލިފާނުގެ ހާދިސާތަކަކީ، އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، އިސާހިތަކު އަލިފާންގަނޑު ފެތުރި އެތައް ބަޔަކަށް އޭގެ ގެއްލުން ލިބިދާނެ ފަދަ ހިތާމަވެރި ބޮޑު ހާދިސާއެއް މެދުވެރިވެދާނެ ފަދަ ހާދިސާތަކެވެ. އެފަދަ ހާލަތެއް މެދުވެރިވުމުން، އުފުލަންޖެހޭ ތަކުލީފާއި ހިތްދަތިކަން ޝާޒިން ވެސް ވަނީ ތަޙައްމަލްކޮށްފައެވެ. މި ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމުގައިވާ ތިލަފުށިގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނދައި އަޅިއަށްވި އެ ސަރަޙައްދުގައި ހުރި ހ. ރަދުވާނީއާގެއަކީ، އޭރު އޭނާ ދިރިއުޅެމުންދިޔަ ގެއެވެ. ކެމިކަލް ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާގައި އޭނާ ދިރިއުޅުނު ހ. ރަދުވާނިއާގެ، މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވިއެވެ. އެ ހިތާމަވެރި ހާދިސާ ވަރަށް ކައިރިން ދެކި، އެފަދަ ހާދިސާއެއް ތަކުރާރު ވުމަކަށް ޝާޒިން ބޭނުމެއް ނުވިއެވެ.
2021 ސެޕްޓެންބަރު 22 ވަނަ ދުވަހު، ”ހަވާއީ ފުޓްވެއަރ“ ފިހާރައިގެ މަތީގައި ރޯވަމުންދިޔަ މި މަންޒަރު ބަލަން އެ ސަރަޙައްދުގައި އެއްވެ ތިބި އެތައް ބައެއްގެ ތެރެއިން، ޝާޒިން ނުކުތީ، އެފަދަ ހިތާމަވެރި ހާދިސާއެއް އަލުން މެދުވެރިވާން ނޭދޭތީއެވެ.
މި ހާދިސާގައި، އެހާ އަވަސްކަމާ އެކު، ޝާޒިންއަށް މަސައްކަތްކުރެވުނީ، އޭނާ ކިޔައިދިން ގޮތުގައި، ކުރިން އެމްއެންއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގި ބައެއް އެވެއަރނެސް ކުލާސްތަކުގައި ބައިވެރިވެވިފައި ވާތީއެވެ. އަދި، އޭނާ ފުރިހަމަކުރި މެރިން ކޯރ ބޭސިކް ކޯހުގައި ހިންގި ބައެއް ތަމްރީނުތަކުން ވެސް އެކަމުގެ ޢިލްމު ކޮންމެވެސް ވަރަކަށް އުނގެނިފައިވާ ކަމަށް ބުނުއްވިއެވެ.
މި ހާދިސާގައި ކޯޕްރަލް ޝާޒިންގެ ފަރާތުން ފެނުނީ ހުޝިޔާރުކަމާއި ބިރުކުޑަކަމެވެ. އަމިއްލަ ފުރާނައަށް ވުރެ އިންސާނިއްޔަތުކަން އިސްކުރި މަންޒަރެވެ. ޢަމަލުން ދައްކުވައިދީފައިވަނީ، ސިފައިންގެ ހުވާގައި ދެމިހުރިކަމެވެ. ފެނިފައިވަނީ ރިވެތި ނަމޫނާއެކެވެ.
