ދިރާސާއެއް ކުރުމުގެ މައިގަނޑު މަފްހޫމަކީ، ކަމެއްގެ ފުންމިން ދެނެގަނެ، ޢިލްމީ ގޮތުން ހޯދުންތަކެއް ހޯދުމެވެ. އާދެ، ޢިލްމު ފުޅާކޮށް ދެނެގަތުމެވެ.

ކޮތާރީ (2004) ވިދާޅު ވަނީ، ދިރާސާއަކީ ވަކި ދާއިރާއެއްގެ ސްޓަޑީއަކަށް އެޕްލައިކުރެވިގެން ހެދޭ ސިސްޓެމެޓިކް އަދި ތިއޮރެޓިކަލް އެނެލިސެސްއެއް ކަމަށެވެ. ނުވަތަ މަޢުޟޫ އަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ހޯދުމަށް ސައިންޓިފިކް އުސޫލުތައް ބޭނުންކޮށްގެން ވަކި ތަރުތީބަކުން ކުރާ މަސައްކަތްކަމުގައި ބެލެވިދާނެ ކަމަށެވެ.

ސެކަރަން (2003) ޢިލްމީ ދިރާސާ ސިފަކުރައްވަނީ، ވަކި މައްސަލައަކާ ގުޅޭ ގޮތުން ސައިންޓިފިކް އުސޫލުތަކުން ތަޙުޤީޤު ކުރުމަށް  ޓަކައި، އިންތިޒާމް ކުރެވިގެން، ވަކި ތަރުތީބަކުން ރޭވިގެން، މަޢުލޫމާތު ރައްކާކުރެވި އިންތިޒާމް ކުރެވިގެން، ފާޑުކިޔުމުގެ ނަޒަރަކުން އަދި ހަރުދަނާ މިންގަނޑުތަކެއްގެ ތެރޭގައި ހިފެހެއްޓިގެން ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.

އެންސައިކްލޮޕީޑިއާ އޮފް ސޯޝަލް ސައިންސްގައި ބަޔާންކުރާ ގޮތުން، ދިރާސާއަކީ، ”ތިއަރީއެއް ބިނާކުރުމުގައި އެހީތެރިވާ ނުވަތަ ވަކި އާޓެއް އަމަލީގޮތުން ބޭނުންކުރުމުގައި އެހީތެރިވެދާނެ ފަދަ އެއްވެސް ޢިލްމެއް ފުޅާކޮށް، ރަނގަޅުކޮށް ނުވަތަ ކަށަވަރުކުރުމުގެ ބޭނުމުގައި، އެއްޗެހިތަކެއް، މަފްހޫމްތަކެއް، ނުވަތަ ރަމްޒުކުރެވޭ ކަމެއް، ވަކި ގޮތަކަށް ބޭނުންކޮށްގެން ވަކި ނަތީޖާއެއް ނެރުމަށް ކުރެވޭ މަސައްކަތެކެވެ.“

ދިރާސާގެ މި ތަޢާރަފުތަކުން ފެންނަން އޮތް ޙަޤީޤަތަކީ، ދިރާސާކުރުމަކީ، ޢިލްމު ހޯދައިގަތުމަށް ވަކި ތަރުތީބަކުން ކުރެވޭ ފަންނުވެރި މަސައްކަތެއް ކަމެވެ. އެހެންކަމުން، އެފަދަ މަސައްކަތްތައް ކުރުމަށް ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމްކަމެއް ވެސް މެއެވެ.

ސަބަބަކީ ކޮބައިބާއެވެ؟ ދިރާސާކުރާއިރު، ސިކުނޑި ހުޅުވާލެވިގެން މަސައްކަތް ނުކުރެވޭ ނަމަ، ހޯދަން ބޭނުންވާ ކަމެއް އެންމެ ފުރިހަމަގޮތުގައި ދެނެގަތުމަށް ދަތިވެއެވެ. ނުވަތަ ބައެއް ހާލަތްތަކުގައި އެއީ ނާދިރު ކަމަކަށް ވެގެންދެއެވެ. އެހެނީ، ދިރާސާއެއް ކުރާއިރު، ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު ނޫން ގޮތަކަށް މަސައްކަތް ކުރެވޭނަމަ، ދިރާސާގެ ހޯދުންތައް ފެންނާނީ ވަކި ކޮޅަކަށް ބުރަވެފައި އޮންނަ ތަނެވެ. އޭގެ އަނެއް ކޮޅުން، ސިކުނޑި ހުޅުވާލައިގެން ކުރެވޭ ދިރާސާ މަސައްކަތުން ތިމާގެ އަމިއްލަ ނޮލެޖްސެޓް އިތުރަށް ތަރައްޤީވުމަށް ވެސް ބާރުއެޅިގެންދެއެވެ.

ދިރާސާ މަސައްކަތް ކުރާއިރު، ސިކުނޑި ހުޅުވާލައިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ޗިޕް ރޫބެން (2020) ވިދާޅުވެފައިވެއެވެ. ”ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު ނޫން ގޮތަކަށް ދިރާސާއެއް ކުރަން ފެށުމަކީ އުސް ތަނަކުން ފުންމާލައި އަމިއްލައަށް މަރުވުން ފަދަ ކަމެކެވެ“. ވޭން ވޯލް (2020) ވިދާޅުވާ ގޮތުންނަމަ ”ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު ނޫން ގޮތަކަށް ދިރާސާކުރާ ނަމަ، އެ ކުރެވެނީ ފުރިހަމަ ދިރާސާގެ މަސައްކަތެއް ނޫނެވެ. އެއަށް ކިޔަންވީ އެމިޔުނިޝަން (ހަތިޔާރުގެ ބައިތައް) އެއްކުރުން ކަމަށެވެ.“ މި ދެ ބޭފުޅުން ވެސް އެ މާނަކުރެއްވީ، އެ ކަމުގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ވިސްނުމުގެ މިނިވަންކަން ނެތި ކުރެވޭ ދިރާސާގެ ޢިލްމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ވާހަކައެވެ. އަދި އެ ދިރާސާއަކުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކެއްގެ ސަބަބުން މުޖުތަމަޢުއަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކައެވެ.

ދިރާސާ ކުރުމުގައި ސިކުނޑި ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއްކަން އެ ބޭފުޅުންގެ ބަސްފުޅުތަކުން ދޭހަވެއެވެ. ދެން އޮތް ސުވާލަކީ، ދިރާސާ ކުރުމުގައި ސިކުނޑި ހުޅުވާލުމަށް ހަދާނީ ކިހިނެއްތޯ ނުވަތަ ކުރެވޭނީ ކޮން ކަމެއްތޯއެވެ؟ މި ސުވާލުގެ ސީދާ ޖަވާބަކަށް ދިޔުމުގެ ކުރިން ތިރީގައިވާ ޝަހުޞިއްޔަތާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

އާދެ، އެ ބޭފުޅަކީ، ޔޫއެސްގެ ފައުންޑިންގ ފާދަރ، ބެންޖަމިން ފްރޭންކްލިންއެވެ. ވަރަށް ސްމާޓް، ވަރަށް ވިސްނުންތޫނު ބޭފުޅެކެވެ. އެ ޒަމާނުގެ އެހެން ބޭފުޅުންނަށް ވުރެ އެތައް ގޮތަކުން ސިކުނޑި ތަނަވަސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. އެކަމަކު ބެންޖަމިން ފްރޭންކްލިން ވެސް ދެނެވަޑައިގެންނެވި އެއް ކަމަކީ، އެ މަނިކުފާނަކީ އެހެން މީހުންނަށް ވުރެ ތަނަވަސް ޚިޔާލާއި ވިސްނުންފުޅެއްގެ ބޭފުޅަކަށް ވެ ހުރެވެސް، ހުރިހާ ކަމެއްގައި އެންމެ ރަނގަޅު ޚިޔާލު ހުށަނޭޅިދާނެކަން އަމިއްލަ ނަފުސަށް ޤަބޫލުކުރެއްވި ޤަބޫލުކުރެއްވުމެވެ.

ބެން ފްރޭންކްލިންގ، އާގިއުމެންޓެއް ފަށްޓާއިރު، ”އައި ކުޑް ބީ ރޯންގް، ބަޓް..“ މިފަދައިން ބައެއް ފަހަރު އެ ސްޓޭޓްމެންޓެއް ފަށްޓަވައެވެ. މި ސްޓޭޓްމެންޓް އެ ގޮތަށް ފެށްޓެވުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ އާދެ، އޭގެ ސަބަބުން އެ މަނިކުފާނުގެ އާގިއުމެންޓާ މެދު ދެކޮޅު ހަދާ ފަރާތްތަކަށް މައުޟޫއާ ގުޅޭގޮތުން ހަރުދަނާ އިތުރު ވާހަކަ ދައްކަން ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މަޢުޟޫއާ ގުޅުންހުރި އިތުރު ދޮރުތައް ހުޅުވާލެއްވުމުގެ ބޭނުމުގައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ބެން ފްރޭންކްލިން ފަދަ، އެ މުޖުތަމަޢުއަކުން ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ލިބިވަޑައިގެންފައިވާ ބޭފުޅަކު ވިދާޅުވާ ބަސްފުޅަކާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރިދާނެ އެތައް ބަޔަކު ވެސް ތިބެދާނެ ކަމެވެ. އެހެންނަމަވެސް، ބެންޖަމިން ފްރޭންކްލިންގ އިސްކުރެއްވީ އެންމެ އާދައިގެ މީހާއަށް ވެސް އެ މީހާގެ ޚިޔާލާއި ވިސްނުމަކީ، ސިޔާސަތެއް ނިންމާއިރު މުހިންމު ކަމެއްކަން ނަފުސާނީގޮތުން ވިސްނައިދީ ހިތްވަރު ދެއްވުމުގެ ވިސްނުންފުޅެވެ. އޭގެ ސަބަބުން ނުކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މުޅި މުޖުތަމަޢު ކުރިއަރައި ދިޔައީއެވެ. ބެން ފްރޭންކްލިންއަށް އޮތް އިޙްތިރާމާއި ލޯބި އެހެން މީހުންގެ ކުރިމަތީގައި މަތިވެގެން ދިޔައީއެވެ.

ކެލިފޯނިއާގައި ހުންނަ ޕެޕަޑިން ޔުނިވަރސިޓީގެ ޕްރޮފެސަރުން 2016 ވަނަ އަހަރު ތައްޔާރުކުރެއްވި ދިރާސާއެއްކަމުގައިވާ ”ދަ ޑިވެލޮޕްމަންޓް އެންޑް ވެލިޑޭޝަން އޮފް ދަ ކޮމްޕްރެހެންސިވް އިންޓެލެކްޗުއަލް ހިޔުމިލިޓީ ސްކޭލް“ މި ދިރާސާގައި މި ދެންނެވި ކޮންސެޕްޓް 4 ކޮންޕޯނަންޓަކަށް ބަހާލައި މިންކޮށްފައިވެއެވެ. އެ ހަތަރު ސިފައަކީ؛

  • އެހެން މީހުންގެ ވިއު ޕޮއިންޓްތަކަށް އިޙުތިރާމްކުރުން
  • ތިމާގެ ފިކުރާ މެދު އޯވަރކޮންފިޑެންސް ނުވުން
  • ތިމާގެ ފިކުރާއި އީގޯއަކީ ވަކި ދެ ކަމެއްކަން ދެނެގަތުން
  • އަމިއްލަ ވިޔު ޕޮއިންޓް އަލުން ރިވައިސްކުރުމަށް ޖާގަދެވިފައި އޮތުން މިއެވެ.

މި ސިފަތަކުން ބުނެދޭ މާނައަކީ، ތިމާއަކީ ފިކުރީގޮތުން ވަރަށް ވިސްނުންތޫނު މީހަކަށް ނުވަތަ ކަމެއް ބަދަލުކޮށްލެވިދާނެ ފަދަ ވިސްނުމާއި ޚިޔާލާތު ތިމާގެ ކިބާގައި ހުރި މީހަކަށް ވީނަމަވެސް، އެހެން މީހުންގެ ވިއު ޕޮއިންޓްތައް އަޑުއެހުމުގެ ޤާބިލުކަން ނެތް، ނުވަތަ އެހެން ވިސްނުންތަކަށް ޖާގަދެވޭނެ ޙިކުމަތްތެރިކަމުގެ ސިފަ ތިމާގެ ކިބައިގައި ނެތްނަމަ، ތިމާއަކީ އޯޕަން މައިންޑެޑް ނުވަތަ ސިކުނޑި ހުޅުވާލެވިފައިވާ މީހަކަށް ނުވާ ކަމެވެ. ހަމަ އެގޮތަށް، ތިމާގެ ކިބައިގައި ހުންނަ އީގޯއާއި ފިކުރީ ވިސްނުމަކީ ދެ ކަމެއްކަން އަމިއްލަ ނަފުސަށް ދެނެ ނުގަނެވޭ ކަމުގައިވާނަމަ، ތިމާ ނިންމާ ސިޔާސަތުތައް ނިންމާނީ ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު ނޫންކަމެވެ. އޭގެން ރަނގަޅަށް ވުރެ ބޮޑަށް ނުބައި ނަތީޖާތަކެއް ނުކުމެދާނެ ކަމެވެ.

އާދެ، ބެން ފްރޭންކްލިން ދަށްކުވައިދެއްވީ، ވަރަށް ސިމްޕަލް ފުރިހަމަ ގޮތެކެވެ. ބެން ފްރޭންކްލިން ބޭނުންފުޅުވީ އެހެން ވިއު ޕޮއިންޓްތައް ދަސްކޮށް ދެނެގަނެ، އެހެން މީހުންގެ ވިސްނުމާއި ފިކުރިއްޔާތު ތިމާގެ ހުޅުވާލެވިފައިވާ ސިކުނޑީގައި ފުޅާކުރުމަށެވެ. އެ މަނިކުފާނުގެ އަމިއްލަ ފިކުރީ ޔަޤީންކަން (އިންޓެލެކްޗުއަލް ކޮންފިޑެންސް) ވަރުގަދަކުރަށްވާށެވެ.

އެހެންވީމާ، ”އައި ކުޑް ބީ ރޯންގް، ބަޓް…“ އޭ ވިދާޅުވެ، އެ ފަށްޓަވާ ސްޓޭޓްމަންޓަކީ ޙަޤީޤަތުގައި ވަރަށް ޓްރިކީ ސްޓޭޓްމަންޓެއް ނޫންތޯއެވެ! އޭގެން އޮޕޯނަންޓުންނަށް ވެސް އެމީހުންގެ ވިއު ޕޮއިންޓް ހާމަކޮށްދިނުމަށް ފުރުސަތު ދެވެއެވެ. އެކަމަކު، އެއަށްވުރެ ބޮޑަށް، އެއިން ތިމާގެ އަމިއްލަ ނަފުސު ހުޅުވާ ލެވެނީ، އިޖާބީ ގޮތަކަށް ސިކުނޑި ބަދަލުކޮށްލުމަށެވެ.

ޝެއަރކުރެއްވުމަށް