ދިވެހިރާއްޖޭގައި ތާރީޚު ބަލާއުޅެނީ ދެ ގޮތަށެވެ. އެއީ މީލާދީ ތާރީޚާއި ހިޖުރީ ތާރީޚެވެ. މީގެ ތެރެއިން މީލާދީ ތާރީޚަކީ ހުރިހާ ޤައުމެއްގައި ވެސް ބޭނުންކުރާ ތާރީޚެކެވެ. ހިޖުރީ ތާރީޚު މައިގަނޑު ގޮތެއްގައި ބަލަނީ މުސްލިމުންނެވެ. މި ދެ ވައްތަރުގެ ތާރީޚުގެ ތެރެއިން މީލާދީ ތާރީޚު ބެލުމުގައި އިންސާނުން އަހަރެއްކަމުގައި ބަލާފައިވަނީ އިރުވަށައިގެން ދުނިޔެ ބުރެއްޖަހާ މުއްދަތަކީ އެއީ އެއް އަހަރު ކަމުގައި ބަލައިގެންނެވެ. މި ތާރީޚު ބެލުމުގައި ބަލާ ކަލަންޑަރަށް ގުރެގޮރީ ކަލަންޑަރު، ނުވަތަ ހުޅަނގުގެ ކަލަންޑަރު (ވެސްޓަރން ކަލަންޑަރ)، ނުވަތަ ކްރިސްޓިއަން ކަލަންޑަރ ކިޔައެވެ. ޢަރަބި ބަހުންނާއި ދިވެހިބަހުން ކިޔާ މީލާދީ ކަލަންޑަރަކީ މިއީއެވެ.

މިއީ އިރު ދައުރުވާ ގޮތަށް ބަލައިގެން ހަދާފައިވާ ކަލަންޑަރެވެ. މިއީ ކިޔަވާ ކުދިންނަށް ވެސް މުހިންމު މަޢުލޫމާތަކަށް ވާތީއާއި އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ  މީލާދީ ތާރީޚު ބަލަން ފެށިގޮތް ވެސް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީލާދީ ކަލަންޑަރުގެ މަސްތައް އައިސްފައިވާ ގޮތާއި މީލާދީ ތާރީޚު ބަލަން ފެށުނީ ކިހިނެއްކަން ވަކި އާޓިކަލެއް ގޮތުގައި ކިޔުންތެރިންނާ ހަމައަށް ﷲގެ އިރާދަފުޅާ އެކު ފަހުގެ އަދަދެއްގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.

މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ، އަޅުގަނޑުމެން މުސްލިމުންނަށް ވަރަށް މުހިއްމު ދުވަހެކެވެ. ހިޖުރީ އައު އަހަރު ފެށޭ ދުވަހެވެ. މުސްލިމުންގެ ކަލަންޑަރަކީ ހިޖުރީ ކަލަންޑަރެވެ. ގުރީކު މީހުން ކިޔާ ހަނދުގެ ކަލަންޑަރެވެ.

ހިޖުރީ ތާރީޚު ޖަހަން ފެށުނު ގޮތް

ހިޖުރީ ތާރީޚުގެ ދުވަސްތައް ބިނާވެފައިވަނީ ހަނދު ދުނިޔެވަށައި އެނބުރޭ ގޮތުގެ މައްޗަށެވެ. މަހެއްގެ ތެރޭގައި ހަނދުގެ ސިފަ ބަދަލުވަމުންދެއެވެ. މަސްފެށޭ އިރު ހަނދުގެ ބުރު ކުޑަވާނެއެވެ. ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އައިސް ހަނދު ފުރިހަމަ ވާނީ 14 ވިލޭރޭގައެވެ. އެއަށްފަހު އަނެއްކާ ވެސް ހަނދުގެ ދާއިރާ ކުޑަވަމުން ގޮސް، މަސް ނިމެންވާއިރަށް ވަރަށް ކުޑަވެގެންދެއެވެ. އިރުގެ ދައުރުވުމާ ޚިލާފަށް ހަނދުގެ ސިފަތަކަކީ ފާޅުކޮށް އެނގެން ހުންނަ، ސިފަތަކެއްކަމުން ހަނދުގެ ސިފަތަކަށް ބަލައިގެން ވަރަށް ފަސޭހަކަމާ އެކު މަހުގެ ކޮން ދުވަހެއްކަން ދެނެގަނެވޭނެއެވެ. މިއާޚިލާފަށް އިރުގެ ނިޒާމަށް ބަލައިގެން ދުވަސް ހޯދުމަކީ ކަމުގެ ޢިލްމު ލިބިފައިވާ މާހިރުންނަށް ފިޔަވައި ހޯދަން އުނދަގޫ ކަމެކެވެ. މިގޮތަށް ހަނދަށް ބަލައިގެން ތާރީޚު ބެލުމަކީ އިސްލާމްދީނުގެ ކުރިން ވެސް މީސްތަކުން ކުރަމުން އައިކަމެކެވެ.

ވިސްނާލަންޖެހޭ މުހިއްމު ނުކުތާއަކީ ހަނދުގެ ދައުރުވުމަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑަކީ، އިރުގެ ދައުރުވުމުގެ މައްޗަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑުތަކާ އެއްވެސް ގުޅުމެއްނެތް މިންގަނޑެކެވެ. އެހެނީ، ދެ މިންގަނޑަކީ ތަފާތު ދެ މިންގަނޑެކެވެ. ހަނދުގެ ދައުރުވުމަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑުގައި ހަނދު ދުނިޔެ ވަށައިގެން ޖަހާ ފުރިހަމަ ބުރަކީ އެއްމަސް ދުވަހެވެ. އެއީ ގާތްގަނޑަކަށް 29.25 ދުވަހެވެ. ދިވެހިން އާންމުކޮށް މަހެއްކަމަށް ބަލައި އުޅެނީ 30 ދުވަހެވެ. މި މިންގަނޑަށް ބިނާކޮށް ހަނދުއަހަރަކީ ގާތްގަނޑަކަށް 354.36 ދުވަހެވެ. އެއީ ކޮންމެ އަހަރަކު މީލާދީ ތާރީޚަށްވުރެ 10.88 ދުވަހުގެ މަދު އަދަދެކެވެ.

ޖާހިލިއްޔަ ޒަމާނުގައި ވެސް، ޢަރަބިން މަސްތައް ގުނައި އުޅުނީ ހަނދަށް ބަލައިގެންނެވެ. އެ ޒަމާނުގައި އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި ވެސް ހަނދަށް ބަލައިގެން މަސްތަކަށް ނަންތައް ދީގެން ގުނާފައިވެއެވެ. އަހަރެއްގެ ތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވަނީ ބާރަ މައްސަރުކަން އިސްލާމްދީނުން އަޅުގަނޑުމެންނަށް ދަސްކޮށްދީފައި ވެއެވެ. މިކަން ވަނީ ޝަރުޢީ ގޮތުން ސާބިތުވެފައެވެ. އަހަރެއްގެ ތެރޭގައި ހިމެނޭ 12 މަހުގެ ތެރެއިން ޛުލްޤައިދާއާއި، ޛުލްޙިއްޖާއާއި، މުޙައްރަމާއި، އަދި ރަޖަބު، މި ހަތަރު މަހަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް ޙުރުމަތްތެރިވެގެންވާ މައްސަރުތަކެކެވެ. މި މައްސަރުތަކުގެ ޙުރުމަތަށް  ޓަކައި މި މައްސަރުތަކުގައި އެމީހުން ހަނގުރާމަކުރުން ހުއްޓާލާކަމުގައި އަޅުގަނޑުމެންގެ ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތުން ވެސް އެނގެއެވެ.

ހިޖުރީ މަސްތަކަށް ކިޔާފައިވާ ނަންތަކަކީ އިސްލާމްދީން އައުމަށް ފަހުގައި ވެސް ބޭނުންކޮށްފައިވާ ނަންތަކެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މުޟަރު ޤަބީލާގެ މީހުންނަށް ރަޖަބު މަސް ސިފަކުރައްވާފައެވެ. އެ ޤަބީލާގެ މީހުންނަކީ ރަޖަބުމަސް މަތިވެރިކުރާ ބައެކެވެ. މި ސަބަބާހުރެ، ރަޖަބުމަސް އެ ޤަބީލާއަށް ސިފަކުރެވެނީއެވެ.

މަސްތަކުގެ ނަންތައްދެވިފައިވީ ނަމަވެސް، ޖާހިލިއްޔަ ޒަމާނުގައި ވެސް، އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ވެސް އަހަރުތަކަށް އަދަދު ދީފައެއް ނުވެއެވެ. އެއާޚިލާފަށް އޭރުގައި ކޮންމެ އަހަރަކަށް، އެ އަހަރެއްގައި ހިނގާފައިވާ ޙާދިސާތަކަށް ބިނާކޮށް އެ އަހަރަކަށް ނަންދީ އުޅުނެވެ. މިގޮތުން “ޢާމުލްފީލް” ގެ ނަމުން މަޝްހޫރުވެފައިވާ އަހަރަކީ އަބްރަހާ ގެފުޅު ތަޅާލަން އައި އަހަރެވެ. ހަމަމިފަދައިން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ވެސް، އަހަރުތަކަށް ދީއުޅުނީ ނަންތަކެވެ. މިގޮތުން މައްކާ ފަތަޙަކުރެއްވި އަހަރަށް “ޢާމުލް ފަތުޙު” އާއި ”ޢާމުލް އަވްތާސް“ ކިޔައެވެ.

ހިޖުރީ ތާރީޚު ފެއްޓެވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަށް ބައެއް ރިވާޔަތްތަކަށް އަލިއަޅުވާލައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެން ނަމަވެސް ހިޖުރީ ތާރީޚު ލިޔުއްވަން ފެއްޓެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަށް ޞަރީޙަކޮށް ޞައްޙަ ރިވާޔަތެއް އައިސްފައިވާކަމެއް އެނގޭކަށް ނެތްކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ހިޖުރީ ތާރީޚު ފެށުނީ ޢުމަރުގެފާނުގެ ޚިލާފަތުގައި ކަމަށް ދަލީލުކުރާ ގިނަ ދަލީލުތަކެއް އައިސްފައިވެއެވެ. މި ތާރީޚު ކުރައްވަން ޢުމަރުގެފާނު ފެއްޓެވީ މަޝްވަރާގެ މަތިން، މަޝްވަރާއަށް ފަހުގައި ޞަޙާބީން އެކަމަށް އިއްތިފާޤުވެފައިވެއެވެ. އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް “އަލްބިދާޔާ ވަންނިހާޔާ” ގައި ވިދާޅުވެފައިވެއެވެ. ”(ރަސޫލާގެ ހިޖުރަޔަށްފަހު) ސޯޅަ އަހަރު، ނުވަތަ ސަތާރަ އަހަރު، ނުވަތަ އަށާރަ އަހަރު ފަހުން ޢުމަރުގެފާނުގެ ދައުލަތުގައި، (ރަސޫލާ) ހިޖުރަކުރެއްވި އަހަރުން ފެށިގެން އިސްލާމީ ތާރީޚު ޖަހަން ފެށުމަށް ޞަޙާބީން އިއްތިފާޤުވެވަޑައިގެންނެވިއެވެ. އެކަން ހިނގާދިޔަ ގޮތަކީ، އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހުއަށް މީހަކު އެހެން މީހަކަށް ކޮށްފައިވާ (ފައިސާގެ ނުވަތަ އެނޫން އެފަދަ އެއްޗެއްގެ) ލިޔުމެއް ހުށަހެޅުނެވެ. އެ ލިޔުމުގައި ވަނީ އެމީހަކަށް އެއެތި ހުއްދަވާހުށީ ޝަޢުބާން މަހުއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. “ކޮން ޝަޢުބާން މަހެއް ހެއްޔެވެ؟ ތިމަންމެން ގުނަމުން މިދާ އަހަރުގެ ޝަޢުބާންމަސް ހެއްޔެވެ؟ ނުވަތަ ވޭތުވެދިޔަ އަހަރުގެ ހެއްޔެވެ؟ ނުވަތަ މިއަންނަ އަހަރުގެ ހެއްޔެވެ؟” އޭގެފަހުގައި، (ޢުމަރުގެފާނު) ޞަޙާބީން ޖަމާކުރައްވައި، ލޭންދޭނުގެ ގޮތުގައި ދޭތަކެއްޗާއި އެނޫންތަކެތި ދައްކަންޖެހޭ ދުވަސްތައް އެނގޭނެ ތާރީޚެއް އުފެއްދެވުމަށް އެބޭކަލުންނާ މަޝްވަރާކުރެއްވިއެވެ. ފާރިސީންގެ ތާރީޚު ބޭނުންކުރެއްވުމަށް އޭގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އެކަމާ ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި ރޫމީންގެ ތާރީޚު ތާރީޚެއްކަމުގައި ހެއްދެވުމަށް އެހެން ބޭކަލަކު ހުށަހެޅުއްވިއެވެ. އެކަމާ ވެސް ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ ދުނިޔެއަށް ރައްކައުވި ދުވަހުން ތާރީޚު ބެލުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ، ރަސޫލުކަމާއިގެން ފޮނުއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން އެކަލޭގެފާނު ހިޖުރަކުރެއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ދުނިޔެ ދޫކުރެއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. މިގޮތުން ޢުމަރުގެފާނު ބުރަވެވަޑައިގެންނެވީ ހިޖުރަކުރެއްވި ދުވަހުން ތާރީޚު ފެށްޓެވުމަށެވެ. އެއީ އެކަން ސާފުކޮށް އެނގެން އޮތުމާއި، އެކަން މަޝްހޫރުވެފައިވުމެވެ. އެ އެންމެހާ ބޭކަލުން ޢުމަރުގެފާނާ މިކަމުގައި އިއްތިފާޤުވެ ވަޑައިގެންނެވިއެވެ…“

އަބޫ ދާވޫދު އައްޠަޔާލިސީ ރަޙިމަހުﷲ ރިވާކުރައްވާފައިވާ ރިވާޔަތުގައި، ހިޖުރަކުރެއްވި އަހަރަކީ ތާރީޚު ޖަހަން ފަށާ އަހަރާ މެދު އެބޭކަލުން އިއްތިފާޤުވެ ވަޑައިގެންނެވުމަށް ފަހުގައި، ފުރަތަމަ މަހަކީ ކޮބައިކަމާމެދު މަޝްވަރާކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން ރަމަޟާން މަސް އެންމެ ފުރަތަމަ މަހެއްކަމުގައި ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އަނެއްބައި ބޭކަލުން މުޙައްރަމު މަސް ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އެއީ، މީސްތަކުން ޙައްޖުގެ އަޅުކަމަށް ފަހުގައި އެނބުރި ދިއުމަށްފަހު، ދެން އަންނަ މަހަކީ މުޙައްރަމުމަސް ކަމުގައި ވާތީއެވެ.  (انظر: البداية والنهاية 4/510-511) ހިޖުރީ ތާރީޚާ ބެހޭގޮތުން އިބްނު ކަޘީރު ރަޙިމަހުﷲގެ ބަސްފުޅު ކުދި ބަދަލުތަކާ އެކު އިސްވެ ދެންނެވުނީއެވެ.

އެހެންކަމުން، މިކަމުގެ ޚުލާޞާއަކީ، ޞަޙާބީންގެ ޒަމާނުގައި ވެސް މީލާދީ ތާރީޚު ވާއިރު ވެސް، ހިޖުރީ ތާރީޚު އެއީ ތާރީޚެއްކަމުގައި ކަނޑައެޅުއްވުމެވެ. މިކަމުގައި ޞަޙާބީން އެވަނީ ހުރިހާ ބޭކަލުން އެއްބަސްވެވަޑައިގެންފައެވެ. އަދި އެބޭކަލުން ތާރީޚު ބަލާ މިންގަނޑެއްކަމުގައި ހަނދުގެ ދައުރުވުން ލައްވާފައިވާ ކަމެކެވެ. އެހެންކަމުން، ހަނދުގެ ކަލަންޑަރާއި ހިޖުރީ ކަލަންޑަރު ވަނީ ގުޅިލާމެހިފައެވެ. އެއީ ހިޖުރީ ކަލަންޑަރެވެ. ހިޖުރީ ތާރީޚާ މެދު ޞަޙާބީން އެއްބަސްވެވަޑައިގެންނެވުމުން، އެ ތާރީޚު އެވަނީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން މުހިއްމު ޝިޢާރަކަށް ވެފައެވެ. އެހެންކަމުން ހިޖުރީ ތާރީޚު ޖަހަން ފަށްޓަވާފައިވަނީ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި އިސްލާމީ ރިސާލަތަށް ފަހުގައިކަން ޔަޤީންވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވަނީ ހިޖުރީ ތާރީޚު ފެއްޓެވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްކަމާއި މެދުގައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ފަހުން އިސްލާމީ 4 ޚަލީފާއިންގެ ތެރެއިން ޢުމަރުގެފާނުގެ ޚަލީފާ ކަމާމެދުގައެވެ.

  • މަޢުލޫމާތު: ދިސަލަފިއްޔާ.ނެޓް
ޝެއަރކުރެއްވުމަށް