މޮށެއުޅޭ ބަހުރުވަތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކި ރަށެއްގެ ނުވަތަ ވަކި ސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީ ވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރެން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީ ވެސް، އަހައިފައިވަނީ ވެސް އަންނަނިވި ގޮތަށެވެ.

ހައްދުންމަތީގައި މި ލަފުޒު ބޭނުންކުރާ ރަށްރަށުގެ މީހުންނަކީ ހައްސަބައިގެން އޮޑި ލެފިޔަސް އޭގެން އެންމެ މަހެއް ވެސް ގޭދޮށަކަށް ގެންދާ ބައެއް ނޫނެވެ. އެވެރިން މަސްތައް ގޭދޮށަށް ’ގެންގަރަނޫ‘ އެވެ. ވާނޭކަމުގެ މިސާލުގައި ”ގެންގަރާނޫ“ އެވެ. ”ކަމަނާ ރިހާކުރު ހާނަނޫ މޫސާ ގެންގަރަން މަހުން“ ނެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުން ގެންގަރާން ޢާންމުކޮށް ބޭނުންކުރަނީ އަތިރިމަތިން ނުވަތަ ގޮނޑުދޮށުން ނުވަތަ ބަނދަރުމަތިން އެއްޗެއް އެއްގަމަށް ގެންދިއުމަށެވެ. ހައްދުންމަތީގެ ބަހުރުވައިން ލިޔެފައިވާ ތިރީގައިވާ ވާހަކަތަކަށް ނަޒަރު ހިންގަވައިލައްވާށެވެ.

”އަތިރީން އަރާނޫ އެއްގަމަށް. އަތިރީން އަރާން ޖެހެނޫ އަތިރިޔަކޫ އެއްގަމަށް ތުރެން ތިރި ތަނަކަށް ވަނައިތި. ހަރަގަނޑަކުން ވިސް މައްތަށް އަރާނޫ. މިސްކިތަށް ވިސް އަރާން ޖެހެނޫ މިސްކިތްވިސް ހަމަ ބިމަށް ތުރެން އުސްކޮށް ހަދާފާ ހުންނަނައިތި. އެހެންވޫމާ އަތިރި މައްތުން ހޮވަން އަކިރި ޔާ ނަގަން ވެލި އެއްގަމަށް ގެންގަރާން ޖެހެނޫ.“

ގެންގެރެން މި ލަފުޒު ބޭނުންކޮށް އުޅެނީ ގޭދޮށުގައި ނުވަތަ އެއްގަމުގައި ހުންނަ އެއްޗެއް އަތިރިއަށް ނުވަތަ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށް ގެންދިޔުމަށެވެ. އެހެންކަމުން ބައެއް ރަށްރަށުގައި އަތިރީކޮޅުގައި އުޅޭ މީހުންނާ އެއްގަމުކޮޅުގައި އުޅޭ މީހުން އުޅެތެވެ. ހައްދުންމަތީގެ އިރުމަތީ ދުނީގައި ހުރި ރަށްރަށުގައި އެއްގަމުކޮޅު ގެޔަކު ހުރި ބިލެތްތަޅާ ވަނެއް އަތިރީކޮޅު ގެޔަކަށް ގެންދާނަމަ ބުނާނީ ގެންގެރެންއެވެ. އެހެންވީމާ އިރުމަތި ފަރާތުން ހުޅަނގު ފަރާތަށް ގެންދިޔުމަށް ގެންގެރެން ބޭނުންކުރާކަމަށް އެ ރަށްރަށުގެ ބޭފުޅުންނަށް ހީފުޅުކުރެވިދާނެއެވެ.

”އެއްގަމު ހުރެފާ އަތިރިޔަށް ޖެހޭނޫ އެރޭން. އެގޮތަކޫ މައްތަ ހުރެފައި ތިރީ ހުރީ ތަނަކަށް ފައިބަންނާ ބައެއް ހާލަތްތެކަ ކިޔަނޫ އެރެނޫ އޭ. މިސާލަކަށް ބޮނަންނާ، ރާނާން އަށުމައްތަ ހުރެފާ ހަރަގަނޑަކުން ބިންމައްތަަށް ފައިބާކަށް ’ބިންމައްތަށް އެރެނޫވަކޭ‘ ކިޔައިއޮޅެން އަޑެއް ނާހަން. އެކަމަކު އެއްގަމަކޫ އަތިރިޔަށް ވުރެ އުސްތަނަކަށް ވަނައިތި އަތިރިޔަށް އެރޭން ޖެހެނޫ. މައިފިތަ ވަޅަ ދިޔަހިއްކަންނާ ވިސް ޖެހޭނޫ ވަޅަށް އެރޭން. ފުރާން ބަނދަރަމައްތަށް ވިސް ޖެހެނޫ އެރޭން. އެހެންވޫމާ، ގޭދަށަހުރީ ކުނު ބަރޯ އަތިރިޔަށް ގެންގެރޭން ޖެހެނޫ.“ މި ލިޔުމުގައި ބަލައިލެވިފައިވާ ދެ ލަފުޒުގެ ތެރެއިން ގެންގެރެން މި ލަފުޒު ބަސްފޮތުގައި ނުވެއެވެ.

ޝެއަރކުރެއްވުމަށް