ޓީމެއްގެ ތެރޭގައި އޮންނަންވީ ބަދަހި ގުޅުން ކުޑަވެ، މައްސަލަތައް ޖެހި، ކޯޅުންތައް އުފެދޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ތިރީގައި މިވަނީ މި ސަބަބުތަކުގެ ތެރެއިން އެންމެ އާންމު ދިހަ ސަބަބެކެވެ.
ޓީމެއްގެ ތެރޭގައި މައްސަލަތައް އުފެދޭ އެއް ސަބަބަކީ ރަނގަޅަށް މުވާސަލާތު ނުކެރެވުމެވެ. ޓީމުގެ ތެރޭގައި އެކަކު އަނެކަކާ ކަންކަމުގައި ރަނގަޅަށް ވާހަކަ ނުދެކެވުމެވެ. ޓީމުގެ ތެރޭގައި އެކިއެކި ކަންކަމުގައި އެކަކު އަނެކަކަށް ސާފުކޮށް އެނގި، އޮޅުންފިލާނޭހެން ވާހަކަ ދައްކައި މަޝްވަރާ ނުކުރެވޭނަމަ ނުވަތަ އެފަދަ މާހައުލެއް އޮންނަ ނަމަ މައްސަލަތައް ޖެހުން ދުރުވެ، އިތުބާރު އުފެދި ޓީމުގެ ތެރޭގައި އެކުވެރިކަން ވަރުގަދަވާނެއެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ދެވަނަ ކަމަކީ މަވަންތަކަމެވެ. ޓީމުގެ މެންބަރުންގެ މެދުގައި މަވަންތަކަން ބޮޑުވުމުގެ ސަބަބުންނާއި ގޮތްދޫނުކުރުމާއި އެހެން މީހުންގެ ޚިޔާލަށް އިޙުތިރާމު ނުކުރުމުގެ ސަބަބުން މައްސަލަތައް އުފެދެވެ. ބައެއް މީހުންނަށް އެ މީހަކީ އެހެން މީހުންނަށްވުރެ މާ މޮޅު، މާ ކުޅަދާނަ އަދި މާ މަތީ މީހެއްކަމަށް ހީވެއެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ފެންނަގޮތް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކުން ދޫކޮށްލައިފި ނަމަ ޓީމުވަންތަކަމުގެ ރޫޙު ވަރުގަދަވާނެއެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ތިންވަނަ ސަބަބަކީ ލަނޑުދަނޑިތައް ތަފާތުވުމެވެ. ޓީމުގެ ތެރޭގައި އެކި މީހުން އެކި ލަނޑުދަނޑި ހާސިލުކުރަން މަސައްކަތްކުރާނަމަ އަދި ލަނޑުދަނޑި ހާސިލުކުރުމުގައި އިސްކަންދޭ ތަރުތީބު ތަފާތު ނަމަ މައްސަލަތައް ޖެހޭނެއެވެ. ޓީމުގެ ކޮންމެ މެންބަރެއް ވެސް އެއް ލަނޑުދަނޑިއެއް ހާސިލުކުރަން މަސައްކަތްކުރާ ނަމަ މައްސަލަތައް މަދުވެފައި ހަމަނުޖެހުންތައް ކުޑަވާނެއެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ހަތަރުވަނަ ސަބަބަކީ ވަސީލަތްތަކުގެ ވާދަވެރިކަމެވެ. އާލާތްތަކާއި، ވަސީލަތްތަކަށް ޚާއްޞަކޮށް މުވައްޒަފުން ނުވަތަ އިންސާނީ ވަސީލަތްތަކަށް އޮންނަ ވާދަވެރިކަން ބޮޑުވުމެވެ. މީހުންނާއި ވަސީލަތްތަކުގެ ދަތިކަމާއެކު ގައި ނުވަތަ ލިބެން ހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ރޫޙަކީ މިކަމުގެ ހައްލެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ފަސްވަނަ ސަބަބަކީ ލީޑަރޝިޕްގެ ކޯޅުންތަކެވެ. ލީޑަރުންގެ މެދުގައި ބައިބައިވުމާއި ޚިޔާލު ތަފާތުވުންތައް އޮންނަ ނަމަ ޓީމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި ލީޑަރުން ގެންގުޅޭ ލީޑަރޝިޕް ސްޓައިލްތައް ނުވަތަ ވައްޓަފާޅިތަކާއި ޓީމު ލީޑްކުރާގޮތުގެ ސަބަބުން ވެސް ޓީމު ތެރޭގައި މައްސަލަތައް ޖެހެއެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ހަވަނަ ސަބަބަކީ މަސައްކަތުގެ ވައްޓަފާޅި ނެތުމެވެ. ޓީމުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެގޮތް ނޭނގޭ އަދި މަސައްކަތުގެ އަޚުލާޤެއް ނެތް ނާގާބިލު މީހުންގެ ޓީމުގައި ތިބުމެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށް ބުރަ ބޮޑުވެ، ނަތީޖާ ނުނެރެވި، ގަޑިއަށް ކަންކަން ނުނިމި ލަސްވާނެއެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ހަތްވަނަ ސަބަބަކީ ބަދަލަށް ދެކޮޅުހެދުމެވެ. ކޮންމެ ކަހަލަ ބަދަލަކަށް ވެސް ދެކޮޅު ހެދުމަކީ ވަރަށް ގިނަ ބައެއްގެ ތަބީޢަތުގައި އޮންނަ އާދައެކެވެ. އެހެންކަމުން ކޮންމެ ބަދަލެއް ގެންނައިރު ވެސް އެކަމުގެ މަޢުލޫމާތު ޓީމުގެ އެންމެންނަށް ދީ، އެ މީހުންގެ މަޝްވަރާ ހޯދުމަކީ ފައިދާވާނެ ކަމެކެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ އަށްވަނަ ސަބަބަކީ ބަރޯސާނުވެވުމެވެ. ބަދަހި ޓީމެއްގެ އެއް ސިފައަކީ އެކަކު އަނެކަކަށް ކުރާ އިތުބާރާއި އެކަކު އަނެކަކަށް އޮންނަ ޔަގީންކަމެވެ. މިކަންކަން ބިނާވަނީ ޓީމުގެ އެކަކު އަނެކަކަށް ބަރޯސާކުރެވޭ މިންވަރެއްގެ މައްޗަށެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މަސައްކަތް ފުރިހަމަކުރާނެކަމުގެ ޔަގީންކަން އޮންނަ އޮތުމުގެ މައްޗަށެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ނުވަވަނަ ސަބަބަކީ ސަގާފަތްތައް ތަފާތުވުމެވެ. އެކި ސަގާފަތްތަކުގެ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނީ އެކަކު އަނެކެއްގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކޮށްގެންނެވެ.
ޓީމެއްގެ ތެރޭގައި މައްސަލަ ޖެހޭ ދިހަވަނަ ސަބަބަކީ ބައިވެރިވުން ކުޑަވުމެވެ. ކޮންމެ މީހަކު ވެސް ޓީމެއްގެ ތެރޭގައި އުޅޭއިރު ފަރުދީގޮތުން އެކަށީގެންވާ ވަރުގެ ހިއްސާއެއް އަދާނުކުރާނަމަ މައްސަލަތައް ދިމާވާނެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމާއެކު ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރިވާނަމަ މައްސަލަތައް މަދުވާނެއެވެ.
