ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ގެންގުޅުނު އާދައަށް އައި ބަދަލާ އެކު، ފާއިތުވި އަހަރުތަކުގައި ވޭޕްކުރުން އާންމުވެ، ޒުވާނުންގެ މެދުގައި އެކަން ”މަގުބޫލު“ ކަމަކަށް އޮތީ ވެފައެވެ. ނަމަވެސް، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން ”ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟“ މިއީ އެ ބޭނުންކުރާ ފަރާތްތަކުގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި، ވޭޕިންގއާ ގުޅޭ ޞިއްޙީ މައްސަލަތަކާއި އެ ޢަމަލު ހުއްޓުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލައިލުން މުހިންމެވެ.
ވޭޕިންގގެ ސަބަބުން މެދުވެރިވާ ދިގު މުއްދަތުގެ އަސަރުތަކާ ބެހޭ ގޮތުން މާހިރުންނަށް އެހާޔަޤީންކަމާ އެކު ބުނެދޭން ނޭނގުނު ކަމަށްވިޔަސް، އެކި ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕިންގއިން ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ޕަބްމެޑް ޖާނަލްގައި ޝާއިޢުކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، 2020 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރެޓް ބޭނުންކުރާ މީހުންގެ ކިބައިގައި، އެފަދަ އެއްޗެހި ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު، ނޭވާލާ ނިޒާމާ ގުޅުންހުރި ބައްޔެއް ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް ވުރެ އިތުރެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރެޓާއި އާންމު ސިނގިރެޓް، މި ދެ ބާވަތް ވެސް ބޭނުންކުރާ މީހުންގެ ކިބައިގައި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ (އެލިންގޓަން، 2020).
ބައެއް މާހިރުން ދެކޭގޮތުގައި ވޭޕްކުރުމަކީ ސިނގިރޭޓް ބުއިމަށް ވުރެ ގެއްލުން ކުޑަ ކަމެކެވެ. ނަމަވެސް މީގެ ދިގު މުއްދަތުގެ އަސަރުތަކާ ބެހޭގޮތުން އަދިވެސް ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ވޭޕްކުރުމުގައި ވެސް ސިނގިރޭޓް ބުއިމުގައި ހުރި ގިނަ ނުރައްކާތައް އެބަހުއްޓެވެ. މިއީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ.
އީ-ސިނގިރޭޓާއި ވޭޕިންގ ވަސީލަތްތަކުގެ ނުރައްކާތެރިކަން އަޅާކިޔުމަކީ އެތައް އަހަރެއް ވަންދެން ޞިއްޙީ މާހިރުންގެ މެދުގައި ބަހުސްކުރެވެމުން އައި މަޢުޟޫއެކެވެ. މި ބަހުސްގެ މައިގަނޑު ސަބަބަކީ، ވޭޕިންގ ވަސީލަތްތަކުގައި ދުންފަތާއި ޓާރު އަދި ސިނގިރޭޓްގައި ހުންނަ ބައެއް މާއްދާތައް ނުހިމެނުމެވެ. މިކަމުގެ ސަބަބުން، ގިނަ ބަޔަކު ދެކޭގޮތުގައި ވޭޕްކުރުމަކީ ސިނގިރޭޓް ބުއިމަށްވުރެ ރައްކާތެރި ކަމެކެވެ.
ވޭޕްކުރުމާއި ސިނގިރޭޓް ބުއިމުން އެއްގޮތް ޞިއްޙީ ނުރައްކާތަކެއް ހުރެއެވެ. ނަމަވެސް އޭގެ ނުރައްކާތެރިކަން މިނެކިރާ މިންވަރުގައި ބައެއް ތަފާތުތައް ހުރެއެވެ. މިސާލަކަށް، ދެ ބާވަތުގައި ވެސް ނިކޮޓިން އެކުލެވޭ އިރު، ވޭޕިންގ ވަސީލަތްތަކުގައި ދުންފަތުގެ ބަދަލުގައި ބޭނުންކުރަނީ ކެމިކަލްތަކެވެ. މިކަމުގެ ސަބަބުން ވޭޕްކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވެދާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ވޭޕިންގ ވަސީލަތްތަކުގައި ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން އެހެން ބާވަތުގެ ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މީގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތައް ހިމެނެއެވެ. އަދި ވޭޕްކުރުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ނިކޮޓިންއަށް ދެވިހިފުމުގެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
2019 ވަނަ އަހަރު އެމެރިކާގައި ވޭޕްކުރުމާ ގުޅުންހުރި ފުއްޕާމޭގެ ބަލިތައް އިތުރުވުމާ ގުޅިގެން، މި ޚިޔާލުތައް ބަދަލުވާން ފެށިއެވެ. ގިނަ ބަޔަކަށް ހީކުރެވުނީ ވޭޕްކުރުމަކީ ޙަޤީޤަތުގައި ސިނގިރޭޓް ބުއިމަށް ވުރެ ގެއްލުން ބޮޑު ކަމެއް ކަމަށެވެ. ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުންތައް ގިނައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ލިބޭ ގެއްލުމާއި ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކެއް ވަނީ ހޯދިފައެވެ. އެހެންނަމަވެސް، ވޭޕުން ލިބޭ ގެއްލުންތަކުގެ އެންމެ ފުންމިނަށް ވާސިލުވުމަށް އިތުރު ދިރާސާތައް ކުރެވެމުން ދެއެވެ. ވޭޕްކުރުމުން ފާހަގަކޮށްލެވޭ އެއް ގެއްލުމަކީ ލިޕޮއިޑް ނިއުމޯނިއާއެވެ. ވޭޕްގައި އެކުލެވޭ އެއިރޮސޯލް ނުވަތަ ”ތެޔޮ ހިމެނޭ ދުން“ ފުއްޕާމެޔަށް ވާސިލުވުމުން، ފުއްޕާމޭގެ އެލްވިއޯލައިގެ ޓިޝޫތަކުގައި ފެޓް ޑިޕޮސިޓްވުމުން، ފުއްޕާމޭގައި އުފެދޭ ދިފާޢީ ރައްދުގެ ސަބަބުން ޓީޝޫތައް ދުޅަވެ ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރައެވެ. ދިގު ދެމިގެންދާ މި ހާލަތުގެ ސަބަބުން ލިޕޮއިޑް ނިއުމޯނިއާއަށް ބަދަލުވެއެވެ. މި ހާލަތުގެ ސަބަބުން، ފުއްޕާމޭގެ ވައި ދައުރުކުރުން ވަރަށް ބޮޑަށް ދަށްވެއެވެ. މިހެންވުމުން، ހަށިގަނޑަށް އެތެރެވާ އޮކްސިޖަންގެ މިންވަރު ދަށްވެ، އިތުރު ޞިއްޙީ މައްސަލަތައް މެދުވެރިވެއެވެ.
ދެން އޮތީ ކޮން ގޮތެއް؟
ވޭޕް މަނާކުރުމާ ގުޅިގެން، ގިނަ ބަޔަކު ހިތަށް އަރާނެ ސުވާލަކީ ”ދެން ކިހިނެއް ހަދާނީ؟“ މިއެވެ. މިއަށް ޖަވާބު ދިނުމަށް ޓަކައި، އަޅުގަނޑުމެން ވިސްނާލަން ޖެހެނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ދޫކޮށްލުމުގެ މުހިންމުކަމާ މެދުގައެވެ.
- ޞިއްޙީ އެހީ ހޯދުން: ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ދޫކޮށްލުމަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކްލިނިކްތައް ދަމަނަވެށި އަދި އައިޖީއެމް ހޮސްޕިޓަލްގައި ގާއިމުކުރެވިފައިވެއެވެ. މި ތަންތަނުން، ސިއްޙީ މާހިރުންގެ ލަފާ ހޯދިދާނެއެވެ.
- ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ: ނިކޮޓިން ޕެޗް، ގަމް، ނުވަތަ ލޮޒެންޖް ފަދަ ބާވަތްތައް ބޭނުންކޮށްގެން ނިކޮޓިންގެ އަސަރު މަޑުމަޑުން ކުޑަކުރުމަކީ ވަރަށް ގިނަ މީހުންނަށް ހައްލުލިބިފައިވާ ކަމެކެވެ.
- ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން: ދުޅަހެޔޮ ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ނިދުމުގެ އާދަތައް ރަނގަޅުކުރުމާއި، ގިނަވަގުތު އާއިލާއާ އެކު ހޭދަކުރުމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ދޫކޮށްލުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
- ނަފުސާނީ އެހީތެރިކަން ހޯދުން: ބައެއް މީހުންނަށް ކައުންސެލިންގ ނުވަތަ ސަޕޯޓް ގުރޫޕުތަކުގައި ބައިވެރިވުމުން އެހީތެރިކަން ލިބުމުން މިފަދަ އާދަތައް ހުއްޓާލުމަށް މަގުފަހިވެއެވެ.
ވޭޕް މަނާކުރުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، މިކަމުގެ ސަބަބުން ބައެއް މީހުންނަށް ”ނަފުސާނީ“ ދަތިތަކާ ކުރިމަތިވެދާނެއެވެ. މި ދަތިތައް ޙައްލުކުރުމަށް ޓަކައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދައާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި، ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުޖުތަމަޢުގެ ގޮތުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ މުހިންމު ޒިންމާއެކެވެ.
ވޭޕް މަނާކުރުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވީ ނަމަވެސް، މިއީ ހަމައެކަނި ފުރަތަމަ ފިޔަވަޅެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ މުޅިން ނައްތާލުމަށް ޓަކައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. މިކަމުގައި ކޮންމެ މީހެއްގެ ވެސް ފަރުދީ ދައުރެއް އޮވެއެވެ. އަމިއްލަ ނަފުސަށާއި، ޢާއިލާއަށާއި، އަދި މުޖުތަމުގެ ލާބައަށް ޓަކައި ޞިއްޙަތަށް ފައިދާހުރި ރަނގަޅު ނިންމުންތައް ނިންމުމަށް ހިތްވަރުދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މިގޮތަށް ޢަމަލުކުރުމުން، އަޅުގަނޑުމެންނަށް ދުޅަހެޔޮ، ދުންފަތުން މިނިވަން މުޖުތަމަޢެއް ބިނާކުރެވޭނެއެވެ.
މަސްދަރު:
- ސާސްޗާ އެލިންގްޓަން. (2020). ޕްރޮޑަކްޓް، ސަބްސްޓޭންސް-ޔޫޒް، އެންޑް ޑެމޮގްރެފިކް ކެރެކްޓެރިސްޓިކްސް އޮފް ހޮސްޕިޓަލައިޒްޑް ޕޭޝަންޓްސް އިން އަ ނޭޝަންވައިޑް އައުޓްބްރޭކް އޮފް އީ-ސިނގެރޭޓް، އޮރ ވޭޕިންގ، ޕްރޮޑަކްޓް ޔޫޒް-އެސޯޝިއޭޓެޑް ލންގް އިންޖަރީ. މޮރބިޑިޓީ އެންޑް މޯޓާލިޓީ ވީކްލީ ރިޕޯޓް (އެމްއެމްޑަބްލިޔުއާރް).
