ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި ދިވެހިރާއްޖެއަކީ، އިއްތިހާދީންނާ އެކު އޮތް، ފުރިހަމަ ބައިވެރިއެކެވެ. އިއްތިހާދީންގެ އަސްކަރީ ބޭނުންތަކަށް، އިނގިރޭސި ސިފައިން ދިޔައީ އައްޑު އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. ތިލަދުންމަތި އުތުރުބުރި ކެލާތުނޑި ވެސް، 1943 އިން ފެށިގެން އިނގިރޭސި ވައިގެ ސިފައިންގެ ހަރަކާތްތަކަށް ސަރުކާރުން އޮތީ ހަމަޖައްސަވައިދެއްވާފައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދެ ފަރާތުގެ ސީދާ ކުރިމަތިލުމެއް ދިވެހިރާއްޖޭގެ ރަށެއްގައި ހިނގާފައި ނެތަސް، ”ހަނގުރާމައިގެ އަސަރާއި ރަހަ“ ވަނީ ރާއްޖެއާ ހަމައަށް ފޯރާފައެވެ.
ރާއްޖޭގެ ރަށަކާ އެންމެ ކައިރިން ދެވުނު ހަމަލައަކީ، އައްޑު އަތޮޅުގައި ބަނދަރުކޮށްފައި އޮތް އިނގިރޭސީންގެ ތެޔޮ ބޯޓަށް ދިން ހަމަލާއެވެ. މި ހަމަލާ ފިޔަވައި، ދެވަނަ ބޮޑުހަނގުރާމައިގެ އަސްކަރީ ސީދާ ހަމަލާއެއް ރާއްޖޭގެ އަތޮޅަކަށް އަރާފައެއް ނުވެއެވެ. ނަމަވެސް ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އިއްތިހާދީންގެ ހަރަކާތްތައް އިތުރުވުމުގެ ނަތީޖާއަކީ ދިވެހި ކަނޑުތަކާއި ކަނޑުމަގުތައް ނުރައްކަލަށް ހުށަހެޅި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގިނަ ހަމަލާތަކެއް ބަދަލުކުރެވުމެވެ. އެ ދުވަސްވަރު، ޚާއްޞަކޮށް 1943 އިން ފެށިގެން، މި ސަރަހައްދުގައި ގިނަ އުޅަނދުތަކަކަށް ހަމާލާދީފައިވެއެވެ. ފައްތާލެވިފައިވާ މަނަވަރާއި، ބޯޓުފަހަރުގެ މަޢުލޫމާތު، ދެވަނަ ބޮޑުހަނގުރާމައިގެ އަސްކަރީ ރިކޯޑްތަކުން ފެންނާން އެބަ ހުއްޓެވެ.
ދެވަނަ ބޮޑުހަނގުރާމަ ދުށް، ކަނޑުމަތީގެ އެންމެ ހިތާމަވެރި އެއް ކާރިސާ ހިނގާފައި ވަނީ ވެސް، ހުވަދޫކަނޑުގައި (ވަން އެން ހާފް ޑިގްރީ ޗެނެލް) ޖަޕާނުން އިނގިރޭސި އުޅަނދަކަށް ދިން ހަމަލާއެއްގައެވެ. މި ލިޔުމުގައި ބަލައިލާފައި ވާނީ ހުވަދޫ ކަނޑުގައި ދެވުނު އެ ހަމަލާއަށެވެ. އެއީ ”އެސްއެސް ހިދުވް އިސްމާއީލް“ ފައްތާލެވި، ދަތުރުކުރި މީހުންގެ ތެރެއިން 1300 އެއްހައި މީހުން ކަނޑުވި ހިތާމަވެރި ހާދިސާއެވެ.
ހިދުވް އިސްމާއީލްއަކީ އިނގިރޭސި ސިފައިން އުފުލި ބޯޓެކެވެ. ހުވަދޫ އަތޮޅުން ދަރަޖައެއް ވަރު އިރުން، ދަތުރުކޮށްފައި ދަނިކޮށް، ޖަޕާނު ސަބްމެރީނަކުން މި ބޯޓު ފައްތާލި ހާދިސާ، ތާރީޚުގެ ތެރެއަށް ވަދެފައި ވަނީ ދެވަނަ ބޮޑުހަނގުރާމައިގައި ތިންވަނައަށް ހިނގި އެންމެ ހިތާމަވެރި ކަނޑުމަތީ ކާރިސާގެ ގޮތުގައެވެ.
އެ ހާދިސާ ހިނގިއިރު ބޯޓުގައި ފަޅުވެރީންނާ އެކު ޖުމުލަ 1536 މީހުން ތިބިކަމަށްވެއެވެ. ޖަޕާނުގެ އެ ހަމަލާއިން ސަލާމަތްވީ، 214 މީހުންނެވެ. ތޭރަ ސަތޭކައެއްހައި މީހުން، މި ކާރިސާގައި ކަނޑަށް ޣަރަގުވެ، ދުނިޔެއަޅައި ދިޔައެވެ. އޭގެ ތެރޭގައި އެ ބޯޓުގައި ތިބި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 77 އަންހެނުންގެ ތެރެއިން 6 މީހުން ފިޔަވައި އެންމެން ހިމެނުނެވެ. ގިނައީ ނަރުހުންނެވެ. މިއީ ކޮމަންވެލްތުގެ ޤައުމެއްގައި، އަސްކަރީ ހަމަލާއެއްގައި، އެހައި ގިނަ އަދަދެއްގެ އަންހެން ނަރުހުން އެއްފަހަރާ މަރުވި ހާދިސާ ވެސް މެއެވެ. ދެވަނަ ބޮޑުހަނގުރާމައިގައި، ކަނޑުގެ އެންމެ ހިތާމަވެރި އެއް ކާރިސާއަށް މި ހާދިސާ ވެގެން ދިޔައީ އެހެންވެއެވެ. މި ހާދިސާއާ އެކު ކުރިއަށް ވަޑައިގަންނަވާށެވެ.
އެއީ 1944 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވީ ހޮނިހިރު ދުވަހެވެ. އުޑުމަތި ސާފު، ވިލާ ރޮއްޖެއް ވެސް ނެތް، ވަޔާއި ރާޅު މަޑު، މޫސުން ރީތި ދުވަހެކެވެ. ވަގުތަކީ މެންދުރު ފަހު 2:00 އާއި 3:00 އާ ދެމެދުގެ ވަގުތެވެ. ބަރުމާގައި އިނގިރޭސީން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގެންދާ އިރުމަތީ އެފްރިކާގެ އާޓިލަރީ ލަޝްކަރުގެ 301 ވަނަ ފީލްޑް ރެޖިމެންޓާއި ކޮޅުނބުގައި ހުރި އިނގިރޭސީންގެ އަސްކަރީ ހޮސްޕިޓަލަށް ބަދަލުކުރާ ނަރުހުން ގޮވައިގެން މި ބޯޓު ދަތުރުކުރަމުން ދިޔައީ ކެންޔާގެ މޮމްބާސާއިން ކޮޅުނބަށެވެ. އެއީ ރީތި ދުވަހެއް ކަމުން، ގިނަ މީހުން ތިބީ މެންދުރުގެ ނާސްތާއަށް ފަހު ދުވަހުގެ އުފާވެރިކަމުގައި ބައިވެރިވެލުމަށް ބޯޓުގެ ތައްޓުމަތީގައެވެ. އެއްބަޔަކު އޮށޯވެލައިގެން ތިބި އިރު، އަނެއް ބަޔަކު ޓޮނިކް ބުއިމާއި ތާސްކުޅުމުގައި މަސްއޫލުވެ ތިއްބެވެ. ތައްޓުމަތީގައި، ނަރުހަކު ޕިއާނާއަކުން ކުޅެމުން ދިޔަ ހިތްގައިމު ރާގު ޖައްވަށް ފެތުރެމުން ދިޔައެވެ. ވައިގެ ތެރެއިން ދެން އިވެމުން ދިޔައީ، އިންޖީނުގެ މަޑު ގުގުމާއި، ދިރުނބާކޮޅުން ކެފެމުންދާ ރާޅުތައް ބޯޓާ ސަމާސާކުރަމުންދާ އަޑެވެ. މި އުފާވެރި މާހައުލުގައި، ބޯޓުގައި ތިބި މީހުންނަށް، ބޮޑުހަނގުރާމައެއްގެ އަސަރު ކައިރި ހިސާބެއްގައި ނެތްފަދައެވެ. އެހެނަސް، އެއީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއެވެ. ނުރައްކަލާ ކުރިމަތިލާން މި ޖެހެނީ އިންޒާރެއް ވެސް ލިބުމަކާ ނުލައެވެ.
ހިދުވް އިސްމާއީލްގެ ތައްޓުމަތީގައި ތިބި މީހުންނަށް ވަށައިގެން އޮތް ކަނޑުގެ މާހައުލު ފެންނަން އޮތީ ކިތަންމެ އަމާންކޮށް ކަމުގައި ވިޔަސް، ޖަޕާނުގެ އައި-27 ސަބްމެރިން، ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހުވަދޫކަނޑު ހުރަސްކޮށް، ހިދުވް އިސްމާއީލްއާ އެކު ދަތުރުކުރަމުން ދިޔަ ބޯޓުތަކާ ގާތްކުރަމުން ދިޔައެވެ. ތައްޓުމަތީގައި އޮތް އުފާވެރިކަމާއި، ފެންނަން އޮތް އަމާންއޮމާން އުފާވެރި މަންޒަރު، ހިނދުކޮޅެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ބަދަލުވެދިއުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަން ބޯޓުގައި ތިބި މީހުންނަށް އޭރަކު އަދި ނޭނގެއެވެ.
ކުއްލިއަކަށް، އައި-27 ގެ ޕެރިސްކޯޕް ދަނޑި (ކަނޑުގެ ސަތަހުގައި ހިނގާ ކަންތައްތައް ބެލުމަށް ސަބްމެރީންގައި ބޭނުންކުރާ ދުރުމި) ކަނޑުން މައްޗަށް 3 ފޫޓެއް ވަރު ހިއްލާފައި ހުރިތަން ހިދުވް އިސްމާއީލްއާ އެކު ދަތުރުކުރަމުން ދިޔަ އެހެން ދެ ބޯޓަކަށް ފެނުނެވެ. އޭރު، ޖަޕާނުގެ ސަބްމެރިން (އައި-27) ކޮމާންޑަރ ޓޮޝިއާކީ ފުކުމުރާ، ފަރިކޮށްގެން އޮތް އަމާޒަކީ، އިނގިރޭސި އަސްކަރިއްޔާގައި ހިމެނޭ ބާރުގަދަ އެއް މަނަވަރު، އެޗްއެމްއެސް ހޯކިންސްއެވެ. ވަގުތު ބަލާފައި، ހޯކިންސްއާއި ދިމާއަށް ހަތަރު ޓޯޕިޑޯ ފޮނުވާލިއެވެ. ދެ ޓޯޕިޑޯ ދިޔައީ އަމާޒުން ކައްސާލައިގެންނެވެ. ދެން ކަންތައްވީ ހީވެސްނުކުރާވަރުގެ ބަދުނަސީބުވެރިކޮށެވެ. އަނެއް ދެ ޓޯޕިޑޯ އެރީ އެ ވަގުތު ހޯކިންސްގެ ކަނާތްފަރާތު އަރިމަތިން، އެ މަނަވަރާ އަރާހަމަކުރަމުން ދިޔަ ހިދުވް އިސްމާއީލްއަށެވެ. މި ދެ ޓޯޕިޑޯ ހަމަލާގެ ޝިކާރައަކަށްވެ، ގާތްގަނޑަކަށް 1 މިނެޓް 40 ސިކުންތުތެރޭގައި ހިދުވް އިސްމާއީލް ހުވަދޫކަނޑުތެރެއަށް ފެތިގެން ދިޔައީ، ހީވެސްނުކުރާހާ އަވަހަށެވެ.
ފުރަތަމަ ޓޯޕިޑޯ އެރީ ބޯޓުގެ ކަނާތްފަރާތުން، ބޯޓުގެ ހަތަރުވަނަ ކޮމްޕާޓްމަންޓަށެވެ. މި ޓޯޕިޑޯ ގޮވުމާ އެކު ބޯޓުގެ މައިކުނބު ވެއްޓި، ކަނާތްފަރާތަށް އަރިއަޅާލިއެވެ. އޭގެ 5 ސިކުންތު ފަހުން ބޯޓުގެ ކަނާތްފަރާތުން ބޮއެލަރު ކޮޓަރިއަށް އެރި ޓޯޕިޑޯއިން ބޮއެލަރެއް ގޮވައި، ދުންހޮޅިތެރޭގައި އަލިފާން ހިފައި، މީހުން އުޅޭ ޑެކާއި، ބޯޓުގެ ސިޑިބައި ވެއްޓި، ގިނަ ބަޔަކު ބޯޓުތެރޭގައި ތާށިވެ، ބޯޓު ވެސް ދެ ބުރިވެ، ކޮޅުފަސްކޮޅު އަޑިއަށް ދިއުމާ އެކު ދިރުނބާކޮޅު ކޮއްޅަށް ޖެހި، ހިނދުކޮޅެއްގެ ތެރޭގައި އަޑިއަށް ދިޔައީއެވެ. ބައެއް މީހުންނަށް ކަނޑަށް ފުންމާލެވުނެވެ. ކޮންމެވެސް ވަރަކަށް ލައިފްބޯޓާއި ރާފްޓް ވެސް އަތުޖެހުނެވެ.
އައި-27 ސަބްމެރީނަކީ ބޮޑު އުޅަނދެކެވެ. ދިގުމިން ގާތްގަނޑަކަށް އިނގިރޭސި ޑިސްޓްރޯޔަރ އެޗްއެމް އެސް ޕެޓާޑްއާ އެއްވަރެވެ. ޕެޓާޑްއަކީ ހިދުވް އިސްމާއީލަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިޔަ އެއް މަނަވަރެވެ. ހަމަލާދިން ސަބްމެރީންގެ ދުވެލި ބާރު ވިޔަސް، އުޅަނދު ބޮޑުކަމުން ކަނޑުމަތީގައި ހަލުވި ހަރަކާތްތަކެއް ނުކުރެވެއެވެ. އަނބުރާލެވެނީ ލަހުންނެވެ. ކަނޑުއަޑިއަށް ފީނައިގަންނަން ވެސް ގިނަ ވަގުތު ބޭނުންވެއެވެ. މިއިން ކޮންމެ ކަމަކީ، އެ ސަބްމެރީނަށް ހަމަލާދޭން ހުޅުވާލެވޭ ރަނުގެ ފުރުސަތެވެ. އެއީ، އެފަދަ ބޮޑު ސަބްމެރީނެއްގެ އެންމެ ބޮޑު ބަލިފައި ވެސް މެއެވެ.
އައިއެސް-27 ގެ ކޮމާންޑަރ ޓޮޝިއާކީ ފުކުމުރާއަކީ ހަމަލާދިނުމުގެ ކާމިޔާބު ތާރީޚެއް އޮތް މީހެކެވެ. އޭރުވެސް އޭނާ ވަނީ އިއްތިހާދީންގެ 10 ބޯޓު ހަލާކުކޮށްލާފައެވެ. ފެބުރުވަރީ 1943 ގައި މި ސަބްމެރީނާ ހަވާލުވި ފުކުމުރާ މަޝްހޫރުވެފައިވަނީ، އޭނާ ފައްތާލާ ބޯޓުތަކުން ސަލާމަތްވާން ކަނޑަށް ފުންމާލާ މީހުންނަށް، މެޝިން ބަޑިން ހަމަލާދީ އެންމެން މަރާމީހާގެ ގޮތުގައެވެ.
ހިދުވް އިސްމާއީލަށް އެހީތެރިކަން ދިނުމަށް އައްޑު އަތޮޅުން ފޮނުވި އެޗްއެމް އެސް ޕެޓާޑް އާއި ޕެލަޑިން ވަނީ، ކަނޑުވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ. އެހެނަސް، ކަނޑުވެފައި ތިބި މީހުންނާ ގާތަށް، ދެ މަނަވަރު ދިޔަ އިރު، ޕެޓާޑުން، އައި-27 އޮތްކަމަށް ލަފާކުރެވޭ ޕޮއިންޓްތަކަށް ޑެޕްތުޗާޖުން ހަމަލާދިނެވެ. ކަނޑުވެފައި އޮތް މީހަކު ފަހުން ބުނެފައި ވަނީ، ކަނޑުގައި އެ މީހުން ތިބި ވަގުތު އެ މީހުންނާ ގާތުން ޑެޕްތުޗާޖެއް ގޮވައި އޭނާއަށް ވަރަށް ލޮޅުން އެރިކަމަށެވެ. މިކަން މިހެން ހިނގާފައިވާ ނަމަ، ޑެޕްތުޗާޖުން ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އޮންނާނެއެވެ. އެހެނަސް، ނޭވީ ޕްރޮޓޮކޯލްގައި އޮންނަނީ ހަނގުރާމައިގެތެރޭގައި ކަނޑުވާ ސިފައިންގެ ސަލާމަތަށް ވުރެ އިސްކަން ދޭންޖެހޭނީ، ސަލާމަތުން ތިބި އުޅަނދުތަކަށް ރައްކައުތެރިކަންދިނުމަށެވެ. މިގޮތުން ބަލާ އިރު ސަބްމެރިން ނައްތާލުމަކީ، ހިދުވް އިސްމާއީލާ އެކު ދަތުރުކުރަމުން ދިޔަ އެހެން އުޅަނދުތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަން އޮތް އެންމެ މުހިއްމުކަމެވެ. ސަބްމެރިން ނައްތާލުމުގައި ޕެޓާޑާއި ޕެލަޑިންގެ މަސައްކަތް ކާމިޔާބުވެފައި ވިޔަސް، އެ ހާދިސާގައި 1300 އެއްހައި މީހުން މި ދުނިޔެއާ އަލްވަދާޢުކިޔާފައި ވެއެވެ. އެ ހިތްދަތިކަމަށް 77 އަހަރުވެފައިވާ އިރު، އެހައި ގިނަ މީހުން މަރުވިގޮތުގެ ސާފު ޖަވާބު ހޯދިފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ޑެޕްތު ޗާޖު، ނުވަތަ، ސަބްމެރީނަށް ހަމަލާދިނުމަށް ކަނޑުގެ އަޑިއަށް ގޮއްވާލެވޭ ބޮމުގެ ހަމަލައިގައި ސަބްމެރިން ކަނޑުގެ މައްޗަށް އަރަން މަޖުބޫރުކުރުވައި، އެއަށް މެޝިންބަޑިން ހަމަލާދިނެވެ. މި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތެރޭގައި، ޕެލަޑިންގެ ކެޕްޓަންގެ ވިސްނުމަކަށްވީ މަނަވަރުން ސަބްމެރީނުގައި ޖެއްސުމެވެ. މިކަމުގައި ހުރި ނުރައްކައުތެރިކަން، ޕެޓާޑްގެ ކެޕްޓަނަށް ވިސްނި އެކަން ނުކުރުމަށް ލަފާދިން ނަމަވެސް އެ ލަފަޔާ އެއްގޮތަށް ޕެލަޑިންއަށް އަމަލުކުރެވުނީ ސަބްމެރީނާ މާ ކައިރިވި ފަހުންނެވެ. ނަތީޖާއަކަށްވީ، އަނބުރާލުމުގެ ތެރޭގައި، ސަބްމެރީނުގެ ހައިޑްރޯޕްލޭންގައި (ސަބްމެރިން އަޑިއަށް ދާއިރު، އޭގެ މިސްރާބް ހިފަހެއްޓުމަށް ޓަކައި ހަރުކޮށްފައި ހުންނަ ފިޔައެއް)، މަނަވަރު ޖެހި، އެއް ފަރާތު ބިތުން ބޮޑު ބާގަނޑެއް ހެދި، މަނަވަރުތެރެއަށް ފެން ވަންނަން ފެށުމެވެ. ޕެލަޑިންއަށް ލިބުނު ނުކުޅެދުންތެރިކަމާ އެކު އެއިން ހަމަލާ ދިނުން ހުއްޓުމަކަށް އަޔަސް، ޕެޓާޑުގެ ހަމަލާތަކަށް ބަދަލެއް ނާދެއެވެ. ގާތްގަނޑަކަށް ދެ ގަޑި އިރާއި ބައި ވީއިރު ވެސް އެދެވޭ ނަތީޖާއެއް ހާސިލުވާތަން ނުފެނުމުން، ޕެޓާޑްގެ ރޭވުން ބަދަލުކޮށް، ޓޯޕިޑޯ ހަމަލަދޭން ފެށުމާ އެކު، ސަބްމެރިންގެ ބާރު ކެނޑި، ހަލާކުވެ ދިޔައީއެވެ.
މި ވަރުގަދަ ހަމަލާ ނިމުމަކަށް އައި އިރު ޕެލަޑިން މާ ބޮޑަށް ދިޔަވެ، އެއް ފަރާތަކަށް އަރިއަޅާލައި، އަޑިއަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެ، މި ކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. ޕެލަޑިންގައި ތިބި އެންމެން ޕެޓާޑްއަށް ނަގައި، މަނަވަރު ލުއިކޮށް، ދިޔަވުން ކޮންޓްރޯލްކޮށް، ޕެޓާޑްގެ ކަފުގައި، ގެންދެވުނީ އައްޑުއަތޮޅަށެވެ. އެ މަނަވަރު ރަނގަޅަށް މަރާމާތުކުރުމަށް އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ވަރަށް ބޭނުންވާ ވަގުތީ މަރާމާތުކުރެވުނީ އައްޑުއަތޮޅުގައެވެ. ހިދުވް އިސްމާއީލާ އެކު ކޮޅުނބަށް ދަތުރުކުރަމުން ދިޔަ އެހެނިހެން އުޅަނދުތައް، އެޗްއެމްއެސް ހޯކިންސް ގެ ހިމާޔަތުގައި ކޮޅުނބަށް ދިޔައީއެވެ.
ކޮމާންޑަރ ފުކުމުރާގެ ކާމިޔާބީގެ ލިސްޓަށް ހިދުވް އިސްމާއީލުގެ ނަން އިތުރުވިޔަސް، އެއީ އޭނާގެ ލިސްޓަށް އެރި އެންމެ ފަހު ނަމެވެ. އައި-27 ސަބްމެރީނަށް އިނގިރޭސި ދެ މަނަވަރުން ދިން ވަރުގަދަ ހަމަލާގައި ހަލާކުވެ، ދެވަނަ ބޮޑުހަނގުރާމައިގައި ކަނޑުމަތީގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާ ނިމުމަކަށް އައި އިރު، ކޮމާންޑަރ ފުކުމުރާއާ އެކު، ޖަޕާނުގެ 99 ސިފައިން ވެސް، ހުވަދޫ ކަނޑުގެ އަޑިއަށް ފެތިގެން ދިޔައީއެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ބޭނުމަށް، ރާއްޖެއިން އަތޮޅެއް ޚާއްޞަކުރުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ، ދުނިޔޭގެ ހައްގުގައި ދިވެހިރާއްޖެއިން އެޅި އަގުނުކުރެވޭނެ ފިޔަވަޅެކެވެ. އެ ފިޔަވަޅުގެ ސަބަބުން، ރާއްޖެއަށް ހަނގުރާމައިގެ ނުރައްކައުތެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ ފަދަ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު އޮތެވެ. ”ހިދުވް އިސްމާއީލް ހާދިސާ“ އިން ފެންނަން އޮތް ހަގީގަތަކީ، ރާއްޖޭގެ ކަނޑުސަރަހައްދަށް އެ ދުވަސް ވަރު، ޚާއްޞަކޮށް 1943 އިން ފެށިގެން ނުރައްކައުވެފައިވާ މިންވަރެވެ. އެހެނަސް، ރާއްޖޭގައި އިނގިރޭސީންގެ ހަރަކާތްތައް ހިންގުމަށް ނިންމަވައި، ދިވެހި ސަރުކާރުން އެޅުއްވި، ހިތްވަރުގަދަ، ރޭވުންތެރި ފިޔަވަޅުތަކުން ދޭހަވަނީ އިންޑިއާ ކަނޑުގެ ސަލާމަތަށާއި ދުނިޔޭގެ ސުލްހައަށް، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުން ދެއްވި އިސްކަމެވެ. ފާހަގަކުރެވިގެން ދިޔަ އަނެއް ކަމަކީ، ރާއްޖެއަކީ، އިންޑިއާކަނޑު ދިފާއުކުރުމުގައި، އިންޑިއާކަނޑުގައި އޮތް ވަރަށް އިސްތިރާޖީ ލޮކޭޝަނެއްކަމެވެ. ކަންއޮތީ މިހެންކަމުން، އިންޑިއާކަނޑުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް، ސަރަހައްދުގެ ކަނޑުމަގުތައް ދިފާއުކުރުމާ އެކު، ދެވަނަ ބޮޑުހަނގުރާމައިގެ ނިމުމުގެ ފެށުން އިއްތިހާދީން ރާވާލީ، ދިވެހިރާއްޖޭގެ އިސްތިރާޖީ ބޭނުން ވަރަށް ފުރިހަމަ އަށް ހިފައިގެންނެވެ.
ނޯޓް:
- މިލިޔުމުގައި، ”ވެޕަންސް އެންޑް ވޯފެއަރ ޑޮޓް ކޮމް ވެބްސައިޓްގައި ލިޔެފައި އޮތް ލިޔުމަކާއި، ކެންޔާގެ ނޫސް ”ސަންޑޭ ސްޓޭންޑަރޑް“ ގައި 12 ފެބުރުވަރީ 2017 ގައި ޝާއިއުކޮށްފައިވާ ލިޔުމަކަށާއި، ”ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި“ މިފޮތަށް ރިއާޔަތްކޮށްފައިވާނެއެވެ.
