”މިހާރު ޢުމުރުގެ ދުވަސްތައް ނިމުމަކަށް އަންނަނީއެވެ. ޙަޔާތުގެ އިރު މެދުއުޑުން ލަނބައި، އަސުރުން ތިރިވެ، ފެނަށް އޮބުމުގެ އަސަރުތައް ފެންނަނީއެވެ. ޙަޔާތުގެ އުދަރެހަށް ރަތްވިލާތައް ގިނަވަނީއެވެ.“ މިއީ ޔަމަންގެ މައުސޫމާގެ އަސަރުގަދަ ލޯބީގެ ވާހަކަ ޅެންބަހުން ޝާއިޢު ކުރެއްވި ކުޅަދާނަ ޝާޢިރު އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމް، އޭނާ ލިޔުއްވި ”ރަތްވިލާ“ ގައި ލިޔުއްވައިފައިވާ ޢިބާރާތްކޮޅެކެވެ. އޭނާ އެ ވިދާޅުވީ ތެދުފުޅެކެވެ. މިއަދަކު ސައިކުރާ އިބްރާހީމް ނަޢީމެއް ނެތެވެ. އޭނާ ވަނީ އޮއްސިގެންދިޔަ ރަތްވިލާތަކާ އެކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި އުފެދުނު އަދީބުންނަށް ބަލާއިރު، ދިވެހިބަހުގެ ގިނަ ދާއިރާތަކުގައި ކުޅަދާނަކަމާ އެކު ގަލަންކޮޅު ހިންގެވި އަދީބުންނާއި، ވަޒަން ބަހުރުވައިގެ ބަގީޗާތަކުގައި ޅެންވެރި ކަމުގެ ޝުޢޫރުތައް ފާޅުކުރައްވަމުން ގެންދެވި ބޭފުޅުންނާއި، އެކިއެކި އިސްޓޭޖުތަކުގައި ކުޅަދާނަކަމާ އެކު އަދަބީ ތަޤުރީރުތައް ދެއްވި ބޭފުޅުން ހިމެނެއެވެ. އޭގެތެރެއިން އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ހިމެނިވަޑައިގަންނަވަނީ މި ދެންނެވި ހުރިހާ ފަންނެއްގައި ވެސް ކުޅަދާނަފުޅު މަޝްހޫރު އަދީބުންގެ ތެރޭގައެވެ.

އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު މި ޤައުމުގައި ހެއްދެވި އަދަބީ ބަގީޗާއިން ހެދިފޯދިގެން އައި އަދަބީ ”ގަހެކެވެ.“ އެ ގަހުގެ ހިޔާ މުޅި ޤައުމަށް ލިބިގެން ގޮސްފައި ވަނީ ވަރަށް ވެސް ހިތްފަސޭހަ ގޮތަކަށެވެ. އިބްރާހީމް ނަޢީމަކީ ތަޢުލީމަށް ވަރަށް ލޯބިފުޅު ކުރެއްވި ބޭފުޅެކެވެ. ޢާއިލާގެ ފޯރުންތެރިކަން ހުރި ގޮތުންނާއި، އެ ޒަމާނުގެ ޢާއްމު ދިރިއުޅުން ހުރިގޮތުން، ކިޔަވައި ވިދާޅުވީ ވަރަށް ދަތިހާލުގައި، ވަރަށްގިނަ ބުރަތަކެއް އުފުއްލަވައިގެންނެވެ.

އޭރު މާލޭގައި ކަރަންޓް ހުންނަ ގޭގެ ވަރަށް މަދެވެ. އެ ނަސީބު ވެސް ނަޢީމަށް ލިބިވަޑައިގެންފައެއް އޭރަކު ނެތެވެ. އެހެންކަމުން ރޭގަނޑު ކިޔަވާ ވިދާޅުވާން އިންނަވަނީ ފުޅިބައްތިއެއްގެ އަލީގައެވެ. އިބްރާހީމް ނަޢީމުގެ ތަޢުލީމީ ޙަޔާތުގެ ދިރާސާއެއް ހެދުމަށް ކުރެވުނު މަސައްކަތުން އެނގުނީ ރޭގަނޑުގެ ގިނަ ވަގުތުތަކެއް ފުޅިބައްތިއެއްގެ އަލީގައި ކިޔަވައި ވިދާޅުވާން އިންނެވުމަށްފަހު، ދުވާލު ހުސްކޮށް ލިބިވަޑައިގަންނަވާ ވަގުތުތަކުގައި ވެސް ބޭކާރު ގޮތުގައި ވަގުތު ނަންގަވައި ނުލައްވައި، ކިޔަވާ ވިދާޅުވުމާއި، ފިލާވަޅު ދަސް ކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރެއްވި ކަމެވެ. ދުވާލު ފިލާވަޅު ދަސްފުޅު ކުރައްވަން އިންނަވަނީ އެ ދުވަސްވަރު އެގޭގައި ހުރި ދަނޑިގަނޑު އަތަ ގަހުގައެވެ. ގަހުގެ ގޮފިތަކުގެ މަތީގައި އަރާމުގައި އިންނެވޭނޭ ގޮތެއް ހައްދަވައިގެން އެ ލިބޭ ފިނިކަމުގައި ވަރަށް ގިނަ ވަގުތު ފިލާވަޅު ދަސްކުރައްވަން އެ ގަހުގައި އިންނަވާކަމަށް ވެއެވެ.

ނަޢީމަކީ އަދަބީ އުސްތާޛެކެވެ.

އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމް އަދަބީ މަސައްކަތް ފަށްޓަވައިފައިވަނީ ދަނޑިގަނޑު އަތަ ގަހުންނެވެ. ފިލާވަޅު ދަސްކުރައްވަން އެ ގަހަށް އަރައި އިންނަވާއިރު، ފުރަތަމަ ކުރައްވަން ފެށްޓެވި ކަމަކީ ކުދިކުދި ވާހަކަ ލިޔުއްވުމުގެ މަސައްކަތް ކުރެއްވުމެވެ. ދުނިޔަވީ ކަންތައްތަކުގެ ތެރެއަށް ޚިޔާލުފުޅު ހިންގަވަމުން ލިޔުއްވަމުން ގެންދެވި ކުރު ވާހަކަތައް އެ ދުވަސްވަރު މީހުންނާ ހަމައަށް ފޯރު ކޮށްދެވޭނޭ ވަސީލަތްތަކެއް ވެސް ނެތެވެ. އެހެންކަމުން އިސްކޫލް ދައުރުގައި ނެރެމުންދިޔަ މަޖައްލާއަށް އޭނާގެ ލިޔުންތައް ދެއްވައިގެން ޝާއިޢު ކުރައްވަމުން ގެންދެވިއެވެ.

މަދަރުސަތުލް މަޖީދިއްޔާއިން ތަޢުލީމު ހާސިލު ކުރައްވައިގެން 1950 ގެ އަހަރުތައް ނިމެމުން ދަނިކޮށް ޢަމަލީ މައިދާނަށް ނުކުމެވަޑައިގެންނެވި، އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމް ޢާންމުންނަށް ފެންނާންފެށީ ކޮންމެ ހާދިސާއެއް، އަދި ކޮންމެ އައުކަމެއް ހިނގާ ވަގުތު އެ ތަނަކުން ފެންނަމުންދިޔަ ޒުވާން ރިޕޯޓަރެއްގެ ގޮތުގައެވެ. އަބަދުވެސް ނަޢީމް ގެންގުޅުއްވާ ކުޑަކުޑަ އަތްމަތީ ފޮތަކަށް ހަލުވިކަމާ އެކު މަޢުލޫމާތުތައް ނަންގަވަމުން ރިޕޯޓްތަކާއި ޚަބަރުތައް ތައްޔާރު ކުރައްވައިގެން އޭރު މުޅި ރާއްޖޭގައި ވެސް ނުކުންނަމުންދިޔަ ހަމައެކަނި ނޫސް ”ވިޔަފާރި މިއަދު“ ގައި އެ ޚަބަރުތަކާއި ރިޕޯޓުތައް ޝާއިޢު ކުރައްވަމުން ގެންދެވިއެވެ. ވިޔަފާރި މިއަދުގެ ރިޕޯޓަރުކަން ނަޢީމަށް ލިބިވަޑައިގަތީ 28 ޖުލައި 1957 ގައެވެ.

ދުވަހު ނޫހަށް ލިޔުއްވަން ފެއްޓެވުމުގެ ކުރިން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީގެ ދައުރުގައި ނެރުއްވަމުން ގެންދެވި ”ސަރުކާރުގެ ޚަބަރު“ ގައި ވެސް ނަޢީމު ލިޔުއްވަމުން ގެންދެވިއެވެ. އެ ދުވަސްވަރު ފިނިފެންމާ ގަހަކާ މުޚާޠަބު ކުރައްވައި، ނަޢީމު ލިޔުއްވި ވާހަކައެއްގެ ޢިބާރާތް ކޮޅެއްގައި ވެއެވެ.

”އޭ ފިނިފެންމާ ގަހާއެވެ. ކަލޭގެ ކައިރިން ކޮންމެ ދުވަހަކު ބާޣުބާން އެ އަޅާފެނަކީ ކުޑަކޮށް ވެސް ކަލޭގެ ތިޔަ ފެހި ފަތްތަކާއި، ގަސްގަނޑުގެ ބޭނުމުގައި އަޅާ ފެނެއް ނޫނެވެ. ތިޔަ ގަހުގެ އެންމެ އޮފިކޮޅެއް އެލުނަސް އިޚުލާސްތެރިކަމާ އެކު ރަނގަޅު ކޮށްލަނީ، ފަތެއްގައި އެންމެ ކޫޑިއެއް އިންނަމަވެސް އަވަހަށް އެ އެއްލައިލަނީ، ގަހުގެ ކިތަންމެ ތޫނުކައްޓެއް އަތަށް ހެރުނަސް މާބޮޑު ކަމަކަށް ނުހަދައި އަބަދާއަބަދު ޚިދުމަތް ކުރަނީ، އެއްގޮތަކަށް ވެސް ކަލޭގެ ބޭނުމެއްގައެއް ނޫނެވެ. ކަލޭގެ ގޮފިތަކުން ރެއާއި ދުވާލު ފޮޅުވާ ވަސްމީރު ހިތްފަސޭހަ ފިނިފެންމާތަކުގެ ބޭނުމުގައެވެ.“

މިއީ މީގެ ފަސްދޮޅަސް ފަސް އަހަރު ކުރީން ގާތްގަނޑަކަށް 1952 ވަނަ އަހަރުގެ ތެރޭގައި ”ސަރުކާރުގެ ޚަބަރު“ ގައި އަލްފާޟިލް ސައިކުރާ އިބުރާހީމް ނަޢީމް ލިޔުއްވި ވާހަކައެއްގެ ޢިބާރާތް ކޮޅެކެވެ. ޢަމަލީ މައިދާނަށް ނަޢީމު ނުކުންނެވުމާ އެކު، ނަޢީމުގެ ކުރުވާހަކަތައް ވެސް ފެންނަން ފަށައިފިއެވެ. އިސާހިތަކު ”ލޭކްޝިޕަރގެ ރާޅުތައް“، ”އެންމެ ކައިރީގައެވެ. އެހެނަސް އެންމެ ދުރުގައެވެ.“ ކަހަލަ ވާހަކަތައް ދިވެހި އަންހެން ކުދީންނަށް ވަރަށް ކަމުދާ ވާހަކަތަކަކަށް ވެއްޖެއެވެ.

އެ ޒަމާނުގައި ދިވެހީން ތިބީ ކިޔައިލާނެ ވާހަކައަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ވާތީ، ނަޢީމު ނެރުއްވަމުން ގެންދެވި ވާހަކަތައް މީހުން ވަރަށް ގިނައިން ކިޔަން ފަށައިފިއެވެ. ވާހަކަތަކުގެ އަސަރުގަދަ ކަމުގެ ވާހަކަތައް ވެސް ދައްކަން ފަށައިފިއެވެ. ހަމައެއާ އެކު ބައެއް އެކުވެރިން ބުނަމުން ގެންދިޔައީ، ނަޢީމަށް ދިގުވާހަކަ ލިޔުއްވާކަށް ނޭނގޭނެ ކަމަށެވެ. ލިޔުއްވަން އެނގޭނީ ހަމައެކަނި ކުރުވާހަކަ ކަމަށެވެ.

ނަޢީމުގެ އެކުވެރީންގެ މި އަޑުތައް ވެސް ނަޢީމު އެއްސެވިއެވެ. އަދި އެ އަޑުތަކަށް ޖަވާބު ދެއްވީކީ ބަހަކުން ނޫނެވެ. ޢަމަލުންނެވެ. ނަޢީމަށް ދިގުވާހަކަ ވެސް ލިޔުއްވަން އެނގިވަޑައިންނަވާކަން އަންގަވައި ލެއްވުމުގެ ގޮތުން އެ ދުވަސްވަރު އެންމެންގެ ސަމާލުކަން އަތުލެއްވި ”އެ ޤަތުލުގެ ސިއްރު“ ވާހަކަ ނެރުއްވިއެވެ. މި ވާހަކަ ލިޔުއްވަން ނަޢީމު މަސައްކަތް ކުރެއްވި ގޮތް ވެސް އެ ފޮތުގެ ދީބާޖާގައި ނަޢީމު ލިޔުއްވައިފައި ވެއެވެ. އޭގައި ނަޢީމު ވިދާޅުވެއެވެ.

”އެކިރޭރޭ ފަތިސްވަންދެން ނުނިދިފައި އޮވެ، ޚިޔާލު ކޮށްގެން އެކި ދުވަސްދުވަހު މަގުމަތީގައި އެ ޚިޔާލުގައި އިނދެވިގެން ބައިސްކަލު ދުއްވަމުންގޮސް، ހިސާބަކަށް ލަނޑު ވެސް ލިބެމުން ގޮސް މިސާލަކަށް މާރުކޭޓުން މަސްތަކެއް ގަނެގެން އައި މީހެއްގެ މަސްތަކުގައި އަޅައިގަތުން، ފަދަ ހާލުގައި އުޅެމުން ގޮސް ވާހަކަ ނިންމާލީ ހަމަ މުޅިން އަމިއްލައަށެވެ.“

މި ވާހަކަ ފައްޓަވައިފައިވަނީ އެ ދުވަސްވަރު ރާއްޖޭގައި ދައްކަމުންދިޔަ ބައެއް ހިންދީ ފިލްމުތަކުން އިވެމުން ދިޔަ ރާގުތަކާއި، ފެންނަމުން ދިޔަ މަންޒަރުތަކާ ވެސް ގުޅުވައިގެންނެވެ. ވާހަކައިގެ ބަޠަލު އަޙުމަދާއި، ބަޠަލާ ލީލާގެ ”ލަވް ބައްތެލި“ އިންޑިޔާގެ ކޯރެއްގެ ތެރޭގައި ދުއްވަމުން ދިޔައިރު އިވެމުން ދިޔަ ހިތްފަސޭހަ ރާގު ”ޔެރާތޭން ޔެ މޯސަމް ނަދީކާ ކިނާރާ ޔެޗަންޗަލް ހަވާ“ މި ލަވައިގެ އަސަރު ވެސް ވާހަކަ ކިޔާ މީހުންގެ ހިތްތަކާ ވަރަށް ރަނގަޅަށް ކުޅެމުން ގެންދިޔައެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމަކީ ދިވެހިރާއްޖޭގެ ލިޔުންތެރިކަމުގެ ރަންޒަމާނުގައި ”ސިނަފް“ ގެ ނަމުން ރާއްޖެއަށް މަޝްހޫރުވެ، ލޯބީގެ ރީތި ވާހަކަތަކެއް ލިޔުއްވަމުން ގެންދެވި ލިޔުންތެރިއެކެވެ. އޭނާގެ ލޯބީގެ ވާހަކަތަކަށް އިންތިޒާރު ކޮށްކޮށް ތިބި ޖިންސުލްލަޠީފުންނަށް ގެނެސް ދެއްވި ”އިންތިޒާރު“ ވާހަކަ ވެގެން ދިޔައީ އެ ކުދީންގެ ލޯތަކުން އޮހޮރިގަތް ކަރުނަތަކުން ކަރުނައިގެ ކޯރެއް އުފެދިގެންދިޔަ އަސަރުގަދަ ލޯބީގެ ވާހަކައަކަށެވެ. ހަމައެހެން ނަޢީމް ލިޔުއްވި ”މަންމަ“ ވާހަކަ ހިމެނުނީ ނަޢީމް ލިޔުއްވި އެހެން ހުރިހައި ވާހަކައަކަށް ގޮންޖަހައިލި ވާހަކައެއް ކަމުގައެވެ. މި ވާހަކައަށް ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވެވި މުބާރާތަކުން އެއްވަނަ ވެސް ލިބިލައްވާފައެވެ. ރާއްޖެތެރޭގެ މަޔަކަށް ލިބުނު ހަމައެކަނި ދަރިފުޅު، ބައްޕަ ނިޔާވުމުން އެކަނިމާއެކަނި ބަލައި ބޮޑުކުރިގޮތާއި، އެ ޒަމާނުގައި ރަށްރަށުގެ ދިރިއުޅުން ހުރިގޮތް ސިފަކޮށްދެއްވާފައިވަނީ، ކިޔާމީހާ މި ހުރީ އެ ރަށުގައި އެ ގެއެއްގެ ތެރޭގައޭ ހީވާހައި ވެސް މޮޅަށެވެ.

އެހައި ނިކަމެތި ހާލުގައި ދަރިފުޅު ބަލައި ބޮޑުކުރުމުން އޭނާއަށް ތަނަވަސްކަން ލިބުނު ދުވަހު، އެ މައިމީހާގެ މަތިން ހަނދާން ނައްތާލައި އެ ހަދައިލި އިހާނެތި ގޮތަކީ، ވާހަކަ ކިޔަމުންދާ މީހާގެ ލަނގޮޑިއަށް ވެސް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ކޮންމެ މަންޒަރެއް ސިފަކޮށް ދެއްވާފައި ވާލެއް އެހައި ވެސް ފުރިހަމައެވެ. އެ ދަރިފުޅު ދަތުރު ކުރަން އުޅެމުން އޭނާ މަރުވެއްޖެކަމަށް ހަދާފައި މަންމައަށް ފޮނުވި ސިޓީ އެ މަންމަގެ މުޅި ޢުމުރުގައި ވެސް ފޮރުވައިގެން ގެންގުޅުނެވެ. އެންމެ ފަހުން އެ ދަރިފުޅު ހެދި ދޮގު ބޭޒާރުވި ދުވަހު، އެ މަންމަ އެ ސިޓީ އޭނާގެ އަނބިމީހާ އަތަށް ދެމުން ބުންޏެވެ.

”ތިޔައީ އަޅުގަނޑު އަބަދާއަބަދު ރޮއިރޮއިފައި މަރުވި ކަމަށް ކިޔައި އުޅޭ އަޅުގަނޑުގެ ދަރިފުޅު ފޮނުވި ސިޓީ. ލަތީފާގެ ފިރިމީހާ އެއީ އަޅުގަނޑުގެ ޙަސަނު ކަމާމެދަކު ޝައްކުލާ ރައްދެއް ނެތް. އޭނާއަކަށް އޭނާގެ މައިމީހާ ބޭނުމެއް ނުވި. އަދި އޭނާ އަޅުގަނޑުގެ ލޯމަތިން ދުރަށްދިޔަ ދުވަހު، އޭނާ މަރުވެއްޖެ ކަމަށް އަޅުގަނޑަށް އެންގި. ލަޠީފާގެ އަތުގައި ތިޔައޮތީ އޭނާ މަރުވި ކަމަށް ހަދާފައި މީހަކު ލައްވައި ލިޔުއްވާފައި، އެހެންނޫނީ އޭނާގެ އަމިއްލަ އަތުން ލިޔެފައި ފޮނުވި ސިޓީ. ނިކަން ކިއުއްވަ ބައްލަވަ. އަޅުގަނޑުގެ ޙަސަނު އަޅުގަނޑު ދެކެލަން ވެސް ނައީސްތާ.“

ނަޢީމުގެ ޅެންވެރިކަމުގެ ފަންނު

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ ޅެންވެރިކަމުގެ ގުލްޒާރަކީ ވެސް ވަރަށް މުއްސަނދި ގުލްޒާރެކެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރެއިން އެންމެ ބޮޑަށް އިވެމުން ދިޔަ އެއް އަޑަކީ ”ޔަމަންގެ މައުސޫމާ“ގެ އަޑެވެ. ކޮންމެ ޒުވާން އަންހެން ކުއްޖަކު، މަދަރުސާތަކުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކު އަދި މެދުޢުމުރުގެ ހަރުމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް، އެންމެ ބޮޑަށް ކިޔައިލަން ބޭނުންވަނީ ޔަމަންގެ މައުސޫމާއެވެ. މިއީ ޅެންބަހުން ނަޢީމް ލިޔުއްވި ލޯބީގެ ވާހަކައެކެވެ.

މި ވާހަކަ ފައްޓަވައިފައިވަނީ ހަމަހިމޭން ކޯރެއްގެ އައްސޭރި ފަށުގައި ރޭގަނޑެއްގެ ހިތްފަސޭހަ ވަގުތެއްގައި އެކަނިމާއެކަނި އިން އަންހެން ކުއްޖެއްގެ ހިތުގެ ޝުޢޫރުތައް ހާމަ ކޮށްދެއްވަމުންނެވެ. އެ ޝުޢޫރުތަކުގެ އަޑު ދުނިޔެއަށް އިއްވަމުން ގެންދިޔައީ އެ ޖިންސުލަޠީފެއްގެ ބަރުބާދުވެގެންދިޔަ ޙަޔާތާމެދު ކުރަމުން ގެންދިޔަ ހިތާމަތަކުން އުފެދުނު ކަރުނައިގެ ކޯރެއްގެ ތެރެއިންނެވެ.

މި ތަޢާރުފުގެ ބަސްކޮޅާ އެކު ވާހަކަ ފައްޓަވައިގެން އެ ވާހަކަ ކިޔާމީހުންގެ ހިތްތަކާ ދުރުގައި ހުންނަވައިގެން ނަޢީމު ކުޅުއްވަމުން ގެންދެވީ ރީގަލްގެ ސިލްވަރ އިސްކްރީންގައި ދައްކަމުންދިޔަ ”ދިލް އޭކް މަންދިރުހޭ“ ގެ ޝޯތަކުން ދިއްލިގެން ދިޔަ ލޯބީގެ ހުޅުކޮޅު ނިއްވައި ނުލައްވާ ވޭތޯ ބައްލަވަމުންނެވެ. ނަމަވެސް ޝާހުލް ޔަމަންގެ ކިއްލާއަށް ޝާޢިރާއަށް ލިބުނު ދަޢުވަތާއި، ކަންތައްތައް ހިނގައިދިޔަ ގޮތުން ޔަމަނުގެ މި މައުސޫމް އަންހެން ކުއްޖާގެ ދެ ލޮލުގެ ނޫރު ވެސް ގެއްލިގެން ދިޔައެވެ. އެންމެފަހުން އެ މައުސޫމާ އަންހެން ކުއްޖާ ނުހަނު ލޯބިވި ޝާހިދު ފޮނުވި ސިޓީއާއި އޭނާގެ ވަކިވެ ދިއުން ހިމެނުނީ މި ޅެންވާހަކަ ކިޔަމުންދިޔަ މީހުންގެ ލޯތަކުން ވެސް ކަރުނަ ނުހިކުނު ކަމެއް ކަމުގައެވެ.

ސައިކުރާ އިބުރާހީމް ނަޢީމަކީ ތަފާތު މައުޟޫތަކަށް ވަރަށްގިނަ ޅެންތަކެއް ހެއްދެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ލޯބި، ޤައުމީ، އިޖުތިމާޢީ، ތަފާތު މައުޟޫތަކުގައި ވެސް ޅެން ހައްދަވައިފައިވެއެވެ. ދިވެހި ޤައުމީ ދިދަ އޭގެ ހާލުގެ ދުލުން ކުރަމުން ގެންދާ އާދޭސް ޅެމެއްގެ ސިފައިގައި ގެނެސް ދެއްވާފައިވާ ގޮތާއި، ޤައުމަށް  ޓަކައި ޤުރުބާން ވަމުންދިޔަ ހިތްވަރުގަދަ ސިފައިން ޤައުމީ ޖޯޝުގައި އަޑުތައް އުފުލަމުން ދާއިރު ކިޔާނެ ލަވައެއް، އާދެ ސިފައިންގެ ލަވަ ހައްދަވައި ދެއްވީ ވެސް ހަމަ ސައިކުރާ އިބުރާހީމް ނަޢީމެވެ.

އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމަކީ ދިވެހިރާއްޖޭގެ ރޭޑިޔޯ ސްޓޭޝަން އުފެދިގެން އައިއިރު އެންމެ ފުރަތަމަ އެނައުންސަރުގެ ގޮތުގައި ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ގިނަ މުނާސަބަތުތަކެއްގައި އެކިއެކި އިޙުތިފާލުތަކުގެ ރަނިންގ ކޮމެންޓްރީ ދެއްވަމުން ގެންދެވި ކުޅަދާނަ ކޮމަންޓޭޓަރެއް ވެސް މެއެވެ. ނަޢީމަކީ ގިނަ ފަންނުތަކެއްގައި އެފަދަ ދެވަނައެއް ނެތްފަދަ މޮޅު ހުނަރުވެރިއެކެވެ. ކަންކަން ރާވައި ހިންގެވުމުގައި ކުޅަދާނަ ރޭވުންތެރިއެކެވެ. ބޮޑެތި ރަސްމީ އިޙުތިފާލުތައް ވަރަށް ފުރިހަމައަށް ރާއްވަވައި ހިންގެވި ބޭފުޅެކެވެ.

ލިޔުންތެރިކަމުގެ ފަންނަކީ ވެސް ނަޢީމުގެ ފަންނެކެވެ. ނަޢީމަށް ލިބިލައްވާފައި ވަނީކީ ހަމައެކަނި އަދަބީ ލިޔުންތެރި ކަމުގެ ހުނަރުވެރިކަމެއް ނޫނެވެ. އަތުލިޔުމާއި، ބޮޑުއަކުރު ލިޔުމަކީ ވެސް ނަޢީމު ވަރަށް މޮޅު ފަންނެކެވެ. ދިވެހިރާއްޖޭގައި ދިވެހި ލިޔުމުން އިޝްތިހާރު ހެދުމަށް ބޮޑުއަކުރު ލިޔުމުގެ މަސައްކަތް އެންމެ ކުރިން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ސައިކުރާ ނަޢީމު ހިމެނިވަޑައިގަންނަވާނެއެވެ. މި ވައްތަރުގެ ލިޔުމުގެ މިސާލުތަކާއި، އެކަން ކުރާނޭ ގޮތް ވެސް ނަޢީމު ނެރުއްވި ”ރަތްވިލާ“ ގައި ވިދާޅުވެ ދެއްވައިފައި ވެއެވެ.

ތަމްސީލު ލިޔުއްވައި ދަސްކޮށް ދެއްވުމުގެ ފަންނު

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތަމްސީލެއް ލިޔުއްވައިގެން ދަރިވަރުން ލައްވައި އިސްޓޭޖެއްގައި ކުޅުއްވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީއެވެ. އޭގެ ފަހުން ތަމްސީލުގެ ކަންތައްތައް ރާއްޖޭގައި ދިރުވައި ކުރިއަރުވައި، އަދި އެކަން ރާވައި ހިންގާނެގޮތް ދަސްކޮށްދެއްވުމަށް އެންމެގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް މަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމު ހިމެނިވަޑައިގަންނަވާނެއެވެ. އެގޮތުން ޓެނިސް ކުލަބުގެ ފަރާތުން ބޭއްވެވި ”ޓެނިސް 71″، އާއި ”ސާދާ 10″، އާއި ”ތަފާތު 8“ ފަދަ ތަމްސީލުތަކާއި މަޖީދިއްޔާ ގޯލްޑަން ޖުބިލީގެ ސްޓޭޖް ތަމްސީލުތަކާއި، ސީޑީއެސްގެ ފަރާތުން ކުޅުނު ބައެއް ތަމްސީލުތައް ވެސް ރާވައި ހިންގައި ދެއްވި ބޭފުޅަކީ ސައިކުރާ އިބުރާހީމް ނަޢީމެވެ.

ހަމައެކަނި މި ކަންކަމެއް ނޫނެވެ. ރާއްޖެ މިނިވަން ވުމަށް ކުރި މަސައްކަތްތަކުގައި ރިޕޯޓަރެއްގެ ގޮތުން، ޒުވާނުންގެ ސަފުގައި ހުންނަވައިގެން ނަޢީމު ކޮށްދެއްވާފައިވަނީ ގިނަގުނަ މަސައްކަތް ތަކެކެވެ. މި ހުރިހާ ކަމެއް އެއްކޮށްލާފައި ސައިކުރާ ނަޢީމުގެ ޝަޚުސިއްޔަތާ ބެހޭގޮތުން ދެންނެވެން އޮތީ ނަޢީމަކީ ކަމަށް ކަމޭހިތްތަވާ، ބަރާބަރަށް ކަންކަން ގަޑިއަށް ކުރައްވާ، ހިތްޕުޅުހެޔޮ، އަޚުލާގު ރަނގަޅު، މަޑުމައިތިރި ބޭފުޅެއް ކަމުގައެވެ.

އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމަކީ އޭނާގެ މައިންބަފައިންނަށް ވަރަށް ކަމޭ ހިއްތެވި، މައިންބަފައިންނާއި، ޢާއިލާދެކެ އިންތިހާއަށް ލޯބިފުޅުވި ބޭފުޅެކެވެ. ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް މަންމައަށް އަދާކޮށްދެއްވަން ޖެހިވަޑައިގެންނެވި ވާޖިބަކަށް ދުވަހަކު ވެސް ފަސްޖެހިވަޑައިގެންފައެއް ނެތެވެ.

1935 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ސައިކުރާ އިބްރާހީމް ނަޢީމް މި ދުނިޔެ ދޫކުރެއްވީ 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. ޙަޔާތުގެ 73 ހަރުފަތުގެ މި ދިގު ފާލަމުގެ ދަތުރުފުޅު ނިންމަވައިލެއްވިއިރު، އޭނާގެ އަމިއްލަފުޅުގެ ފަޅުފިލުވައިލަދޭނޭ އަލިކަމެއް ވެސް ލިބިލައްވައިފައެއް ނެތެވެ. އަނބިކަނބަލަކު ދަރިކަލަކު، ދަރިކަނބަލަކު ވެސް ނެތެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ދުވަހަކު ވެސް ކައިވެނިފުޅެއް ނުކުރައްވައެވެ. އެކަމަކު އޭނާ ދުނިޔެ ދޫކުރެއްވުމުގެ ކުރިން ދުނިޔެއާ މުޚާޠަބު ކުރައްވައި ޅެންބަހުން ވިދާޅުވި ވާހަކަފުޅެއް، އަދި ކުރެއްވި ވަސިއްޔަތަކާއި، ސަލާމެއްގެ އަޑު މިއަދު ވެސް އިވޭ ކަހަލައެވެ. އޭނާ ވިދާޅުވެފައިވަނީ ތެދުފުޅެކެވެ. ތިމާގެ އަމިއްލަ ހަށިގަނޑަށް ޒަޚަރެއްގެ އަސަރު ކުރަމުން ދާއިރު އެ މީހަކަށް ކުރާނެ އަސަރު މިއަދު ދިރިތިބީންނަށް ރަނގަޅަށް އިޙުސާސް ކުރެވޭނެއެވެ. އަދި މިއަދު ދުނިޔޭގައި ކަންހިނގާ  ގޮތް ވަރަށް ސަރީޙަ ޢިބާރާތުން ތަޖުރިބާއާ އެކު އެވަނީ ވިދާޅުވެ ދެއްވާފައެވެ. އެހެންވީމާ އެ ވިދާޅުވާ ޒަޚަރު ލެޔާ ގުޅޭތަން ދެކެން ދުނިޔޭގައި ހުރުމަކީ ކާކަށް ކުޅަދާނަ ކަމެއް ބާވައެވެ.

އެ ޅެމުގައި އޭނާ ވިދާޅުވެފައި ވަނީ މިހެންނެވެ.

”ދުނިޔޭގައި ދިރިއުޅެން ދިމާވެފައި އޮތްގޮތުން މިއީ އަހަންނަށް ބޮވެމުންދާ ހިތި ޒަހަރެއްފަދަ އެއްޗަކަށް ވެއްޖެއެވެ. އަދި އެކަމުގެ ސަބަބުން އަހަންނަށް ހާދަހައި ގިނަ ފުން އަސަރުތަކެއް ވެސް ކުރަމުން އެބަދެއެވެ. އެހެންވީމާ އަހަރެން އެ ހާލުގައި ނޫޅުމަށް މަރުވެދަނީއެވެ.

އަހަރެމެން އިޤްރާރުތައް ވީމުއެވެ.  ނަމަވެސް އެ އިޤްރާރުތައް ވެސް އެއްވެސް އިންސާފެއްނެތި އުވައިލިއެވެ. އެކަމަކު ބުނަން ހެއްޔެވެ. އަހަންނަކީ އިތުބާރުތައް ނަގައިލާނެ އިންސާނަކީމެއް ނޫނީމެވެ. ތިބާގެ ތިޔަ ބޭވަފާތެރިކަން ތަކުރާރުކޮށް ކުރިމަތިވަމުން މިހިރަ ދަނީއެވެ. އެހެންކަމުން އަހަރެން މަރުވެގެން މިދަނީ އެ ފިކުރުތަކާއި އެ ޚިޔާލުތައް ދެން އިތުރަށް ނުކުރާށެވެ.

އަހަރެން ހާދަހައި ގިނަ އުންމީދުތަކެއް ކުރީމެވެ. އަދި ތިބާ އެ އުންމީދުތައް އައުކޮށްދިނީމުއެވެ. އެކަމަކު އެ ހުރިހައި އުންމީދުތަކެއް އަލިފާނުގައި އަނދައި ހިނގައްޖެއެވެ. އެހެންކަމުން މިހާރަކު އަހަރެންގެ އުންމީދުތައް އައުކޮށްދީ، ހިތްއުފާކޮށްދޭނޭ އެއްވެސް މީހަކު ދުނިޔޭގައި ހުރިކަމަކަށް ޤަބޫލެއް ނުކުރަމެވެ. މިއީ އަހަރެން ދުނިޔެއަށް ކުރާ ވަސިއްޔަތެއް ކަމުގައި ހީކުރާށެވެ. އަދި މި ވަސިއްޔަތް ކުރުމަށްފަހު، އެންމެފަހުގެ ސަލާމެއްގެ ގޮތުގައި މި ވާހަކަކޮޅު ފުއްދާލާށެވެ. އެންމެފަހުން އަހަރެން މި ނިންމީ މި ހިތާމައާއި މި ހިތްދަތި ކަމުގައި މި ދުނިޔޭގައި ނޫޅެ މަރުވެދާށެވެ.“

އެއީ ތެދުފުޅެކެވެ. މިހާރު ނަޢީމު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފިއެވެ. ދެމިއޮތުގެ ޢާލަމަށް ދަތުރުފުޅު ކުރައްވައިފިއެވެ. އެ ދަތުރުފުޅަށް ނަޢީމު ފުރާވަޑައިގަތީ އެންމެ ފަހުގެ ހަނދާނެއްގެ ގޮތުގައި މި ޢިބާރާތްކޮޅު ދުނިޔެއަށް ހަދިޔާ ކުރައްވައިފައެވެ.

މިޒަހަރު ލެޔާ ގުޅޭތަން ނުދެކޭށަ މަރުވެދާނަން
މިއަސަރު މިޙާލުގައި ދެން ނުކުރާށަ މަރުވެދާނަން
އިޤްރާރުތައް އުވާލުން އިންސާފަކަށް ނުވާތީ،
އިތުބާރުތައް ނަގާލާ އިންސާނަކަށް ނުވާތީ
ތަކުރާރުކޮށް މި ދުނިޔޭން ތިޔަ ބޭވަފާ ހިނގާތީ
ފިކުރާ ޚިޔާލު މިގޮތަށް ނުކުރާށަ މަރުވެދާނަން
އުންމީދުތައް އެދިންހާ އަލިފާނުގާ އެނދީމާ
ދެން މީ ޙަޔާތު ނިންމާ ފަހު ނޭވަޔަށް ހެދީމާ
ނިންމީ ހަނދާނަކަށް ދޭން މި ވަސިއްޔަތާ ސަލާމާ
ނެތް މީހަކާ ދިމާއަށް ނުބަލާށަ މަރުވެދާނަން.

މަޢުލޫމާތު

  • ސައިކުރާ އިބްރާހީމް ނަޢީމް. ރަތްވިލާ. މާލެ. ނޮވެލްޓީ ބުކްޝޮޕް.
  • ދިވެހި ޑައިޖެސްޓް  12. މާލެ. ނޮވެލްޓީ ބުކްޝޮޕް
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.  ފަތްތޫރަ.
ޝެއަރކުރެއްވުމަށް