ދުނިޔެއަކީ އެއްހާލުން އަނެއް ހާލަށް ބަދަލުވެގެންދާ އެއްޗެއްކަމުން އެކި ދުވަސްވަރު ބާރުގަދަވެ ތަރައްޤީ ލިބެމުންދަނީ އެކި ޤައުމުތަކަށެވެ. މި ދެންނެވި ހަމައިގެ މަތިން އިސްލާމީ އުންމަތް ކުރިއަރައި އެބައިމީހުންގެ ޢިލްމާއި މަދަނިއްޔަތު އެ ދުވަސްވަރު ދުނިޔެއަށް ވެރިވިގޮތް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއަށްފަހު ކުރީގައި ދެންނެވި ބަދަލުވުން އެތައް ސަބަބުތަކެއް ކުރިމަތިވެ އިސްލާމީ އުންމަތަށްވުރެ ޔޫރަޕްގެ ދައުލަތްތައް ކުރިއަރައިފިއެވެ. ނަތީޖާއަކަށްވީ ޔޫރަޕްގެ ގިނަ ދައުލަތްތަކުގެ ވެރީންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ހަސަދަވެރި އަލިފާންގަަނޑު ރޯވެ، އިސްލާމީ އުންމަތުގެ އެކި ޤައުމުތައް އަޅުވެތިކުރަން ފެށުމެވެ. އެކަމުގެ އެންމެބޮޑު ސަބަބެއް ކަމުގައިވީ ޚުދު އަޅުގަނޑުމެން އިސްލާމުންނެވެ.

އަޅުގަނޑުމެންގެ ތެރެއަށް އައި މަތިވެރި ތަޢުލީމާއި ހިތްމަތާ އެކު މަސައްކަތްކުރުމުގެ މަތިވެރި ރޫޙް ނަގާލައި އެއްބައިވަންތަކަން ގެއްލިގެން ދިޔުމުގެ ސަބަބުންނެވެ. ކަންނެތްކަމާއި ގޮތްނެތްކަމުގެ ތެރެއަށް އަޅުގަނޑުމެން ދިޔުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ފަޤީރުވެ، ބައިބައިވެ، އަޅުގަނޑުމެން އަޅުވެތިވުމެވެ. ދުނިޔޭގެ މުސްލިމުން މިއަދު މިދެކޭ އަޅުވެތިކަމުގެ އަސްލަކީ މިދެންނެވީއެވެ. މީގެ އިތުރުން ޞަލީބީ ހަނގުރާމައިން އެމީހުން ބަލިވެ ކުރެވުނު ހިތި ތަޖުރިބާއަކީ އެމީހުންގެ ހިތުން ބިންވަޅު ނެގިފައިވާ ހަސަދައިގެ އަލިފާންގަނޑެކެވެ. ނަތީޖާއަކަށްވީ މުސްލިމުން އަތުން އެމީހުން ބަލިވާންޖެހުނު ސަބަބުތައް ހޯދައި ދިރާސާކޮށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިގޮތުން އެމީހުންނަށް ވިސްނުނީ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ތިބިހާ ދުވަހަކު މުސްލިމުން ބަލިކޮށެއް ނުލެވޭނެކަމެވެ. އަދި އެއްބައިވަންތަކަމާއި އުޚުވަތްތެރިކަން އެމީހުންގެ ތެރޭގައި އޮތްހާހިނދަކު މުސްލިމުން ބަލިނުކުރެވޭނެކަމެވެ. އެއަށްފަހު އެމީހުން ފެށީ މުސްލިމުންގެ އަޤީދާ ބަލިކަށިކޮށް މުސްލިމުން ބައިބައިކޮށްލުމަށެވެ. އެއީ، ޣައިރު މުސްލިމުންގެ ހިތުގައި މުސްލިމުންނާއި ދޭތެރޭ ޒަމާނުންސުރެ އުފެދިފައިވާ ނަފުރަތެވެ. މިކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް މުސްލިމު ޤައުމަކަށްވާތީ މިފަދަ އަޅުވެތިކަމުގެ ހިތި ތަޖުރިބާ ތާރީޚްގެ އެކި ދުވަސްވަރު ދިވެހިންވަނީ ކޮށްފައެވެ.

ދިވެހިރާއްޖެ ވަނީ އެތައް ފަހަރަކު އަޅުވެތިކަމުގެ ހިތި ރަހަ ލިބިގެންފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދިވެހިން އަޅުވެތިވެފައިވަނީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުންނެވެ. ބައެއްގައި ހުންނަންވީ ހަރުދަނާކަމާއި، އެކުވެރިކަމާއި އެއްބާރުލުން ނެތި ގޮސް ދޯދިޔާ ސިފަތައް އެބައެއްގެ ތެރެއަށް ވެރިވެއްޖެނަމަ ގެއްލިގެންދާނީ ހަމައެކަނި އެބައެއްގެ މިނިވަންކަމެއް ނޫނެވެ. އެބައެއްގެ ދީން ވެސް ހިނގައިދާނެއެވެ. އަދި އެބަޔަކު ނެތި ވެސް ހިނގައިދާނެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާ މެދު ޚިޔާލުކުރާ ބަޔަކަށް މިއަދު ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ވަންހަނާވެގެން ނުވާނެއެވެ. އަމުދުން މި ދައުރުގައި ވެސް ތަކުރާރުވި ފިތުނަ ފަސާދައިގެ ބަޣާވާތްތެރި ހަރަކާތްތަކުގެ މައްޗަށް ރަނގަޅަށް ވިސްނާނަމައެވެ. ވަރަށްބޮޑު ޙަޤީޤަތެކެވެ. އާދެ! އަޅުގަނޑުމެން އެންމެން ވެސް ހަނދާން ހުންނާނެ ފަދައިން 1988 ނޮވެންބަރު 3 ވަނަ ދުވަހަކީ ވެސް އިސްވެ މިދެންނެވިފަދަ ފިތުނައާއި އަމިއްލަ އެދުމުގެ ނަތީޖާކަމާ މެދު އެކަކު ވެސް ދެބަހެއް ނުވާނެއެވެ. ބައެއް އިންސާނުންގެ ހިތުގައި އުފެދޭ ދަހިވެތިކަމުގެ ނުބައި އެދުންތައް އެއީ ވަކި ޒަމާނަކަށް ޚާއްޞަވެފައިވާ އެއްޗެއް ނޫނެވެ. ވީމާ، ތެދުވެރި ކޮންމެ ދިވެއްސެއްގެ ވާޖިބަކީ އެކަން ރަނގަޅަށް ހަނދުމަކުރުމެވެ. އެކަމަށް  ޓަކައި ވާންހުރި ހުރިހާ ތައްޔާރީއެއް ވެގެން ހުރުމެވެ. ތިމާގެ ދީނުގެ ދިފާޢުގައެވެ. ތިމާގެ ވަޒަނުގެ ސަލާމަތަށް ޓަކައެވެ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށް ޓަކައެވެ.

ފުލޯކު ވާހަކަތަކުގެ ސިފައިގަޔާއި ލިޔެވިގެންވާ ތާރީޚްގެ އަލީގެ ތެރެއިން ފެންނަ ފެނުންތަކުގެ މައްޗަށް ބެލިޔަސް ދިވެހިރާއްޖެއަކީ ރާއްޖޭގައި ބަޔަކު ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތް ތަނެކެވެ. އަމިއްލަ ވެރިކަމެއް ހިނގަމުންއައި މިނިވަން ތަނެކެވެ. ދިވެހިން އަޅުވެތިކުރި ކޮންމެ ފަހަރަކު ވެސް، މިޤައުމު ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށް މިނިވަން ތަނެއްގެ ގޮތުގައި މިއަދުގެ ދަރީންނާ ހަމަޔަށް ގެނެސްދީފައިވަނީ އަޅުގަނޑުގެ މި ފަސްގަނޑަށް އުފަން ދިވެހިންގެ ދަރިންނެވެ. އާދެ! އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށް  ޓަކައި ދީނަށް  ޓަކައި ކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. ބޮޑު ރަސްގެފާނާއި އަލިރަސްގެފާނާއި ދޮންބަންޑާރައިން ފަދަ ޤައުމުދެކެ ލޯބިވާ ޤައުމަށް ތެދުވެރި ދިވެހި ދަރީން ޤައުމަށް ޓަކައި ވި ޤުރުބާނީގެ ސަބަބުންނެވެ. އެބޭކަލުން ޤައުމަށް އެކުރެއްވި ޚިދުމަތަކީ އެތައް ޖީލެއް ފަހަނައަޅައި ދިޔައިރު ވެސް ވަންހަނާވެފައިވާ ޚިދުމަތްތަކެއް ނޫނެވެ.

ޝެއަރކުރެއްވުމަށް