ޝައްކެއްނެތެވެ. ދިވެހި ސިފައިން، ދިވެހި ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މި އަހަރު އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހި ސިފައިންގެ ޚިދުމަތުގެ 130 ވަނަ އަހަރެވެ. ދިވެހި ސިފައިންގެ ދިގު މާޒީއެއް އެބައޮތެވެ. އެއީ ދިވެހި ސިފައިން ފަޚުރުވެރިވާ މާޒީއެކެވެ. ސިފައިންގެ ލޮބުވެތި ޢާއިލާތައް ފަޚުރުވެރިވާފަދަ މާޒީއެކެވެ. އެ މާޒީގައި އެކުލެވިގެންވަނީ ނުހަނު އިޚްލާޞްތެރި ޤުރުބާނީތަކެވެ. ފަރުދީ ހިތްހަމަޖެހުމަށް ބެލުމެއްނެތި، ޤައުމީ ޚިދުމަތް އިސްކޮށްގެން، ކޮށްފައިވާ ވަފާތެރި ޚިދުމަތްތަކެވެ. ޤައުމުގެ ދުލުން ތާއަބަދު އައްސަރިބަހާއި ސާބަސް ދޭފަދަ އަގުހުރި ޚިދުމަތްތަކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ދިވެހިރާއްޖޭގެ ދިފާޢީ އައްޑަނައެވެ. ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަރުގަދަ ސާލެވެ. ދިވެހީންނަށް ދިމާވާ ކޮންމެ ކޮޅިގަނޑެއްގައިމެ، ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ވާސިލުކޮށްދޭނެ ކަމުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހީންގެ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ ވަރުގަދަ ޢަޒުމާއި ރޫޙުގައި އޮތް މުއައްސަސާއެވެ. ދިވެހި ލޮބުވެތި ޤައުމާއި ރައްޔިތުންނަށް ޓަކައި ފުރާނައިން ޤުރުބާންވާން ޖެހިއްޖެނަމަ، ޤުރުބާންވުމަށް ތައްޔާރަށް ތިބި ހިތްވަރުގަދަ ފައުޖު ނިސްބަތްވާ މުއައްސަސާއެވެ. މި ދެންނެވި ކަންކަން ހާސިލުކުރުމަށް ޓަކައި އަސްކަރީ ފައުޖު ވާންޖެހެނީ ވަރަށް ޤާބިލު ފައުޖަކަށެވެ.
ޤައުމީ ޚިދުމަތުގައި ސިފައިން ޤާއިމުވެ ތިބޭތާ ޤަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ދިގު ތާރީޚުގައި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. 1988 ވަނަ އަހަރު ޤައުމަށް ދިމާވި ޢުދުވާނީ ހަމަލާއަށްފަހު ސިފައިންގެ މަސައްކަތަށާއި ސަފުތަކުގެ ތަރުތީބަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ ތަމްރީނުތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް، ގިނަ ކުރިއެރުންތަކެއް ސިފައިން ވަނީ ހޯދާފައެވެ.
ޝައްކެއްނެތެވެ. ސިފައިންނަކީ ވަރަށް ޝަރަފުވެރި ބައެކެވެ. މި ޝަރަފުވެރިކަމަކީ އަޅުގަނޑުމެންގެ ހިންމަތާއި މިންނަތުން ހާސިލުކުރާ އެއްޗެކެވެ. މިކަން އަޅުގަނޑުމެން ހާސިލުކުރަނީ އަޅުގަނޑުމެންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މިކަމަށް ޓަކައި ތާއަބަދު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ ދިމާވެދާނެ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް ތިބުމެވެ. މި ތިބޭތިބުމުގައި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދޭންޖެހެނީ އަޅުގަނޑުމެންގެ ޤާބިލުކަން އިތުރު ކުރުމަށެވެ. ޤާބިލުކަން އިތުރުކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ޢުމުރާނީ ކުރިއެރުންތައް ހޯދުމާއި ތަޢުލީމާއި ތަމްރީނު ހޯދުމާއި، އާލާތްތަކާއި ވަސީލަތްތައް ޤާއިމުކޮށް ހޯދުމާއި އިންސާނީ ވަސީލަތް އިތުރުކުރެވޭނެ ގޮތްތައް ހޯދުމާއި މަސްޢޫލިއްޔަތާއި ވާޖިބުގެ ތެރެއިން ތަފާތު ދާއިރާތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފަރިތަކޮށް، މުޠާލިއާކުރުން ފަދަ ގިނަ މަސައްކަތްތަކެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދުޅަހެޔޮ ޞިއްޙަތު ދެމެހެއްޓުމާއި، ފިކުރީގޮތުން އަޅުގަނޑުމެންގެ ސިކުނޑިތައް ހާނުވައި، މާހައުލަށް ހޭލުންތެރިވެ ތިބުމަށް ކުރަމުންދާ މަސައްކަތަކީ ވެސް މުހިންމު މަސައްކަތެކެވެ. ޤާބިލުކަން ކުރިއަރުވައި ދެމެހެއްޓުމަށް ޓަކައި މި ނޫނަސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ވޭތުވެ ދިޔަ ދެތިން އަހަރަކީ ސިފައިންގެ ޤާބިލުކަން އިތުރުކުރުން، ނުވަތަ ކެޕޭސިޓީ ބިލްޑްކުރުމުގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރުތަކެކެވެ. ވަކިން ޚާއްޞަކޮށް، އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި ވަރަށް ގިނަ ދާއިރާތަކުން ފާހަގަކުރެވޭ ފަދަ ކާމިޔާބު އެތައް މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. މިގޮތުން ޢުމްރާނީ ގޮތުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަ ކޮށްލަން ޖެހެއެވެ. ޅ. މާފިލާފުށިގައި ޤާއިމުކޮށްފައިވާ ކޮމްޕޮސިޓް ޓްރެއިނިންގ ސްކޫލުގެ ތަމްރީނުކުރެވޭ މީހުންގެ އަދަދު އިތުރުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކޮށް، އެކަމަށް ފަހިކޮށްދޭ އެހެނިހެން ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. ސިފައިންގެ އޮޕަރޭޝަނަލް މުހިންމު ދާއިރާތަކުގައި ޒަމާނީ ފެންވަރުގެ އޮޕަރޭޝަންސް ސެންޓަރުތައް ވަނީ ޤާއިމުކޮށްފައެވެ. ސިފައިންގެ ފެންވަރުގައި މަސައްކަތްކުރާނެ އެންމެ މި ޒަމާނުގެ ސާމާނުތަކާއެކު ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ވަނީ ޤާއިމުކޮށްފައެވެ. ރާއްޖޭގެ ސަލާމަތީ މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ގުޅިގެން، ޤައުމީ ފެންވަރުގެ ކަންކަމުގައި މަސައްކަތްކުރުމަށް ޓަކައި ޒަމާނީ ފެންވަރުގެ ޖޮއިންޓް އިންޓަރ އެޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ވަނީ ޤާއިމު ކޮށްފައެވެ. ހުޅުމާލޭގައި ޤާއިމުކުރެވުނު ކަލާސީނުކޮށީގައި ތަރުތީބު ކުރެވިފައިވާ މެރިޓައިމް ލޮޖިސްޓިކްސް ބޭހަކީ ކުރިމަގުގައި ސިފައިންގެ އޮޕަރޭޝަނަލް ރެޑިނެސް އެންމެ މަތީގައި ބޭއްވުމަށް ޓަކައި އިންޤިލާބީ މަސައްކަތްތަކެއް ކުރާނެ ތަނަކަށް ވެގެންދާނެއެވެ. އަދި ކަލާސީނުކޮށީގައި އަލަށް ޢިމާރާތްކުރެވުނު ބަދިގެއާއި މެސްރޫމް ހިމެނޭ ބިލްޑިންގގެ ސަބަބުން އެ ތަނުގައި މަސައްކަތްކުރާ ސިފައިން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަން ޔަޤީނެވެ. މީގެ އިތުރުން ސިފައިންގެ ފޯސް ސްޓްރަކްޗަރއަށް ގެނެވުނު ހަރުދަނާ ބަދަލުތަކާ ގުޅިގެން އިދާރީގޮތުން ތަފާތު އޮފީސްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ވުޖޫދުކުރަން ޖެހުނު ތަންތަން ވެސް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ކަނޑުމަތީގެ އޮޕަރޭޝަނަލް ޤާބިލުކަން ދަމަހައްޓައި ނެގެހެއްޓުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ވަކިން ޚާއްޞަކޮށް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާކުރުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ އުޅަނދުފަހަރު އޮޕަރޭޝަނަށް ގެނައުމަށް ޓަކައި ކުރެވުނު، އަދި ކުރެވެމުންދާ މުހިންމު ގިނަ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. މިގޮތުން ގްރައުންޑް ވެފައިވާ ގިނަ އުޅަނދުތަކެއް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. ވަކިން ޚާއްޞަކޮށް ކޯސްޓްގާޑު ޝިޕް ޣާޒީ ގިނަ އަހަރުތަކަކަށްފަހު އޮޕަރޭޝަނަށް ގެނެވުނުކަމީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމައެއާއެކު ކޯސްޓްގާޑުގެ ފްލީޓަށް އިތުރުކުރެވުނު “ކާމިޔާބު” ލޯންޗުގެ އިތުރުން ކޯސްޓްގާޑުގެ އޮފިސަރަކު މިހާރު ވަނީ ނިއުދިއްލީގައި ހުންނަ ފިއުސަން ސެންޓަރުގައި ވެސް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ޖުމްލަގޮތެއްގައި ކޯސްޓްގާޑުގެ ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ.
ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އަދި ސިފައިންގެ ވެލްފެއަރއަކީ ލީޑަރޝިޕްގެ އިސްތިރާޖީ މުހިންމު ލަނޑުދަނޑިއެކެވެ. އެގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކުރުމާއި ސިފައިންގެ ވެލްފެއަރ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ސިފައިންނަށް ގިނަ ކަންކަން ވަނީ ލުއިކޮށްދީ، ފަހިކޮށްދީފައެވެ. މީގެ އިތުރުން، ސިފައިންގެ ތެރޭގައި ހިނގާ މައްސަލަތައް އިންސާފާއި އުސޫލުތަކުގެ ތެރެއިން ނިންމުމަށް ޓަކައި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަސްކަރީ ޢަދުލުގެ ނިޒާމް ޤާއިމުކޮށް، އެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ އަސްކަރިއްޔާތަކުގައި ވެސް ކާމިޔާބުކަމާއެކު މަސައްކަތްކުރަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން މައްސަލަތައް ނިމިގެންދާކަމީ ސިފައިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ސިފައިންގެ އަޚްލާޤާއި ސުލޫކު ދެމެހެއްޓުމަށް ފަހިވެގެން ދިޔަ ތަނަވަސް ރާސްތާއެކެވެ. މީގެ އިތުރުން ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލަމެވެ. މިގޮތުން ސިފްކޯ ހިޔާގެ މަސައްކަތް ފޯރިއާއެކު މިހާރު ކުރިއަށްދާކަމީ ސިފައިންނަށް ލިބިގެންދާ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ހުޅުމާލެއިން ސިފައިންނަށް ލިބިފައިވާ ބިމުގައި ސިފައިންގެ ކެންޓޯންމަންޓް ޤާއިމުކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭފަދަ ބޮޑު ކުރިއެރުންތަކެއް ސިފައިންނަށް ލިބިގެންދާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ޓަކައި ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ އެއްގަމުގެ ބާރު ކަމުގައިވާ މެރިން ކޯރގެ ތެރޭގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ޤާއިމު ކުރެވިގެން ދިޔަކަމީ ދިވެހި ސިފައިންގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ ޒަމާނީ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ތަމްރީނު ލިބިގަނެ، ކުރިމަތިވާ ކޮންމެ ހާލަތަކަށް ހުޝިޔާރުކަމާއި ޖެހިލުންކުޑަކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ބައެއްގެ ގޮތުގައި ޤާއިމުކުރެވިފައިވާ ބައެކެވެ.
ޑިފެންސް ކޯޕަރޭޝަންގެ ދާއިރާއިން ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބުތަކަކީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ފަދަ ކާމިޔާބުތަކެކެވެ. ބޭރުގެ ޤައުމުތަކުން ލިބެމުންދާ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކާއި ދިވެހި އަސްކަރިއްޔާއާ ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ވަނީ އިތުރުވެފައެވެ. ހަމައެއާއެކު ބޭރުގެ އަސްކަރިއްޔާތަކާއި ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުން ރާއްޖެއަށް ގިނަ ޢަދަދަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ހަމަ މި ބީދައިން ރާއްޖޭގެ ޢިއްޒަތްތެރި ދިފާޢީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ތަފާތު ފެންވަރު ވަފުދުތައް ބޭރުގެ ގިނަ ޤައުމުތަކަށް ޒިޔާރަތްކޮށް، ދިފާޢީ ގުޅުމުގެ ދާއިރާއިން ބިނާކުރަނިވި ކުރިއެރުންތަކެއް ހާސިލުކުރަމުންދާކަމީ ކުރިމަގަށް ޓަކައި ކޮށިގެންދާ ތަނަވަސް މަގެކެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުގެ އޮފީސް މުޅިން އަލަށް އިނގިރޭސިވިލާތާއި މެލޭޝިޔާގައި ވަނީ ޤާއިމުކޮށްފައެވެ. މިއީ ތާރީޚީ ކާމިޔާބެކެވެ. އަދި ސިފައިންގެ ވަފުދެއް ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އިންޓަރނޭޝަނަލް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ވަނީ ޤާއިމުވެފައެވެ. މީގެ އިތުރުން ބޭރުގެ ޤައުމުތަކާއެކު ދަމަހައްޓަމުން އަންނަ ދިފާޢީ ގުޅުމުގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ތަފާތު އާލާތްތަކާއި ވަސީލަތްތައް ލިބުން އިހުނާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހާ ކަންކަމަކީ ހަރުދަނާ ނިޒާމުގެ ތެރެއިން ކުރެވޭ ކަންކަން ކަމުގައި ހެދުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. މިގޮތުން ސިސްޓަމްތަކާއި އުސޫލުތައް ޤާއިމުކުރުމަށް ޓަކައި ކުރެވެމުންދާ ހަރުދަނާ ގިނަ މަސައްކަތްތައް ފާހަގަކޮށްލަމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުގައި މިހާތަނަށް ނެރެވުނު ފުރަތަމަ ކެޕްސްޓޯން ޑޮކްޓްރިންގައި ދިވެހި ސިފައިންގެ ރޭންޖު އޮފް މިލިޓަރީ އޮޕަރޭޝަންގެ ތެރޭގައި ހަނގުރާމަވެރި އަސްކަރީ އޮޕަރޭޝަނާއި، ސެކިއުރިޓީ އޮޕަރޭޝަނާއި، މަދަނީ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާ ގުޅިގެން ހިންގަންޖެހޭ އޮޕަރޭޝަންތަކާއި، މަދަނީ މުޖުތަމަޢުއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ހިމެނެއެވެ. ސިފައިންގެ ލީޑަރޝިޕްގެ އިސްތިރާޖީ ލަނޑުދަނޑިތައް އަމާޒުކުރަނީ މި ދެންނެވި ދާއިރާތަކުން، ވަށާޖެހޭގޮތަށް ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި ސަފުތަކުގެ ބަދަހިކަމާއި ތަރުތީބުކަން ގެނައުމަށެވެ. މިގޮތުން ސިފައިންގެ ޤާބިލުކަން އިތުރުކޮށް ސިފައިންގެ ސަފުތަކުގެ ތަރުތީބުކަން ދެމެހެއްޓުމަށް ޓަކައި ކުރެވޭ މަސައްކަތްތަކަކީ މި ދެންނެވި އޮޕަރޭޝަންތައް ހިންގުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލު ދެމެހެއްޓުމަށާއި މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙުގައި ކުރެވެމުންދާ މަސައްކަތްތަކެވެ. މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ސިފައިން ތިބޭނީ ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސާބިތުކަމާއެކު އަބަދުވެސް ތައްޔާރަށެވެ.