ޤައުމުތަކުގެ މެދުގައި ހަނގުރާމަތައް ހިނގަނީ، ތަފާތު ސަބަބުތަކާ ހެދިއެވެ. އެއް ބަޔަކު ބިން ހޯދުމަށް ހަނގުރާމަ ކުރާއިރު، އަނެއް ބަޔަކު ހަނގުރާމަ ކުރަނީ، އިސްތިޢުމާރީ މަންފާ ހޯދުމުގެ ނިޔަތުގައެވެ. ދީނަށް ނަޞްރު ހޯދައިދިނުމުގެ ނަމުގައި ވެސް އެތައް ހަނގުރާމައެއް ކުރެވިފައިވެއެވެ. މިއިން ކޮންމެ ހަނގުރާމައެއްގައި ވެސް ބަހުގެ ނުފޫޒާއި ބާރު އެކި މިންވަރަށް ހިނގާފައިވާއިރު ބަހަށް ޓަކައި ކުރެވުނު ހަނގުރާމަތައް ވެސް ފެނިފައިވެއެވެ. މިހާރު ކުރެވެމުންދާ ރޫސީވިލާތާއި ޔުކްރައިން ހަނގުރާމައަކީ އެފަދަ ހަނގުރާމައެއް ހެއްޔެވެ؟ މި ހަނގުރާމައިގައި ދެ ޤައުމުގެ ބަސް އަދާކުރަނީ ކޮން ދައުރެއް ހެއްޔެވެ؟
މުޅި ދުނިޔޭގެ ކަޅި އެ ހަނގުރާމައަކަށް ހުއްޓިފައިވާ ރޫސީވިލާތާއި ޔޫކްރައިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައަކީ “ބޮޑު ހަނގުރާމައެއްގެ” ފެށުންކަމަށް ބައެއް ބޭފުޅުން ލަފާކުރައްވައެވެ. އެ ހަނގުރާމަ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޔުކްރައިންގެ ބިމުގައި ވަނީ ދެ ދައުލަތެއް ގާއިމުކުރެވިފައެވެ. އެ ދެ ދައުލަތުގައި ތިބީ ރޫސީ ނަސްލު މީހުންނެވެ. ވާހަކަ ދައްކަނީ ރޫސީ ބަހުންނެވެ. އެ ދެ ދައުލަތުގެ ޙިމާޔަތުގައި ރޫސީ ސިފައިން ހަރަކާތްތެރިވާން ފެށުމުން، އެއީ، ބިމުގެ ބޭނުމުގައި ކުރެވޭ ހަނގުރާމައެކޭ ބުނެވިދާނެއެވެ. ހަމައެއާއެކު އެއީ ރޫސީ ބަހާއި ރޫސީ ސަގާފަތުގެ ދިފާޢުގައި ރޫސީވިލާތުން ކުރަމުން އަންނަ ހަނގުރާމަ އެކޭ ވެސް ބުނެވިދާނެއެވެ. މި ބަހަށް ބާރު ލިބޭ އެންމެ ބޮޑު އެއް ހެއްކަކީ ރަޝިޔާގެ ރައީސްގެ ވާހަކަފުޅެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ޔުކްރައިނަށް ސިފައިން ފޮނުވުމަށް ދެއްކެވި ބަހަނާތަކުން އެއް ބަހަނާއަކީ، ޔުކްރައިންގެ ‘ޖެނޮސައިޑް’ އިން ރޫސީ ބަހުން ވާހަކަ ދައްކާ ޔުކްރައިން ރައްޔިތުން ހިމާޔަތްކުރެއްވުމެވެ. އެހެނަސް އެ ދެއްކެވި ވާހަކަގައި އެ ވިދާޅުވި ފަދަ “ޖެނޮސައިޑް” އެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ސާބިތުކޮށްދެވިފައެއް ނެތެވެ. އެހެނަސް، ޔުކްރައިންގައި އެ ޤައުމުގެ ބަހުން ވާހަކަ ދެއްކުމަށް އިސްކަންދޭ ޤާނޫނެއް ފާސްކުރުމާ އެކު، އެ ޤައުމުގެ އިރުމަތީ ބިތުގައި ދިރިއުޅޭ، ރޫސީ ބަހުން ވާހަކަދައްކާ ރައްޔިތުންނަށް ވަނީ ހިތްހަމަ ނުޖެހުންތަކެއް ކުރިމަތިވެފައެވެ. އެތައް ޤަރުނެއް ވަންދެން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރޫސީ ނަސްލުގެ މީހުންނަށް ކުއްލިއަކަށް ޔުކްރައިން ބަހަށް އިސްކަން ދޭން ޖެހުމުންނެވެ. ރޫސީންގެ ބަހުގެ މައްޗަށް އެހެން ބަހެއް އިސްކުރާން މަޖުބޫރުވުމުންނެވެ.
ޙަޤީޤަތަކީ، މި ފަހަރުގެ ހަނގުރާމަ ފެށުމުގެ މާ ކުރިން ވެސް، ޔުކްރައިންގެ ބިމަކީ ރަޝިޔާގެ ބިމެއް ކަމަށް ދޭހަވާ ގޮތަށް ރައީސް ޕޫޓިން ވާހަކަފުޅު ދައްކަވާކަމެވެ. އެގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދެވި ނަމަވެސް، ހަތިޔާރާއެކު ޔުކްރައިނަށް ރޫސީ ސިފައިން އެރުމުގެ މައިގަނޑު އެއް މަޤްޞަދަކީ، ރައީސް ޕޫޓިންގެ ބަސްފުޅުން ނަމަ ރޫސީންގެ ބަސް ޙިމާޔަތްކުރެއްވުމެވެ. އެ ބަސް ބަހަނާއަކަށް ހައްދަވައި ހަތިޔާރު އިސްކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމެވެ.
ޔޫކްރައިންގެ އިރުމަތި ފަޅީގައި ދިރިއުޅޭ ރޫސީ ބަހުން ވާހަކަ ދައްކާ ރޫސީ ނަސްލު މީހުންނާއި، ޔުކްރައިންގައި އުޅޭ ޔުކްރައިނު ބަހުން ވާހަކަ ދައްކާ ރައްޔިތުންނާ ދެމެދު ބަހުގެ ހަނގުރާމައެއް ފެށިފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. 2012 ވަނަ އަހަރު ހާތާނގައި ވެސް ބަހުގެ މި ހަނގުރާމަ އޮތީ ފެށިފައެވެ. މިގޮތުން 2013 ވަނަ އަހަރު ޔޫކްރައިންގައި އާ ޤާނޫނެއްގެ ދަށުން ޔުކްރައިންގެ ބަހަށް އިސްކަންދީ، ރޫސީ ބަސް ދެވަނަ ދަރަޖައިގެ ބަހަކަށް ހެދުން ވެގެން ދިޔައީ ބަހުގެ މި ހުޅުގަނޑު ފަޅައިގެންދިޔަ މައިގަނޑު ސަބަބަށެވެ. އެކަމާ ގުޅިގެން ޔުކްރައިންގައި ޔުކްރައިންގެ ޤައުމިއްޔަތު ވަރުގަދަވެ، ރޫސީވިލާތާ ގުޅުން ހުރި ސަގާފީކަންކަމާއި އާދަތައް މަޑުމަޑުން ފުހެވެމުން ދިޔައެވެ. މިއީ ރޫސީ ނަސްލުގެ ރައްޔިތުންނަށް ތަޙައްމަލުކޮށް ބަލައިގަންނަން އުނދަގޫވި ކަމެކެވެ.
ޔުކްރައިންގައި، އެ ޤައުމުގެ ބަހަށް އިސްކަންދޭ ޤާނޫނެއް ފާސްވުމާ ގުޅިގެން، އެ ޤައުމުގައި ޔުކްރައިން ބަހުން ވާހަކަދައްކާ މީހުންގެ ޢަދަދު އިތުރުވާން ފެށިއެވެ. ޔޫކްރައިންގެ ކާރކީވް ކަހަލަ ބޮޑެތި ސިޓީތަކުގައި، ގިނަ މީހުން ކުރިން ވާހަކަ ދައްކަމުން އައި ރޫސީ ބަސް ދޫކޮށްލައި ޔުކްރައިންގެ ބަހުން މުއާމަލާތުކުރަން ފެށިއެވެ. ކާރކީވަކީ ރޫސީ ބަހުން ވާހަކަދައްކާ، ސަގާފީ ގޮތުން ވެސް ރޫސީވިލާތާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ރޫސީންނާ އުޚުއްވަތްތެރި ކަމެއް ބާއްވާ ސިޓީއެކެވެ. ކާރކީވްގައި އެންމެ ފަހުން ބޭއްވި ލޯކަލް އިންތިޚާބުގައި ވެސް ގިނަ ކެންޑިޑޭޓުން އެ ސިޓީން ރޫސީންނާ އޮންނަ ގުޅުން މިހާރަށްވުރެ ވެސް ބޮޑުކުރުމަށާއި ރޫސީންނާ ވަރުގަދަ ގުޅުމެއް ބާއްވަން ވަކާލާތުކޮށްފައިވެއެވެ. ނަމަވެސް ރޫސީންނާ ގުޅުން ބާއްވަން ވާހަކަދެއްކި ކެންޑިޑޭޓުން ވެސް މިއަދު ތިބީ ޔުކްރައިން ހިފުމަށް މަސައްކަތްކުރާތީވެ، ރޫސީން ދެކެ ހިތްހަމަ ނުޖެހި، ނުރުހިފައެވެ. ރޫސީ ބަހުން ވާހަކަފުޅު ދައްކަވާ ކާރކީވްގެ މޭޔަރު ވެސް، އަސްކަރީ ގޮތުން ކާރކީވް ހިފުމަށް ރޫސީވިލާތުން މަސައްކަތްކުރާތީވެ، ރޫސީންގެ ކިބައިން ސަލާމަތްވުމަށް އެ ސިޓީގެ ރައްޔިތުން ކުރާ ހިތްވަރުގެ ވާހަކަތައް ހާމަކޮށްދެއްވަނީ ވެސް ރޫސީ ބަހުންނެވެ. ނަމަވެސް ރޫސީންނާ ދެކޮޅަށެވެ.
ޔުކްރައިންގައި، އެ ޤައުމުގެ ބަހަށް އިސްކަން ދޭން ނިންމުމާ ގުޅިގެން އެންމެ ކަންބޮޑުވާން ފެށި ބަޔަކީ ޙަޤީޤަތުގައި، އެ ޤައުމުގައި ދިރިއުޅޭ ރޫސީ ނަސްލުގެ މީހުންނެއް ނޫނެވެ. އެ މީހުންނަށް ވުރެ ބޮޑަށް ބަހުގެ ޖަޒުބާތުގައި ޖެހި، އެކަމާމެދު އެންމެ ކަންބޮޑުވާން ފެށި ބަޔަކީ، ސީދާ ރަޝިޔާގައި ދިރިއުޅޭ ރޫސީންނެވެ. އެ މީހުންގެ ނަޒަރުގައި، ޔޫކްރައިންގައި ޔުކްރައިން ބަހަށް އިސްކަން ދިނުމަށް ޤާނޫނަކުން މަޖުބޫރުކުރީ، ސީދާ ރޫސީ ބަސް ނިކަމެތިކޮށްލުމުގެ ބޭނުމުގައެވެ. ދެވަނަ ދަރަޖައިގެ ބަހަކަށް ރޫސީ ބަސް ހެދުމުގެ މަގުސަދުގައެވެ. ޔޫކްރައިނުގައި އެ ޤައުމުގެ ބަސް ހިމާޔަތްކޮށް، އެ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ފާސްކުރުމުން، އެ ޤާނޫނު ތަންފީޒުކުރުން ހުއްޓުވަން ވެގެން އެންމެ ވަރުގަދައަށް މަސައްކަތްކުރީ ވެސް ރޫސީވިލާތެވެ. އެ ޤާނޫނު އުވާލުމަށް ރޫސީވިލާތުން ވަނީ ދެ ފަހަރެއްގެ މަތީން މަސައްކަތްކޮށްފައެވެ. އެއް ފަހަރު މަސައްކަތްކުރީ ޔުކްރައިންގެ ޕާރލަމެންޓަށް ބަހުގެ މައްސަލައެއް ވައްދައިގެންނެވެ. ދެވަނަ ފަހަރު މަސައްކަތްކުރީ ރޫސީވިލާތުން އިސްނަގައިގެން، މި މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިގެންނެވެ.
ރޫސީވިލާތުގެ ރައީސް ޕޫޓިންގެ ވާހަކަފުޅުގައި ރޫސީ ބަސް ހިމާޔަތްކުރައްވާނެކަމަށް ވިދާޅުވިއިރު، ޔުކްރައިންގެ ދެކުނު އިރުމަތީގައި ރަޝިޔާއާ އިންވެގެން އޮތް، މުޅި ސަރަހައްދުގެ އާބާދީގެ ބަހަކީ ރޫސީ ބަހެވެ. ވާހަކަދައްކައި ލިޔެ ހަދަނީ ވެސް ރޫސީ ބަހުންނެވެ. މި ސަރަހައްދުގެ ރައްޔިތުންނާއި، ރޫސީވިލާތުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ޢާއިލީ ގޮތުން ގުޅެއެވެ. ސަގާފީ ގުޅުންތައް ވަރުގަދައެވެ. ކަން މިހެން އޮތަސް، މިއަދު މި ކުރެވޭ ވަރުގަދަ ހަނގުރާމައިގައި، އެ ސަރަހައްދުތަކަށް ލިބޭ ގެއްލުން ބޮޑުވެ، މީހުން މަރުވެ، މުޅި ސަރަހައްދުގެ އަވަށްތައް ހަލާކުވެގެން ދާތީ، އެ ސަރަހައްދުގައި ތިބި ރޫސީ ދަރިކޮޅުގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހިފައެވެ. މި ސަރަހައްދުގައި ދިރިއުޅޭ އަޣުލަބިއްޔަތަކީ ރޫސީންނަށް ވިޔަސް، ރޫސީވިލާތުން ޔުކްރައިނަށް ދެމުންދާ ހަމަލާތަކާ މެދު މި މީހުން ހިތްހަމައެއް ނުޖެހެއެވެ. މި ހިތްހަމަނުޖެހުން ދައްކުވަން އެ މީހުން އެޅި އެއް ފިޔަވަޅަކީ، ރޫސީ ބަހުން ވާހަކަދެއްކުމުގެ ބަދަލުގައި ޔުކްރައިން ބަހުން ވާހަކަދައްކަން ފެށުމެވެ. އެ މީހުންގެ ހަމައެކަނި ބޭނުމަކަށްވީ ޔުކްރައިނުގެ އަވަށްތައް ހަލާކުކުރަމުންދާ ރޫސީވިލާތުގެ މީހުންނާއި ޔުކްރައިނުގައި ދިރިއުޅޭ ރޫސީ ނަސްލުގެ މީހުންނަކީ ދެ ބައެއްކަން ދެއްކުމެވެ. ރޫސީން ދެމުންދާ ހަމަލާއަށް ތާއީދުކުރަން އެ މީހުން ބޭނުން ނުވާތީއެވެ. ޔޫކްރައިންގެ އަވަށްތައް ހިފަމުންދާ ރޫސީ ސިފައިންނާ އެ މީހުންނާ އެއްވެސް ކަހަލަ ގޮތަކަށް ގުޅުމެއް ބާއްވަން ބޭނުން ނުވީތީއެވެ.
ކާރކީވް ކަހަލަ ބޮޑެތި ސިޓީތަކުގައި ވެސް، ޔުކްރައިން ބަހުން ވާހަކަދައްކަން އެއްގޮތަކަށް ވެސް ބޭނުން ނުވާ އެތައް ބަޔަކު މިއަދު ވަނީ ޔުކްރައިން ބަހުން ވާހަކަދައްކަން ފަށާފައެވެ. ކާރކީވްގެ މީހަކު ބުންޏެވެ. “ރޫސީ ސިފައިންނާއި ޔުކްރައިނު ސިފައިން ތިބި ތަންތަން އަހަރެމެންނަށް އެނގެއެވެ. ހަމައެގޮތަށް ހަމަލާތައް އަންނަ ދިމާއަކީ ކޮބައިކަން ވެސް އަހަރެމެންނަށް އެބަ ފެނެއެވެ. އެއްވެސް އޮޅުމެއް ނެތި އެނގޭ ކަމަކީ، ހަމަލާތައް އަންނަނީ ރޫސީވިލާތުގެ ފަޅިން ކަމެވެ.” ޔުކްރައިނުގައި، ރޫސީ ނަސްލުގެ މީހުން އުޅޭ ސަރަހައްދުގެ ޒުވާނަކު ބުންޏެވެ. “މުޅި ސަރަހައްދު ދަނީ ހަލާކުވަމުންނެވެ. ހިމާޔަތްކުރާނަމޭ ބުންޏަސް، މުޅި ސަރަހައްދު އެދަނީ ހަލާކުވަމުންނެވެ. އަނެއްކޮޅަށް ބަލާއިރު، ރޫސީ ބަހުން އަހަރެން ވާހަކަ ދައްކާތީއޭ ކިޔާފައި، ޔުކްރައިންގެ އެއްވެސް ފަރާތަކުން އަހަރެންނާ މެދު، އެއްކޮޅަށް ވެސް، ދެކޮޅަށް ވެސް، އެއްވެސް ތައައްސުބެއް އޮތްކަމުގެ އިހުސާސެއް ނުކުރެވެއެވެ. އެހެންވީމާ، ޕޫޓިންގެ ވާހަކަފުޅު ވަނީ ބޮޑު ޖޯކަކަށެވެ.”
ޔުކްރައިންގައި 2012 ގައި ރޫސީ ބަހާއި ޔުކްރައިންގެ ބަހާ މެދު ވާދަވެރި ބަހުސް ފެށިގެން އައި ދުވަސްވަރު، ޔުކްރައިންގެ އެންމެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަންޑްރެއި ކަރކޯފް ވިދާޅުވެފައި ވެއެވެ. “ބަހުގެ މި ހަނގުރާމާގައި ހަނގުރާމަވެރިއަކަށް ވުމަށް އަހަރެންގެ ޝަޢުޤުވެރިކަމެއް ނެތެވެ”. އޭނާ އަބަދުވެސް ވިދާޅުވަނީ، ބަސް ސިޔާސީ ނުކުރުމަށެވެ. ކަރކޯފްގެ ހުރިހާ ލިޔުމެއް ވެސް ހުންނަނީ ރޫސީ ބަހުންނެވެ. އެހެނަސް، އޭނާ އޭރުވެސް ހުންނެވީ، ރޫސީވިލާތާ ގާތްގުޅުމެއް ބޭއްވި، ރޫސީވިލާތާ ގުޅުން މިހާރަށްވުރެ ވެސް ބޮޑަށް ގާތްކުރަން ބޭނުންވި ޔުކްރައިންގެ އޭރުގެ ރައީސާ ދެކޮޅަށެވެ. އެ ވެރިކަން ބަދަލުކުރުމަށް ތާއީދުކުރި ޔުކްރައިނު މީހުން ބޭއްވި މުޒާހަރާތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ.
މިހާރު މި ކުރެވޭ ހަނގުރާމައިގައި، ޔޫކްރައިން ބަހުން ވާހަކަދައްކާ މީހުން ވެސް، އެ މީހުން ވާހަކަދައްކާ ބަހުގެ ބޭނުން އެބަކުރެއެވެ. އެ މީހުން ދެކޭގޮތުގައި ޔުކްރައިންގައި މި ވަގުތު ތިބި ޔޫކްރައިން ބަސް ދަންނަ، ރޫސީ ސިފައިންގެ ޖާސޫސުން ދަނީ ޔުކްރައިން މީހުން ފިލާ ތިބޭ ތަންތަނަށް ގޮސް ރޫސީ ސިފައިންނަށް މަޢުލޫމާތު ފޯރުކޮށްދެމުންނެވެ. އެހެންކަމުން، ޔުކްރައިން މީހުންގެ ތެރޭގައި އުޅޭ ރޫސީން ވަކިކުރުން ވަނީ، ބޮޑު ގޮންޖެހުމަކަށް ވެފައެވެ. އެހެނަސް، ޔުކްރައިން ބަހުގައި ހިމެނޭ ބައެއް އަޑުތަކަކީ، ރޫސީންނަށް ނުފަރިތަ، މަޚުރަޖުން އަޑު ނެރެން އުނދަގޫ އަޑުތަކެކެވެ. އެހެންކަމުން، މިހާރު ބައެއް އިމާރާތްތަކަށް މީހުން ވައްދަނީ، އެ އަޑުތަކުން ކިޔަން ޖެހޭ ލަފުޒުތައް ހިމެނޭ ލިޔުމެއް ކިޔުއްވައި ފާސްވުމުންނެވެ. ޔުކްރައިން މަޚުރަޖުން ނުކިޔޭ ނަމަ، އެ މީހަކު ޔުކްރައިން މީހުން ބޭރުކޮށްލައެވެ.
މި ފަހަރުގެ ހަނގުރާމަ ފެށުމުގެ ކުރިން ރޫސީވިލާތުގެ ރައީސް، ވްލަޑިމިއަރ ޕޫޓިން ދެއްކެވި ވާހަކަފުޅުގައި، ހަނގުރާމައިގެ އެއް ބޭނުމަކީ، ރޫސީ ބަހާއި ސަގާފަތާއި ރޫސީ ބަހުން ވާހަކަދައްކާ މީހުން ހިމާޔަތްކުރުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން މި ހަނގުރާމައަށް ފިނިކަން ގެނެވޭތޯ ކުރެވެމުންދާ މަސައްކަތުގެ ދަށުން މަޝްވަރާގެ މޭޒަށް ރަޝިއާއިން ހުށަހެޅި ހަ ނުކުތާގެ ތެރޭގައި ވެސް ޔޫކްރެއިންގައި ރަޝިއާގެ ބަސް ބޭނުން ކުރަން ހުރި ހުރަސްތައް ނައްތާލުން ހިމަނާފައިވެއެވެ.
ޔުކްރައިންގެ ބަހަށް އިސްކަން ދޭ ޤާނޫނެއް އެ ޤައުމުގައި ހިންގަން ފަށައި، އެ ޤައުމުގައި ރޫސީ ބަހުން ވާހަކަދައްކާ މީހުންނަށް ނިކަމެތިކަމެއް ލިބެމުން ދިޔަ ނަމަވެސް މިއަދު، ފެންނަން އޮތް އެއް ޙަޤީޤަތަކީ، މި ފަހަރު ރޫސީންނާއި ޔުކްރައިން މީހުންގެ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދަށް ލިބެމުންދާ ގެއްލުމާ މެދު، އެ ސަރަހައްދުގައި ދިރިއުޅޭ ރޫސީ ނަސްލުގެ މީހުން ވެސް ހިތްހަމަނުޖެހިފައި ތިބި ކަމެވެ. ރޫސީ ބަހަށް ލިބެމުންދާ ގެއްލުންތަކަށް ވުރެ ޔުކްރައިނަށް ލިބެމުންދާ ގެއްލުންތަކާމެދު ރައްޔިތުން ކަންބޮޑުވާ ކަމެވެ. ބަހާ ސަގާފަތުގެ ދިފާޢުގައި ކަމަށް ބުނެ ރަޝިއާއިން ފެށި މި ހަނގުރާމައިން ފެންނަމުން ދަނީ ރޫސީ ނަސްލު މީހުން ރޫސީވިލާތުގެ މި ޢަމަލު ކުށްވެރިކުރާ ތަނެވެ. ރޫސީންނަށް ތަރުހީބު ނުދޭ ތަނެވެ. ރޫސީ ބަސް ބޭނުންކުރުމުގެ ބަދަލުގައި އެހެން ބަހަކަށް ޖާގަ ދޭތަނެވެ.