މިއަދު އެނގިފެނި ދެންނެވިފައިވާ ފަދައިން ދިވެހި ސިފައިން އުފެދުނީ 1892 އަހަރުގެ އެޕްރީލް 21 ވަނަ ދުވަހުއެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ބަރިކުސަ ލޯކަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުއެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ކުރިން ސިފައިންގެ ވެރިޔާގެ ފަޚުރުވެރި މަޤާމު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޡިއްޔަތުން އިތުރު ތިން ބޭފުޅަކު ފުރުއްވާފައި ވެއެވެ. އެއީ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު 5 ވަނައާއި އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު 3 ވަނަ އަދި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 ވަނައެވެ.

ފަޚާމަތުއްރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީނަކީ ދިވެހި ސިފައިންގެ ވެރިކަން 5 ވަނައަށް ކުރެއްވި ފަރާތެވެ. އެމަނިކުފާނު ސިފައިންގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންފައި ވަނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުންނެވެ.

އަޅުގަނޑު މިފަހަރު މި މަސައްކަތްކުރަނީ ފަޚާމަތުއް ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ކުރު ޢުމުރުފުޅުގައި، އަދި ވަކިން ޚާއްޞަކޮށް ސިފައިންގެ ވެރިޔާގެ ޙައިސިއްޔަތުން އެމަނިކުފާނު ދިވެހި ސިފައިންނަށް ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ކުރު މުއްދަތުގައި އެމަނިކުފާނު ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވި ކުރިއެރުމާއި ކޮށްދެއްވި އަގުނުކުރެވޭނެ ގިނަގުނަ ޚިދުމަތްތަކަށް ބަލާލެވޭތޯ ބެލުމަށެެވެ. އަދި ވަކިން ޚާއްޞަކޮށް އެމަނިކުފާނުގެ ނުގުޑާ ވަރުގަދަ ޢަޒުމްފުޅަށާއި ގަދަ ހިތްވަރުފުޅަށް، އަޅުގަނޑަކީ ވެސް ދިވެހި ސިފައިންގެ ފަޚުރުވެރި ލަޝްކަރަށް ނިސްބަތްވާ، ދިވެހި ޢަސްކަރުގެ އިސް ޚިދުމަތްތެރި އަކަށް ވީހިނދު، ނުހަނު ޠާޢަތްތެރިކަމާއެކު ޝުކުރުގެ ޖިޒީއެއް އަދާކުރުމަށެވެ.

1944 އޮކްޓޯބަރ 29 އިން 1953 އޮގަސްޓް 21 އަށް ދިވެހި ޢަސްކަރުގެ ސްޕްރީމް ކޮމާންޑަރުކަން ކުރެއްވި މުޙައްމަދު އަމީނުގެ ހިތްވަރުފުޅަށް ސާބަހާއި އައްސަރިބަސް ދަންނަވައި، މިއަދު ސިފައިންގެ ލަޝްކަރުގައި ތިއްބެވި ހިތްވަރުފުޅު ގަދަ ތިޔަ ފަހުލަވާނުންނަށް، ކޮޅަށް ތެދުވެވަޑައިގެން ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނަށް ހޫނު އަތްތިލަބަޑިއެއްގެ އަޑާ އެކު ‘ވޯވ، ވޯވ،’ ގެ ގަދަ އަޑުން ‘ވެލްކަމް ކޮމާންޑަރ އަމީން’ ގެ އަޑު ގުގުމާލުމަށް ދަންނަވަމެވެ.

މިއަދު ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީންގެ ޖިސްމު ސިފައިންގެ ލަޝްކަރު ތެރެއިން ފެންނަން ނެތްނަމަވެސް އެމަނިކުފާނުގެ ރޫޙު ދިވެހި ސިފައިންނާއި ވަކިވެ ނުދާކަން ސާބިތުކޮށް ދިނުމަށެވެ. ސްޕްރީމް ކޮމާންޑަރ އަމީނު ދިވެހި ސިފައިންނަށް ގެނެސްދެއްވި ކުރިއެރުމަށާއި ކޮށްދެއްވި، އަގުވަޒަން ނުކުރެވޭނެ ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ދެންނެވުމަށެވެ. އަދިވެސް އެމަނިކުފާނުގެ އަގުހުރި ނަސޭހަތްޕުޅުތަކާއި އިރުޝާދުތައް، ކުރެއްވި އިޚުލާޞްތެރި އިލްތިމާސްތައް، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެއްކެވި އަދަބުވެރިކަން ދިވެހި ސިފައިންގެ ތެރެއިން ދުވަހަކު ފިލާނުދާނެކަން ހާމަކުރުމަށެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އުފަންވެ ވަޑައިގަތުމާއި މައިބަފައިކަލުން

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ ދުނިިޔޭގެ އަލިކަން ދެކެވަޑައިގަަތީ ފުރަމާލޭ ހެންވޭރު އަތިރީގެއާގޭގައެވެ. 1910 ޖުލައި 20 ވަނަ ދުވަހުއެވެެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދީދީގެ ބައްޕާފުޅަކީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަޙްމަދު ދީދީ (އަޙްމަދު ދޮށިމޭނާ ކިލެގެފާނު) އެވެ. މަންމާފުޅަކީ ރޯނުގޭ އިބްރާހީމް ދީދީގެ ޢާއިޝަތު ދީދީއެވެ.

ތަޢުލީމީ ހަޔާތްޕުޅު

އެމަނިކުފާނުގެ ތަޢުލީމީ ހަޔާތްޕުޅުގެ ފެށުމަކީ އެހެންވެސް ކުޑަކުދިންނެކޭ އެއްފަދައިން އެމަނިކުފާނުގެ މައިބަފައިކަލުންނެވެ. އަދި ދިވެހި އެދުރުން، އުސްތާޛުންގެ ތެރޭގައި މަލިން ކަލޭފާނާއި ބުޗާ ކަޅުހުއްތުއެވެ. ތުއްޕުޅު އަމީރަށް އެންމެ ފުރަތަމަ އިނގިރޭސި ފޮތެއް އެރުވީ އިސްމާޢީލް ކަލޭފާނު ތުއްތުއެވެ. އެ ދުވަހަކީ ތުއްޕުޅު އަމީރު އަމީން، ވަރަށް ބޮޑަށް އުފާފުޅުވި ދުވަހެއް ކަމުގައި  މުޙައްމަދު އަމީނުގެ ތަޞްނީފަކުން ކީ ހަނދާންވެއެވެ.

މުޙައްމަދު އަމީނަކީ ތުއްޕުޅުއިރު ވެސް ތޫނުފިލި، ހިތްޕުޅު އަލި، ދަސްކުރުމުގެ ބާރުގަދަ ބޭފުޅެކެވެ. ކިޔަވައި ވިދާޅުވުމަށް ސިލޯނަށް ވަޑައިގަތީ ޢުމުރުފުޅުން ނުވަ އަހަރުފުޅުގައެވެ. ފުރަތަމަ ވެދެވަޑައިގަތީ ސެންޓް ޖޯސެފްސް ކޮލެޖަށެވެ. 

ދެވަނައަށް ވަދެވަޑައިގަތީ ސެންޓް ޖޯންސް ކޮލެޖު / ޕާނަންދުރާއަށެވެ. ސެންޓް ޖޯންސް ކޮލެޖުގެ ވާހަކަ ދައްކަން ދަސްކޮށްދޭ ޖަމްޢިއްޔާގެ ސެކެޓްރީކަމާއި ކޮލެޖުގެ ކުދިން ނެރޭ “ބާޒު” މަޖައްލާގެ އެޑިޓަރުކަން ކުރެއްވިއެވެ. ކޮލެޖުގައި ކުޅެވޭ ކޮންމެ ތަމްސީލެއްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މަޝްހޫރުވެގެންދިޔަ ރޯމިއޯ އެންޑް ޖޫލިއަޓް ތަމްސީލުގެ ރޯމިއޯގެ ބައިކުޅުއްވިއެވެ. ކޮލެޖުގެ ސިފައިންގެ ތެރޭގައާއި ބޯއީ ސްކައުޓުގައި އުޅުއްވިއެވެ. ޕާނަންދުރާ ކޯރުތެރޭގައި އިންޖީނު ބައްތެއްޔާއި “އަންކަރާ” ފަލިޖަހާ ދޯނި “ޒިބުރާ” ކޮލެޖުގެ ކުދިންނާއެކު ދުއްވަން ވަޑައިގަންނަވައެވެ. ސެންޓް ޖޯންސް ކޮލެޖުން ކޭމްބްރިޖް ސީނިއަރ އިމްތިޙާނު ހެއްދެވިއެވެ.

އެއަށްފަހު އިންޑިއާއަށް ވަޑައިގެން އަލީގަޅު ޔުނިވަރސިޓީއަށް ވެދެވަޑައިގަތެވެ. އަލިގަޅު ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވިއިރު ޔުނިވަރސިޓީގެ އަދަރ އެކްޓިވިޓީޒްގައި ބައިވެރިވެ ވަޑައިގެން ޓެނިސް ކުޅުއްވައި، ޑިބޭޓްތަކުގައި ބައިވެރިވެ ވަޑައިގެން، އަދި ތަމްސީލު ކުޅުއްވާ އުޅުއްވިއެވެ. އެމަނިކުފާނު ލަންޑަން މެޓްރިކުއުލޭޝަން އިމްތިޙާނުގައި ބައިވެރިވެވަޑައިގެން ފާސްވެ ވަޑައިގަތެވެ. އުރުދޫ ބަސް ކިޔަވައި ވިދާޅުވިއެވެ. އަދި އިންޓަރ ސައިންސް ކުލާހުން ޖާގަ ހޯއްދަވައިގެން އެޑްމިޝަން އިމްތިޙާނުން ފާސްވެ ވަޑައިގެން އެ ކުލާހުން ޖާގަ ހޯއްދެވުމަށްފަހު، ޔުނިވަރސިޓީގެ ޗުއްޓީގައި މާލެ ވަޑައިގެން އެމަނިކުފާނުގެ ބައްޕާފުޅުގެ އެދިވަޑައިގަތުމަށް ކިޔަވާ ވިދާޅުވުން ހުއްޓާލައްވައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ.

މާލޭގައި ހުންނަން ފެށްޓެވުމަށްފަހު “ބަހަނާއެއްގެ ގޮތުން ނަމަވެސް” ދިވެހި ބަހުގެ އުސްތާޛު ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ދިވެހި ބަސް ކިޔަވައި ވިދާޅުވިއެވެ.

މުޙައްމަދު އަމީނު ސިފައިންގެ މީހެއް

މުޙައްމަދު އަމީނުގެ ހަށިކޮޅުގައި ސިފައިންގެ މީހެއްގެ ސިފަވަންތަ ރޫޙު އަށަގަނެގެން ދިޔަކަމަށް ޤަބޫލުކުރެވެނީ އެމަނިކުފާނު ސިލޯނުގައި ކިޔަވައި ވަޑައިގަންނަވަން ހުންނެވި ދުވަސްވަރު، ކިޔަވާ ވިދާޅުވި ސްކޫލުންނެވެ. ސެންޓް ޖޯންސް ކޮލެޖު / ޕާނަންދުރާގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެ ކޮލެޖުގެ ސިފައިންގެ ތެރޭގައާއި ބޯއީ ސްކައުޓްގައި އުޅުއްވިކަމަށް ‘އޯކިޑް  ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި މުޙައްމަދު އަމީނުގެ ނިމުން، 1953’ ފޮތުގައި މުޙައްމަދު ޖަމީލު ލިޔުއްވާފައިވެއެވެ.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު ސިފައިންނަށް ކޮށްދެއްވި ބައެއް ޚިދުމަތް

1943 ޑިސެންބަރު 23 ވަނަ ދުވަހު ދޫނިދޫގައި ހުޅުވި ވަޔަރލެސް ޓެލިގްރާފް އޮފީހުގައި ދިވެހި ސިފައިން ފޯރިމަރަން ފެށުން، މިކަމަށް ޚާއްޞަކުރެއްވީ ކޮޅުނބުގައި ތަމްރީނުކުރެވިފައިވާ ޕަންޖާބު ރެޖިމެންޓްގެ ދިވެހި ސިފައިންނެވެ.

1945 އޮގަސްޓް 15 ވަނަ ދުވަހަކީ ސިފައިން، ކާކީ ޔުނިފޯމް ބޭނުންކުރި ދުވަހެވެ. މި ޔުނިފޯމް ފުރަތަމަ ބޭނުންކުރީ އެ ދުވަހު ހަވީރު އޮތް ސިފައިންގެ ރޫޓްމާޗްގައެވެ. މި ރޫޓްމާޗް ބޭއްވީ، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ހުއްޓުނު ކަމުގެ އުފަލުގައެވެ. 

1946 ފެބުރުވަރީ 4 ވަނަ ދުވަހަކީ ފުރަތަމަ ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރި ދުވަހެވެ. މި ދުވަހުގެ ރަސްމިއްޔާތުގައި ސިފައިންގެ ކަސްރަތު ޢާންމުކޮށް ދެއްކުނެވެ.

1947 ޖޫން 6 ވަނަ ދުވަހަކީ ސިފައިންގެ ތެރޭ ފުރަތަމަ ބޭއްވުނު ބަޑި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވި ދުވަހެވެ. އަދި ސިފައިންނަށް ދިދައެއް ކަނޑައެޅި، ދިދަ ޢާންމުކުރެވުނު ދުވަހެވެ. ‘ޤައުމީ ޚިދުމަތް’ ސިފައިންގެ މޮޓޯ ކަމުގައި ކަނޑައަޅައި ބޭނުންކުރަން ފެށި ދުވަހެވެ. އަދި ސިފައިން، ސިފައިންގެ ބޭންޑާއެކު މާޗުކުރަން ފެށީ ވެސް މި ދުވަހެވެ. ސިފައިންގެ ލަވަ އުފައްދަވާ  ބޭނުންކުރަން ފެށީ ވެސް ހަމަ މި ދުވަހުއެވެ.

1947 ޑިސެންބަރު 10 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ސިފައިންގެ ބްރާސް ބޭންޑްގައި ދިވެހި ޤައުމީ ސަލާން ކުޅުނެވެ.

1363 ޖުމާދިލްއާޚިރު މަހު 2 ވަނަ ރޭ ދަންބެރުގެ ވަގުތުގައި ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު އައްޑު އަތޮޅަށް ޑަންގީ ރަޙުމާނީގައި ކުރެއްވި ދަތުރުުފުޅަކީ ޤައުމުގެ މަޞްލަޙަތު ދަމަހައްޓަވަން ކުރެއްވި ދަތުރުފުޅެއް ކަމުގައިވިއަސް އެ ކަމަކީ ޤައުމުގެ އަމަނާ ގުޅުންހުރި މައްސަލައަކަށް ވުމުން އަޅުގަނޑު ދެކެނީ، އެ ދަތުރުފުޅަކީ ސިފައިންގެ ވެރިޔަކު ކުރެއްވި ޢަސްކަރީ ދިފާޢީ ދަތުރުުފުޅެއް ކަމުގައެވެ. މި ދަތުރުފުޅާ ބެހޭ ތަފުޞީލު ބައްލަވާލައްވައި ދިރާސާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނުގެ ތަޞްނީފު “ކަނޑުން ފިރުކެމުން ވައިން އުދުހެމުން” ބައްލަވާ ލެއްވުމަށް ދަޢުވަތު އަރުވަމެވެ.

ސިފައިންގެ ތެރޭގައި ކުޅިވަރު ކުލަބް އުފައްދަވައި، ކުޅިވަރުގެ ރޫޙު ދިރުއްވިއެވެ. ސިފައިންނަށް ބެޖު ދެއްވުމާއި، އަދިވެސް މިފަދަ ކިތަންމެކިތަންމެ ކަމެކެވެ. ކުރުކޮށްފޮނިކޮށް ދަންނަވަނީނަމަ ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު ސިފައިންގެ ވެރިކަން ކުރެއްވި ކުރު މުއްދަތަކީ ދިވެހި ސިފައިން، ޒަމާނުގެ ތަރައްޤީއަށް ހޭލަންފެށި ދުވަސްވަރެވެ. 

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނުގެ ހިތްވަރުފުޅަށް އައްސަރިބަހާއި ސާބަސް

ސަރ! އަޅުގަނޑުމެން ދިވެހި ސިފައިން ސަރ ތިޔަ ދެއްކެވި ހިތްވަރުފުޅަށް ފުންމިން އެނގުމެއް ނުވާ ހިތުގެ ފުންމިނުން ކެކި އުތުރިއަރާ ޝުޢޫރުތަކުން ވެދުން ކުރަމެވެ. ހިތުގެ އަޑިން ސެލިއުޓް އަރުވައި އަދަބު ތަޢުޒީމް އަދާކުރަމެވެ. މަނިކުފާނު ތި ދެއްކެވި ހިތްވަރުފުޅުން  ސަރގެ ނަންފުޅު، އައްސުލްޠާނު ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަމަހާރަދުން (1550 – 1552) އާއި އައްސުލްޠާން އިބްރާހީމް މުޒުހިރުއްދީނު ސިރީ މުތައި ރަންމަނި ލޯކަ މަހާރަދުން (1701 – 1705) އާއި ޙަސަން ތާޖުއްދީނުގެ ދެބެން ފަދަ މުޑުދާރު މީހުންގެ ނަން ލިޔެވޭ ލިސްޓެއްގައި ސަރގެ ޤަދަރުވެރި، އެހާމެ ފަޚުރުވެރި ނަންފުޅު ލިޔުމުގެ ފުރުޞަތު ނުދެއްވި ކަމަށް ޓަކައި ސާބަސް ދަންނަވަމެވެ.

ދިވެހި ތާރީޚުގެ ފަތްފުށްތައް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ އެއް ބޭފުޅަކީ ސަރއެވެ. ދިވެހި ތާރީޚުން ލިބިދޭ ޢިބުރަތްތަކުން، ސަރ ދަރުސްތައް އުނގެނިވަޑައިގެން ހުންނެވިކަން ޢަމަލުފުޅުން ދައްކަވައިފިއެވެ. ސަރ ދިވެހި ދައުލަތް ހިންގެވި ދުވަސްވަރު، އެންމެ އިތުބާރުކުރެއްވި އަދި އެންމެ އިތުބާރުކުރައްވާ މަޤާމުގައި ތިއްބެވި ދެ ބޭފުޅުން އެއް އަތަށް ދީލި ގޮސް ޣަދަރުވެރިވުމަކީ ދިވެހި ތާރީޚުގައި އަލަކަށް ހިނގިކަމެއް ނޫނެވެ. އައްސުލްޠާނު ޙަސަން (ދިހަވަނަ) 1701މ. ގެ ރަސްކަމުގައި، އެ ރަދުންގެ ދެބެންގެ ދެދަރި އަޚު އިބްރާހީމް ޝާހު ބަންދަރާއި ތަކަންދޫ ޢަލީ ދޮށިމޭނާ ކިލެގެފާނާއި ޙަސަންހަކުރާ ތަކުރުފާނާއި މާލޭ ޢަބްދުލްޙަކީމު އެއްބަސްވެ، އައްސުލްޠާނު ޙަސަން (ދިހަވަނަ) ގެ މަތިފުށުން ވާރުތަކުރި ރަސްކަމުން ފޭރިގަނެ އިބްރާހީމް ޝާހު ބަންދަރު، އައްސުލްޠާން އިބްރާހީމް މުޒުހިރުއްދީނު ސިރީ މުތައި ރަންމަނި ލޯކަ މަހާރަދުން (1701 – 1705) ގެ ނަންފުޅުގައި ރަސްކަމުގެ ދާނުގައި ވެޑުވުނު ޙާދިޘާ ހަނދުމަފުޅު ހުންނާނެއެވެ.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު ޤައުމުގެ ނަމާއި އަބުރަށާއި އަނެކުންގެ ޙައްޤަށް ރައްކާތެރިވެ ވަޑައިގަންނަވާވަރު، މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ‘އޯކިޑް ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި ރައީސް މުޙައްމަދު އަމީނުގެ ނިމުން ، 1953’ މި ފޮތުގެ ޞަފުޙާތަކަށް ބަލާލުމުން ފެނިގެންދެއެވެ.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު ބޭސްފަރުވާއަކަށް ކޮޅުނބަށް ވަޑައިގެން ހުންނަވަނިކޮށް މާފަންނު ނޫރާނީގެ ތެރޭގައި، ފާމުދޭރި ތުއްތީދިބޭގެ ތިން ބަފައިކަލުން، ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުން ހައްލައިގެން، ހިންގި  ބަޣާވާތުގެ ހުތުރު ޢަމަލަކީ މި ދެންނެވި ދެ ބޭފުޅުންގެ އަގުވެއްޓި އެ ބޭފުޅުންގެ ނަން ހުތުރުވުމުގެ އިތުރުން އަބަދުގެއަބަދަށް ޤައުމުގައި ޖެހުނު، ދުވަހަކުވެސް ފިލައިގެން ނުދާނެ ކަޅު ލައްގަނޑެކެވެ. ހަމަ އެހެންމެ ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީންގެ ނަންފުޅު ދުވަހަކު ވެސް މި ޤައުމުގެ އުދަަރެހުން ފަނޑުވެގެން ނުދާނޭ ގޮތުން ދިއްލުނު ނޫރެކެވެ.

އެ ދުވަހު ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައެވެ. ދިވެހިރާއްޖޭގައި ހުންނަވާ ވެރިއަކީ ދިވެހިން އިންތިޚާބުކުރާ އިނގިރޭސީން ޤަބޫލުކުރާ ބޭފުޅަކަށް ވާންޖެހެއެވެ. ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނަކީ، މާލޭގައި މި އުޅެނީ ސަރުކާރު އިންޤިލާބު ކޮށްލައިގެންކަން އެނގިވަޑައި ނުގަންނަވާ ވަރުގެ ތަޖުރިބާ މަދު ބޭފުޅެއް ވެސް ނޫނެވެ. ޚުދު ސްޕްރީމް ކޮމާންޑަރ އަވަހާރަކޮށްލަން އެއްފަހަރަށް ވުރެ ގިނަ ފަހަރު “ވަޅި ހަނުލައިގެން” ނުކުމެ ހިންގާފައިހުރި ނާކާމިޔާބު މުޢާމަރާތަށް ހަނދުމަފުޅު  ހުންނާނެކަން ޔަޤީނެވެ.  

ސްޕްރީމް ކޮމާންޑަރ މާލެ ވަޑައިގަތުމަށް ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ ސެސިލްޔާރސްއަށް ޚުދު ކޮމާންޑަރ އަމީން ދެންނެވިއިރު މާލޭގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތެއް ނާރުވައެވެ. އަދި ކީއްތޯއެވެ. އެއަރކޮމޯޑޯރ ކޮކްސް، ސްޕްރީމް ކޮމާންޑަރ އަމީންއާ ބައްދަލުކުރައްވައި ކޮމާންޑަރ އަމީނުގެ ޙާލުކޮޅު މުޅިން ރަނގަޅު ނުވަނީސް އެހާ ކުއްލިއަކަށް ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްވެތޯ ސުވާލުކުރެއްވުމުން މާލެއިން ލިބިވަޑައިގެން އެ ކުރުކުރު މެސެޖު ފިޔަވައި އިތުރު މަޢުލޫމާތެއް ނާރުއްވައެވެ.

އިނގިރޭސި އެއަރފޯސްގެ ތަޖުރިބާކާރު ކޮމާންޑަރ ކޮކްސް، މައްސަލަ އޮވެދާނެގޮތް ވިސްނައި ވަޑައިގެން ސްޕްރީމް ކޮމާންޑަރ އަމީނު ގިނިކަންޏާ ދަތުރުފުޅު ކުރެއްވުން ބުއްދިވެރި ނޫންކަމަށް ދަންނަވައި ސްޕްރީމް ކޮމާންޑަރ އަމީނު އަރިހުގައި މާލެ ވަޑައިގަތުމަށް ދެންނެވުމުން ވެސް އެކަން ޤަބޫލުފުޅު ނުކުރެއްވީ، ސްޕްރީމް ކޮމާންޑަރގެ ބުއްދިފުޅު ޅަކަމަކުން ކަމަށް ބައެއް މީހުން ހީކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް އެއީ، ސްޕްރީމް ކޮމާންޑަރގެ އަމިއްލަ ނަފުސަށް އޮތް އިތުބާރެއްގެ ބޮޑުކަން ދައްކުވައިދިން އަލިގަދަ ދަލީލެކެވެ.

ޚުދު ސްޕްރީމް ކޮމާންޑަރގެ ދަރިކަނބަލުންނަށާއި ކޮޅުނބުގައި ހުންނެވި ރެޕްރެޒެންޓޭޓިވްއަށާއި އެހެން މީހުންނަށް ވެސް ވިދާޅުވީ މާލޭގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭކަން ބޭރު އެއްވެސް ފަރާތަކަށް  ނުއެންގުމަށެވެ. އާދެ، ޤައުމުގެ ނަން ކިލަބުވެ ހުތުރުވެދާނެތީއެވެ.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު އެހެން މީހުންނާ މެދު އަޅާލައްވައި ޚިޔާލުކުރައްވާ މިންވަރު

ސްޕްރީމް ކޮމާންޑަރ އަމީން ދީދީއާ ބެހޭގޮތުން ޢާންމުކޮށް މީހުން ދައްކާތީ އިވޭނީ ކަންއޮތްގޮތް ނުބަލައި ޙަޤީޤަތެއް ނެތް ރޯބުހުތާނު ގޯސް ވާހަކަތަކެވެެ.

އަބަދުވެސް ދައްކާނީ ހުވަދޫ އަތޮޅު ވިލިނގިލީ ޙަކީމު ދީދީއެއްގެ ގަޔަށް ބަޑިޖަހާ މެރި ވާހަކައެވެ. އެއްވެސް މީހަކު، ހުުވަދޫ އަތޮޅު، އަތޮޅުވެރިކަމަށް ދައުލަތުން ފޮނުއްވާފައިހުރި ވީރުޢަލީ ދީދީއަށް ސިޙުރުކޮށް ވިހަ ހިކައެއް ލައިގެން ސައި ކައްކައި، އެ ސައި ދީގެން އަތޮޅުވެރިޔާ އަވަހާރަކޮށްލި ވާހަކައެއް ނުދައްކައެވެ.

ބައެއްގެ ލޯބިލޯބި ޅަފަތުގެ ތުއްތުކުއްޖަކަށް ސިޙުރުކޮށް އެ ކުއްޖާފުޅު މަރައި އަދި އެވަރުން ނުފުދިގެން އެ ކުއްޖާފުޅުގެ ގަބުރު ކޮނެ، ވަޅުން ނަގައި، ބަނޑު ފަޅާލައިގެން މޭގަނޑު ނަގައި، އެއިން ތެޔޮހާނައި، އެ ތެޔޮ ޖަހައިގެން ފުށް މޮޑެ، އެއިން ސްޕްރީމް ކޮމާންޑަރ އަމީނުގެ ސޫރަފުޅު ހަދައި، އެއަށް ސިހުރުކޮށް، އެ ފުށްގަނޑު ބަޔަކަށް ކާންދީ، ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީން ދީދީ އަވަހާރަކޮށްލަން ސިހުރުކުރި ވާހަކައެއް، އަދި އެކަމުގެ ނުބައި ވާހަކައެއް ނުދައްކައެވެ. ނުވަތަ މަތިމަތިކޮޅުން އައިސްފައިހުރި ބައެއްގެ އަގުބޮޑު ޒަޚީރާއެެއް ބަޔަކު ވަގަށް ނަގައި، އެ ވިއްކައި، ކައިބޮއި ހެދުމުގެ ނުބައިކަމުގެ ވާހަކައެއް ވެސް ނުދެކެވެއެވެ. ދެކެވެނީ ވަކި ދަރިކޮޅަކަށް ނިސްބަތްވާ މީހަކު ބިޑިއަޅައި، ހިލިހިލާ ޖަހާފައިހުރި ވާހަކައެވެ. އޭނާގެ ޣަދަރުވެރިވި ވާހަކައެއް ނުދައްކައެވެ. ނޫނީ، ރާއްޖެތެރެއިން ދެ ޖިންސްގެ އެތައް ކުދިންނެއް މާލެ ގެންނަވައި މާލޭގެ ކަމުވޮށިންގެ ގޭގައި ބައިތިއްބަވައިގެން ތަޢުލީމު ދެއްވުމަށް ކުރެއްވި ބޮޑު މަސައްކަތްޕުޅުގެ ވާހަކައެއް ނުދެކެވެއެވެ. ރާއްޖޭގައި ތަޢުލީމު ޢާއްމުކުރެއްވުމަށް ރަށްފުށުގައާއި މާލޭގެ އަވަށްތަކުގައި މަދަރުސާތަކާއި އެދުރުގެތައް ހައްދަވައިގެން އެ ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުގެ ވާހަކައެއް ނުދެކެވެއެވެ.

މާލޭގައި ތިބި އަޅާލާނެ ޔާރެއްއިޔާރެއް ނެތް، އަދި ކިޔެވުމަށް ލޯބިކުރާ ބައެއް ކުދިން އަތިރީގޭގައި ބައިތިއްބަވައިގެން ތަޢުލީމު ދެއްވި ވާހަކައެއް ނުދެކެވެއެވެ.

މި ދެންނެވި ކަންކަމާ ގުޅިގެން ހައްތާވެސް އިވެނީ ސްޕްރީމް ކޮމާންޑަރ، މީހަކުގެ ގަޔަށް ބަޑިޖަހައި މެރި ވާހަކައެވެ. ވައްކަން ކުރި ބައެއްގެ އަތްކެނޑި ވާހަކައެވެ. ބިޑިސުއްޓާ މަނާކޮށް، ބިޑިސުއްޓާއާއި ދުންފަތް ރާއްޖެއަށް އެތެރެކޮށް، އެ ތަކެތި ވިއްކައި ބޮއި އުޅޭ މީހުން ހިފައި ހައްޔަރުކޮށް އަށިގެއަށް ލައި ތަފާތު އަދަބުތައް ދިން ވާހަކައެވެ.

މި ކަންކުރަނީ، އޭރު އޮތް ރައްޔިތުންގެ މަޖުލީހުން، ރައްޔިތުންގެ މަންދޫބުން ފާސްކޮށްގެންކަމާއި، އަދި އޭރު ހުރި ޝަރުޢީ މަޙުކަމާއިން ނެރޭ ޝަރުޢީ ހުކުމެއް ތަންފީޒުކުރުމަކީ، މިހާރެކޭ ވެސް އެއްގޮތަށް  އޭރު ވެސް ޤައުމުގެ އެންމެ މަތީ ވަލީއާއި ރައްޔިތުން ޙަވާލުކޮށްްފައި ހުރި މީހަކާ ޤާނޫނުން މަސްޢޫލުކުރުވާފައިވާ ޒިންމާއެއްކަން ހަނދާން ނައްތާލައި، ނޫނީ ގަސްދުގައި އެކަން އެއްފަރާތް ކޮށްގެންނެވެ. 

ސްޕްރީމް ކޮމާންޑަރ އަމީނު ދީދީ އެހެން މީހުންނަށް އަޅާލައްވައި، ޚިޔާލުކުރައްވާ މިންވަރު ހާމަކުރުމަށް މި ކުރެވުނީ ބޭކާރު މަސައްކަތެއް ކަމުގައި ކިޔުއްވުންތެރި ބައެއް ބޭފުޅުން ދެކެވަޑައިގަތުން އެކަށީގެންވެއެވެ. އެހެންނަމަވެސް ކަމެއްގެ ނޫނީ އެއްޗެއްގެ ޙަޤީޤަތް ސާފު ވާނީ އެ ކަމެއްގެ ނޫނީ އެ އެއްޗެއްގެ ދެފުށް ވެސް ސާފުކޮށް ފެނިގެން ކަމަށްވީމަ، ކިތަންމެ ފަނޑު އަދި މިލަމިލަ އަލިކަންފުޅެއް ވެސް ސްޕްރީމް ކޮމާންޑަރ އަމީން ދީދީ ހިންގެވި މި ދެންނެވި ޢަމަލުުފުޅުތަކަށް އަލިއަޅުވާލުމުގެ ހެޔޮ ނިޔަތުގައި، އެމަނިކުފާނުގެ ނަންފުޅު އިވޭ ހަމަ ކޮންމެ ފަހަރަކު ހިތަށް ވެރިވާ ޝުޢޫރު ފާޅުކުރީއެވެ.

ސްޕްރީމް ކޮމާންޑަރ އަމީންއަށް މާލެއިން ލިބިވަޑައިގެންނެވި މެސެޖާ ގުޅިގެން މާލެ ވަޑައިގަތުމަށް ދަތުރުފުޅު ހައްދަވަމުން ގެންދެވިއިރު، އެމަނިކުފާނަށް މަޝްވަރާ އަރުވަން ކޮޅުނބުގައި ތިއްބެވި ބޭފުޅުން އެރުވި މަޝްވަރާއާ ދެކޮޅަށް މާލެ ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގެން ވަގުތު، ސްޕްރީމް ކޮމާންޑަރ އަމީން، އެމަނިކުފާނުގެ ސެކްރެޓަރީ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް އެމަނިކުފާނާއެކު މާލެ އައުމަށް ދަތުރަށް ތައްޔާރުވުމަށް ވިދާޅުވުމަށްފަހު އެންމެ ފަހުވަގުތު ޢަބްދުއްރަޙީމް އަރިހަށް ގެންދަވައި، ނުހަނު އޯގާތެރިކަމާއެކު ވިދާޅުވި ކަމަށް ‘އޯކިޑް ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި މުޙައްމަދު އަމީނުގެ ނިމުން – 1953’ ފޮތުގައި ވަނީ “ވަރަށްގާތް ގެއްލުމެއް ލިބިދާނެކަމަށް، އެހެންވީމަ އަހަރެން ގަސްދުކުރަނީ ޢަބްދުއްރަޙީމް ނުގެންދަން،” މިހެންނެވެ.

ދޫނިދޫގައި ސްޕްރީމް ކޮމާންޑަރ އަމީން ދީދީ ބަންދުކޮށްފައި ހުއްޓައި، ކަކާގޭ އިބްރާހީމް ޙިލްމީ ދީދީއާއި ޝަމްސުއްދީން ޙިލްމީއާ ދެ ބޭފުޅުން ސަރުކާރާ ދެކޮޅަށް ރޭވިރޭވުމުގައި ސްޕްރީމް ކޮމާންޑަރ އަމީން ދީދީއަށް އޮޅުވާލައި، އެއްބަސްކުރުވައިގެން ސްޕްރީމް ކޮމާންޑަރ އަމީން ދީދީ ގޮވައިގެން މާލެ ވަޑައިގެން ރޭ، ރަބީޢުލްއާޚިރު މަހުގެ 24 ވަނަ ވިލޭރޭ އެ ހިނގި ކަންތައްތަކުގައި ސްޕްރީމް ކޮމާންޑަރގެ ހަށިކޮޅަށް އަނިޔާކުރި މީހަކާ މުޚާޠަބުކުރައްވައި ވިދާޅުވިކަމަށް މުޙައްމަދު ޖަމީލު ލިޔުއްވާފައި ވަނީ “އަހަރެންނަށް އަނިޔާކުރި އެއްވެސް މީހަކާ ދަޢުވާއެއް ނުކުރާނަށް، އެކަމަކު ކަލެއަށް ދުވަހަކު ވެސް މަޢާފު ނުކުރާނަން” މިފަދައިންނެވެ.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނު މީހުންނާ މެދު ގެންގުޅުއްވާ ހެޔޮ ޚުލްޤުފުޅާއި އިޙުސާންތެރިކަން އަޅުގަނޑުގެ ވިސްނުމުގެ ތަރާދުން ވަޒަންކުރުމަށް މުޙައްމަދު ޖަމީލުގެ ފޮތުން ދެ ޖުމްލައެއް ނަކަލުކޮށްލަމެވެ.

“…ބައްތެލީގެ ފަހަތުގައި ހުރި މީހަކު ދޯނީގެ ބަދިގެ ތެރެއިން މުންޑެއް ހިފައިގެން މަޑުމަޑުން ހިނގާފައިގޮސް އަމީނުގެ އަރިހަށް ހުއްޓި ގައިކޮޅުގައި އޮރިޔާން ނިވާކުރާން އެ މުންޑު އަޅަން އުޅުމުން، އަމީނު އިސްތަށިފުޅު ކުޑަކޮށް ހިއްލަވާލައްވާފައި އެކަން އޭނައަށް މަނާކުރެއްވިއެވެ. މުންޑު ގައިކޮޅުގައި އަޅައިފިނަމަ މީހުން އައިސް އެ މީހާއަށް އަނިޔާކޮށް ގެއްލުމެއް ދީފާނެކަމުގެ ބިރު ހީފުޅުވާކަމަށް ވިދާޅުވުމަށްފަހު ބައްތެލީގައި ގޯންޏެއް އޮތްނަމަ އަޅާލަދޭން އެ މީހާގެ ކިބައިން އެދިވަޑައި ގެންނެވިއެވެ”. އަދި “އެ މީހާ ދޯނީގެ ކޮންމެވެސް ތާކުން ގޯންޏެއް ހޯދައިގެން އައިސް މުޙައްމަދު އަމީނު އުނަގަނޑުފުޅުމަތީގައި އެ ގޯނިގަނޑު އަޅައި އައުރަ ނިވާކޮށްލަ ދިނުމުން އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ”.

ސްޕްރީމް ކޮމާންޑަރ މުޙައްމަދު އަމީނަކީ ނަވާރަ ސަތޭކަ ފަންސާހާއި ފަސްދޮޅަހުގެ ތެރޭގައި އެ އުޅުނު ދިވެހިން، ޚާއްޞަކޮށް މާލޭގެ ގިނަ ބަޔަކު އެ ސިފަކުރިފަދަ މީހުންގެ މައްޗަށް ޚުލްޤު ނުބައި، ހިތްހަރުކަށި، ރައްޔިތުންނަށް އަނިޔާވެރި ވެރިއެއް ނަމަ އޭނާގެ ފުރާނަފުޅު ދުއްވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދިޔަ ވަގުތެއްގައި އޭނާގެ އަނގަފުޅުން ދެންނެވިފަދަ އިޚުލާޞްތެރި ބަސްތަކެއް ނުކުމެދާނެ ކަމަކަށް އަޅުގަނޑުގެ ހިތަށް އަރައެވެ. އެވަގުތު ވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަތީ، އެމަނިކުފާނުގެ ރައްޔިތަކަށް ގެއްލުމެއް ލިބިދާނެތީއެވެ.

ސްޕްރީމް ކޮމާންޑަރ އަމީން ދީދީ ސިފައިންގެ ޚިދުމަތަށް ގެންނެވި ޒަމާނީ އިންޤިލާބީ ބަދަލުތަކުގެ ވާހަކަ ދައްކަން ފަށައިގެން އުޅުނު މި މީހާއަށް، އާދެ! އަޅުގަނޑަށް ޙައްސާސް ވެވުނުލެއް ބޮޑުކަމުން މަގުން ކައްސާލައިގެން މާދުރަށް ވެސް ދެވިއްޖެއެވެ. އެހެންނަމަވެސް، ކީ ބޯޑާއި އިނގިލިކުރިތައް ވަކިކޮށްލުމުގެ ކުރިން ސްޕްރީމް ކޮމާންޑަރގެ ހިތްވަރުފުޅަށާއި އެމަނިކުފާނުގެ އިޚުލާޞްތެރިކަމަށް ދެ އެއްޗެއް ދަންނަވާލަން ޖެހެއެވެ. އެއީ، މި ހިނގައިދިޔަ ބޮޑު ފިތުނަވެރި ގަނޑުބަނޑުގެ ތަޙުޤީޤު އިންޤިލާބީ ކޮމެޓީން ހިންގަމުން ގެންދިޔައިރު، ކޮމާންޑަރ ދެއްކެވި އަދަބުވެރިކަމާއި ކިޔަމަންތެރިކަމެވެ. އަޅުގަނޑު ކިޔުންތެރިންގެ ކިބައިން އެދެނީ ‘އޯކިޑް ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި ރައީސް މުޙައްމަދު އަމީނުގެ ނިމުން – 1953’ ފޮތުގެ ޞަފުޙާ 284 އިން 286 އަށް ވިދާޅުވެލެއްވުމަށެވެ.

އާދެ! ސްޕްރީމް ކޮމާންޑަރ އަދި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ޞާހިބުލް ފަޚާމާ މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ނިމުން ހާދަ ހިއްޗެވެ. އެ ހަޔާތްޕުޅުގައި ވަނީ ޢިބުރަތުން ފުރިފައިވާ ދަރުސްތަކެވެ. ދިރިތިބިން އުނގެނި ދަސްކުރަންވީ ފިލާވަޅުތަކެވެ. ޚާއްޞަކޮށް އަހަރެމެން ސިފައިން ދަސްކުރަންވީ ފިލާވަޅުތަކެވެ. ދުވާލުގެ އަލިކަން ފެންނަ ފަދައިން އެމަނިކުފާނުގެ ނިމުން ކައިރިވަމުން އަންނަކަން އެނގިވަޑައިގެން ނަމަވެސް ޤައުމުގެ ނަމުގައި އެންމެ ކަޅު ލަކެއް ވެސް ޖެހުނު ނުދިނުމަށް ޓަކައި، ކުރެއްވި މަސައްކަތްޕުޅެވެ.

ފިތުނައިގެ ނުބައިކަމެވެ. ބައެއްގެ ޣަދަރުވެރިކަމެވެ. އެކަމުން އަންގައިދިނީ އެއީ ކިތަންމެ މަތީ ދަރަޖައެއްގެ މީހެއްކަމުގައި ވިޔަސް އަދި ކިތަންމެ އާދައިގެ މީހެއް ކަމުގައި ވީނަމަވެސް ޤައުމުގެ ޙައްޤުގައި ހަމަހަމަކަމާއެކު ފާރަވެރިވާން ޖެހޭކަމެވެ.

އާދެ، ނިންމާލަމުން ދަންނަވަން ބޭނުން ވަނީ، ކޮންމެ މީހެއް ވެސް އެމީހެއްގެ އަޖަލާ ދިމާއަށް އަންނަނީ އުފަލުންނެވެ. ވޮށްދޫނި، ބައްތި ހުޅުގަނޑާ ދިމާއަށް އަންނަހެންނެވެ. އެއީ އަޒަލުގެ ނިޔާއެވެ.

“ދެމި ހުންނަނީ ނެތި ދިއުމަށްފަހުގައި މި ވަގުތީ މަންޒިލުން،
ދެރަ ކަންތަކާ އުނި ސިފަތަކޭ ޛިކުރާގެ ހިތިހައި ގޮތުން.
އިޞްލާޙަކާ ހެއު ޢަމަލުތައް އިސްކުރި ނުހަނު ގަދަ ޢަޒުމަކުން،
ފިސްފިސްވެ ވަޅުލެވިގެން ހިނގައިދޭ ގެއްލިގެން މިހަނދާންތަކުން.
މަތިވެރި މަޤާމެއްގައި ލިބޭ ޝުކުރުގެ ވެދުން ގިނަގުނަވިޔަސް،
ކަތި ލޯ ނަސީބު ބަލާލުމުންނެ ދަނީ އަޡަރު ވެސް ނައްތަމުން.”

ތި ވިދާޅުވީ ފިސާރި ތެދުފުޅެކެވެ. އެހެނަސް، ސަރގެ ޖިސްމު ފަޅުރަށެއްގައި ވަޅުފުޅުު ލެވިފައިވިޔަސް، ސަރގެ ރޫޙުފުޅަށް ފުރާނަ އެޅިގެން ދިވެހި ސިފައިންގެ ހިތްތަކުގައި ‘އަބަދަށަ ދެމިވެ ނުވެމެ ފަނާ’ ވާނޭގޮތުން އިއްޔެއެކޭ މިއަދެކޭ ތަފާތެއް ނެތި މާދަމާ ވެސް ދިރިދެމި ހުންނާނެއެވެ. އިންޝާ ﷲ!

ޝެއަރކުރެއްވުމަށް