ދިވެހީންގެ ޒަމާންވީ އާދަކާދައިގެ ތެރެއިން ބަޑިހެލުމަކީ ދިވެހީން ވަރަށް ބޮޑު އިސްކަމެއް ދީގެން ވިހިވަނަ ޤަރުނާ ހަމައަށް ވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. ބަޑިހެލުމަކީ އާދަކާދައިގެ ގޮތުން އިރުވައި މޫސުން ލައިގަތީމާ ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ. ބަޑިހެލުމުގެ ރަސްމިއްޔާތަކީ ދައުލަތުގެ ފަރާތުން ބާއްވަވަމުން އައި ވަރަށް ބޮޑު ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ރަސްގެފާނުން ފެށިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިކަމުގެ ފަހަތުގައި އޮންނަނީ ޤައުމުގެ ސަލާމަތާ ގުޅިފައިވާ ވަރަށް ބޮޑު ކަމެކެވެ.

ކޮންމެ އަހަރަކު ވެސް “ބަޑިހެލުން” އޮންނަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު، މުލަ ނަކަތް ލައިގަތީމައި މުލަ ނަކަތުން ތިންވަނަ ދުވަހުއެވެ. އެއީ ޑިސެންބަރުު މަހުގެ 12 ވަނަ ދުވަހެވެ. މުލަ ނަކަތް ލައިގަންނަނީ ޑިސެންބަރުު މަހުގެ 10 ވަނަ ދުވަހު ކަމުގައި ވިޔަސް، އެންމެ ފުރަތަމަ، މި ރަސްމިއްޔާތު ބާއްވައި އުޅުނީ ޑިސެންބަރުު މަހުގެ 12 ވަނަ ދުވަހުއެވެ. ބަޑިހެލުމޭ މި ކިޔަނީ އެދުވަހު ބޭއްވޭ ވަރަށް ވެސް ޚާއްޞަ ރަސްމިއްޔާތެއްގައި ބަޑިޖަހާ ޖެހުމަށެވެ.

އިރުވައި މޫސުން ލައިގަނެ ބަޑިހެލުމާއެކު ދެން އޮންނަނީ ގުޑި އެރުވުމުގެ ކުޅިވަރުތަކެވެ. އިސާހިތަކު މާލޭގެ އެކި ދިމަދިމާއިން ގުޑީގެ ވައްތަރުތައް ޖައްވުގެ ތެރޭގައި އުދުހެން ފަށައެވެ. މަޑިއާއި، ތެލަނގައެވެ. ރާރާގުޑިއާއި ވާލެވެ. ކޮކާލާއި އިރުވައި ސައިތާނެވެ. އަދިވެސް ތަފާތު ވައްތަރުތަކެވެ. މިކަމުގައި އެންމެ އާދައިގެ މީހުންނާ ހަމައިން ފެށިގެން ޢިއްޒަތްތެރި ބޭބޭފުޅުން ވެސް ޝާމިލުވެ އުޅުއްވައެވެ.

އަދި އެއްދުވަސްވަރެއްގައި ޚުދު ކީރިތި މަހާރަދުން ވެސް މި ކުޅިވަރުގައި ބައިވެރިވެ ވަޑައިގެން އުޅުއްވިއެވެ. މަޝްހޫރު “ބޮޑުސަތަރުކޮޅު” އެއީ ރަދުން މި ކަމުގައި ބައިވެރިވެ ވަޑައިގަތުގެ ގޮތުން އެއްލާ ގުޅިކޮޅުގެ ނަމެވެ. މި ގުޑިކޮޅު ތިރިއަށް ގެނެސް ބިންމައްޗަށް ބޭލެންދެން ބާއްވަނީ ޗާނދަނީމަގުގައި ދާރުލްއާޘާރުގެ ތެރޭގައި މިހާރު ވެސް ފެންނަން އެ ހުރި ބޮޑު ރީތިގަސް މަތީގައެވެ. 

ބަޑިހެލުން އެހައި ކުލަގަދަ ގޮތެއްގައި، އަދި އެހައި ރަސްމީކަން ބޮޑު ގޮތެއްގައި ގެންދަނީ ކީއްވެގެންތޯ ބަލާއިރު، މިކަމާ ގުޅިފައިއޮތީ ޤައުމާއި ރައްޔިތުންގެ ސަލާމަތެވެ. ދުނިޔޭގައި ކަނޑު ދަތުރުފަތުރު ކުރުން ކުރީގެ ޒަމާންތަކުގައި އޮތީ ފައްޔާއި ރިޔަލުގައެވެ. އިންޖީނަކީ މާ ފަހުގެ އެއްޗެކެވެ. ކުރީގެ ޒަމާންތަކުގައި ބޭރުގެ ވަރަށް ގިނަ ދަތުރުވެރިން އެކި ކަންކަމުގައި ރާއްޖެއަށް އައިސް އުޅުނެވެ. އަދި ކަނޑުފޭރޭ މީހުންނާއި، ގަމު ފޭރޭ މީހުންތައް ވެސް އައިސް އުޅުނެވެ.

ޚާއްޞަކޮށް ކަނޑުފޭރޭ މީހުންގެ އުނދަގޫ ރާއްޖެއަށް އޮންނަނީ ވަރަށް ބޮޑުވެފައެވެ. އެ ޒަމާނުގައި ކަނޑުފޭރޭ މީހުން އަންނަނީކީ ހަމައެކަނި އެއްދިމާއަކުން ނޫނެވެ. ދެކުނު އިންޑިޔާއިންނާއި، އެފްރިކާ ބައްރުންނާ އަދިވެސް ތަފާތު ދިމަދިމާއިންނެވެ. އެންމެ ކުރީ ޒަމާނަށް ބަލާއިރު، ދެކުނު އިންޑިޔާގައި ޗޯލާއިންގެ ވެރިކަމެއް ހިނގަމުންދިޔަ ދުވަސްވަރު، ދެކުނު އިންޑިޔާގެ އެކި ސަރަހައްދުތަކާއި، އޭރުގެ ސިލޯނުގެ ބަޔަކާއި، އަދި މެލޭޝިޔާ ބައެއް ވެސް އެ މީހުންގެ އަތްދަށުގައި އޮތެވެ.

މި ދެންނެވި ޗޯލާާއިން އެ ދުވަސްވަރު ރާއްޖެއަށް ވެސް އައިސް އުޅުނެވެ. ރާއްޖޭގެ ތިލަދުންމަތި އަތޮޅާއި، މަލިކު އަތޮޅު ވެސް އެ މީހުންގެ އަތްދަށުގައި އޮތް ދުވަސްވަރެއް ދިޔަކަމަށް (ރަހުންނާއި ރަނިން މި ފޮތުގައި ނަސީމާ މުޙައްމަދު) ލިޔުއްވާފައި ވެއެވެ. އެ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި އެ މީހުން އަންނަން ފަށަނީ އިރުވައި މޫސުން ލައިގަތީމައެވެ. އިރުދަށަށް ވައި ދިޔައީމައެވެ. އެއީ ރިޔަލުގައި ދަތުރު ކުރި ދުވަސްވަރެވެ.

ކުރިން ވެސް މި ދެންނެވި ފަދައިން މި ދެންނެވި ދިމަދިމާއިން ރާއްޖެ އައިސް އުޅުނު ކަނޑުފޭރޭ މީހުން ރާއްޖޭގެ ރަށްރަށަށް އަރައި މީހުންގެ މުދާތައް ފޭރި ހަދައި އުޅުނެވެ. އެ ދުވަސްވަރު ގިނަ ރަށްރަށުގައި އެ މީހުންގެ އުޅަނދުފަހަރުގެ ރިޔާ ފެންނައިރަށް ވަލަށް ވަދެ، ތައްޔާރު ކޮށްފައި ހުންނަ “ވަޅުގޭގައި” ފިލާ ތިބެއެވެ. އެ މީހުން ރަށްރަށަށް އަރައި، ލޫޓުވައި ހަދައިގެން ފުރަންދެން ވެސް ރަށުގެ އަހުލުވެރިން ތިބެނީ “ވަޅުގެ”ތަކުގައި ފިލައެވެ. ވަޅުގެއަކީ ރަށްރަށުގެ ވަލު ތެރޭގައި ވަރަށް ބޮޑެތިކޮށް ކޮނެފައި ހުންނަ ވަޅުގަނޑުގަނޑެވެ. ދެން ވަޅުގަނޑުގަނޑަށް އެރި މަތީގައި ދަނޑިފަދަ އެއްޗެހި އަތުރައި، މަތިން ފަންގަނޑުގަނޑު އަތުރައިގެން ފިލާ ތިބެނީއެވެ.

މީގެ ފަހުގެ ޒަމާންތަކަށް ބަލާއިރު ޕޯޗްގީޒުން ވެސް އަދި މަލާބާރުން ވެސް ރާއްޖެއާ ތޮޅެން އަންނަނީ އިރުވައި މޫސުން ލައިގަނެ، އިރުދަށަށް ވައި ދިޔައިމައެވެ. އެހެންވީމާ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ބަޑިހަލައި އުޅެފައިވަނީ މި ދެންނެވި މީސްމީހުން އަންނަ މޫސުން ލައިގެންފިކަމާއި، އެކަމަށް އެންމެން ތައްޔާރުވެ ތިބުމަށް ކުރާ އިންޒާރެއްގެ ގޮތުގައެވެ. އަދި ސަމާލު ވުމަށް އަންގާ އެންގުމެއްގެ ގޮތުގައެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ތަޅައިލެވުނު މާލޭގެ ވަށައި ލާފައިއޮތް ބޮޑުފާރާއި، އެ ފާރާ ގުޅިފައިހުރި ބުރުޒުތަކާއި، އަދި މާލޭގެ އުތުރު ފަރާތުގައި ހުރި ބޮޑުބުރުޒާ މި ތަންތަން ބޮޑުރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު، މީލާދީން 1621 ވަނަ އަހަރާއި 1648 ވަނަ އަހަރާ ދެމެދު ބިނާކުރައްވާފައި އެހުރީ ވެސް ހަމަ ދުޝްމަނުންގެ ކިބައިން މާލެ ޙިމާޔަތް ކުރެއްވުމުގެ މަޤުޞަދުގައެވެ.

ބަޑިހެލުމުގެ ރަސްމިއްޔާތު

ބަޑިހެލުމުގެ މުހިންމުކަމާއި، އެކަމަށް ރަސްކަމުގެ ފަރާތުން ދެއްވާ އަހަންމިއްޔަތެއްގެ ސަބަބުން އެކަން ހިނގަމުންދަނީ ސީދާ ރަސްގެފާނުގެ އަމުރުފުޅަށެވެ. އަދި ރަދުންގެ ބެއްލެވުމުގެ ދަށުންނެވެ. މުލަ ނަކަތް ލައިގަތުމުން ހަވަރު އެެއްކުރާން ދޮށިމޭނާކިލެގެއަށް ރަދުން އަންގަވައެވެ. ދެން އޭނާ ވަޑައިގެން “ދެގެދޭތެރެ” މީހުން ލައްވައި ބެރުދުންމާރި ތާޅަފިލިވެރިން ތައްޔާރު ކުރައްވައެވެ.

މި ތައްޔާރީތައް ކުރެވެމުން ދާއިރު، ބަޑިހެލުމުގެ ރަސްމިއްޔާތު ބާއްވާނޭ އިރުވަރު ބެލުން ވެސް އޮވެއެވެ. އެއަށްފަހު، ޑިސެންބަރުު މަހުގެ 12 ވަނަ ދުވަހުގެ އެ ވަގުތު ޖެހުމުން ފަނޑިޔާރު ބޭކަލަކު ގަނޑުވަރަށް ގެންދަވައި، އޮގަރުކަނޑިކޮޅު ހިފާމީހާ ވެސް ބަލައި ފޮނުވައިގެން ގެންނަވައެވެ. އެއީ ރަސްމިއްޔާތަށް ރަދުން ނުކުމެވަޑައިގަންނަވާން ތައްޔާރު ކުރުމުގެ ގޮތުންނެވެ.

ބަޑިހެލުމުގެ ރަސްމިއްޔާތު އޮންނަނީ މާލޭގެ އުތުރު ފަރާތުގައި، ދަތުރަށް އަރާވަޑައިގަންނަވާ ދޮރާށްޓާ ދިމާއިން އުތުރު ފަރާތުގައެވެ. (ދަތުރަށް އަރާ ވަޑައިގަންނަވާ ދޮރާށި އޭރު ހުންނާނީ މިހާރުގެ އިސްލާމީ މަރުކަޒުގެ ކުރިމަތިން އެ އޮންނަ މަގުން ގޮސް ޖުމްހޫރީ މައިދާނާ ހިސާބުގައެވެ. އޭރު އެ ދުވަސްވަރު ރަދުން ގަނޑުވަރުން ނުކުމެ ވަޑައިގެން ސީދާ އެ ވަޑައިގެންނެވެނީ އެ ދޮރާށްޓާ ދިމާއަށެވެ. އޭރު އޮންނާނީ އެ ދިމާ ބިންމަތީގައި ކުނާ އަތުރައިފައެވެ. އަދި އެ ކުނާ މަތީގައި ރަދުންގެ ގޮނޑިކޮޅު ބަހައްޓައެވެ.

މި ކަންކަން ފުރިހަމަ ކުރުމަށްފަހު، “ބަލާހިނގާ ބޭކަލުން” ކިޔާ ބޭކަލުން ގޮސް ރަދުންނަށް ދެންނެވުމުން ރަދުން އެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީއެވެ. އޭރު އެ ދުވަހު ޖަހަން ތައްޔާރު ކޮށްފައިވާ ބޮޑުބަޑި އޮންނަނީ އެ ދުވަހަށް ބުރުޒުމަތިން ބަޑި ބާލައިފައެވެ.  ބަޑި ބާއްވާފައި އޮންނަނީ އޭގެ ހަރުމަތީގައެެވެ. ދެން އެކަން ކުރަން ހަމަޖެހިފައި އޮތް އިރުވަރު ޖެހުމުން ފަނޑިޔާރު ބޭކަލަކު އިސްވެ ޞަލަވާތް ފާތިޙާ ވިދާޅުވާނެއެވެ. ބަޑިހެލުމުގެ ރަސްމިއްޔާތުގައި ޢަޝްކަރީންނާއި ބޮޑުން ތިއްބަވަނީ ރަސްމީ ހެދުންކޮޅުގައެވެ.

ޞަލަވާތް ފާތިޙާ ކިޔަވައި ނިމުމުން “ފުރައުކަސް ވަޑުނަ” (މާބަނޑޭރި) އަކަށް ހުންނަވާ ބޭފުޅަކު ބަޑީގެ ވަށައިގެން ދުން ބުރުވައި ލައްވާނެއެވެ. ދުން ބުރުވުމަށް ދުންކިބައަށް އަޅަނީ ގޮމަކަސްތޫރި ބީމަހީމަ ލައިގެން ތަޅައިފައި ހުންނަ “ވަސްމީރު ދުން” އެވެ. މި ހިސާބުން ގަނޭރު އޭނާގެ މަސައްކަތަށް ފަށައެވެ. އޭނާ ބަޑިއަށް ބޭސް ގަންނަވައި، ފޮލިސް ރޯކޮށް ފުއްވަޅު ހުޅުވައެވެ. އެއާއެކު ހޮނިންމައިން ކަނޑު ބޭރަށް އަމާޒު ކޮށްފައި ބަޑި ގޮއްވައިލައެވެ. ބަޑި ގޮއްވާލަނީ މާލޭގެ ކަނޑިންމައިން ބޭރަށް ވާގޮތަށެވެ.

މި ރަސްމިއްޔާތު ހިނގަމުންދަނީ ވަރަށް ބޮޑަށް ޘަޤާފީ އާދަކާދަތަކާ އެއްގޮތަށެވެ. އެންމެ ކުރީއްސުރެ އެކަން ކުރަމުން އަންނަ ގޮތަށެވެ. އޭގެ ބައެއް ކަންކަމަކީ އެކަން އެ ދުވަސްވަރު އެ ކުރީ ކޮންކޮން މަގުސަދެއްގައިކަން މިހާރު ތިބި މީހުންނަށް ދެނެގަންނާކަށް އެހައި ފަސޭހަ ނޫން ކަންކަން ވެސް މެއެވެ.

ކުރިން ދެންނެވިހެން ބަޑި ޖެހުމާއެކު ދެން ބެރުދުންމާރި ތާޅަފިލިވެރިން ސަލާމަތި ޖަހައެވެ. (ސަލާމަތި އެއީ މިހާރުގައިނަމަ ޤައުމީ ސަލާމެވެ.) ސަލާމަތި ނިމުމާއެކު ދެން އޮންނަނީ ދުޢާ ކިޔެވުމެވެ. މިކަން ކުރަނީ ފަނޑިޔާރު މީހާއެވެ. ދެން ދުޢާކޮށް ނިމުމުން ފަނޑިޔާރު މީހާއާއި ދޮށިމޭނާ ތަކުރާއެކު ދުރުވެ މައިތޮށިން ތިން ގައުކޮޅު ނަގައެވެ. މި ތިން ގައުކޮޅު ނެންގެވުމަށްފަހު، ބަޑިކައިރިއަށް ދުރުވެ، ބަޑީގެ ހޮނިންމައިން ގޮނޑުދޮށުގައި ތިން ދުނބުރިދަނޑި ޖަހައެވެ. ހަމަ އެއާއެކު ކުރިން މައިތޮށިން ނަގައިފައި އޮތް ތިން ގައުކޮޅު މައިތޮށްޓަށް އެއްލައެވެ. މިކަން ކުރެއްވުމަށްފަހު އަނެެއްކާ ވެސް ފަނޑިޔާރު އިސްވެ ހުންނަވައި ޞަލަވާތް ފާތިޙާ ކިޔަވައެވެ. ޞަލަވާތް ފާތިޙާ ނިންމެވުމަށްފަހު، ފަނޑިޔާރު ދުރުވެ ރަދުންގެ ފައިންޕުޅު ހިފައި ސަލާމް ކުރައްވައެވެ. އޭގެ ފަހުން ރަދުންގެ އަރިހުގައި ތިއްބެވި ފުރަދާނަ ބޮޑުން ވެސް ފައިންޕުޅު ހިއްޕަވައެވެ. މި ހިސާބުން މި ރަސްމިއްޔާތު ނިންމަވައި ރަދުން ގަނޑުވަރަށް ވަޑައިގަންނަވަނީއެވެ. ރަދުންގެ އަރިހުގައި ބޮޑުން ވެސް ގަނޑުވަރަށް ދުރުވެއެވެ.

ރަދުން ގަނޑުވަރަށް ވަޑައިގަންނަވާއިރު، ގަނޑުވަރުގައި ހުންނާނީ ފަނި ފަރީއްކޮޅު ތައްޔާރު ކުރެވިފައެވެ. (ފަނިފަރީއްކޮޅޭ މި ބުނެވެނީ މި ޒަމާނުގައިނަމަ ޖޫހަށެވެ.)

އިރުވައި ކޮލިލުން

އިސްވެ ދެންނެވި ބަޑިހެލުމުގެ ރަސްމިއްޔާތު ނިމުމުން ދެން އޮންނަނީ އިރުވައި ކޮލި ލުމުގެ ރަސްމިއްޔާތެވެ. އިހުޒަމާނުގައި މި ބާވަތުގެ ކޮންމެ ބޮޑު ކަމެއް ކުރާއިރު، އެކަމުގެ ހައިބަތަށް ޓަކައި ކޮލި ލައިހަދައެވެ. އެގޮތުން އިރުވައި ކޮއްޔަކީ ވެސް ލައި އުޅުނު ކޮއްޔެކެވެ.

ބަޑިހެލުމުގެ ރަސްމިއްޔާތު ނިންމަވާފައި ރަދުން ވަޑައިގެން ގަނޑުވަރަށް ވެދެވަޑައިގަތުމާއެކު، މާބަނޑޭރި ބޭކަލަކު އިސްވެ ހުންނަވައި ކޮލިކަލޭގެ ގަނޑުވަރަށް ހާޟިރު ކުރުވައެވެ. އޭރު މި ދެ ބޭކަލުން ވެސް ތިއްބަވާނީ ރަސްމީ ހެދުންކޮޅުގައެވެ. އޭނާ ޙާޟިރުވުމުން ކޮލިލާން ކޮލިކަލޭގެ ނެރުއްވާނީ މާބަނޑޭރިއެވެ. މިފަހަރު ކޮލި ލާއިރު ކޮލިކަލޭގެ ކިޔާނީ މި ދަންނަވާ ޢިބާރާތެވެ.

“ދެބަނޑޮސް ދޭތެރޭން އުޅަނދެއް ވަންނަނިކޮށު. ބޭރު ބޮޑުފާރުދޮށް ނޮޅައި ކޮށުމާއި ބުރުޒުތައް ބަޑިފަންޖަހައި ހަތިޔާރުލައި ތައްޔާރު ކުރަނީ ކޮށު. އުރަންނާއި. އަދި ބުރުޒު ބަނޑޭރިންނާއި ހަގުންނާއި އުޅަނދުމަތީ މީހުން ފުޅީން ފުޅިއަށް (ގަޑިން ގަޑިއަށް) ދަމަށް އަރަނީ ކޮށު.”

ބަޑިހެލުމާއެކު މި ކޮލި ލުމަށްފަހު އިރުވައި މޫސުން ދަންދެން ބޭރުން އެއްވެސް އުޅަނދެއް އައުދޭތޯ ދަމަށް ތިބެގެން ވެސް ބަލައި ހަދައެވެ. އަދި އިރުވައި މޫސުން ދަންދެން މި އަމުރު ހަމަ މިގޮތަށް އޮންނާނެއެވެ. މިއީ އެ ޒަމާނުގައި ރާއްޖެއަށް އޮންނަ ނުރައްކާ ބޮޑުކަމުން ރަސްކަމުގެ ފަރާތުން އަޅުއްވާ ރައްކައުތެރި ކަމުގެ ފިޔަވަޅެކެވެ.

މަޢުލޫމާތު:

  • އަޙުމަދު ޝަފީޤް.  (2004).
  • މުޙައްމަދު ނިޒާރު. (ރަތް ނިޒާރު  2003).
  • ބާބާގޭ ދޮންމަނިކު. (1989).
ޝެއަރކުރެއްވުމަށް