ސާޖަންޓް އާދަމް ނަސީމަކީ ބިޗުވޮލީ ކުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. ގާއުމީ ޖާރޒީގައި ބޭރުގެ އެތައް މުބާރާތެއްގައި އަންނަނީ ވާދަކޮށް ޤައުމަށް ރީތި ނަން ހޯދައިދެމުންނެވެ. ސާޖަންޓް އާދަމް ނަސީމް ފާހަގަވެގެން ގޮސްފފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވޮލީގައި ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިޔަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ ސާޖަންޓް އާދަމް ނަސީމްގެ ހިތުގައި ވޮލީއަށް ލޯތްބާއި ޝައުގުވެރިކަން ކަމުގައި ނޫނީ ނުވާނެވެ. ބުރަ މަސައްކަތާއި ގަދަ ހިތްވަރުން މިއަދު އެއީ ޤައުމު ފަހުރުވެރިވާ ކާމިޔާބީތައް ހޯދައިދެމުން އަންނަ ކުޅުންތެރިއެކެވެ.

ރ.ކިނޮޅަހަށް އުފަން ސާޖަންޓް އާދަމް ނަސީމް (ސނ. 6934) ވޮލީ ކުޅުމުގެ ތެރެއަށް ވަނީ ރ.ހުޅުދުއްފާރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުން ދިޔަ ދުވަސްވަރު، އެ ސްކޫލުގައި ބޭއްވި އިންޓަރ ހައުސް ވޮލީ މުބާރާތުންނެވެ. އެ މުބާރާތަށް ފަހު، ވޮލީ ކޯޓުގައި ސާޖަންޓް އާދަމް ނަސީމްގެ ހުނަރު، އެންމެންނަށް ފާހަގަވާން ފެށިއެވެ. އެހެނަސް، އެ މުބާރާތަށް ފަހު ސްކޫލު ދައުރުގައި ސާޖަންޓް އާދަމް ނަސީމް އިތުރު ވޮލީ މުބާރާތެއްގައި ބައިވެރިފައެއް ނުވެއެވެ.

އޭގެފަހުން، ވޮލީ ކޯޓުގައި ސާޖަންޓް އާދަމް ނަސީމްގެ ނަން މެދުއުޑުގައި ފިޔަޖަހަން ފެށީ ދިވެހި ސިފައިންގެ ކުލަބަށް ކުޅެން ފެށި ހިސާބުންނެވެ. ޑީއެސްސީގެ ވޮލީ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ކެރިއަރެއްގެ ގޮތުގައި ވޮލީން ކުރިއަށްދިއުމުގައި ކޮށުނު އަލި މަގެއްގެ ގޮތުގައި ސާޖަންޓް އާދަމް ނަސީމް ހާމަކުރައްވައެވެ. 2013 ވަނަ އަހަރު، އެ ކުލަބަށް ކުޅެން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާއަކީ ޑީއެސްސީގެ ވޮލީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ސާޖަންޓް އާދަމް ނަސީމް ޓީމާ ގުޅުނު ފަހުން ޑީއެސްސީން ބައިވެރިވި ހުރިހާ މުބާރާތެއްގައި ކުޅެ، ގިނަ ކާމިޔާބީތަކެއް އެ ކުލަބާ އެކު ވަނީ ހޯދާފައެވެ. އޭގެތެރޭގައި، ޑީއެސްސީން ބައިވެރިވި މުބާރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރު ބޭއްވި ޤައުމީ ވޮލީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، 2016 ވަނަ އަހަރުގެ ޤައުމީ ލީގުގެ މޯސްޓް ވެލިޔުބަލް ޕްލޭޔަރގެ މަޤާމު، އަދި 2019 ވަނަ އަހަރު ބޭއްވި ޤައުމީ ވޮލީ ލީގާއި ޤައުމީ ވޮލީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މަޤާމަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވެއެވެ.

އިންޑޯ ވޮލީ މުބާރާތްތަކަށް ވުރެ ބޮޑަށް ސާޖަންޓް އާދަމް ނަސީމް މިހާރު ޚާއްޞަ ވެފައިވަނީ ބީޗު ވޮލީއަށެވެ. ޤައުމީ ބީޗު ވޮލީ ޓީމުގައި ހިމެނި، މިހާތަނަށް 20 އަށް ވުރެ ގިނަ އިންޓަރނޭޝަނަލް މުބާރާތްތަކުގައި އޭނާ ވާދަކޮށްފައިވެއެވެ. އަދި 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓުން ލިބުނު ސިލްވަރ މެޑެއްޔާއި އިންޑިވިޖުއަލް ބައިން ލިބުނު ބްރައުންޒް މެޑެއްޔަކީ އިންޓަރނޭޝަނަލް މުބާރާތަކުން އެންމެ ފުރަތަމަ ސާޖަންޓް އާދަމް ނަސީމަށް ލިބިގެންދިޔަ މެޑެއްޔެވެ. ނިމިގެންދިޔަ ކޮމަންވެލްތު ކޮލިފިކޭޝަންގައި ލިބުނު ސިލްވަރ މެޑެއްޔަކީ ވެސް ސާޖަންޓް އާދަމް ނަސީމްގެ ކާމިޔާބީއަށް އިތުރުވެގެންދާ ބޮޅެކެވެ.

ސާޖަންޓް އާދަމް ނަސީމަކީ، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ކުޅުންތެރިން ހޯދާ ކާމިޔާބީގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ދޭ ސްޕޯޓްސް އެވޯޑްގައި މި އަހަރު ހޮވި، އެތުލީޓް އޮފް ދި އިޔަރގެ ސެކަންޑް ރަނަރަޕްގެ މަޤާމާއި އަހަރުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރި އެތުލީޓެވެ. މިއީ، ވޮލީގެ ކެރިއަރގައި ކުރިއަށްދިޔުމަށް  ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި  އޭނާ ފާހަގަކުރެއްވިއެވެ.

ސާޖަންޓް އާދަމް ނަސީމަކީ ސިފައިންގެއިން ބާއްވާ ވޮލީ މުބާރާތްތަކުގައި ވެސް އެކި އަހަރުތަކުގައި ބައިވެރިވެ، ތަފާތު ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިއެކެވެ. މިގޮތުން، އިންޓަރ ޔުނިޓް ވޮލީ މުބާރާތްތަކުގައި، އޭނާ ކުރިން މަސައްކަތްކުރި އެމްއެންޑީއެފް އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިޔު) ގެ ޓީމަށާއި މިހާރު މަސައްކަތްކުރަމުންދާ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) ގެ ޓީމަށް ވަނީ ކުޅެފައެވެ. އަދި އެންމެ ފަހުން ބޭއްވި އިންޓަރ ޔުނިޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެސްޕީޖީ ޓީމުގައި ސާޖަންޓް އާދަމް ނަސީމް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވެއެވެ. ސާޖަންޓް އާދަމް ނަސީމުގެ ވޮލީގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށެވެ. އައްޑަނަ ޓީމުގެ ފަރާތުން އެދެނީ ސާޖަންޓް އާދަމް ނަސީމަށް އިތުރު ކާމިޔާބީތައް ލިބުމެވެ.

ވޮލީގެ އިތުރުން ސިފައިންގެ ފެންވަރުގައި ބާއްވާ ތަފާތު ކުޅިވަރު މުބާރާތްތަކާއި އެތުލެޓިކްސް މުބާރާތުގައި ވެސް ސާޖަންޓް އާދަމް ނަސީމަކީ ފާހަގަކޮށްލެވޭ އެތުލީޓެކެވެ. އެގޮތުން، އައިއެޗްކިޔުގައި މަސައްކަތްކުރިއިރު އިންޓަރ ޔުނިޓް އެތުލެޓިކްސް މުބާރާތުގައި ބައިވެރިވެ، އެ މުބާރާތުގެ 400 މީޓަރ ޓީމު އިވެންޓުން 3 ވަނަ ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން އެތުލެޓިކްސް މުބާރާތުގެ ލޯންގް ޖަމްޕް އިވެންޓްގައި ވެސް ވާދަކޮށްފައިވެއެވެ. އެތުލެޓިކްސްގެ އިތުރުން ބާސްކެޓްބޯލާއި ފުޓްސަލް މުބާރާތްތަކަކީ ވެސް ސާޖަންޓް އާދަމް ނަސީމް ފެންނަމުންދާ މުބާރާތްތަކެކެވެ.

ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ސާޖަންޓް އާދަމް ނަސީމް ހޯދަމުންދާ ކާމިޔާބީތަކާއި ޤައުމަށާއި ސިފައިންގެއަށް ހޯދައިދޭ ރީތި ނަމާއި އަމިއްލަ ޝަޢުޤާއެކު ކޮށްފައިވާ ހުނަރުވެރި މަސައްކަތް ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމަންޑޭޝަން ލެޓަރ، ދެ އަހަރެއްގައި އޭނާ ވަނީ ހާސިލުކޮށްފައެވެ.

ސާޖަންޓް އާދަމް ނަސީމް ސިފައިންގެ ޚިދުމަތާ ގުޅުނީ 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ޚިދުމަތާ ގުޅުމަށްފަހު، 57 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ފުރަތަމަ މަސައްކަތްކޮށްފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒްގައެވެ. މިހާރު އޭނާގެ ޚިދުމަތް ފެންނަމުންދަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައެވެ.

ސިފައިންގެ ޤައުމީ ޚިދުމަތުގެ ތެރެއިން ސާޖަންޓް އާދަމް ނަސީމްގެ ޚިދުމަތް ފެނިގެން ގޮސްފައިވާ ޤައުމީ މަސައްކަތްތަކުގެ ތެރޭގައި ކޮވިޑްގެ ހާލަތުގައި މާލެ ލޮކްޑައުންކޮށް ސިފައިން ކުރިއަށްގެންދިޔަ ހާއްޞަ އޮޕަރޭޝަންގައި އެސްޓީއޯއިން މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތުގައާއި، ހުޅުމާލޭގައި ޤާއިމުކުރި ހިޔާ އައިސޮލޭޝަން ފެސިލިޓީގައި ކުރެވުނު ބުރަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ސިފައިން ފެށި ޚާއްޞަ އޮޕަރޭޝަނާއި، ސަލްޓަންޕާކު މަރާމާތު ކުރުމަށް ސިފައިން ކުރި ބުރަ އަދި ބަރު މަސައްކަތްތަކުގައި އޭނާގެ ބައިވެރިވުން ހިމެނިފައިވެއެވެ.

ސާޖަންޓް އާދަމް ނަސީމް ވޮލީ ކޯޓުގައި ދައްކުވައިދެމުން ދަނީ ފަސްޖެހުމެއް ނެތި ކުރިއަށްދިޔުމަށް މަސައްކަތްކުރާ އަދި ކާމިޔާބީތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރެވެ. ސިފައިންގެ ޚިދުމަތުގައި ކުރިއަށްދިއުމުގައި ޢާއިލާއާއި ސިފައިންގެ ލީޑަރޝިޕް އަދި ޑީއެސްސީގެ މެނޭޖުމަންޓްގެ ފަރާތުން ލިބޭ އެހީތެރިކަމަށް ސާޖަންޓް އާދަމް ނަސީމް ޝުކުރުއަދާކުރައްވައެވެ.

ޝެއަރކުރެއްވުމަށް