ދިވެހިރާއްޖެއަށް އިނގިރޭސީން ކިޔަނީ “މޯލްޑިވްސް” އެވެ. ޢަރަބީން ކިޔަނީ “މާލްދީފް” އެވެ. އުރުދޫ، ހިންދީ އަދި ފާރިސީ ބަހުން ކިޔަނީ “މަހަލްދީބް” އެވެ. ދިވެހިރާއްޖޭގެ މާނައަކީ ކޮބައިތޯ ވިސްނާލާއިރު އެ ނަމުން ކުރެވޭ މާނައަކީ “ދިވެހީންގެ ރާއްޖެ”އެވެ. ރާއްޖޭގެ މާނައަކީ ޤައުމެވެ. ލަފުޒީ މާނައަށް ބަލާއިރު ރާއްޖެ މި ލަފުޒު މާނައަކީ ރަސްކަން ނުވަތަ ކިންގްޑަމް ކަމަށް ގަބޫލުކުރެވެއެވެ. ދިވެހިރާއްޖޭގެ ނަން އެކި ގޮތްގޮތަށް ބޭނުންކުރާއިރު ދިވެހި ދައުލަތުގެ ނަމެއް ވެސް އޮވެއެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވައި ޤައުމު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި މީލާދީން 1573 އިން 1585 އަށް ރަސްކަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޘަމް ސިރީ ސަވާދީއްތަ މަހާރަދުން ދިވެހި ދައުލަތަށް “އައްދައުލަތުލް މަޙަލްދީބިއްޔާ”ގެ ނަން ދެއްވިއެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް 1887 ވަނަ އަހަރު ދިއުމާއެކު ދައުލަތުގެ ނަން “އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ” އަށް ބަދަލުވެގެން ދިޔައެވެ. މާނައަކީ ހިމާޔަތް ލިބިގެންވާ ދިވެހި ދައުލަތެވެ. 16 ޖުލައި 1934 ގައި ރާއްޖޭގައި ފުރަތަމަ ބޭނުންކުރަންފެށި ދައުލަތުގެ ނިޝާނުގައި އޮންނަނީ “އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ” އެވެ. ދިވެހި ދައުލަތަށް ބޮޑުތަކުރުފާނު ދެއްވި ނަމަށް އަލުން އިޔާދަވީ 1948 ވަނަ އަހަރުއެވެ. އެއީ އެ އަހަރު ރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުން މާލޭގައި ސޮއިކުރުމާ ގުޅިގެންނެވެ.

ދިވެހީން “ދިވެހިރާއްޖެ” ކިޔަމުން އަޔަސް އެކިއެކި ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ކިޔަމުން އައީ ތަފާތު ނަންތަކެވެ. މީލާދީން 15 ވަނަ ޤަރުނުގައި އިންޑިއާ ކަނޑަށް އައި ފުރަތަމަ ޔޫރަޕުގެ ބާރު ކަމުގައިވާ ޕޯޗްގީޒުން ދިވެހިރާއްޖެއަށް ކިޔާ ނަމަކީ “އިލްހާދީވް” އެވެ. މާނައަކީ ދީވްއޭ ކިޔުނު ޖަޒީރާތަކެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު 1953 ވަނަ އަހަރު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމާއެކު “ރިޕަބްލިކް އޮފް މޯލްޑިވްސް” މިނަން ހަމަޖެހުނެވެ. އޭގެކުރިން އިނގިރޭސިން ކިޔަމުން އައީ “މޯލްޑިވް އައިލެންޑްސް” އެވެ. ފުރަތަމަ ޖުމްހޫރިއްޔާ އުވުމަށްފަހު އަލުން “ރިޕަބްލިކް އޮފް މޯލްޑިވްސް” މިނަން ބޭނުންކުރަން ފެށުނީ 1968 ވަނަ އަހަރު ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަން ރާއްޖޭގައި ފެށުމާއެކުގައެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޤާނޫނު އަސާސީއަށް، 11 ނޮވެންބަރު 1968 ގައި ޢަމަލުކުރަން ފެށުނުއިރު އެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ނަމެއްކަމަށް ލިޔެފައި އޮތީ “ދިވެހި ޖުމްހޫރިއްޔާ” އެވެ. މިހާރު ޢަމަލުކުރެވެމުން މިދާ ޤާނޫނު އާސާސީއަށް 7 އޮގަސްޓް 2008 ޢަމަލުކުރެވެން ފެށިއިރު އެ ޤާނޫނުއަސާސީގައި އޮންނަނީ “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ”އެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޤާނޫނު އަސާސީ، 1968ގައި ދިވެހި ދައުލަތް ބަޔާންކޮށްދެއްވަމުން ބުނެފައިވެއެވެ. “ދިވެހިރާއްޖެއަކީ އަމިއްލަކަމާއި މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ވެރިކަން ހިނގާ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހި ޖުމްހޫރިއްޔާއެވެ. ދިވެހިރާއްޖޭގެ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެކެވެ. ދީނަކީ އިސްލާމްދީނެވެ. ރަސްމީ ބަހަކީ ދިވެހިބަހެވެ. ވެރިކަން ކުރާ ރަށަކީ ފުރަމާލެއެވެ.”

މިހާރު ޢަމަލުކުރެވޭ ޤާނޫނު އަސާސީ، 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ބަޔާންކުރަނީ އަންނަނިވި ޢިބާރާތުންނެވެ. “ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެފަހުން މި ޤާނޫނު އަސާސީގައި “ދިވެހިރާއްޖެ” މި ނަމުން އިޝާރާތްކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ.”

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮންނަނީ “ދިވެހި ޖުމްހޫރިއްޔާ” އެވެ. އޭގެ ތިރީގައި އިނގިރޭސީން ލިޔެފައިވަނީ “ރިޕަބްލިކް އޮފް މޯލްޑިވްސް” އެވެ. “ދިވެހިރާއްޖެ” މި ނަމުގެ މާނަ އެކި މުއައްރިޚުން ކުރައްވާފައިވަނީ ތަފާތު ގޮތްގޮތަކަށެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބު ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ މާނައަކީ ޖަޒީރާތަކުގެ ހާރެވެ. އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ މާނައަކީ އަންހެނުންގެ ރާއްޖެއެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ މާނައަކީ މަސްވެރިންގެ ރާއްޖެއެވެ. މި ތަފާތު ރަޢުޔުތަކުގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ދިވެހިރާއްޖޭގެ މާނައަކީ ޖަޒީރާތަކުގެ ހާރެވެ.

ޝެއަރކުރެއްވުމަށް