މިއަދު މިދެކޭ އެމްއެންޑީއެފް މެރިން ކޯރގެ ޚިދުމަތުގެ އަސްލަކީ، 1980 ވަނަ އަހަރުގެ ފެބުރުވަރީ މަހު އުފެއްދެވި ޓާސްކް ފޯހެވެ. މިގޮތަށް ދަންނަވަން ޖެހެނީ ސިފައިން, ބަޑި ހިފައިގެން ފުރަތަމަ ފޯރި މެރުން ނުވަތަ ބަޑި ހިފައިގެން ޑިއުޓީ އަދާކުރަން ފެށުނީ ޓާސްކް ފޯސް ޔުނިޓް އުފެއްދެވި ހިސާބުން ކަމަށްވާތީއެވެ. ޑިއުޓީ ސެކްޝަންގެ ދަށުގައި އޮތް ޓާސްކް ފޯހަކީ ބަޑިފޯރިއަށް ޚާއްޞަ ކުރެވިގެން، ވަކި ޚާއްޞަ މަޤާމުތަކެއްގައި ހަތިޔާރާއެކު ޑިއުޓީ ކުރި ބައެކެވެ. ޚާއްޞަކޮށް ޤައުމީ ސަލާމަތާ ގުޅުންހުރި ޑިއުޓީތައް މެރީ ޓާސްކް ފޯހުގެ ސިފައިންނެވެ.
1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަށްފަހު ސިފައިންގޭގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ހަރުދަނާ ޕްލޭނެއްގެ ދަށުން ކުރެވެމުން ދިޔައެވެ. ސިފައިންގެ ޚިދުމަތަށް އަންހެނުން ވެއްދުމާއި، ތަޢުލީމީ ޒުވާނުން ސިފައިންގެ ޚިދުމަތަށް އިތުރު ކުރެއްވުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުން ސިފައިންނަށް ދެވޭ އަސްކަރީ ތަމްރީނުތައް އިތުރު ކުރެއްވިއެވެ. މިގޮތުން ސިފައިންނަށް ހިންގި ފުރަތަމަ ސްޕެޝަލް ޓާސްކް ފޯސް ޓްރެއިނިންގ ހިންގީ އިނގިރޭސިވިލާތުގެ އިންސްޓްރަކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސްގެންނެވެ.
މި ޓްރެއިނިންގ ބެޗުގައި އޮތީ ހަތަރު ޕްލެޓޫނެވެ. އެއީ ގޮލްފް، ޓެންގޯ، ޗާލީ އަދި މައިކެވެ. މި ތަމްރީނު ނިމުމާއެކު ތަމްރީނު ފުރިހަމަކުރި ސިފައިންގެ މައްޗަށް “ކުއިކް ރިއެކްޝަން ފޯސް (ކިޔުއާރުއެފް)”ތަކެއް، 1980 ޑިސެންބަރު 23 ދުވަހު އުފެއްދެވިއެވެ. ޕްލެޓޫނުތައް ކިޔުއާރުއެފްތަކަށް ހަމަޖެއްސެވީ ޤުރުއަތުންނެވެ. މިގޮތުން ހުޅުލެއަށް ދިއުމަށް ހަމަޖެހުނީ ގޮލްފް ޕްލެޓޫނާއި މައިކް ޕްލެޓޫނެވެ. އެއީ ކުއިކް ރިއެކްޝަން ފޯސް 1 (ކިޔުއާރުއެފް 1) އެވެ. ކުއިކް ރިއެކްޝަން ފޯސް 2 (ކިޔުއާރުއެފް 2) މި ނަމުގައި ޔުނިޓެއް އުފެއްދެވީ ގާމާދޫގައެވެ.
އިނގިރޭސި އިންސްޓްރަކްޓަރުން މާލެ ގެނެސް ހިނގި ދެވަނަ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ބެޗަށްފަހު، 25 މީހުން ނަގައި، 1991 ސެޕްޓެންބަރު ވަނަ ދުވަހު “އިމަޖެންސީ ފޯސް” އުފެއްދިއެވެ. އިމަޖެންސީ ފޯހުގެ އިންޗާޖަކަށް ހަމަޖެއްސެވީ ލެފްޓިނަންޓް ކާނަލް އާދަމް ޒާހިރެވެ. އިމަޖެންސީ ފޯސްގެ މީހުން ސްޓޭޝަން ކޮށްގެން ތިބީ ބަންޑާރަކޮށި ސީނިއަރ އޮފިސަރުން ތިބޭ ފަރާތުގައެވެ. މި ޔުނިޓްގެ މަޤްޞަދަކީ ދިވެހިރާއްޖޭއަށް ދުޝްމަނުން ދީފާނެ ނުރައްކާތެރި ހަމަލާއަކުން ދިފާޢުވުމަށް ތައްޔާރަށް ތިބެ އެ ހަމަލާއަކުން ޤައުމު ދިފާޢުކުރުމެވެ. އިމަޖެންސީ ފޯސް އުވާލައި، “ކުއިކް ރިއެކްޝަން ފޯސް ޔުނިޓް 3” ގެ ނަމުގައި ޔުނިޓެއް އުފެއްދެވީ 1990 ޖުލައި 26 ވަނަ ދުވަހުއެވެ.
2006 އޮކްޓޫބަރު 5 ވަނަ ދުވަހު ނެރުއްވި (ނަންބަރު: 2006/33) އޯޑަރާއެކު އިޢުލާނު ކުރެއްވި އެމްއެންޑީއެފް ހިންގުމުގެ އައު އޮނިގަނޑުގައި ރެޕިޑް ރިއެކްޝަން ފޯހާއި އެ ފޯހުގެ ދަށުން ރެޕިޑް ރިއެކްޝަން ގުރޫޕް 1 އާއި 2 އަދި 3 ވަނީ ހިމަނުއްވާފައެވެ. އެހެންނަމަވެސް ރެޕިޑް ރިއެކްޝަން ފޯސް (އާރުއާރުއެފް) އުފެއްދެވީ 2008 އެޕްރީލް 20 ވަނަ ދުވަހު ނެރުއްވި (ނަންބަރު: 15/2008) އޯޑަރުންނެވެ.
އާރުއާރުއެފް އުފެއްދެވީ އޭރުއޮތް ކިޔުއާރުއެފް ޔުނިޓް 3 އާއި ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލޭގެ ކިޔުއާރުއެފް ކޮމްޕެނީން ކުރަމުން އައި މަސައްކަތްތައް ކުރުމަށެވެ. މިގޮތުން ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލޭގެ ކިޔުއާރުއެފް ކޮމްޕެނީން އަދާކުރަމުންއައި މަސްޢޫލިއްޔަތު އަދާކުރާ ގޮތަށް ހަމަޖެއްސެވީ ރެޕިޑް ރިއެކްޝަން ފޯހުގެ ރެޕިޑް ރިއެކްޝަން ގުރޫޕް 1 (އާރުއާރުޖީ 1) އެވެ. ކިޔުއާރުއެފް 3 އުވާލައި އެ ޔުނިޓުން އަދާކުރަމުންއައި މަސްޢޫލިއްޔަތު އަދާކުރުމަށް ހަމަޖެއްސެވީ ރެޕިޑް ރިއެކްޝަން ގުރޫޕް 2 (އާރުއާރުޖީ 2) އާއި ރެޕިޑް ރިއެކްޝަން ގުރޫޕް 3 (އާރުއާރުޖީ 3) އެވެ. 2008 ޑިސެންބަރު 24 ވަނަ ދުވަހު ރެޕިޑް ރިއެކްޝަން ގުރޫޕް 1 އުވާލައްވައި، އެ ޔުނިޓް ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތައް ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލެއާ ހަވާލު ކުރެއްވިއެވެ. މި ބަދަލާއެކު އާރުއާރުޖީ 1 ގައި މަސައްކަތްކުރަމުންދިޔަ ހުރިހާ ސިފައިން ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލެއަށް ބަދަލުކުރައްވައި، އެއީ ފައިޓިންގ ފޯސްއެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
މީލާދީން 2008 ވަނަ އަހަރަކީ ދިވެހި ސިފައިންގެ ޤާނޫނެއް ފުރަތަމަ ފަހަރަށް ވުޖޫދަށް އައި އަހަރެވެ. ހަމައެއާއެކު ޒަމާނީ ޑިމޮކްރެޓިކް ހުރިހާ އަސާސްތަކެއް ފުރިހަމަވެފައިވާ ޤާނޫނު އަސާސީއެއް ދިވެހިރާއްޖޭގައި އެކުލަވާލައި ޢަމަލު ކުރެވެންފެށި އަހަރެވެ. މި ބޮޑެތި ބަދަލުތަކާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް އައީ ރޭވެމުންނެވެ. އެ މަސައްކަތްތައް ކުރެވެމުން ދަނިކޮށް، 2008 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އާ ސަރުކާރުން އެމްއެންޑީއެފްގެ ލީޑަރޝިޕަށް ވެސް ބަދަލުތަކެއް ގެންނެވިއެވެ. އަދި އާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސިފައިންގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދެވިއެވެ. މިގޮތުން ގެންނެވި އެންމެ ބޮޑު އެއް ބަދަލަކީ ދިވެހި ސިފައިންގެ އެއްގަމުގެ ފައުޖަށް ގެނެވުނު ބަދަލެވެ.
ދިވެހިރާއްޖޭގެ ޖޯގްރަފީއާއި ޤައުމުގެ ސައިޒަށް ބަލައި ދިވެހި ސިފައިންގެ އެއްގަމުގެ ފައުޖަކީ މެރީންސްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. މިގޮތުން 2009 މާރިޗު 15 ވަނަ ދުވަހު މެރިން ކޯރ އުފައްދަވައި، އަލަށް ތަޢާރަފު ކުރެވުނު ނިޒާމަށް މެރިން ކޯރ ބައްޓަންކޮށް އަހުލުވެރިކުރުމުގެ މަސައްކަތް ފެށްޓެވިއެވެ.
މެރިން ކޯރ އުފެއްދެވިއިރު މައިގަނޑު ސިޔާސަތަކީ އިންފެންޓްރީ 2 ބެޓޭލިއަން ޤާއިމުކޮށް، މުޅި ރާއްޖެ، ހަތަރު ސަރަޙައްދަކަށް ބަހާލައި (ހަތަރު އޭރިއާ ކޮމާންޑުގައި) މެރީންސް ޑިޕްލޮއި ކުރުމެވެ. އިންފެންޓްރީ 2 ބެޓޭލިއަންގައި، 1080 ސިފައިން ހިމަނަން ހަމަޖެއްސެވީ އޭގެތެރޭގައި އިދާރީ، ލޮޖިސްޓިކްސް، މުއާސަލާތު، ތަމްރީނު، އިންޖިނިއަރިންގ އަދި ޓްރާންސްޕޯޓްގައި ހަރަކާތްތެރިވާ ސިފައިން ނުހިމެނޭ ގޮތަށެވެ.
އެމްއެންޑީއެފްގައި އެއްގަމުގެ މައި ލަޝްކަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯރ އުފެއްދެވުމުގެ ކުރިން އޮތް “ރެޕިޑް ރިއެކްޝަން ފޯސް” ގެ ނަން 2009 ވަނަ އަހަރު މާރިޗު މަހުގެ 15 ވަނަ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް އަމީން ފައިޞަލް “އެމްއެންޑީއެފް މެރިން ކޯރ” ގެ ނަމަށް ބަދަލު ކުރެއްވިއެވެ.
އެމްއެންޑީއެފް މެރިން ކޯރއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއްގަމު ސިފައިން ނުވަތަ “ގްރައުންޑް ފޯސަސް” އެވެ. މެރިން ކޯރ ހެޑްކްއޯޓަރޒް ޤާއިމުކުރެވިފައިވަނީ އެމްއެންޑީއެފް ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައެވެ. ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ވަގުތުން އެ ސަރަޙައްދަކުން ހަރަކާތްތެރިވުމަށާއި، ރާއްޖެއަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އިންސާނީއެހީ އަވަސްކަމާއެކު ފޯރުކޮށްދިނުމަށް ދިވެހިރާއްޖެ ހަތަރު ސަރަޙައްދަކަށް ބަހާލައި ޤާއިމުކޮށްފައިވާ ހަތަރު އޭރިއާ ކޮމާންޑްގައި ވެސް މެރިންސް ހަރަކާތްތެރިވަމުން ދެއެވެ.
މެރިން ކޯރގެ އޮޕަރޭޝަނަލް އެންމެހައި ކަންތައްތައް ބިނާވެފައިވަނީ އެމްފިބިއަސް ވޯރ ފެއަރގެ ތިއަރީސްތަކާއި ޕްރެކްޓިސްތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހި އަސްކަރިއްޔާގެ އެއްގަމު ސިފައިންނަކީ އެއްގަމަށާއި ކަނޑުމައްޗަށް ވެސް ފަރިތަ، ކަނޑުގެ ސަރަޙައްދު ބޭނުން ބޭނުންކޮށްގެން ހިންގޭ އޮޕަރޭޝަންތަކުގައި ޤާބިލުކަމާއެކު ހަރަކާތްތެރިވެވޭ ބައެކެވެ. ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާ ޤައުމަކަށްވެފައި، ރާއްޖޭގެ 99 އިންސައްތަ ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދު ކަމަށްވާތީ މެރިން ކޯރގެ ސިފައިންނަށް ދެވޭ ތަމްރީނުތަކާއި މެރިންސްގެ ހުނަވެރިކަން (ސޯލްޖަރިން ސްކިލްސް) ބައްޓަން ކުރަމުންދަނީ މެރިން ކޯރގެ މިޝަން ފުރިހަމަކުރުމަށް ބޭނުންވާ ތަމްރީނުތައް ދީ، ކޮންމެ މެރިންއަކީ ވެސް އެމްފިބިއަސް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވެވޭނެ ޤާބިލު މީހަކަށް ހެދުމަށެވެ. ބޭނުން ކޮންމެ ވަގުތަކު ރަށްރަށަށް ކަނޑުމަތިން އެރޭނެ ބައެއްގެ ގޮތުގައި ތަމްރީނުދީ ބައްޓަން ކުރުމަށެވެ.
އޭރިއާ ކޮމާންޑްތަކުގައި މެރީންސް ޑިޕްލޮއި ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އޭރުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ދިވެހިރާއްޖެ ސަރަޙައްދުތަކަކަށް ބަހާލައިގެން ތަރައްޤީ ކުރުން ކަމަށްވެފައި، ޓޯޓަލް ޑިފެންސް ސްޓްރެޓެޖީގެ ތެރެއިން މުޖުތަމަޢުގެ އަފުރާދުންނަށް، ތަމްރީނުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެ ސަރަޙައްދެއްގެ ރައްޔިތުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އަލުން ބައްޓަންކުރުން ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ކުރެވޭ ތަޖުރިބާތަކަށް ހިމުން (ޓެސްޓް އެންޑް އެޖެސްޓް) ކުރަމުންނެވެ. އެހެންކަމުން ބައެއް ބަދަލުތައް ވަރަށް އަވަސްއަވަހަށް ވެސް އަންނަމުން ދިޔައެވެ. ބަދަލުތައް އައިގޮތުންނާއި ބައެއް ލިޔެކިޔުންތައް ހުރިގޮތުން ފަހުން ދިރާސާކުރާ ބަޔަކަށް އޮޅުންއަރާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މެރިން ކޯރ އެންމެ ފުރަތަމަ އުފެދިގެން އައީ މިހާރު މި ފެންނަ މެރިން ކޯރގެ ސިފަ ޖެހިގެނެއް ނޫނެވެ. މެރިން ކޯރ އުފެއްދެވިކަން އިޢުލާނު ކުރެއްވި (ނަންބަރު: 14/2009) އޯޑަރުގައި އޮތީ “15 މާރިޗު 2009 ވަނަ ދުވަހުން ފެށިގެން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ވަނީ ރެޕިޑް ރިއެކްޝަން ފޯސްގެ ނަން “މެރިން ކޯރ” އަށް ބަދަލު ކުރައްވާފައެވެ.” މިއީ މެރިން ކޯރގެ ނަން ސިފައިންގެ ތެރެއަށް ތަޢާރަފުވެގެން އައިގޮތެވެ. މިއަދު މި ފެންނަ މަފްހޫމުގައި މެރިން ކޯރގެ ތަޞައްވުރު އާންމުކޮށް ފެނިގެންދިޔައީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، 27 މޭ 2009 ގައި އެމްއެންޑީއެފާ ޙަވާލު ކުރެއްވި ސްޓްރެޓެޖިކް ޑިފެންސް ޑައިރެކްޓިވް (އެސްޑީޑީ) އިންނެވެ. އެ ޑައިރެކްޓިވްގައި ވާގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަލުން އެކުލެވިގެންދަނީ މައިގަނޑު ދެ ބާރެއްގެ މައްޗަށެވެ. އެއީ މެރިޓައިމް ފޯސް (ކޯސްޓްގާޑު) އާއި ގްރައުންޑް ފޯސް (މެރިން ކޯރ) އެވެ. އަދި ސްޓްރެޓެޖިކް އެސެޓެއްގެ ގޮތުގައި ސްޕެޝަލް ފޯސް ޤާއިމު ކުރެވޭނެ ކަމަށް އެސްޑީޑީގައި ބުނެއެވެ. މި ޑައިރެކްޓިވާއެކު މެރިން ކޯރގެ އަސްލު ބޮޑު މަންޒަރު ފެނިގެންދިޔައެވެ. އެސްޑީޑީގެ ދަށުން 01 ޖޫން 2009 ގައި ގެންނެވި ބަދަލުތަކުގެ ތެރޭގައި މެރިން ކޯރގެ ނަން އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒް އެމްއެންޑީއެފް މެރިން ކޯރ ވިންގުގެ ނަމަށް ބަދަލު ކުރައްވައި، ރެޕިޑް ރިއެކްޝަން ގުރޫޕް 3ގެ ނަން މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3 ގެ ނަމަށް އަދި ރެޕިޑް ރިއެކްޝަން ގުރޫޕް 2ގެ ނަން މެރިން ޑިޕްލޯއިމަންޓް ޔުނިޓް 2 ގެ ނަމަށް ބަދަލު ކުރެއްވިއެވެ. މިހާރު މެރިން ޑިޕްލޯއިމަންޓް ޔުނިޓް (އެމްޑީޔޫ) ގެ 7 ޔުނިޓެއް ރާއްޖޭގެ ހުރިހާ އޭރިއާ ކޮމާންޑްތަކުގައި ޤާއިމުކުރެވި ރައްޔިތުންނަށް ދަނީ ޚިދުމަތްދެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން މެރިން ކޯރގައި މިދިޔަ އަހަރު ވަނީ ޚާއްޞަ އެލީޓް ފޯހެއް އުފައްދަވާފައެވެ. މި ފޯސް ތަޢާރަފްކޮށްފައި ވަނީ 2021 މާރިޗް 17 ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެމްއެންޑީއެފް މެރިން ކޯރގައި އަލަށް ތަޢާރަފުކުރި މި އެލީޓް ފޯހަކީ ސްޕެޝަލް އޮޕަރޭޝަން ގުރޫޕް (އެސްއޯޖީ) އެވެ. އެމްއެންޑީއެފްގެ މެރިން ކޯރގައި އަލަށް ތަޢާރަފު ކުރި އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯހެކެވެ. އަދި މި ފޯހަކީ އެމްއެންޑީއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ޚާއްޞަ ބާރެކެވެ. ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚްލާޤްގެ މަތީގައި ސާބިތުވެ ތިބޭ މި ޚާއްޞަ ފޯހުގެ ސަބަބުން މެރިން ކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން ވަނީ އިތުރުވެގެން ގޮސްފައެވެ.