މިއީ 1933 ވަނަ އަހަރު ފުރާންސްގެ މުއްސަނދި ގެއެއްގައި މެއިޑުންގެ ގޮތުގައި މަސައްކަތްކުރި ދެބެން، އެ މީހުން ވެރިމީހާގެ އަންހެނުންނާއި އަދި އަންހެންދަރި ރަހުމްކުޑަ ގޮތަކަށް މަރާލި ހާދިސާއާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ އާޓިކަލެކެވެ.

މީހަކު ކުށަކަށް އަރައިގެންފިނަމަ، އެ ކުރި ކުށަކާ އެމީހަކު ކުޑައިރު އުޅެ ބޮޑުވި މާޙައުލާ ކޮންމެވެސް ކަހަލަ ގުޅުންތަކެއްވާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިއީ އާންމު ގޮތެއްގައި ކުށްކުރާ މީހުންގެ ކިބައިން ފެންނަ އެއްގޮތް ކަންތައްތައް ކަމަށް ވެސް މިފަދަ ދިރާސާތަކުން ދައްކައެވެ. ޕެޕިން ސިސްޓާރސްއަކީ ވެސް ކުޑައިރު މިފަދަ އެތައް ކަމެއް ތަޙައްމަލުކުރަން ޖެހުނު ދެބެއިންނެވެ. މި ދެބެއިން ކުޑައިރު ތަހައްމަލުކުރި ނޭދެވޭ ކަންކަމުގެ އަސަރު، މި ދެބެންގެ ފަރާތުން ފެނިދާނެ ކަމަކަށް ކުރިން ބެލެވިފައި ނުވެއެވެ.

ލީޔާ (ކަނާތުގައި) އާއި ކްރިސްޓީން ޕެޕިން

މި ދުވަސްވަރަކީ ފްރާންސްގެ މުއްސަނދި އާޢިލާތަކުގައި މެއިޑުންގެ ގޮތުގައި ދަށް ފަންތީގެ މީހުން ގުލާނުކުރުން އާންމު ދުވަސްވަރެކެވެ. 1933 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހަކީ އެހެން ދުވަސްތަކެކޭ އެއްފަދައިން އާންމު ދުވަހެކެވެ. އެހެން ނަމަވެސް، މި ދުވަސް މުޅި ފްރާންސްގެ ތާރީޚުގައި ބިރުވެރި ދުވަހަކަށް ބަދަލުވެގެން ދިޔައީ، މުއްސަނދި އާޢިލާއެއްގައި މެއިޑުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ކްރިސްޓީން ޕެޕިންއާއި ލީޔާ ޕެޕިން، އާދެ، “ޕެޕިން ސިސްޓަރސް” ނަމުން މަޝްހޫރުވި ދެބެން، އެގޭގެ ވެރިމީހާގެ އަންހެނުންނާއި އަދި އަންހެން ދަރިފުޅު ރަހުމްކުޑަ ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުމުންނެވެ. މި ޚަބަރު މުޅި ފްރާންސްގައި ނުހަނު ހަލުވިކަމާއެކު ފެތުރި، އެތައް ބަޔަކަށް ބިރުވެރިކަމާއި ސިހުން ގެނުވިއެވެ. މި ހާދިސާއަށް މިހާރު ގަރުނެއް ވާން ކައިރި ވެފައިވާއިރު، މިއީ ފްރާންސްގެ ތާރީޚުން ފޮހެލަން ދަތި ހާދިސާއެކެވެ. މި ހާދިސާ ފްރާންސްގެ ތާރީޚުގައި ޚާއްޞަވެފައިވަނީ، ރަހުމްކުޑަ މަރެއްގެ ސަބަބުންނާއި، ދެބެންގެ ފަރާތުން ފެނުނު އާދަޔާޚިލާފު ކަންތައްތަކާއި އަދި އެ ދުވަސްވަރު މެއިޑުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހުންނަށް ކުރިމަތިވި ދުއްތުރާތައް، މި މައްސަލާގެ ސަބަބުން އާންމުންގެ ސަމާލުކަން ލިބުންފަދަ އެތައް ކަމެއް އެކުލެވިގެންނެވެ. އެހެންކަމުން، މި ހާދިސާ ކިޔުންތެރިންނާ ހިއްސާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.

ކްރިސްޓީންއާއި ލީޔާ:

ކްރިސްޓީންއާއި ލީޔާ ޕަޕިންއަކީ ފްރާންސްގެ ދެމަފިރިން ކަމުގައިވާ ކްލެމެންސީ ޑެރޭއާއި ގުސްޓާވޭ ޕަޕިންއަށް ލިބުނު ތިން އަންހެން ދަރިންގެ ތެރެއިން ހަގަށް ތިބި ދެ އަންހެން ދަރިންނެވެ. އެ ދެ ކުދިންގެ މަންމަ ކްލެމެންސީ، ގުސްޓާވޭއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު، އޭނާގެ ދަށުން މަސައްކަތްކުރާ ފަރާތަކާ ގުޅުން ހިންގާ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާއެކު، 1901 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގުސްޓާވޭ، ކްލެމެންސީއާ ކައިވެނި ކުރީއެވެ. ކްލެމެންސީގެ ފުރަތަމަ އަންހެން ދަރިފުޅު އެމިލިއާ އުފަންވީ އޭގެ ފަސް މަސް ފަހުންނެވެ.

ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ވެސް، ކްލެމެންސީ އޭނާގެ ފަހުގެ ލޯބިވެރިޔާއާ ގުޅުން ބާއްވާ ކަމަށް ގުސްޓާވޭ ދިޔައީ ޝައްކުކުރަމުންނެވެ. އެ ސަބަބަށް ޓަކައި ގުސްޓާވޭ އެހެން ސިޓީއަކުން އާ ވަޒީފާއެއް ހޯދައި، އެ ސިޓީއަށް އާއިލާ ބަދަލުކުރުމަށް ނިންމިއެވެ. ނަމަވެސް، ގުސްޓާވޭގެ އެ ނިންމުމާ ކްލެމެންސީ ހަރުކަށިކަމާއެކު ދެކޮޅު ހެދިއެވެ. ކްލެމެންސީ ދިރިއުޅެމުންދިޔަ ސިޓީ ދޫކޮށް ދިއުމަށް ވުރެ އަމިއްލަ ފުރާނަ ނަގާލުން ވެސް ރަނގަޅު ކަމަށް ބުނަމުންނެވެ. އެ ހިސާބުން އެ ދެމަފިރިންގެ ކައިވެނީގެ ގުޅުން ވަރަށްބޮޑަށް ގޯސްވިއެވެ.ކްލެމެންސީގެ ދެވަނަ ދަރިފުޅު، ކްރިސްޓީން (އުފަންވީ 8 މާރިޗް 1905 ގައި) ލިބުނުއިރު، ދަރިއެއް ބަލައިބޮޑުކުރާ ވަރަށް ވުރެ، ބައެއް ސަބަބުތަކާހުރެ ކްލެމެންސީގެ ހާލަތު ދަށެވެ. އެހެންކަމުން، ކްލެމެންސީ ނިންމީ އޭނާއަށް ކްރިސްޓީން ގެންގުޅެވެން ނެތް ކަމަށެވެ. ކްލެމެންސީ ވިހެއުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ، ދަރިފުޅު ކްރިސްޓީން ހަވާލުކުރީ ބައްޕަ ފަރާތު ބޮޑުދައިތައަކާއެވެ. އެ ގޭގައި ކްރިސްޓީން ހޭދަކުރި ހަތް އަހަރު ދުވަހަކީ އޭނާއަށް އުފާވެރި ދުވަސްތަކެކެވެ. އަދި ކްރިސްޓީން އެގޭގައި ޅަފަތުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ލޯތްބާއި އަޅާލުން ލިބިގެންނެވެ.

ލީޔާ ޕެޕިން

ކްރިސްޓީން އެކޭ އެއްފަދައިން، ކްލެމެންސީއަށް ލިބުނު އަނެއް ދަރިފުޅު، ލީޔާ (އުފަންވީ 15 ސެޕްޓެންބަރު 1911 ގައި) ވެސް އޭނާއަށް ބެލެން ނެތް ކަމަށް ބުނެ މަންމަ ފަރާތު ބޮޑުބޭބެއެއް ކައިރިއަށް ފޮނުވާލެވުނެވެ. ލީޔާ އެ ގޭގައި ބޮޑުބޭބެ މަރުވަންދެން ދިރިއުޅުނެވެ. ކްރިސްޓީންއާއި ލީޔާ ނުބެލޭނެކަމަށް ކްލެމެންސީ ނިންމީ، ފުރަތަމަ ދަރިފުޅު އެމީލިޔާ ބަލަމުން އިތުރު ދަރިއަކު ބަލަން ބޭނުން ނުވާތީއެވެ. އެހެންކަމުން، ކްރިސްޓީންއާއި ލީޔާ އެހެން މީހުންނާ ޙަވާލުކުރި ނަމަވެސް، އެމީލިޔާ ދިރިއުޅެމުންދިޔައީ ކްލެމެންސީއާއި ގުސްޓާވޭއާ އެކު އެއް ގެއެއްގައެވެ.

ގުސްތާވޭއާއި ކްލެމެންސީގެ ކައިވެނި އިތުރަށް ގޯސްވެގެން ދިޔައީ، 1912 ވަނަ އަހަރު އެގޭގައި ހިނގި ހާދިސާއެއްގެ ސަބަބުންނެވެ. އޭރު އެ ދެ މީހުންގެ ދޮށީދަރިފުޅު އެމީލިޔާގެ އުމުރުން ނުވަ އަހަރެވެ. އެމީލިޔާ ރޭޕްކުރި ކަމުގެ ތުޙުމަތު ގުސްތާވޭއަށް ކުރެވުނެވެ. މި ހާދިސާއަށްފަހު ކްލެމެންސީ ނިންމީ ކެތޮލިކް ޔަތީމުޚާނާއަކަށް އެމީލިޔާ ފޮނުވާލުމަށެވެ. އެމީލިޔާ ފޮނުވާލެވުނު ޔަތީމުޚާނާއަކީ ފްރާންސްގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭކަމަށް މަޝްހޫރު ތަނެކެވެ. އެމީލިޔާ އެ ތަނަށް ފޮނުވާލުމަށްފަހު މާގިނަދުވަސްތަކެއް ނުވެ، ކްރިސްޓީންއާއި ލީޔާ ވެސް އެ ޔަތީމުޚާނާއަށް ފޮނުވާލެވުނެވެ. ކްލެމެންސީ ނިންމައިގެން ހުރީ އުމުރުން 15 އަހަރު ވުމުން، މި ތިން ކުދިން ވެސް އަނބުރާ ގެނެސް މަސައްކަތް ކުރުވުމަށެވެ. އޭރު ފްރާންސްގައި މަސައްކަތް ކުރެވޭ އެންމެ ހަގު އުމުރަކީ 15 އަހަރެވެ. އެހިސާބަށް ދިޔައިރު، ކްލެމެންސީއާއި ގުސްތާވޭއާ ދެ މީހުންގެ ކައިވެނީގައި ތަފާތު މައްސަލަތައް ކުރިމަތިވެ، ކައިވެނި ވެސް އޮތީ ރޫޅިފައެވެ.

ކްރިސްޓީން ޕެޕިން

އެމީލިޔާ، ކްރިސްޓީން އަދި ލީޔާ އެ ކުދިންގެ ޅައުމުރުގެ ދުވަސްތައް ހޭދަކުރީ ކެތޮލިކް ޔަތީމުޚާނާގައެވެ. މިގޮތަށް ހޭދަކުރަމުންދިޔަ ދުވަސްވަރު، 1918 ވަނަ އަހަރު އެމީލިޔާ އެތަނުގައި ދުވަސްތައް ހޭދަކުރަމުން ގޮސް ކޮންވެންޓް ކޮމިއުނިޓީއާ ގުޅުނެވެ. މިހާ ހިސާބުން އާޢިލާއާއެކު ބާއްވަމުންދިޔަ އެންމެހާ ގުޅުންތައް ކަނޑައިލިއެވެ. ކޮންވެންޓް ކޮމިއުނިޓީއަކީ، ފާދިރީންނާއި އަދި ނަންގެ އިތުރުން، ކެތޮލިކް ދީނީ މީހުން މަސައްކަތްކުރާ ކޮމިއުނިޓީއެކެވެ. އެމީލިޔާ އޭނާގެ މުޅި އުމުރު ހޭދަކޮށްފައިވަނީ އެ ޔަތީމުޚާނާގައި ކެތޮލިކް ދީނުގެ އެކިއެކި ކަންކަމުގައެވެ. ކްރިސްޓީންއަށް ވެސް މި ކޮމިއުނިޓީއާ ގުޅުމަށް ދައުވަތު ލިބުނެވެ. އެހެން ނަމަވެސް، ކްލެމެންސީ މިކަން މަނާކުރީއެވެ. އަދި ކްލެމެންސީ ނިންމައިގެން ހުރީ މި ދެ ކުދިން ލައްވައި މެއިޑުންގެ ގޮތުގައި ވަޒީފާ އަދާކުރުވުމަށެވެ. މި ޔަތީމުޚާނާގައި ކްރިސްޓީން ހޭދަކުރި ދުވަސްވަރު ގޭތެރޭގެ ތަފާތު މަސައްކަތްތައް އޭނާ ދަސްކުރިއެވެ. ކްރިސްޓީން އެ ދުވަސްވަރު ފާހަގަވެގެން ދިޔައީ ބުރަކޮށް މަސައްކަތްކުރާ، މޮޅު ކެއްކުންތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ބައެއްފަހަރު އަމުރަށް ނުކިޔަމަންތެރިވުމުގެ އަމަލުތައް އޭނާގެ ކިބައިން އެ ދުވަސްވަރު ވެސް ފެނިފައިވާކަމަށްވެއެވެ. ކްރިސްޓީންއާ ޚިލާފަށް ލީޔާއަކީ މަޑުމައިތިރި އަދި ބަސް ޤަބޫލުކުރާ ކުއްޖެކެވެ. އެހެން ނަމަވެސް، ލީޔާ ފާހަގަކުރެވިފައިވަނީ ކްރިސްޓީންއަށް ވުރެ، ވިސްނުމުގެ ތޫނުފިލިކަން ދަށް ކުއްޖެއްގެ ގޮތުގައެވެ. ކެތޮލިކް ޔަތީމުޚާނާގައި ހޭދަކުރި ދުވަސްވަރަށް ފަހު، ކްލެމެންސީ ދެ ކުދިން އަނބުރާ ގެނައެވެ. އަދި މި ދެ ކުދިން އަނބުރާ ގެނައުމަށްފަހު ގޭގެއަށް ފޮނުވައިގެން މެއިޑުންގެ ގޮތުގައި މަސައްކަތްކުރުވަން ފެށިއެވެ. ކްރިސްޓީންއާއި ލީޔާ އެ ކުދިންގެ މަންމަ ކްލެމެންސީގެ އެދުމުގެ މަތިން ގޭގެއަށް ގޮސް ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް، މި ދެ ކުދިންނަށް ލިބެމުންދިޔަ އުޖޫރައަކީ ކްލެމެންސީ ހިތްހަމަޖެހޭ އުޖޫރައަކަށް ނުވިއެވެ. އަދި އުޖޫރަ ރަނގަޅު އެހެން ވަޒީފާއެއް ހޯދުމަށް މި ދެ ކުދިންނަށް ކްލެމެންސީ ބާރު އެޅިއެވެ. މި ދުވަސްވަރު ލެ މެންސް އަވަށުގެ އެކި ގޭގޭގައި މި ދެ ކުދިން މެއިޑުންގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ. ކްރިސްޓީންއާއި ލީޔާ ބޮޑަށް އިޙްތިޔާރު ކުރަނީ ދެ މީހުން އެއްކޮށް މަސައްކަތްކުރެވޭ ކަހަލަ ގޭގޭގައި ވަޒީފާ އަދާކުރުމަށެވެ.

ލެންސައިން އާޢިލާ:

1926 ވަނަ އަހަރު ފެށިގެން އައިއިރު، މި ދެބެން މަސައްކަތް ކުރަމުންދިޔައީ ލެންސައިން ނަމަކަށް ކިޔާ އާޢިލާއެއްގައެވެ. މި ގޭގައި ލެންސައިންގެ ދެމަފިރިންނާ އެކު އެ މީހުންގެ އަންހެން ދަރިފުޅު، ޖެނީ ވިއެވް ވެސް ދިރިއުޅެމުން ދިޔައެވެ. މި އާޢިލާއަކީ ބޭރު ފުށުން ފެންނަ ފެނުމަށް ޕެޕިން ސިސްޓަރސްއާ ދޭތެރޭ ނުހަނު އޯގާތެރި އާޢިލާއެކޭ ބުނެވެއެވެ. މި ދެ ބެއިންނަށް ލެންސައިން އާޢިލާއިން ދެމުން ގެންދިޔައީ އެ ދުވަސްވަރަށް ބަލާއިރު ރަނގަޅު އުޖޫރައެކެވެ. މި ދެ ބެއިންނަށް ކާންދެނީ އެ މީހުން ވެސް ކާތަކެއްޗެކެވެ. އެހެން ނަމަވެސް، މިއީ އެ ދުވަސްވަރު ފްރާންސްގައި މެއިޑުންނާ ދޭތެރޭ އަމަލު ކުރަމުންއައި ދަށު ދަރަޖާގެ ގޮތްގަނޑަށް ބަލާނަމަ، އާންމުކަމެއް ނޫނެވެ.

މި ކަންތައްތައް މިހެން ހުރިނަމަވެސް، ބުނެވޭ ގޮތުގައި ލެންސައިންގެ އަންހެނުން ލިއޯނީއަކީ މި ދެބެއިންނާ ދޭތެރޭ ރަހުމްކުރި މީހެއް ނޫނެވެ. މަސައްކަތުގެ މާހައުލުގައި ލިއޯނީގެ ފަރާތުން އެކިކަހަލަ ދުއްތުރާލާއާއި އުނދަގޫ މި ދެ ބެއިންނަށް އެކި ސިފަސިފާގައި ދިޔައީ ކުރިމަތިކުރުވަމުންނެވެ. މިގޮތުން، މި ދެ ބެއިން، އެ ގެ ފޮޅާ ސާފުކޮށް ނިމުމުން، ލިއޯނީ ހުދު އަނގިއެއް ބޭނުންކޮށްގެން ގޭގެ އެއްވެސް ތަނެއްގައި ހިރަފުސް ހުރިތޯއާއި އަދި އެއްވެސް ތަނެއް ހަޑިވެފައިވޭތޯ ބަލާކަމަށް ވެއެވެ. އަދި އޭނާ ހިތްހަމަޖެހޭ ވަރަށް ގޭތެރެ ސާފުނުވާނަމަ، މިފަދަ ކަންތައް ބޮޑުކޮށް، މި ދެ ބެއިންނަށް ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަން ޖެއްސުމާއި އަދި މި ދެ ބެއިންނަށް އެކިކަހަލަ އަދަބުތައް ދީ ހެދިއެވެ. މީގެ ތެރޭގައި ޖިސްމާނީ އަދި ނަފުސާނީ ހާނިއްކަ ހިމެނެއެވެ. ލެންސައިން އާޢިލާއަކީ ބޭރު ފުށުން ކިތަންމެ އޯގާތެރި އާޢިލާއެއްގެ ގޮތުގައި ފެނުނު ނަމަވެސް، މި ދެ ކުދިންނާ މެދު ލެންސައިންގެ އާޢިލާއިން ވެސް ކަންތައް ކުރަމުންދިޔައީ ނިކަމެތި އަޅުންނާ ދޭތެރޭ ކަންތައްކުރާ އިހާނެތި ގޮތަކަށެވެ. އާޚިރު ނަތީޖާއަކަށްވީ، ލެންސައިންގެ އަންހެނުންނާއި ދަރިފުޅު، އެ ދެބެއިންގެ އަތުން ރަހުމްކުޑަ ގޮތަކަށް މަރާލުމެވެ. މިކަމެއް ހިނގީ ލެންސައިން އާޢިލާއަށް ޚިދުމަތްކޮށްދިނުމުގައި އެއްވެސް ކަހަލަ މައްސަލައެއް ނުޖެހި 7 އަހަރު ދުވަހު ޕެޕިން ސިސްޓަރސް ޚިދުމަތްތައް ކޮށްދިން ފަހުންނެވެ.

ލިއޯނީ އަދި އަންހެން ދަރިފުޅު މަރާލުން:

މެއިޑެއްގެ ގޮތުގައި ކްރިސްޓީން، ލެންސައިން ގޭގައި މަސައްކަތް ކުރަން ފެށީ 1926 ވަނަ އަހަރުއެވެ. މެއިޑެއްގެ ގޮތުގައި މަސައްކަތްކުރި ފުރަތަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ލެންސައިންގެ އާޢިލާގެ އިތުބާރު ކްރިސްޓީން ހޯދިއެވެ. މަސައްކަތުގައި ލެންސައިންއަކީ އަޚްލާޤް ރަނގަޅު އަދި އެހާމެ މަސައްކަތްތެރި މީހެއްގެ ގޮތުގައި ލެންސައިންގެ އަންހެނުން ލިއޯނީއަށް ފާހަގަ ކުރެވުނެވެ. މިހާ ހިސާބުން ކްރިސްޓީންގެ ކޮއްކޮ ލީޔާ އެ ގޭގައި މަސައްކަތް ކުރުމަށް ގެނައުމަށް ލިއޯނީގެ ކިބައިން ކްރިސްޓީން އެދުނެވެ. މި އެދުމަށް އިޖާބަދީ، ލީޔާ ވެސް އެ ގޭގައި މަސައްކަތް ކުރުމަށް ގެނުވިއެވެ. ލެންސައިންގެ ގޭގައި ހޭދަކުރި ދުވަސްވަރު، ގިނަ ވަގުތު ކްރިސްޓީންއާއި ލީޔާ ހޭދަކުރަމުން ދިޔައީ މަސައްކަތުގައެވެ. ޕެޕިން ސިސްޓަރސް އެ ގޭގައި ހޭދަކުރަމުންދިޔަ ދުވަސްތައް ބަދަލުވެގެން ދިޔައީ، ލިއޯނީއަށް ކުރިމަތިވި ޑިޕްރެޝަންގެ މައްސަލަތަކުގެ ސަބަބުންނެވެ. ލިއޯނީ ތަހައްމަލު ކުރަމުންދިޔަ ޑިޕްރެޝަންގެ ޝިކާރައަކަށް ކްރިސްޓީންއާއި ލީޔާ ވެގެން ދިޔުމުންނެވެ. އޭރު މި ދެ މީހުންގެ އެއްވެސް މަސައްކަތެއް ލިއޯނީއަށް ކަމުދާކަމަކަށް ނުވެއެވެ. މީގެ ސަބަބުން، ކުދި ދުއްތުރާތަކާއި އަނިޔާތައް އާންމުކަމަކަށް ބަދަލުވެ، ލިއޯނީގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތައް ހައްދުން ނެއްޓިގެން ދިޔައެވެ.

ކުށުގެ ސީން ދައްކައިދޭ ފޮރެންސިކް ފޮޓޯ.

މުޅި ފްރާންސަށް ސިހުން ގެނުވި އަނިޔާވެރި އަމަލު، ޕެޕިން ސިސްޓަރސް ހިންގީ 1933 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން ހެނދުނު 7 ޖެހިއިރު ކްރިސްޓީންއާއި ލީޔާ، ހޭލައިގެން ގޭތެރޭގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މި ދުވަހަކީ ލިއޯނީއާއި އޭނާގެ އަންހެން ދަރިފުޅަށް ބިޒީ ދުވަހެކެވެ. އެ ދުވަހުގެ ރޭގަނޑު ލެންސައިންގެ އާޢިލާ ރައްޓެއްސެއްގެ ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީއަކަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ. މި ޕާޓީ އޮތުމާއެކު ލިއޯނީއާއި އޭނާގެ އަންހެން ދަރިފުޅު ދިޔައީ ބާޒާރަށެވެ. ބާޒާރަށް ދަމުން، މަރާމާތުކުރުމަށް ހަވާލުކޮށްފައިވާ، އިސްތިރިއެއް އަނބުރާ ގެނައުމުގެ މަސައްކަތް ޕެޕިން ސިސްޓަރސްއާ ޙަވާލުކުރިއެވެ. އިސްތިރި އަނބުރާ ގެނެސް ކަރަންޓަށް ޖެހުމާއެކު މުޅި ގެއިން ކަރަންޓް ކެނޑުނެވެ. މި ދެ ބެއިންނަށް މި މައްސަލަ ހައްލެއް ނުކުރެވުނެވެ. އެހެންކަމުން، މި މައްސަލަ ހައްލު ކުރެވޭނީ އިލެކްޓްރީޝަނެއް ގެނެސްގެން ކަމަށްވާތީ، ލެންސައިންގެ އަންހެނުން އެނބުރި ގެއަށް އަންނަންދެން ދެބެއިން މަޑުކުރިއެވެ. ލިއޯނީއާއި ދަރިފުޅު ބާޒާރުން އެނބުރި ގެއަށްއައިރު، މުޅި ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ. ލިއޯނީ ގެއަށް އައިސް މިކަމާ ވަރަށް ބޮޑަށް ރުޅި އައިސް މި ދެ މީހުންނާ ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. ގެއިން ކަރަންޓް ކެނޑުނީ ކްރިސްޓީން އިސްތިރި ކަރަންޓަށް ޖެހުމުން ކަމަށް މި ދެ ބެއިން ކިޔައިދިނެވެ. އެހެން ނަމަވެސް، ލިއޯނީ މިކަން ޤަބޫލެއް ނުކުރިއެވެ. އަދި މި ދެ މީހުންނަށް ހަމަލާދީ ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. ލިއޯނީ، މި ދެ މީހުންނަށް ހަމަލާދިނުމާއެކު ކްރިސްޓީން، ލިއޯނީގެ އަންހެން ދަރިފުޅަށް ހަމަލާދީ، އޭނާގެ ދެ ލޯ ކޮނެލިއެވެ. މިހާ ހިސާބަށް ކަންތައް ދިޔައިރު، ކްރިސްޓީންގެ އޯޑަރަށް ލީޔާ ވެސް، ލިއޯނީގެ ދެލޯ ކޮނެލައިފިއެވެ. މި އަނިޔާވެރި ރަހުމްކުޑަ އަމަލުގެ ސަބަބުން ލިއޯނީ އަދި އޭނާގެ އަންހެން ދަރިފުޅުގެ ލޮލުގެ ފެނުން ގެއްލިގެން ދިޔައެވެ. ކްރިސްޓީން ދުވެފައި ބަދިގެއަށް ގޮސް، ވަޅިއަކާއި މަރުތޭލެއް ގެނެސް، އެ ދެމައިންގެ ހަށިގަނޑު އެކި ތަންތަނަށް ގެންދިޔައީ ހަމަލާ ދެމުންނެވެ. މި ގޮތުން މި ދެމައިންނަށް ދިން ހަމަލާތަކުގައި ހަށިގަނޑުގެ އެކި ތަންތަނަށް ދީފައިވާ ވަޅީގެ ހަމަލާތަކާއި އަދި މަރުތެޔޮ ބޭނުންކޮށްގެން ދިން ހަމަލާތަކުގެ ސަބަބުން މި ދެ މީހުންގެ ސިފަ ވަކިނުވާވަރު ކުރިއެވެ. މި މައްސަލަ ތަޙްޤީޤު ކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި މި ދެ މީހުން މަރާލުމަށްފަހު، ހަށިގަނޑަށް އެކި ކަހަލަ އަނިޔާތައް ކުރުމުގައި ކްރިސްޓީންއާއި ލީޔާ، ދެގަޑިއިރު ހޭދަކޮށްފައިވެއެވެ. މި އަމަލު ހިންގުމަށްފަހު ޕެޕިން ސިސްޓަރސް ވަނީ، ގޭގެ ދޮރު ބޭރުން ނުހުޅުވޭނޭހެން އެތެރެއިން ދޮރަށް ބޯލްޓް ޖަހާފައެވެ. އަދި އެނބުރި ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ.

ލެންސައިން އެނބުރި ގެއަށް އައުން:

މި އަމަލު ހިންގިތާ މާގިނައިރުތަކެއް ނުވެ، އެހެން ދުވަސްތަކެކޭ އެއްފަދައިން ލެންސައިން އެނބުރި ގެއަށް އައެވެ. އެހެން ނަމަވެސް، އެހެން ދުވަސްތަކާ ޚިލާފަށް ގޭގެ ހުރިހާ ލައިޓްތައް ހުރީ ނިއްވާލާފައެވެ. އަދި ގޭގެ ދޮރު ނުހުޅުވުމުން ލެންސައިން ނިންމީ، އޭނާ ގެއަށް އައުން ލަސްވާތީ، ލިއޯނީ އަންހެން ދަރިފުޅު ގޮވައިގެން ޕާޓީއަށް ދިޔައީ ކަމަށެވެ. އެހެންކަމުން، ލެންސައިން ވެސް ދިޔައީ ޕާޓީއަށެވެ. އެހެން ނަމަވެސް، ލެންސައިންއަށް ސިހުން ގެނުވީ، ޕާޓީއަށް ދިޔައިރު އަންހެނުން ލިއޯނީއާއި ދަރިފުޅު ފެންނަން ނެތުމުންނެވެ. މިހާ ހިސާބުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިޙްސާސް ލެންސައިންއަށް ކުރެވެން ފެށިއެވެ. އަދި ލެންސައިންގެ އެންމެ ދޮށީ އަންހެން ދަރިފުޅުގެ ފިރިމީހާއާއެކު އެނބުރި ގެއަށް އައެވެ. މި ދެ މީހުން އެނބުރި ގެއަށް އައިއިރު، ކްރިސްޓީންއާއި ލީޔާ ދިރިއުޅޭ ކޮޓަރީގައި ދިއްލާފައިވާ ލައިޓްގެ އަލިކަން ބޭރަށް ފެންނަން ހުއްޓެވެ. މި ދެ މީހުން ވެސް ގެއަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ފުލުސް އޮފީހަށް ގޮސް އެހީތެރިކަމަށް އެދުނެވެ.

މާލަސްތަކެއް ނުވެ ފުލުހުން އެ ގެއަށް، އެމީހުންނާއެކު އައެވެ. އަދި އެ ގޭގެ ބިއްދޮށް ފަރާތުގައިވާ ފާރެއްގެ މަތިން ގޭތެރެއަށް ފުންމާލިއެވެ. ފުލުހުން ގޭގެ ތެރެއަށް ވަނުމާއެކު ފުރަތަމަ ވެސް ފެނުނީ ލިއޯނީއާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑެވެ. މި ދެ މީހުންނަށް ކޮށްފައިވާ އަނިޔާތަކުން އެއީ ސީދާ ކޮން ބައެއްކަން ފުލުހުންނަށް ވަކިވާގޮތެއް ނުވިއެވެ. އަދި އެތަނުން އެކެއްގެ ކަރުގައި އަޅާފައި އޮތް ސްކާފެއްގެ ތެރެއިން ލޮލެއް ފެނިފައި ވެއެވެ. ބެލެވޭ ގޮތުގައި އެއީ ލިއޯނީގެ ލޮލެވެ. ލިއޯނީގެ ދަރިފުޅުގެ ލޯ އޭނާގެ ގައިދަށުން ފެނުނުއިރު، އަނެއް ލޯ ފެނުނީ ފުލުހުން ސިޑި މަތިން މައްޗަށް އަރަމުންދިޔަ އިރުއެވެ.

މިހާ ހިސާބުން ފުލުހުން ހީކުރީ ޕެޕިން ސިސްޓަރސް ވެސް މި ހަމަލާގައި މަރާލާފައިވާނެ ކަމަށެވެ. އެހެންކަމުން، އެ ދެ މީހުން ދިރިއުޅޭ ގޭގެ ތިންވަނަ ބުރިއަށް ފުލުހުން އަރައި، އެ ދެ މީހުންގެ ކޮޓަރި ހުޅުވުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް، އެ ކޮޓަރި ހުރީ ތަޅުލާފައެވެ. މިހާ ހިސާބުން ތަޅުހުޅުވާ މީހަކު ގެނެސް ފުލުހުން އެކޮޓަރި ހުޅުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވުމާއެކު ފުލުހުންނަށް ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކްރިސްޓީންއާއި ލީޔާ ތިބީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. އަދި މި ދެ މީހުން ހަމަލާދިނުމަށް ބޭނުންކުރި ވަޅިއާއި މަރުތެޔޮ ކައިރީގައި ހުރި މޭޒެއްގެ މަތީގައި ލެޔާއެކު ތަތްތެޅިފައި އޮތެވެ. ފުލުހުން، ޕެޕިން ސިސްޓަރސްއާ ސުވާލު ކުރުމުން، ލިއޯނީއާއި އޭނާގެ ދަރިފުޅު މަރާލިކަމަށް އެއްބަސްވިއެވެ.

މައްސަލަ ބެލުން އަދި ޖަލަށްލުން:

ޕެޕިން ސިސްޓަރސްގެ މައްޗަށް ކުރެވުނު ދަޢުވާއަށް މައްސަލާގެ ތަޙްޤީޤުގައި މި ދެ ބެއިން އެއްބަސްވިއެވެ. އެހެން ނަމަވެސް، މި އަމަލު ހިނގާފައިވަނީ އެ މީހުންގެ އަމިއްލަ ދިފާޢުގައި، ލިއޯނީގެ ހަމަލާތަކުން ސަލާމަތްވުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ކަމަށް ބުނެފައި ވެއެވެ. މި މައްސަލައިގެ ތަޙްޤީޤުގައި މި ދެ ބެއިންގެ ވަރުގަދަ ގުޅުން ފެނިގެންދިޔައެވެ. ކްރިސްޓީން ގެންދިޔައީ، ހުރިހާ ކުށަކުން ލީޔާ ދިފާޢުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ހަމަ އެހެންމެ، ލީޔާ ވެސް އަމަލުކުރީ ހަމަ އެގޮތަށެވެ. މި މައްސަލާގައި ޕެޕިން ސިސްޓަރސް ޖަލުގައި ބަންދު ކުރެވުނެވެ. މި ދެ މީހުން ޖަލުގައި ބަންދުކުރީ ވަކީންނެވެ. މިކަމާ ކްރިސްޓީން ވަރަށް ބޮޑަށް ހިތާމަކޮށް ޑިޕްރެޝަނަށް ދިޔައެވެ. 1933 ވަނަ އަހަރުގެ ޖުލައި މަހު، ކްރިސްޓީން ޖަލުގައި ބަންދުކޮށްފައި ހުއްޓާ ފިޓް ޖެހުނެވެ. އަދި އޭނާގެ އަމިއްލަ ދެ ލޯ ކޮނެލުމަށް މަސައްކަތްކޮށްފައި ވެއެވެ. މިއަށްފަހު، ކްރިސްޓީން ބަޔާނެއް ދީފައިވެއެވެ. މި ބަޔާނުގައިވާ ގޮތުން، ލިއޯނީއާއި އޭނާގެ ދަރިފުޅަށް ހަމަލާދިން ދުވަހު ވެސް އޭނާއަށް މި ފަދަ ކަންތައްތައް ކުރިމަތިވިއެވެ. އަދި އެ ދެ މީހުން މަރާލުމަށް މެދުވެރިވި ސަބަބަކީ މިއީ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ޕެޕިން ސިސްޓަރސްގެ ޝަރީއަތުގެ ތެރޭގައި 1933 ވަނަ އަހަރު

ޕެޕިން ސިސްޓަރސްގެ ވަކީލު އެ ދެ މީހުން ކުށުން ސަލާމަތް ކުރުމަށް ތަފާތު މަސައްކަތްތައް ވަނީ ކޮށްފައެވެ. މި ގޮތުން ޕެޕިން ސިސްޓަރސްގެ ފަރާތުން ސިކުނޑި ހަމަނުޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތައް ފެންނަމުންދާކަމަށް ބުނެ، ޝަރީޢަތް ކުރިއަށް ނުގެންދެވޭނެފަދަ މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި މައްސަލާގައި ކޯޓުން ވަނީ ޕެޕިން ސިސްޓަރސްގެ އެއްވެސް ކަހަލަ ސިކުނޑީގެ މައްސަލައެއް ހުރިތޯ ބެލުމަށް ޓަކައި ޑޮކްޓަރުންގެ ޓީމެއް އެކުލަވާލާފައެވެ. މި ޑޮކްޓަރުންގެ ޓީމުގެ މަސައްކަތަކީ ޕެޕިން ސިސްޓަރސްގެ މެންޓަލް ސްޓޭޓަސް ދެނެގަތުމަށް ޓަކައި ބޭނުންވާ ސައިކޮލޮޖިކަލް އިވެލުއޭޝަންތައް ހެދުމެވެ. މި ޑޮކްޓަރުން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން، ޕެޕިން ސިސްޓަރސްއަކީ ސިކުނޑީގެ އެއްވެސް މައްސަލައެއްހުރި ބައެއް ނޫނެވެ. އެހެންކަމުން، ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވެސް އެ ރިޕޯޓްގައި އޮތެވެ. ޕެޕިން ސިސްޓަރސްގެ ގާތް ގުޅުމާބެހޭ ގޮތުން އެ ދުވަސްވަރު މުޅި ފްރާންސްގައި، ތަފާތު އަޑުތައް ފެތުރިފައި ވީނަމަވެސް، މި ޓީމުން ހާމަކުރި ގޮތުގައި އެ ދެ މީހުންގެ ދެމެދުގައިވާ ލޯތްބާއި ވަރުގަދަ ގުޅުމަކީ އާޢިލީ ގުޅުމެކެވެ.

1993 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކުރިއަށްގެންދިޔަ ޝަރީޢަތުގައި ކްރިސްޓީންއާއި ލީޔާގެ އާޢިލާގައި ސިކުނޑީގެ ބަލީގެ ހިސްޓްރީއެއް އޮންނަކަން ވަނީ ހާމަވެފައެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، ބޮޑުބޭބެއެއް އަމިއްލައަށް ދަންޖެހިގެން މަރުވެފައިވުން ފާހަގަކޮށްފައިވެއެވެ. ކްރިސްޓީންއާއި ލީޔާގެ ސިކުނޑީގެ ހާލަތާ މެދު ފްރާންސްގެ މަޝްހޫރު ސައިކޮލޮޖިސްޓުންގެ މެދުގައި ހޫނު ބަހުސްތައް ކުރުމަށްފަހު ނިންމާފައިވަނީ، އެ ދެ މީހުންނަކީ “ސެއަރޑް ޕެރެނޮއިޑް ޑިސްއޯޑާރ” ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންދިޔަ ބައެއްގެ ގޮތުގައެވެ. މި ބައްޔަކީ އާންމު މުޖުތަމަޢުއާ ވަކިން، އެކަހެރިކޮށް އުޅޭ މީހުންނަށް ކުރިމަތިވާ ބައްޔެކެވެ. މި ބަލީގައި މެންޓަލީ ބާރުގަދަ މީހާ، ދެން ހުންނަ މީހާ ފުރިހަމައަށް ކޮންޓްރޯލް ކުރެއެވެ. މި ބައްޔަށް ބަލާއިރު، ކްރިސްޓީންއާއި ލީޔާގެ ދިރިއުޅުމުން ފެނުނު އެއްގޮތް ކަންތައް އެބަހުއްޓެވެ. މީގެ ތެރޭގައި ކްރިސްޓީން، ލީޔާ ކޮންޓްރޯލް ކުރަމުން ގެންދިޔަކަން ޝަރީޢަތުގައި ފާހަގަކޮށްފައިވެއެވެ.

ޝަރީޢަތުގައި ކްރިސްޓިއަންއާއި ލީޔާގެ މައްޗަށް އުފުލި ދައުވާ، އެ ދެ މީހުންގެ މައްޗަށް ސާބިތުވާކަމަށް ޖޫރާސް ބެންޗުން ނިންމިއެވެ. ކްރިސްޓީންގެ ނުފޫޒުގެ ސަބަބުން މި އަމަލުގައި ލީޔާ ބައިވެރިވީ ކަމަށް ނިންމައި، ލީޔާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި ކްރިސްޓީންއަށް މަރުގެ އަދަބު ދިނުމަށް ކޯޓުން ހުކުމް ކުރިއެވެ. އެހެން ނަމަވެސް، ކްރިސްޓީންގެ ޙުކުމް ފްރާންސްގެ އޭރުގެ ރައީސް ލުއިކޮށްދެއްވައި، އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކުރިއެވެ.

ޕެޕިން ސިސްޓަރސްއަށް ވީ ކިހިނެއް؟

މަޝްހޫރު ނަމުންނަމަ ޕެޕިން ސިސްޓަރސްއަށް ކުރެވުނު ހުކުމާއެކު، މި ދެ ބެއިން ވަކިވެގެން ދިޔައެވެ. މި ވަކިވުން ކްރިސްޓީންއަށް ވެގެންދިޔައީ ބަރުދާސްތު ނުކުރެވުނު ހިތްދަތި ކަމަކަށެވެ. ކްރިސްޓީން ޖަލުގައި ހުރެގެން އެކި ފަރާތްތަކަށް އެ ދެ މީހުން އެއްކޮށް ތިބެވޭނެ ފަދަ ނިޒާމެއް ހަމަޖައްސައިދިނުމަށް އެދި އެތައް ސިޓީތަކެއް ލިޔެފައި ވެއެވެ. އެހެން ނަމަވެސް، މިކަމަށް އެއްވެސް ކަހަލަ އަލިމަގެއް އޭނާއަކަށް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ކެއުން ހުއްޓާލިއެވެ. މި ހުރިހާ ކަމެއް ވަމުންދިޔައިރު އޭނާގެ ސިކުނޑީގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. ކްރިސްޓީންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާން ފެށުމުން، އޭނާ ޖަލުން މެންޓަލް ހޮސްޕިޓަލަކަށް ބަދަލު ކުރެވުނެވެ. 1937 ވަނަ އަހަރު ޑިޕްރެޝަން އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން ކުރިމަތިވި އެކިކަހަލަ ޞިއްޙީ މައްސަލަތަކުގައި އޭނާ މަރުވިއެވެ. ކްރިސްޓީން މަރުވެފައިވަނީ 1937 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހު ފަރުވާދެމުންދިޔަ މެންޓަލް ހޮސްޕިޓަލްގައެވެ.

ލީޔާ 10 އަހަރު ދުވަހު ޖަލަށްލާން ހުކުމް ކުރިނަމަވެސް، ޖަލުގައި ހޭދަކުރި މުއްދަތުގައި އުޅުމާއި އަޚްލާޤަށް ބަލައި، 8 އަހަރު ތަންފީޒު ކުރި ހިސާބުން އޭނާ ޖަލުން މިނިވަން ކުރެވުނެވެ. 1941 ވަނަ އަހަރު ޖަލުން މިނިވަންވުމާއެކު ފްރާންސްގެ އަވަށެއްގައި އޭނާގެ މަންމާއެކު ދިރިއުޅެން ފެށިއެވެ. އަދި އުމުރުގެ ބާކީ ދުވަސްތައް އޭނާ ހޭދަކުރީ އޭނާގެ ކިލަނބުވެފައި އޮތް ނަން ބަދަލުކޮށް، ހޮޓެލްތަކުގައި މެއިޑެއްގެ ގޮތުގައި މަސައްކަތްކޮށް ފައިސާ ހޯދައިގެންނެވެ. މި މައްސަލަ ދިރާސާކުރި ފަރާތްތަކުން ހާމަކުރާ ގޮތުގައި، ލީޔާ ވަނީ 1982 ވަނަ އަހަރު މަރުވެފައެވެ. އެހެން ނަމަވެސް، މި ހާދިސާއާ ބެހޭ ގޮތުން ފިލްމެއް ތައްޔާރުކުރި ފްރާންސްގެ ޕްރޮޑިއުސަރަކު ބުނެފައިވަނީ 2000 ވަނަ އަހަރު ލީޔާއާ ހޮސްޕިޓަލަކުން ބައްދަލުވެފައިވާ ކަމަށެވެ. މި އަންހެން މީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ވާހަކަ ދެއްކުމުން މަޙްރޫމްވެފައިވާ އަދި ހަށިގަނޑުގެ އެއްފަޅި ޕެރެލައިޒްވެފައިވާ މީހެކެވެ. މި އަންހެން މީހާ މަރުވެފައިވަނީ 2001 ވަނަ އަހަރުއެވެ. ކްރިސްޓީންއާއި ލީޔާ މަރުވުމުން ވަޅުލާފައިވަނީ އެއް ސަހަރާއެއްގައި، ކައިރިކައިރީގައެވެ. މިއީ، ކްރިސްޓީންއާއި ލީޔާ، އެ މީހުންގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރި ގޮތުގެ ކުރު ޚުލާސާއެކެވެ.

ޕެޕިން ސިސްޓާރސްއާ ބެހޭ ދިރާސާ:

ޕެޕިން ސިސްޓަރސްގެ ފަރާތުން ހިންގި އަނިޔާވެރި އަމަލު ދިރާސާ ކުރުމުގައި ފްރާންސްގެ ކަމާބެހޭ މާހިރުން އެތަކެއް އަހަރެއް ވަނީ ހޭދަކޮށްފައެވެ. ބައެއް ފަރާތްތަކުން ހޯދިހޯދުންތަކުން އެނގުނު ގޮތުގައި މި އަނިޔާވެރި އަމަލަކީ، ފްރާންސްގެ މުއްސަނދިންގެ ފަރާތުން، ގޭގޭގައި ނޯކަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފަޤީރުންނާ ދޭތެރޭ ގެންގުޅުނު ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ކުރިމަތިބި ހިތްދަތި ހާދިސާއެއްކަމަށް ހާމަކުރެއެވެ. އަދި ޕެޕިން ސިސްޓަރސްގެ މި އަމަލު ހިންގުމަށް މެދުވެރިވީ އެ ދެ މީހުންނަށް ލިބެމުންދިޔަ ވޭނާއި އަނިޔާތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން އެނގުނެވެ. ޕެޕިން ސިސްޓަރސްގެ ބަހުސް މުޅި ފްރާންސްގައި ހޫނުވެ، މަރުގެ އަދަބު ދޭންޖެހޭނީ މެއިޑުންނާ ދޭތެރޭ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔައެވެ.

ދިރާސާކުރާ ފަރާތްތަކުން ކޮންމެ ގޮތަކަށް ހާމަކުރި ނަމަވެސް، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޢަމަލީ ރަޙުމްކުޑަ އަދި އެހާމެ އަނިޔާވެރި ޢަމަލެކެވެ. އަދި މި ޢަމަލު ހިނގާދިޔަ ފްރާންސަކީ ވެސް އެ ދުވަސްވަރު ފަޤީރުންނާ ދޭތެރޭ ނުހަނު ރަހުމްކުޑަ މުޖުތަމައެކެވެ.

ރިފަރެންސް:

  • ހޯލް، އެންގަސް (1976) ކްރައިމްސް އޮފް ހޮރޯ “ދަ މެއިޑްސް އޮފް ހޮރޯ”
  • އެޑްވާޑްސް، ރޭޗަލް، ރީޑަރ، ކެއިތު (1984) ދަ ޕެޕިން ސިސްޓާރސް
  • ހޯއުޑިޔަރ، ޕައުލޭޓް (1988) ދަ ޕެޕިން ކޭސް

ޝެއަރކުރެއްވުމަށް