މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވަނީ އިމްތިޙާނު ކުރުމަށް ޓަކައެވެ. އަދި ދަރިންނަކީ މާތް ﷲ މައިންބަފައިންނަށް ޙަވާލުކޮށްފައިވާ އަމާނާތަކެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި މައިންބަފައިން ވަރުބަލިކަމެއްނެތި އެހާބޮޑު ޤުރުބާނީއެއް އެ ވަނީ އެހެންވެއެވެ. މާތް ﷲގެ ޙައްޤުގައި މައިންބަފައިންނާއި އެކަލާންގެ ޙަވާލުކޮށްފައިވާ އަމާނާތަށް ހިޔާނާތްތެރި ނުވެ، އެ މަސައްކަތްކުރަނީ އެ ދަރިންގެ ވެސް ޙައްޤުގައެވެ. އެ ދަރިންގެ މުސްތަޤުބަލު އުޖާލާކުރުމުގެ ފޮނި އުންމީދުގައެވެ. ދަރިޔަކު ހެޔޮލަފާ ގޮތުގައި ބޮޑުކޮށްފިނަމަ އެ މަޔަކަށް ވެސް އޭގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގެންވެއެވެ. އަދި އެފަދަ ދަރިއެއްގެ ދުޢާއަކީ ވެސް އެފަދަ މަޔަކަށް ދުނިޔެއާއި އާޚިރަތުގައި ވަރަށް މުހިންމުވެގެންވާ ކާނާއެކެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ބައެއްފަހަރު ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެ ދަރިން ބޮޑުވެގެން އަންނައިރު މައިންބަފައިން އަބަދުހެން އެކި ކަންކަމުގައި ދަރިންނަށް އިރުޝާދުދެމުން އާދެއެވެ. އެގޮތުން ރަނގަޅު ކަންތައްތައް ކުރުމަށާއި ވިޔާނުދާ ކަންތައްތަކުން ދުރުހެލިވުމަށް ހަނދާންކޮށްދީ ހަދައެވެ. ނަމަވެސް ދެރަކަމަކީ މައިންބަފައިން ބައެއްފަހަރު ދާ އޮހޮރުވައި، އެތަށް ޤުރުބާނީއެއްވެގެން ދަރިންނަށް ޓަކައި މަގުކޮށައިދީ ހެދުމުން ވެސް ދަރިން އެ މީހުންގެ އަމިއްލަ މަންފާއަށް އެ މަގު ނޫން އެހެން މަގެއް ޚިޔާރުކުރާ ތަން އަންނާތީއެވެ.  އެފަދަ ގިނަ ޙާލަތްތަކުގައި މައިންބަފައިން ބުރަ މަސައްކަތުން ކޮށައިދީ، ދެއްކި މަގުގައި ކޮޅުފައިން ޖަހައި، އަމިއްލަ މަގު ޚިޔާރުކުރާ ދަރިން، ފަހުން ވަކި ހިސާބަކުން ގޮތް ހުސްވެ، މަގުބަންދުވާ ހިސާބުން އެއްކަލަ މައިމީހާ ދެއްކި މަގު ޚިޔާރު ނުކުރެވުމުން އެކަމާ ހިތާމަކުރާ ހާލަތްތައް ވެސް އާދެއެވެ.

ދަރިން ބޮޑެތިވެގެން އަންނައިރު މައިންބަފައިން އެ ކުދިންގެ ކަންތައްތަކަށް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދޭނަމަ، މާދަމާ އެ ކުދިން ވެސް ދިރިއުޅުމެއް ފަށައި، ދަރިން ލިބުމުން އެ ދަރިން އުޅޭނޫޅޭ ގޮތް ބެލުމުގެ އެއްވެސް ރޫޙެއް ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ތިމާ ކުޑައިރު ތިމާގެ މައިންބަފައިން އަބަދުހެން ކަންކަން ހަނދާންކޮށްދީ އަޅާލައި ހަދާނަމަ، ތިމާ ބޮޑުވެ، ދަރިން ލިބުމުން އެ ހަނދާންތައް އާވެ، އެ ކަންކަމުން ލިބުނު ޢިބުރަތާ މެދު ވިސްނައި ތިމާގެ ދަރިންނަށް ވެސް އެ ފަދައިން ޢަމަލުކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އޭގެ ވަރަށް ކުޑަކުޑަ، ނަމަވެސް ވަރަށް މުހިންމު މިސާލަކަށް ޖެހިލާނަމެވެ. ތިމާ ބޮޑުވަމުން އައިއިރު އަބަދުހެން ނަމާދުކުރުމަށް މައިންބަފައިން ހަނދާންކޮށްދެނީއެވެ. ނުވަތަ ނަމާދުކޮށްފިންތޯ ސުވާލުކޮށް ހަދަނީއެވެ. އޭގެ ސަބަބުން ތިމާ ނަމާދުކުރުމަށް އިތުރު ހިތްވަރެއް ލިބެއެވެ. އަދި މައިންބަފައިންނާ އަބަދުހެން ކުރިމަތިލާންޖެހޭއިރު އެ ސުވާލު ކުރިމަތިވާނެކަން އެނގޭ ހާލު އަބަދުވެސް މައިންބަފައިން ކުރިމައްޗަށް ދިއުމުގެ ކުރިން ނަމާދު ކުރުމުގެ އާދަ ތިމާގެ ކިބައިގައި ހަރުލައެވެ. އަދި ބޮޑުވެ ދިރިއުޅުމެއް ފަށައި، ދަރިން ލިބުމުން ވެސް އެ ހަނދާންތައް އާވެ ތިމާގެ ދަރިން ކައިރީގައި ވެސް އެއިރު މައިންބަފައިން ކަންކުރިހެން ނަމާދު ކުރިންތޯ ނުވަތަ އެކަން ކުރަން އެ ދަރިންނަށް ހަނދާންކޮށްދެވެއެވެ. ހަމަ މިއާ ޚިލާފަށް ދަރިން ބޮޑެތިވަމުން އަންނައިރު ނަމާދުކުރިންތޯ ނުވަތަ ނަމާދުކުރަން ހަނދާން ނުކޮށްދޭނަމަ އެ ދަރިން ވެސް އެކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ދިނުމަކީ ނާދިރު ކަމެކެވެ. އަދި އެ ދަރިން ބޮޑެތިވެގެން ދަރިން ތަރުބިއްޔަތުކުރާއިރު ނަމާދުކުރަން ހަނދާންކޮށްދިނުމުގެ އާދައެއް އަށަގަނެފައި ހުރުމަކީ ވެސް ނާދިރު ކަމެކެވެ.

މައިންބަފައިން އަބަދުވެސް އެމީހުންނަށް ލިބިފައި ހުންނަ ކެރިފޯރުންތެރިކަމާއެކު ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ލިބޭތޯ ހިތްވަރާއެކު މަސައްކަތްކުރަމުންދެއެވެ. އަދި ދަރިން ވެސް މައިންބަފައިންގެ އެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މައިންބަފައިން އުންމީދުކުރާ މަންޒިލަށް ދަރިން ގެންދިއުމަށް ކުރާ ބުރަ މަސައްކަތުގައި މައިންބަފައިންގެ އަތުގައި ހިފަނީ ވަރަށް ފޮނި އުންމީދުގައެވެ. އާޚިރުގައި މައިންބަފައިން އެ ދަރިންނަށް ޓަކައި ކުރި ބުރަ މަސައްކަތުގެ ފޮނިމީރުކަން ޖީލުތަކަކަށް ހެޔޮ ގޮތުގައި ދެމިގެންދެއެވެ.

ޔާ ﷲ، ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު އެ ދެ މީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ހެޔޮ ރަޙްމަތްލައްވައި އަޅަމެންގެ ދަރިންގެ ހަޔާތް ބާއްޖަވެރި ކުރައްވާންދޭވެ. އާމިން

ޝެއަރކުރެއްވުމަށް